[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގެންނެވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ކުޑަކުދިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއްކަމަކީ އެކުދިންގެ އަޚްލާޤަށް މައިންބަފައިން ސަމާލުކަން ދިނުމަށެވެ. އެއީ ޢާންމު ގޮތެއްގައި ކުދިން ހެދިބޮޑުވެގެން އަންނަނީ ކުޑައިރުގައި އެކުދިން ތަރުބިއްޔަކުރި ގޮތެއްގެ މަތީގައެވެ. އޭގެ ތެރޭގައި: ކަންކަން ހިތުލުމާ، އަވަހަށް ރުޅި ގަދަވުމާ، ބުނާ ގޮތާ ޚިލާފަށް ކަންތައްތައް ކުރުމާ، އަވަސްއަރުވާލުމާ، ނުވިސްނާ ކަންތައްތައް ކުރުމާ، ހަވާ ނަފްސަށް ތަބާވުމާ، ހަރުކަށިވުމާ އަދި މާބޮޑަށް ދަހިވެތިވުންފަދަ ކަންކަން ހިމެނެއެވެ.

ފަހެ ކުއްޖާ ބޮޑުވުމަށް ފަހުގައިވެސް މިކަންކަމުން ދުރުހެލިވާން ދަތިވެއެވެ. މިފަދަ އަޚްލާޤީ ސިފަތައް ވެގެންދަނީ އެކުއްޖާގެ ކަށީގައި ހިފާފައި ހުންނަ ކަންތައްތަކަށެވެ. ބޮޑުވުމަށް ފަހުގައި އެކަންކަމުން އެއްކިބާވާން އުޅުނަސް ބައެއް ފަހަރު އެކަންކަން  ފާޅުވާނެއެވެ. އެހެންކަމުން ތިބާއަށް ފެނިގެން ދާނީ ގިނަ ފަހަރަށް މީސްތަކުންގެ ޚުލުޤު ނުބައިވަނީ ކުޑައިރުގައި ތަރުބިއްޔަތުކުރެވޭ ގޮތެއްގެ ސަބަބުންނެވެ.

ހަމަ އެފަދައިން މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވަނީ މިޔުޒިކާއި ކުޅިމަޖަލުގެ މަޖްލިސްތަކާ އެކުއްޖާ ދުރުކުރުމެވެ. ވަކިން ޚާއްޞަކޮށް އެކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރުގައެވެ. އަދި ފާޙިޝް ވާހަކަތައް އަޑު އެހުމާއި ހަޑިހުތުރު ބަހުރުވަ އަޑު އެހުމާ އަދި އެކިއެކި ބިދުޢަތަކާ ދުރުހެލިކުރުވަން ޖެހެއެވެ. އެ ކުއްޖާގެ ކަންފަތުގައި އެކަންކަން ހަރުލައިފިނަމަ ބޮޑުވުމުންވެސް އެއާ ދުރުހެލިވާން ދަތިވެއެވެ. އަދި މައިންބަފައިންނަށްވެސް އެފަދަ ކަންކަމުން އެ ކުއްޖާ ސަލާމަތްކުރަން ދަތިވެއެވެ. ދެން ޖެހެނީ އާދަވެފައިވާ ކަމެއް ބަދަލުކުރުމަށްޓަކައި އެކުއްޖާގެ މިޒާޖު އަލުން ބަދަލުކުރާށެވެ. ފަހެ އެމީހެއްގެ ތަބީޢީ މިޒާޖުން ނުކުތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

މައިންބަފައިން އެކުއްޖާ އެންމެ ދުރުކުރަން ޖެހޭ އެއްކަމަކީ އެހެންމީހުންގެ އަތުން އެއްޗެހި ހޯދުމެވެ. ފަހެ އެކަމަށް ކުއްޖާ ހޭނިއްޖެނަމަ އެ ކުއްޖާއަށް އެއީ އާދައިގެކަމަކަށް ވެއެވެ. އަދި އެފަދަ ކުދިން ތަރުބިއްޔަތު ވާނީ އެއްޗެހި ދިނުމުގެ ބަދަލުގައި އެއްޗެހި ހޯދުމުގައެވެ. ފަހެ ހޭދަކޮށް، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމަށް ކުއްޖާ ހާނުވަން ޖެހެއެވެ. އަދި އެކުއްޖާގެ ބެލެނިވެރިޔާވެސް މީހަކަށް އެއްޗެއް ދޭނަމަ ކުއްޖާ ލައްވާ، އެކުއްޖާގެ އަތުން އެއެއްޗެއް ދޭށެވެ. އެއީ މީސްތަކުންނަށް ހެޔޮފޯރުކޮށްދިނުމުން ލިބޭ އުފަލުގެ ރަހަ އެކުއްޖާއަށް ލިބުމަށެވެ.

އަދި ދޮގުހެދުމާއި ޚިޔާނާތްތެރިވުމާ ކުދިން ދުރުކުރާށެވެ. ވަރުގަދަ ވިހައަކާ އެކުދިން ދުރުކުރާ ފަދައިން އެކަންކަމުން ދުރުހެލިކުރުވާށެވެ. ދޮގުހެދުމާއި ޚިޔާނާތްތެރިވުން ކުއްޖަކަށް ފަސޭހަވެއްޖެނަމަ އެކުއްޖާގެ ދުނިޔެއާއި އާޚިރަތް ބަރުބާދުވެގެންދާނެއެވެ. އަދި ކޮންމެ ހެވަކުން އެ ކުއްޖާ މަޙްރޫމުވެގެން ދާނެއެވެ.

