[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 26

  1. މަދީނާގައި ތިއްބެވި ޞަޙާބީ ބޭކަލުން މި ފިތުނައިގައި ޢަމަލުކުރެއްވި ގޮތް

 

މަދީނާގައި ތިއްބެވި ޞަޙާބީ ބޭކަލުންނާއި އަދި އެނޫން ރަށްތަކުގައި ތިއްބެވި ޞަޙާބީ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކުރި ފިތުނައިގައި، އެ ފިތުނަ އުފެއްދި މީހުންނާ އެއްބައި ވެފައި ނުވެއެވެ. އަދި އެއިން އެއްވެސް ބޭކަލަކު އެކަމާ ރުހިވަޑައިވެސް ނުގަންނަވައެވެ. ޢުޘްމާނުގެފާނު ޤަތުލުކޮށްލެވުނު ޙާދިޘާއާ ބެހޭ ގޮތުން އިމާމު އައްނަވަވީ رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން އެކަލޭގެފާނު (އެބަހީ: ޢުޘްމާނުގެފާނު) ޤަތުލުކުރީ ރަށުތެރެ ހަލަބޮލިކުރާ، ޤަބީލާތަކުގައި ތިބި ނުކިޔަމަންތެރި، ދަށު ދަރަޖައިގެ، ވިޔާނުދާ އަދި ގޮތެއްފޮތެއް ނެތް މީހުންނެވެ.” [1]

ޢުޘްމާނުގެފާނު ޤަތުލުކުރި މީހުންގެ ތެރޭގައި މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އެއްވެސް ބޭކަލަކު ހިމެނުނުތޯ، އަލްޙަސަން رضي الله عنه ގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

“ނޫނެކެވެ. އެބައިމީހުންނަކީ މިޞްރުގެ އަހުލުވެރިންގެ ތެރެއިން ހަރުކަށި މީހުންނެވެ.” [2] 

ޢުޘްމާނުގެފާނު ޤަތުލުކުރުމުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ޞަޙާބީ ބޭކަލުންނާއި އެބޭކަލުންގެ ދަރިދަރިކަލުން މަސައްކަތްކުރެއްވީ އެކަލޭގެފާނު ދިފާޢުކުރައްވާށެވެ.

ޒައިދު ބުން ޘާބިތު رضي الله عنه، ޢުޘްމާނުގެފާނަށް ދެންނެވިއެވެ.

“ދޮރުކޮޅުގެ ކައިރީ ތިއްބެވީ އަންޞާރުންނެވެ. އެބޭކަލުން ވިދާޅުވަމުން ދިޔައީ ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ދެ ފަހަރަށް ﷲއަށް ނަޞްރުދޭ ބަޔަކުކަމުގައި ތިމަންމެން ވާނަމެވެ. (އެބަހީ: ރަސޫލާ صلى الله عليه وسلم ދިފާޢުކުރެއްވި ބޭކަލުންނަށް ވުމާ އަދި އުޘްމާނުގެފާނު ދިފާޢުކުރެއްވި ބޭކަލުންނަށް ވުމެވެ.)”

ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “އެ ކަމަށް ތިމަންކަލޭގެފާނު ބޭނުންފުޅު ނުވެއެވެ. އެކަން ނުކުރާށެވެ.” [3]

ޢުޘްމާނުގެފާނުގެ ދިފާޢުގައި އަންޞާރުން ހަނގުރާމައަށް ތައްޔާރުވުމަށް އެދިވަޑައިގެން ޙާރިޘަތު ބުން އަންނުޢުމާން رضي الله عنه، ޢުޘްމާނުގެފާނަށް އެކަން ހުށަހެޅުއްވިއެވެ. [4] ހަމަ އެފަދައިން ޢަބްދުﷲ ބުން ޢުމަރު رضي الله عنهما، ޚަލީފާ ދިފާޢުކުރެއްވުމަށްޓަކައި ވަޑައިގެން ޢުޘްމާނުގެފާނުގެ ގެކޮޅަށް ވެދެވަޑައިގެންނެވިއެވެ. އެކަލޭގެފާނާއެކު ބަނޫ ޢަދިއްޔު ޤަބީލާގެ މީހުން ތިއްބެވެ. ނަމަވެސް ހަނގުރާމައަށް ނުފެށުމަށް ޢުޘްމާނުގެފާނު އެންގެވިއެވެ. [5] އަދި އަލްޙަސަން ބުން ޢަލީ رضي الله عنهما، ޢުޘްމާނުގެފާނުގެ ދިފާޢުގައި ނުކުމެވަޑައިގެން ހުންނަވަނިކޮށް ޒަޚަމްވިއެވެ. [6]

