[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނާގެ އަޑަކީ އަޢުރައެއްތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަންހެނާގެ އަޑަކީ އޭގެ ޛާތުގައި ޢައުރައެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ﴾ [سورة الأحزاب: 53]

މާނައީ: “އަދި އެކަނބަލުން (އެބަހީ: ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ ފަރުދާއެއްގެ އަނެއް ފަރާތުން އެކަނބަލުންނާ ސުވާލު ދަންނަވާށެވެ!”

އެހެނަސް އެކަނބަލުންނަށް އަމުރުކުރައްވާފައިވަނީ ހިލޭ ފިރިހެނުންނާ ވާހަކަދައްކާ އިރުގައި ލޫޅާފަތި އަޑުން ވާހަކަ ނުދެއްކުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا‎﴾ [سورة الأحزاب : 32]

މާނައީ: “އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަ ކަނބަލުން (ﷲއަށް) ތަޤްވާވެރިވެއްޖެނަމަ (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ތިޔަ ކަނބަލުން ނުވެއެވެ. ފަހެ ތިޔަ ކަނބަލުން ލޫޅާފަތި އަޑުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި (ޝަހުވަތުގެ) ބަލިމަޑުކަމެއް ހުރި މީހަކު ފިތުނަވެރިވެދާނެތީއެވެ. އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!”

މި އާޔަތުގައި އަންގަވާފައި އެންގެވުމަކީ ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރު އަނބިއަނބިކަނބަލުންނަށް އަންގަވާފައިވާ ކަމަކަށް ވީ ހިނދު، މި އުންމަތުގެ އެހެނިހެން އަންހެން ކަނބަލުން މިކަމުގައި ޝާމިލުވުން މާ އައުލާކަން ބޮޑެވެ. އެހެނީ މިކަމުގެ ފިތުނަވެރިކަމުގެ ބިރު އެންމެ ބޮޑަށް އޮތީ ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަށް ވުރެ އުންމަތުގެ އެހެނިހެން ކަނބަލުންނަށެވެ.

އަދި އަންހެނާގެ އަޑު އަހާ ހިލޭ ފިރިހެން މީހާ، އެ އަޑު އަހައިގެން ފިތުނަވެރިވާނަމަ ފަހެ އެމީހަކު އެފަދަ އަޑެއް އެހުމަކީ ހުއްދަކަމެއް ނޫނެވެ. އެހެން ނޫންނަމަ މައްސަލައެއް ނެތެވެ. އެހެނީ އަންހެނާގެ އަޑަކީ އޭގެ ޛާތުގައި ޢައުރައެއް ނޫނެވެ.

ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބުން ބާޒް رحمه الله ވިދާޅުވިއެވެ.

“އަންހެނާގެ އަޑަކީ ޢައުރައެއްކަމުގައި އަލްޤުރްޠުބީ رحمه الله ވިދާޅުވެފައި ވެއެވެ. [1] އެބަހީ: އެއީ އަންހެނާ ލޫޅާފަތި އަޑަކުން ވާހަކަ ދައްކާ ޙާލަތުގައެވެ. އެހެނަސް އަންހެނާ ޢާންމުކޮށް ވާހަކަ ދައްކާ އާދައިގެ އަޑާ މެދުގައި ދަންނައެވެ. އެއީ ޢައުރައެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا‎﴾ [سورة الأحزاب : 32]

މާނައީ: “އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަ ކަނބަލުން (ﷲއަށް) ތަޤްވާވެރިވެއްޖެނަމަ (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ފަހެ ތިޔަ ކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި (ޝަހުވަތުގެ) ބަލިމަޑުކަމެއް ހުރި މީހަކު ފިތުނަވެރިވެދާނެތީއެވެ. އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!”