ކަންނެތްކަމާއި ކަންފަސޭހަކަމާ އަދި ކަމެއް ނެތިފައި ތިބުމުން ކުދިން ދުރުހެލިކުރުވާށެވެ. އެއާ ޚިލާފަށް ކުއްޖާ އަރާމުކުރާ ވަގުތުތަކުގައި ފިޔަވާ އެ ކުއްޖާ މަޝްޣޫލުކުރުވާށެވެ. ފަހެ ހަމަކަށަވަރުން ކަންނެތްކަމާއި ކަމެއް ނެތިފައި ހުރުމަކީ އެކަމުގެ ނިމުން ވަރަށް ނުބައި ކަމެކެވެ. އަދި ފަހުން ހިތާމަކުރަން ޖެހޭ ކަމެކެވެ. ފަހެ ކަންކަމުގައި ވަރުބަލިވުމަކީ އޭގެ ނިމުން ރަނގަޅުވެގެންދާ ކަމެކެވެ. އެއީ ދުނިޔަވީ ކަމެއްގައި ނުވަތަ އުޚްރަވީ ކަމެއްގައިވިޔަސް މެއެވެ. ނުވަތަ އެ ދެކަމުގައި ވިޔަސް މެއެވެ. ފަހެ ކުރީކޮޅުގައި އެންމެ އަރާމުގައި އުޅޭ މީހުންނަކީ ފަހުން އެންމެ ވަރުބަލިވާންޖެހޭ މީހުންނެވެ. އަދި ކުރީކޮޅުގައި އެންމެ ވަރުބަލިވާ މީހުންނީ ފަހުން އެންމެ އަރާމުގައި އުޅޭ މީހުންނެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާ ހަމައަށްވެސް ވަރުބަލިކަމުގެ ފާލަމެއް ހުރަސްނުކޮށް ވާސިލެއް ނުވެވޭނެއެވެ.

ޔަޙްޔާ ބުން އަބީ ކަޘީރު رحمه الله ވިދާޅުވިއެވެ.

“އަރާމުކޮށްގެން ޢިލްމު ޙާޞިލެއް ނުވާނެއެވެ.”

އަދި (ފަތިސްވުމުގެ ކުރިން) ރޭގަނޑުގެ އެންމެ ފަހު ބައިގައި ތެދުވުމަށް އެ ކުއްޖާ ހާނުވާށެވެ. އެއީ ރިޒްޤާއި ބޮޑެތި ދެއްވުންތައް ދެއްވޭ ވަގުތެވެ. ފަހެ މަދުން އެ ލިބޭ މީހުންނާއި ގިނައިން ލިބޭ މީހުންވެސް ވެއެވެ. އަދި އެއިން މަޙްރޫމުކުރެއްވިގެންވާ މީހުންވެސް ވެއެވެ. ފަހެ ކުޑައިރުއްސުރެ އެކަމަށް ހޭނިއްޖެއްޔާ ބޮޑުވުމުން އެކަން ފަސޭހަވާނެއެވެ.

އަދި މާ ގިނައިން ކެއުމާއި ބޭކާރު ވާހަކަތައް ދެއްކުމާ އެ ކުއްޖާ ދުރުކުރާށެވެ. އަދި މާގިނައިން (ކަމެއް ނެތިގެން) ނިދުމާ އަދި ގިނަ ވަގުތު ބޭކާރު ގޮތުގައި ބޭރުތެރޭގައި އުޅުންވެސް މަދުކުރާށެވެ. ފަހެ މިކަންކަން އިތުރުކުރުމަކީ އަޅާއަށް ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދާނޭ ކަންކަމެވެ. އަދި ބަނޑާއި ފަރުޖުގެ ޝަހްވަތްތެރިކަމުން ދަރިފުޅު ވީހާވެސް ދުރުކުރުވާށެވެ. ފަހެ އެކަންކަން ދޫކޮށްލާފައި އޮތުމަކީ އޭގެ ސަބަބުން އެކުއްޖާ މަގުން ކައްސާލައި ރަނގަޅުކުރަން އުނދަގޫވެދާނެ ކަމެކެވެ.

ފަހެ އެހާ ލޯބިން ގެންގުޅުނު ކިތައް ކުދިން މިފަދަ ކަންކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް އަބާއްޖަވެރި ވެފައިވޭ ހެއްޔެވެ! އެއީ އެ ކުދިންނަށް އިހުމާލުވެ، އެ ކުދިން ތަރުބިއްޔަތުކުރުން ދޫކޮށްލުމުންނެވެ. އަދި އެކުދިން އެދޭހާ ކަމެއް ކޮށްދިނުމުންނެވެ. ބައެއް މީހުން ދަޢުވާ ކުރަނީ އެއީ އެކުދިންނަށް ހެޔޮކޮށް ހިތުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ. އެހެނަސް އެއީ އެކުދިންނަށް ވެވޭ އިހާނާތެކެވެ. އަދި އެއީ އެކުދިންނަށް ރަޙުމްކުރުން ކަމުގައިވެސް ބައެއް މީހުން ދެކެއެވެ. އެހެނަސް އެއީ އެކުދިންނަށް އަނިޔާވެރިވެ، އެކުދިން ޙަޤީޤަތުގައިވެސް މަޙްރޫމުކުރުމެވެ. ފަހެ އެކަމުގެ ސަބަބުން ދުނިޔޭގައި މައިންބަފައިންނަކަށް އެކުއްޖާގެ ފުށުން ފައިދާއެއް ނުކުރެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ނަސީބުވެސް އެކަމުގައި އެމީހަކަށް ފާއިތުވެގެން ދެއެވެ.”

 

[تحفة المودود بأحكام المولود لابن القيم (ص: 240 – 242)]