ޞަޙާބީ ބޭކަލުން ތިއްބެވީ ޢުޘްމާނުގެފާނުގެ ދިފާޢުކުރެއްވުމަށްޓަކައި ހަނގުރާމައަށް ނުކުންނަން ޖެހިވަޑައިގެންނެވިޔަސް، އެކަން ކުރެއްވުމަށްވެސް ތައްޔާރަށެވެ. ނަމަވެސް ހަތިޔާރު ނަގާ، ހަނގުރާމައެއް ފެށުމަށް ޢުޘްމާނުގެފާނު އެދިވަޑައިނުގަންނަވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަޑުއަހާ ކިޔަމަންވާންޖެހޭކަމަށް ދެކޭ ކޮންމެ މީހަކަށް ތިމަންކަލޭގެފާނު އަމުރުކުރައްވާނީ އެބައިމީހުންގެ އަތްތައް ހިފަހައްޓާ، ހަތިޔާރު ބެހެއްޓުމަށެވެ.” [7]

އަބޫ ހުރައިރާ رضي الله عنه ކަނޑި ހިއްޕަވައިގެން ޢުޘްމާނުގެފާނު ދިފާޢުކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. [8] އެވާހަކަ ބަޔާންކުރައްވާ އެކަލޭގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. ޢުޘްމާނުގެފާނުގެ އަރިހަށް ވަދެވަޑައިގެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

“އޭ އަބޫ ހުރައިރާއެވެ! އެންމެހާ މީސްތަކުންނާއި ތިމަންކަލޭގެފާނުވެސް ޤަތުލުކުރުމަށް ކަލޭގެފާނު ރުހިގެންވާނަން ހެއްޔެވެ؟”

އަބޫ ހުރައިރާ ވިދާޅުވިއެވެ. “ނޫނެކެވެ.”

ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ! ފަހެ، ކަލޭގެފާނު އެންމެ މީހަކު ޤަތުލުކުރިކަމުގައިވިޔަސް، އެއީ ހަމަކަށަވަރުން އެންމެހާ މީސްތަކުން ޤަތުލުކުރުންފަދަ ކަމެކެވެ.”

ދެން އަބޫ ހުރައިރާ ވިދާޅުވިއެވެ. “ފަހެ، ތިމަން ހަނގުރާމަ ނުކޮށް އެނބުރި ދިޔައީއެވެ.” [9]

މަދީނާގައި ތިއްބެވި ޞަޙާބީ ބޭކަލުން ޢުޘްމާނުގެފާނު ދިފާޢުކުރެއްވުމަށް ވަޑައިގެންނެވުމުން އެބޭކަލުން ހުއްޓުވި ސަބަބު، އެކަލޭގެފާނު އަބޫ ހުރައިރާ رضي الله عنه އަށް ދެއްވި ޖަވާބުން އެނގިގެން ދެއެވެ. ލޭ އޮހޮރުވުމަކަށް ދިއުމަށް އެކަލޭގެފާނު އެދިވަޑައިނުގެންނެވީއެވެ. އަދި މަދީނާގައި ތިއްބެވި ޞަޙާބީ ބޭކަލުންގެ މައްޗަށް އޯގާތެރިވެވަޑައިގެން، އެކަލޭގެފާނާ ދެކޮޅަށް ނުކުތް މީހުންގެ ކިބައިން އެބޭކަލުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވަން ބޭނުންފުޅުވެވަޑައިގެންނެވީއެވެ. އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅުން އެބޭކަލުން ހިމާޔަތްކުރެއްވީއެވެ. އަދި އެކަލޭގެފާނު ޝަހީދުވެގެން ދިޔައީ ކެތްތެރިކަމާއެކު ހެޔޮ ދަރުމައަށް އެދިވަޑައިގެން ހުންނަވާ ޙާލުގައެވެ. – رضي الله عنه وأرضاه –

