الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ސުތުރާއަކާ ކުރިމަތިލައިގެން ހުރެ ނަމާދުކުރާ މީހާ، އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރަން އުޅޭކަމުގައިވާނަމަ، އެމީހާ ހުރަސްކުރިޔަ ނުދީ ހިފަހައްޓަން ޖެހޭނެއެވެ.
އިޖުމާޢުން މިކަމަށް ހުރި ދަލީލު:
އިބްނު ބައްޠާލްވަނީ މިކަމުގެ މައްޗަށް އިޖުމާޢުވެފައިވާކަން ނަޤުލުކުރައްވާފައެވެ.
އިބްނު ބައްޠާލް رحمه الله ވިދާޅުވެފައިވެއެވެ.
“ސުތުރާއަކާ ކުރިމަތިލައިގެން ހުރެ ނަމާދުކުރާ މީހާ، އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރާކަމުގައިވާނަމަ، އެމީހާ ހުރަސްކުރިޔަ ނުދީ ހިފަހައްޓަން ޖެހޭކަމަށް ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. [1]
އަދި މިކަމާމެދު ޞަރީޙަ ނޫން ޚިލާފެއް ބައެއް ބޭކަލުން ނަޤުލުކުރައްވާފައި ވެއެވެ.
އެ ޚިލާފުން މާނަ ނެގެނީ މިފަދަ ގޮތަކަށެވެ. އިބްނު ރަޖަބު رحمه الله ވިދާޅުވެފައިވެއެވެ.
“އަބޫ ނުޢައިމު ރިވާކުރެއްވިއެވެ. “ޝަޢުބީގެ އަރިހުން، ދާވޫދުގެ އަރިހުން ސުފްޔާނު ރިވާކުރެއްވިއެވެ. ފަހެ ޝަޢުބީ ވިދާޅުވިއެވެ. “ތިބާ ނަމާދުކުރަން ހުއްޓާ މީހަކު ތިބާގެ ކުރިމަތިން ހުރަސްކުރާނަމަ، ފަހެ ތިބާ އޭނާ ރައްދުނުކުރާށެވެ.” ފަހަރުގައި މިބަސްފުޅުގައި އެކަލޭގެފާނުގެ މުރާދަކީ އެމީހަކު ހުރަސްކޮށްފައި އަނެއް ފަރާތަށް ހިނގައްޖެނަމަ ދެން އޭނާ އަނެއްކާ އަނބުރާ ފަހަތަށް ނުގެންނާށެވެ. އޭރުން އެކަން ވާނީ އަނެއްކާ އޭނާ ދެވަނަ ފަހަރަށް (ނަމާދުކުރަމުންދާ މީހާގެ ކުރިމަތިން) ހުރަސްކުރިކަމަށެވެ.” [2]
އަދި އިބްނު ޢަބްދިއްބައްރު رحمه الله ވިދާޅުވެފައިވެއެވެ.
“ހަމަކަށަވަރުން ނަމާދުކުރަނިކޮށް ހުރަސްކުރާ މީހާ ހުއްޓުވުމުގެ މުރާދަކީ ހަތިޔާރަކުން އޭނާ ހުއްޓުވުމެއް ނޫނެވެ. އަދި އޭނާއާ ނަމާދަށް ހުރެފައި ވާހަކަދައްކައިގެން ހުއްޓުވުމެއްވެސް ނޫނެވެ. އަދި އެމީހެއްގެ ނަމާދު ފަސާދަވާ މިންވަރަށް އެކަން ކޮށްގެން ނުވާނެއެވެ. މިކަންކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ އިޖުމާޢުވެފައެވެ. ފަހެ އެކަންކަމަކީ ކުރިމަތިން މީހަކު ހުރަސްކުރުމަށް ވުރެ ގެއްލުންބޮޑުވެގެންވާ ކަންކަމެވެ. އަދި މީހަކަށް ނޭނގި ނުވަތަ ހަނދާންނެތިގެން ނަމާދުކުރަން ހުރި މީހެއްގެ ކުރިމަތިން ހުރަސްކުރެވުމުން، އޭނާ ހުއްޓުވުމަށް ވުރެ ބޮޑަށް މިކަން ކޮށްފާނެކަމަކަށް ތިމަންނާއަކަށް ހިޔެއް ނުވެއެވެ. އަދި އަޅުގަނޑުމެން ޒިކުރުކުރި ކަންކަމުގެ މައްޗަށްވާ ޢިލްމުވެރިންގެ އިޖުމާޢުން، ތިބާއަށް ޙަދީޘްގެ މުރާދު ބަޔާންކޮށްދެއެވެ.” [3]
______________________
ސުތުރާއާ ގުޅުން ހުރި އިތުރު ލިޔުންތައް
[1] شرح صحيح البخاري (2 / 136).
[2] فتح الباري (2/671).
[3] التمهيد (4 / 189).