[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 20

  1. ‘ވަޔޭ ރިވާ’ އެއްބަސްވުން (Wye River Memorandum)

ފަލަސްޠީނުގެ މައްސަލައިގައި މަޝްވަރާކުރުމަށް، 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 އިން 23 އަށް އެމެރިކާގެ މެރީލޭންޑު (Maryland)ގެ ‘ވަޔޭ ރިވާ’ (Wye River)ގައި ބައްދަލުވުމެއް ބޭއްވިއެވެ. އޮސްލޯގެ ޞުލްޙައިގެ އެއްބަސްވުން ފުރިހަމައަށް ޙާޞިލުނުވެ އޮތުމުން، އެކަމާ ގުޅުންހުރި ބައެއް ކަންކަމުގައި ފަލަސްޠީނުގެ ސަރުކާރާއި އިޒްރޭލާދެމެދު އެއްބަސްވުމަކާ ހަމައަށް އައެވެ. އަދި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު، ވައިޓްހައުސްގައި، ‘ވަޔޭ ރިވާ’ އެއްބަސްވުމުގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ފަލަސްޠީނުގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޔާސިރު ޢަރަފާތެވެ. އަދި އިޒްރޭލުގެ ފަރާތުން ސޮއިކުރީ ބެންޖަމިން ނަތަންޔާހޫ (Benjamin Netanyahu)އެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ނަތަންޔާހޫ އެއްބަސްވީ ޝަރުޠަކާއެކުގައެވެ. އޭނާ އެމެރިކާގެ ރައީސް ބިލް ކްލިންޓަން (Bill Clinton)އަށް ޝަރުޠުކުރީ، އިޒްރޭލަށް ޖާސޫސްކޮށްދީގެން 1985 ވަނަ އަހަރު ޢުމުރަށް ޖަލަންލާން ޙުކުމްކޮށްފައިވާ އެމެރިކާގެ ޖާސޫސީ އޮފިސަރު ޖޮނެތަން ޕޮލާޑް (Jonathan Pollard) ޖަލުން ދޫކޮށްލާ އިޒްރޭލަށް ފޮނުވުމަށެވެ. ނަމަވެސް ފަހުން ބިލް ކްލިންޓަން ބުނީ އޭނާ ދޫކޮށްލަން ވަޢުދު ނުވާކަމަށާއި އޭރު އޭނާ ބުނީ އެ މައްސަލަ އަލުން ބަލާނެ ވާހަކަ ކަމަށެވެ. [1]

މި އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮތީ އިޒްރޭލު ސިފައިން ފޭރިގަނެފައިވާ ބިންތަކުން ފޭބުމާއި އެކަމުގައި ދެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. އެއީ އޭގެ ކުރީގެ އެއްބަސްވުންތަކުގައި އިޒްރޭލު ސިފައިން ފޭބުމަށް އެއްބަސްވެފައިވާ އެންމެހާ ބިންތަކުން ފައިބާ، އެ ބިންތައް ފަލަސްޠީނުގެ ސަރުކާރާ ހަވާލުކޮށްފައި ނުވާތީއެވެ.