ޢުޘްމާނުގެފާނާ ދެކޮޅަށް ނުކުތް މީހުން އެދުނުހާކަމެއް ނުކުރައްވާ، ނުތަވަސްކަން ބޮޑުވެފައިވީ ވަގުތުގައި އެބައިމީހުންގެ ކަންތަކާމެދު ކެތްތެރިވެވަޑައިގެން، ޘާބިތުކަމާއެކު ހުންނެވުމުގެ އެހެން ސަބަބެއްވެސް ވެއެވެ. އެއީ އެބައިމީހުން އެދެމުން ދިޔަ ފަދައިން ޚަލީފާކަން ދޫކޮށްނުލެއްވުމަށެވެ. އެ މަތިވެރި، ހައިބަތު ބޮޑު މަޤާމު ހިމާޔަތްކުރައްވާ، އެކަމުގައި އެބައިމީހުންނަށް އިޖާބަނުދެއްވާ ދެމިހުންނެވުމަށެވެ. އެއީ އެބައިމީހުން ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، ވެރިޔަކަށް ހުންނަވާ ފަރާތަކަށް ވެރިކަން ދޫކޮށްލުމަށް މަޖުބޫރުކުރުވުން އާދައަކަށް ހަދާފާނެތީއެވެ. ފަހެ، އޭރުން އެ މަޤާމު ވެގެންދާނީ ރަށުތެރެ ހަލަބޮލިކުރާ، ނުކިޔަމަންތެރި، ފިތުނަވެރި މީހުންގެ އަތްމަތީ އޮންނަ ކުޅޭކުޅޭ އެއްޗަކަށެވެ. އޭގެ ސަބަބުން އުންމަތުގެ ހަމަޖެހުން ގެއްލިގެން ދާނެއެވެ.

ފަހެ، މި ސަބަބަށްޓަކައި ޚަލީފާކަން ދޫކޮށްލެއްވުމަށް ޢުޘްމާނު  رضي الله عنه ދެކޮޅު ހެއްދެވިއެވެ. އަދި އިސްލާމީ އުންމަތާއި އެ އުންމަތުގެ ވެރިކަން ހިމާޔަތްކުރެއްވުމުގައި އެކަލޭގެފާނުގެ ނަފްސުފުޅު ޤުރުބާންކުރެއްވިއެވެ. ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކޮށްފައި ހުންނަވަނިކޮށް އިބްނު ޢުމަރު رضي الله عنهما ވެސް އެފަދައިން އެކަލޭގެފާނަށް މަޝްވަރާ ދެއްވާ، ވިދާޅުވިއެވެ.

“ﷲ ތަޢާލާ ކަލޭގެފާނުގެ ކިބައިގައި ލައްވަވާފައިވާ ޤަމީޞްކޮޅެއް ކަލޭގެފާނު ބޭލުމަށް ތިމަންކަލޭގެފާނަށް ފެނިވަޑައި ނުގަންނަވައެވެ. އޭރުން ބަޔަކު މީހުން ޚަލީފާއާ ނުރުހޭ ކޮންމެ ފަހަރަކު ނުވަތަ އިމާމާ ނުރުވޭ ކޮންމެ ފަހަރަކު އެމީހަކު ޤަތުލުކުރުމަށް ނުކުތުން އާދައަކަށް ވެދާނެއެވެ.” [10]