ފަހެ ހިތުގައި ޝަހުވަތުގެ ބަލިމަޑުކަމެއް ހުރި މީހަކު ފިތުނަވެރިވެދާނެތީ ﷲ ތަޢާލާވަނީ އެކަނބަލުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ލޫޅާފަތި އަޑުން ވާހަކަ ދެއްކުން ނަހީކުރައްވާފައެވެ. އަދި އެއާއެކުގައި ރަނގަޅު ގޮތުގައި ބަސްބުނުމުގެ ހުއްދަ އެއިލާހު ވަނީ އެކަނބަލުންނަށް ދެއްވާފައެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި އުޅުއްވި އަންހެން ކަނބަލުން އެކަލޭގެފާނާ ވާހަކަދައްކާ އުޅުއްވިއެވެ. އަދި ކަންކަމުގައި އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދަންނަވާ އުޅުއްވިއެވެ. އެކަލޭގެފާނު އެކަނބަލުންނަށް އެކަން މަނާކުރައްވާފައި ނުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުންގެ ދުވަސްވަރުގައިވެސް އެކަނބަލުން އެފަދައިން އަޞްޙާބު ބޭކަލުންނާ ވާހަކަދައްކަވާ އަދި ސުވާލު ދަންނަވާ އުޅުއްވިއެވެ. އަދި އެބޭކަލުންވެސް އެކަން މަނާކުރައްވާފައި ނުވެއެވެ. އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.” [2]

އައްޝައިޚް ޞާލިޙުލް ފައުޒާނު حفظه الله ވިދާޅުވިއެވެ.

“އަންހެނަކު ފިހާރަކައަށް ގޮސްފައި ފިހާރައިގައި ހުންނަ މީހާއާ ކޮންމެހެން ވާހަކަ ދައްކަން ޖެހިގެން، ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނުމަކީ މައްސަލައެއް ނޫނެވެ. އެއީ އެކަމުގައި ފިތުނައެއް ނުވާނަމައެވެ. އެހެނީ (ޞަޙާބީ ބޭކަލުންގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް) އަންހެން ކަނބަލުން އެފަދައިން އެކަނބަލުންނަށް ބޭނުން ޖެހިފައިވާ ކަންކަމުގައި ހިލޭ ފިރިހެނުންނާ (އެކަހެރިވުމެއް ނެތި) ވާހަކަ ދައްކާ އުޅެއެވެ. އެއީ ފިތުނައެއް ނެތިއްޔާ އަދި ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް، އެވާހަކަ ދައްކަން ޖެހޭ މިންވަރަށް ދެއްކުމެވެ.

އެހެނަސް ވާހަކަ ދެއްކުމުގައި ހިލޭ ފިރިހެނުންނާ ހީ ސަމާސާކޮށް އަދި ފިތުނަވެރިވާނޭ ފަދަ (ލޫޅާފަތި) އަޑަކުން ވާހަކަ ދެއްކުމަކީ އެއީ ހުއްދަކަމެއް ނޫނެވެ. އެއީ ޙަރާމްކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަށް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا‎﴾ [سورة الأحزاب : 32]

މާނައީ: “ފަހެ ތިޔަ ކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި (ޝަހުވަތުގެ) ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!”

މި އާޔަތުގައިވާ “ރަނގަޅު ބަސް” އަކީ: މީސްތަކުން އެއީ ރަނގަޅު ބަހެއްކަމުގައި ބަލާ އުޅޭ ފަދަ އަދި ކޮންމެހެން ބުނަން ޖެހިގެން ބުނާ ވާހަކަތަކެވެ.

ހީ ސަމާސާ ކުރުމާއެކުގައި ނުވަތަ ލޫޅާފަތި އަޑަކުން ހިލޭ ފިރިހެނަކާ ވާހަކަ ދެއްކުން ނުވަތަ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މޫނު ކަޝްފުކުރުން ނުވަތަ އަތްތިލައާއި މުލައްދަނޑިވެސް ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުކުރުމާ މެދުގައި ދަންނައެވެ. އެ ހުރިހާ ކަމަކީވެސް ޙަރާމްކަންތައްތަކެވެ. އަދި މުންކަރާތްތަކެކެވެ. އަދި ފިތުނަވެރިވުމަށް މެދުވެރިވާ ސަބަބުތަކެވެ. އަދި ފާޙިޝް ކަންތައްތަކުގެ ތެރެއަށް ވަނުމަށް މެދުވެރިވާ ސަބަބުތަކެވެ.” [3]

އަދި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއަށް މިކަމާ ބެހޭގޮތުން ސުވާލުދެންނެވުމުން ވިދާޅުވިއެވެ.