ދެން އޮތީ ސަލާމަތީ ކަންކަމުގެ ވާހަކައެވެ. މި އެއްބަސްވުމުގައި ފަލަސްޠީނުގެ މުޖާހިދުން ސިފަކޮށްފައިވަނީ “ޓެރަރިސްޓު” ޖަމާޢަތްތަކެއްގެ ގޮތުގައެވެ. އެގޮތުން އެބައިމީހުންގެ “ޓެރަރިޒަމްގެ ޙަރަކާތްތައް” ހުއްޓުވުމަށް ފަލަސްޠީނުގެ ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. އަދި ކުރީގެ އެއްބަސްވުންތަކެކޭ އެއްފަދައިން، މި އެއްބަސްވުމުގައިވެސް ފަލަސްޠީނުގައި ހަތިޔާރު އުފެއްދުމާއި ފަލަސްޠީނަށް ހަތިޔާރު އެތެރެކުރުން މަނާކޮށްފައިވެއެވެ. އަދި އެކަން ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ކޮންމެ ދެ ހަފްތާއަކުން އެމެރިކާއަށް އަންގަންޖެހޭނެކަމަށްވެސް ލިޔެފައިވެއެވެ. މީގެ އިތުރުން ފަލަސްޠީނުގެ ފުލުހުންގެ ނަންތަކާއި އެބައިމީހުންގެ މަޢުލޫމާތު އިޒްރޭލުށް ފޯރުކޮށްދިނުންވެސް ލާޒިމުކޮށްފައިވެއެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާއާ ދެމެދު ފަސޭހަކަމާއި އަމާންކަމާއެކު ދަތުރުކުރެވޭނެ މަގެއް ހެދުމަށް އަލްޚަލީލުގެ އެއްބަސްވުމުގައިވާ ލިޔެފައި އޮތަސް އެކަންވެސް އޮތީ ފުރިހަމަ ނުވެއެވެ. އެހެންކަމުން އެ މަގުގެ ކަންކަން ނިންމުމަށް މި އެއްބަސްވުމުގައިވެސް ވެއެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިޤްތިޞާދީ ކަންކަމުގައި ދެ ފަރާތުން އެއްބާރުލުން ދިނުމަށްވެސް އެއްބަސްވެފައިވެއެވެ.

ކުރީގެ އެއްބަސްވުންތަކެކޭ އެއްފަދައިން މި އެއްބަސްވުންވެސް ވެގެން ދިޔައީ ނަމެއްގައި ސޮއިކުރި ލިޔުމަކަށެވެ. އިޒްރޭލުގެ ސިފައިން ފޭބުމުގެ ކަންކަމުގައިވެސް ދެ ފަހަރު އެކައްޗެއް ނުކިއެވެ. އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަހުލުވެރިން މިނިވަންކުރުމުގެ ކަންކަންވެސް އެއްބަސްވެފައިވާ ގޮތަށް ކުރިއަކަށް ނުގެންދިޔައެވެ. ހުސް ވާހަކަތަކެއް ދެއްކުމަށް ފަހު އެބައިމީހުންގެ ބޯހަރުކަން މަތީގައި އެބައިމީހުން ދެމިތިބީއެވެ. ފަލަސްޠީނުގެ އަހުލުވެރިންނަށް ކުޑަވެސް ތަސައްލީއެއް ލިބުނު އެއްޗަކަށް މި އެއްބަސްވުންވެސް ނުވިއެވެ.

ފަލަސްޠީނުގެ ސަރުކާރުން ކުރަން އެއްބަސްވެފައިވާ ކަންކަން އަކުރުން އަކުރަށް ކޮށް ނިންމުމަށް، އެމެރިކާއާއި އިޒްރޭލުން އެބައިމީހުންނަށް ފިއްތުންތައް ކުރިމަތިކުރުވަމުން ދިޔައެވެ. އެއާއެކު ޕީއެލްއޯއިން ކުރިން ހިފަހައްޓަމުން ދިޔަ އެތައް ކަމެއް ދޫކޮށް، އެ އެއްބަސްވުމުގައިވާ ގޮތަށް ގިނަ ކަންކަން ކުރިއެވެ. އަދި އެއްބަސްވެފައިވާ ފަދައިން ފަލަސްޠީނަކީ ހަތިޔާރު ނުގެންގުޅޭ ތަނަކަށް ހެދުމަށްވެސް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މިކަން ވެގެންދިޔައީ ފަލަސްޠީނުގެ އަހުލުވެރިންގެ މެދުގައި ބައިބައިވުން އިތުރުވި ކަމަކަށެވެ. އޭގެ ސަބަބުން ޙަމާސްއިން އިސްނަގައިގެން އިޒްރޭލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް ހަމަލާދިނުން އިތުރުކުރިއެވެ. ނަތީޖާއަކަށްވީ ނަތަންޔާހޫގެ ސަރުކާރަށް އޮތް އިތުބާރު ގެއްލުމެވެ. އަދި 1998 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އިޒްރޭލުގެ ޤާނޫނު ހަދާ މަޖުލިހުން ނަތަންޔާހޫގެ ސަރުކާރު އުވާލިއެވެ. ދެން ޖެހިގެން އައި އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބުން ނަތަންޔާހޫ ނާކާމިޔާބުވުމުން، ސިޔާސީ ޙަޔާތް ނިންމާލިކަމަށް (ރިޓަޔަރ ކުރިކަމަށް) އޭނާ އިޢުލާންކުރިއެވެ. އެ އިންތިޚާބު ކާމިޔާބުކުރީ އެހޫދު ބަރާކު (Ehud Barak)އެވެ. [2]