ޢުޘްމާނުގެފާނު ޚަލީފާކަން ދޫކޮށްނުލައްވާ، ޘާބިތުވެ ހުންނެވުމުން، މި ފިތުނައިގައި އިސްކޮށް އުޅުނު މީހުން މަސައްކަތްކުރީ މަދީނާގައި ތިއްބެވި ޞަޙާބީ ބޭކަލުން އެކި ދިމަދިމާލަށް ފޮނުވާލުމަށެވެ. ޙިޞާރުގެ ކުރީކޮޅު އެބޭކަލުން ޢުޘްމާނުގެފާނުގެ ދިފާޢުގައި ނުކުމެވަޑައިގެންނެވުމަށް ތައްޔާރަށް ތިއްބެވުމާއެކުވެސް، ހަނގުރާމައެއް ފެށުމަށް އެކަލޭގެފާނު ދެކޮޅުހައްދަވާފައިވުމާއެކު، މަދީނާގައި ތިއްބެވި ގިނަ ޢަދަދެއްގެ ޞަޙާބީ ބޭކަލުން އެ އަހަރު ޙައްޖަށް ވަޑައިގެންނެވިއެވެ. އެއީ އެފަދަ ގޮތަކަށް ޙިޞާރުގެ ނިމުން އައިސްދާނެކަމަށް އެބޭކަލުން ހީފުޅު ނުކުރައްވާތީއެވެ. އެހެނީ އެފަދަ ކަމެއް އޭގެ ކުރިން އެބޭކަލުން ތަޖުރިބާކުރައްވާފައި ނުވެއެވެ. މިކަމުން ފިތުނަވެރިންގެ މަޤްޞަދު ޙާޞިލުކުރުން ފަސޭހަވެގެން ދިޔައެވެ. ދެންފަހެ، ކެތްތެރިކަމާއި ޘާބިތުމަކާއެކު ހުންނަވަނިކޮށް އަނިޔާވެރި، ފިތުނަވެރިން ޢުޘްމާނުގެފާނު ޝަހީދުކޮށްލިއެވެ. – رضي الله عنه وأرضاه –

ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުގެ ފިތުނައަކީ އުންމަތުގައި ފިތުނައިގެ ހުޅު ރޯވެގެން ދިޔަ ހިސާބެވެ. އަދި އެއަށް ފަހުގައި ފިތުނައަކަށް ފަހު ފިތުނައެއް ފާޅުވަމުން ދިޔައެވެ. އަދި އޭގެ ކުރިން ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން އަޅުއްވާފައި ނުވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އެބޭކަލުން އަޅުއްވަމުން ގެންދެވިއެވެ. އޭގެ ތެރޭގައި ޙަދީޘް ރިވާކުރެއްވުމުގައިވެސް އަދި ވެރިންނާއި ޢިލްމުވެރިންނަށް ނިސްބަތްކޮށް ގެންނަ ވާހަކަތައްވެސް އިތުރަށް ކަށަވަރުކުރެއްވުމަށްޓަކައި އެ ޙަދީޘެއް ނުވަތަ ވާހަކައެއް ގެނައީ ކޮން ބައެއްތޯ އެބޭކަލުން ކަށަވަރުކުރައްވަމުން ގެންދެވިއެވެ.

މުޙައްމަދު ބުން ސީރީން رحمه الله ވިދާޅުވިއެވެ.

“އޭގެ ކުރިން އެބޭކަލުން ސަނަދާ ބެހޭގޮތުން ސުވާލުކުރައްވަމުން ނުދެއެވެ. އެހެނަސް އެ ފިތުނަ ހިނގައި ދިޔުމުން އެއަށް ފަހު އެބޭކަލުން ވިދާޅުވަމުން ދެއެވެ. ތިޔަބައިމީހުން ތިކަން ރިވާކުރި ސަނަދު ކިޔައިދޭށެވެ. ދެން އެ ސަނަދު ކިޔައިދިނުމުން ސުންނަތް ޖަމާޢަތުގެ ބޭކަލުންގެ ޙަދީޘްތަކުގައި އެބޭކަލުން ހިއްޕަވައެވެ. އަދި ބިދުޢައިގެ އަހުލުވެރިން ގެންނަ ޙަދީޘްތައް އެބޭކަލުން ދޫކޮށްލައްވައެވެ.” [11]

 

=ނިމުނީ=

 


الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  شرح النووي على مسلم (15 / 148 – 149).

[2]  تاريخ خليفة بن خياط (ص: 176).

[3]  تاريخ خليفة بن خياط (ص: 173).

[4] ބައްލަވާ: تاريخ الصغير للبخاري (1 / 101).

[5] ބައްލަވާ: تاريخ خليفة بن خياط (ص: 173).

[6] ބައްލަވާ: تاريخ الكبير للبخاري (7 / 237).

[7] تاريخ خليفة بن خياط (ص: 173).

[8] ބައްލަވާ: تاريخ خليفة بن خياط (ص: 173).

[9] الطبقات الكبرى لابن سعد (3 / 70).

[10] تاريخ خليفة بن خياط (ص: 170).

[11] مقدمة صحيح مسلم (1 / 15).