“الحمد لله.

والصلاة والسلام على رسول الله. وبعد:

އަންހެނާގެ އަޑަކީ ހުރިހާ ޙާލަތެއްގައި ޢައުރައެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އަންހެން ކަނބަލުން ވަޑައިގެން ޝަކުވާ ދަންނަވާ އަދި ދީނުގެ ކަންކަމާ މެދުގައި ސުވާލުކުރައްވާ އުޅުއްވިއެވެ. އަދި ހަތަރު ޚަލީފާއިން رضي الله عنهم ގެ ދުވަސްވަރުގައި އެކަނބަލުން އެފަދައިން ޢަމަލުކުރައްވާފައި ވެއެވެ. އަދި އެބޭކަލުންނަށް ފަހު ވަޑައިގެންނެވި ޢިލްމުވެރިންނާ ވެރިންގެ އަރިހުގައިވެސް އެކަނބަލުން އެފަދައިން ޢަމަލުކުރައްވާފައި ވެއެވެ. … އެކަމުގައި އިސްލާމްދީނުގެ އިމާމުން އެކަނބަލުންނަށް އިންކާރުކުރައްވާފައި ނުވެއެވެ.

އެހެނަސް ނާޒުކު އަޑަކުން އަދި ލޫޅާފަތި ގޮތަކަށް ހިލޭ ފިރިހެނުންނާ ވާހަކަދެއްކުން އެކަނބަލުންނަށް ހުއްދަވެގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا‎﴾ [سورة الأحزاب : 32]

މާނައީ: “އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަ ކަނބަލުން (ﷲއަށް) ތަޤްވާވެރިވެއްޖެނަމަ (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ފަހެ ތިޔަ ކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި (ޝަހުވަތުގެ) ބަލިމަޑުކަމެއް ހުރި މީހަކު ފިތުނަވެރިވެދާނެތީއެވެ. އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!”

އެއީ އޭގެ ސަބަބުން ފިރިހެނުން ހެއްލެނި ކުރުވާ ކަމެކެވެ. އަދި ފިތުނަވެރިވާ ކަމެކެވެ. އިސްވެ ދިޔަ އާޔަތުން އެކަމަށް ދަލީލުކުރެއެވެ. وبالله التوفيق .ا.هـ.” [4]

އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ބައިއަތު ހިއްޕަވަން ވަޑައިގެންނެވި ކަނބަލުންނާ އެކަލޭގެފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި އެކަނބަލުންވެސް އެކަލޭގެފާނާ ވަނީ ވާހަކަދައްކަވާފައެވެ. އެހެންކަމުން އެކަމުން އެނގިގެން ދަނީ އެއީ ޙާޖަތެއް އޮތްނަމަ އެ ޙާޖަތެއް އޮތް މިންވަރަށް ހުއްދަކަމެއް ކަމެވެ. އެއީ އެކަމުގައި ފިތުނަވެރިކަމެއް ނެތްނަމަ ނުވަތަ ހިލޭ ފިރިހެނުންނާ އެކަހެރިވުމެއް ނުވާނަމައެވެ. [5]


 

[1] ބައްލަވާ: تفسير القرطبي (14 / 227).

[2] مجموع فتاوى لابن باز (5 / 251).

[3] المنتقى من فتاوى الشيخ الفوزان (ص: 1354).

[4] فتاوى اللجنة الدائمة – المجموعة الأولى، السؤال الأول من الفتوى رقم: (4522)، (6 / 85 – 86).

[5] ބައްލަވާ: شرح النووي على صحيح مسلم (13 / 10) وفتح الباري لابن حجر (13 / 204).