 

  1. ޝަރަމުއް ޝައިޚުގެ އެއްބަސްވުން (The Sharm El Sheikh Memorandum on Implementation Timeline of Outstanding Commitments of Agreements Signed and the Resumption of Permanent Status Negotiations / Sharm El Sheikh Memorandum)

ޔަހޫދީ ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ކޯޅުންތަކާއެކު ‘ވަޔޭ ރިވާ’ އެއްބަސްވުމުގައި ހިމެނޭ ގިނަ ކަންކަން ޙާޞިލުނުކުރެވި، ދެ ފަރާތުގެ ޞުލްޙައިގެ މަސައްކަތްތަކަށް ހުއްޓުމެއް އައެވެ. އެހެންކަމުން އަލުން ވާހަކަތައް ފެށުމުގެ ގޮތުން 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެމެރިކާއިން އިސްނަގައިގެން މިޞްރުގެ ޝަރަމުއް ޝައިޚުގައި ބައްދަލުވުމެއް ބޭއްވިއެވެ. ބައްދަލުވުމުގައި 1993 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރުގެ ވަޔޭ ރިވާ އެއްބަސްވުމާ ހަމައަށް ސޮއިކޮށްފައިވާ އެންމެހާ އެއްބަސްވުންތައް ތަންފީޒުކޮށް ނިންމުމަށްޓަކައި އައު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ޝަރަމުއް ޝައިޚުގެ އެއްބަސްވުމުގައި ސޮއިކުރީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހެވެ. އިޒްރޭލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ބޮޑުވަޒީރު އެހޫދު ބަރާކެވެ. އަދި ފަލަސްޠީނުގެ ފަރާތުން ސޮއިކުރީ ޔާސިރު ޢަރަފާތެވެ. އޭގެ އިތުރުން މި އެއްބަސްވުމަށް ހެކިވާ ފަރާތްތަކުގެ ގޮތުގައި މިޞްރުގެ ރައީސް ޙުސްނީ މުބާރަކާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑަލިން އޯލްބްރައިޓް (Madeleine Albright) އަދި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވެސް ސޮއިކުރިއެވެ.

ކުރީގެ އެއްބަސްވުންތަކުގެ ތަޖުރިބާއަށް ބެލުމަށް ފަހު، މި އެއްބަސްވުމުގައި ކަންކަން ކުރުމަށް ތާރީޚުތައް ކަނޑައަޅާ، ބަޔާންކޮށްފައިވެއެވެ. އެގޮތުން އިޒްރޭލުގެ ސިފައިން އެކި ސަރަހައްދުތަކުން ފައިބަންވީ ތާރީޚުތަކާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަހުލުވެރިން މިނިވަންކުރަންވީ ތާރީޚުތައް ކަނޑައަޅާފައިވެއެވެ. އަދި ކަންކަން ތަންފީޒުކުރުމަށްޓަކައި ބާއްވާ ކޮމިޓީ ބައްދަލުވުންތައް ބާއްވަންޖެހޭ އެންމެ ފަހުގެ ތާރީޚުތައްވެސް ކަނޑައަޅާފައިވެއެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާއާ ދެމެދު ފަސޭހަކަމާއި އަމާންކަމާއެކު ދަތުރުކުރެވޭނެ މަގުގެ އިންތިޒާމުތަކާއި ޣައްޒާގެ ބަނދަރާ ގުޅުންހުރި އިންތިޒާމުތަކާއި އަލްޚަލީލުގެ ކަންކަން އަދި ސަލާމަތީ ކަންކަން ނިންމުމުގެ ތާރީޚުތައްވެސް ކަނޑައަޅާފައިވެއެވެ. [3]

 

=ނުނިމޭ=

 


 

[1] ބައްލަވާ:  Jonathan Pollard: Background and Considerations for Presidential Clemency (page: 4).

[2] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 60 – 62).

[3] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 62 – 64).

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް