-
އަބޫ ޢަބްދުﷲ އަލްޙާކިމް އަންނައިސާބޫރީގެ މުސްތަދްރަކު
ފޮތުގެ މުއައްލިފު:
އެކަލޭގެފާނަކީ الحافظ، الناقد، أبو عبد الله، محمد بن عبد الله بن محمد بن حمدويه بن نعيم بن الحكم الضبي އެވެ. މަޝްހޫރު ނަމަކީ ابنُ البَيِّع، الحاكم النيسابوري އެވެ. އުފަންވީ ހިޖުރައިން 321 ގެ އަހަރުގައެވެ. އަދި އަވަހާރަވީ ހިޖުރައިން 405 ވަނަ އަހަރުގައެވެ. އެކަލޭގެފާނަކީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭކަލެކެވެ.
ފޮތަށް ދެއްވާފައިވާ ނަން:
އެކަލޭގެފާނުގެ ޙަދީޘް ފޮތަށް ދެއްވާފައިވާ ނަމަކީ “المستدرك على الصحيحين” އެވެ.
މި ފޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ޝަރުޠާއި ގެންގުޅުއްވާފައިވާ މަންހަޖު:
އެކަލޭގެފާނުގެ ފޮތުގެ މުޤައްދިމާގައި އެކަލޭގެފާނު ވިދާޅުވިއެވެ.
“މި ރަށުގައި އަދި އެހެން ރަށްތަކުގައިވި ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންވަނީ ތިމަންކަލޭގެފާނުގެ އަރިހުން މިކަމަށް އެދިވަޑައިގެންފައެވެ. އެއީ محمد بن إسماعيل (އިމާމު ބުޚާރީ) އަދި مسلم بن حجاج (އިމާމު މުސްލިމު) ޙުއްޖަތެއްކަމަށް ދެކެވަޑައިގަންނަވާ ވަރުގެ ސަނަދުން ވާރިދުވެފައިވާ އެހެން ޙަދީޘްތައް އެއްކުރުމަށެވެ. އެހެނީ އެއްވެސް ޢިއްލަތެއް (ފޮރުވިފައިވާ މައްސަލައެއް) ނެތް ޙަދީޘްތަކެއް އެއްކުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެ ދެ ބޭކަލުން (އެބަހީ: އިމާމު ބުޚާރީއާއި މުސްލިމު)ވެސް އެފަދައިން ދަޢުވާކޮށްފައި ނުވެއެވެ.”
އަދިވެސް ވިދާޅުވިއެވެ.
“ﷲ ގެ ޙަޟްރަތުން އަޅުގަނޑު ވާތްގަށް މި އެދެނީ، އިތުބާރު ހިފޭ ރާވީން ރިވާކުރައްވާފައިވާ ޙަދީޘްތައް ގެނެސްދިނުމަށެވެ. އެއީ އެ ދެ ޝައިޚުން (އެބަހީ: އިމާމު ބުޚާރީއާއި މުސްލިމު) ނުވަތަ އޭގެ ތެރެއިން އެއް ބޭކަލަކު ޙުއްޖަތެއް ކަމަށް ދެކެވަޑައިގަންނަވާނެ ވަރުގެ ޙަދީޘްތަކެވެ.” [1]
الحافظ أبو عمرو بن الصلاح ވިދާޅުވިއެވެ.
“ދެ ޞަޙީޙުގައި ގެންނަވާފައި ނުވާ އިތުރު ޙަދީޘްތައް ގެނެސްދިނުމަށް الحاكم، أبو عبد الله، الحافظ ވަނީ މަސައްކަތްކުރައްވާފައެވެ. އެއީ އެ ދެ ބޭކަލުންގެ ޝަރުޠު ހަމަވާކަމަށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ޙަދީޘްތަކެވެ. އަދި އެ ދެ ބޭކަލުންގެ ފޮތުގައި ރިވާކުރައްވާފައިވާ ރާވީންގެ އެހެން ޙަދީޘްތައް އެކަލޭގެފާނު އެއްކުރެއްވިއެވެ. ނުވަތަ ހަމައެކަނި އިމާމު ބުޚާރީގެ ޝަރުޠު ހަމަވާ ޙަދީޘްތައް އެކަލޭގެފާނު ގެނެސްދެއްވިއެވެ. ނުވަތަ ހަމަ އެކަނި އިމާމު މުސްލިމުގެ ޝަރުޠު ހަމަވާ ޙަދީޘްތައް އެކަލޭގެފާނު ގެނެސްދެއްވިއެވެ. ނުވަތަ އެކަލޭގެފާނުގެ (އެބަހީ: އަލްޙާކިމް) އިޖުތިހާދުކުރައްވާފައި، އެކަލޭގެފާނަށް ޞައްޙަކަމަށް ފެނިވަޑައިގެންނެވި ޙަދީޘްތައްވެސް އެކަލޭގެފާނު ގެންނެވިއެވެ. އެއީ އެ ދެ ބޭކަލުން ކުރެ ބޭކަލެއްގެ ޝަރުޠު އެ ޙަދީޘްގައި ހަމަ ނުވިޔަސް މެއެވެ.” [2]
[1] أبو عبد الله الحاكم: مقدمة المستدرك ( 1 / 2 – 3).
[2] أبو عمرو بن الصلاح: علوم الحديث (ص: 18).