ދެވަނަ އިންތިފާޟާއަކަށް މަގުފަހިވި ކަންކަން
ފުރަތަމަ އިންތިފާޟާއަށް ފަހުގައިވެސް ދޭތެރެ ދޭތެރެއިން ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރެވުމުން ދިޔައެވެ. ނަމަވެސް 1990 ވަނަ އަހަރު މަސްޖިދުލް އަޤްޞާގައި ހިންގި ޤަތުލުޢާންމާއި 1994 ވަނަ އަހަރު އަލްޚަލީލު (Hebron)ގެ އިބްރާހީމީ މިސްކިތުގައި ހިންގި ޤަތުލުޢާންމު ފިޔަވާ ބޮޑު ހަމަނުޖެހުމެއް ނުހިނގާ އަހަރުތަކެއް ފާއިތުވިއެވެ. މި ދުވަސްވަރުގައި އެމެރިކާއިން މަސައްކަތްކުރަމުން ދިޔައީ ފަލަސްޠީނުގެ މައްސަލައިގައި ދާއިމީ ހައްލެއް ހޯދުމަށެވެ. އެހެނަސް އެއީ ޔަހޫދީ ދައުލަތަށް ފައިދާވާ ގޮތަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރިކަމުގައިވިޔަސް، އެ އެއްބަސްވުންތައް ވެގެންދިޔައީ ހަމައެކަނި ކަރުދާހުގައި ލިޔެލާފައިވާ އެއްޗަކަށެވެ. އެދެވޭ ގޮތެއްގައި އެއްބަސްވުންތަކުގައިވާ ކަންކަން ޙާޞިލުކުރުމަށް މަސައްކަތްކުރިކަމެއް ފެންނާކަށް ނެތެވެ.
1993 ވަނަ އަހަރު ސޮއިކުރި އޮސްލޯގެ ފުރަތަމަ އެއްބަސްވުމުގައި ކަނޑައަޅާފައި އޮތީ 1999 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުގެ ކުރިން ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ. އެ އެއްބަސްވުމަށް ފަހު ފަލަސްޠީނުގެ ސަރުކާރުން އެބައިމީހުންގެ ރައްޔިތުންނަށް ވަޢުދުވީ 1998 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ފަލަސްޠީނަކީ މިނިވަން ދައުލަތަކަށް ހަދައިދޭނެކަމަށެވެ. ނަމަވެސް ޔަހޫދީ ދައުލަތުން އެއްބަސްވާ ކަންކަން ނުކޮށް ލަސްކުރަމުން ދިއުމުގެ ސަބަބުން، އެ ތާރީޚު 1999 ވަނަ އަހަރު މެއި މަހަށް ބަދަލުކުރިއެވެ. އެއަށް ފަހު 2000 ވަނަ އަހަރުގެ މެއި މަހަށެވެ. ޢަމަލީ ސިފައެއް އެކަމަށް ނުގެނެވި، އެ މުއްދަތުތައްވެސް ފަހަނައަޅާ ދިޔައީއެވެ. އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.
މީގެ އިތުރުން 1999 ވަނަ އަހަރު އިޒްރޭލުގެ އިންތިޚާބު ކާމިޔާބުކުރި ވާތުފިޔައިގެ ބޮޑުވަޒީރު އެހޫދު ބަރާކް، އިންތިޚާބު ކާމިޔާބުކުރީ 5 ކަމަކަށް ނޫނެކޭ ބުނުމަށް ވަޢުދުވެގެންނެވެ. އެއީ:
- ޤުދުސް ފަލަސްޠީނަށް އަނބުރާ ދިނުމަށް ނޫނެކޭ ބުނުމާއި އިޒްރޭލުގެ ވެރިރަށަކަށް ޤުދުސް ހެދުމަށް ވަޢުދުވުން.
- 1967 ވަނަ އަހަރުގެ ހަނގުރާމައި އިޒްރޭލުން ފޭރިގަތް ބިންތައް ދޫކޮށްލާ، އޭގެ ކުރިން އދ އިން ކުރަހާ، ދެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ ބޯޑަރުތައް ބަލައިގަނެ، އެ ހިސާބަށް ފަހަތަށް ޖެހުމަށް ނޫނެކޭ ބުނުން.
- ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ތިބި ޔަހޫދީ ވަޒަންވެރިން އެތަންތަނުން ބޭލުމަށް ނޫނެކޭ ބުނުން.
- ހުޅަނގު އައްސޭރިއާއި ޣައްޒާގައި ޢަރަބި ލަޝްކަރެއް ހެދުމަށް ނޫނެކޭ ބުނުން.
- ފަލަސްޠީނުގެ ރެފިއުޖީން އެބައިމީހުންގެ ރަށްތަކަށް އެނބުރި ދިއުމަށް ނޫނެކޭ ބުނުން. [1]
އެހެންކަމުން އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށްވެ، ނިކަމެތިވެފައި ތިބި ފަލަސްޠީނުގެ އަހުލުވެރިންނަށް އަލިމަގެއް ނުފެނުނެވެ. އެއާއެކުވެސް ފަލަސްޠީނުގެ އަހުލުވެރިން އެބައިމީހުންގެ އަމިއްލަ ނަފްސާއި ވަޒަނުގެ ދިފާޢުގައި މަސައްކަތްކުރުން ހުއްޓައެއް ނުލައެވެ. އެބައިމީހުންނާ ދެކޮޅަށް އަނިޔާވެރިކަން ދައްކާ ކޮންމެ ފަހަރަކު، އެބައިމީހުންވެސް އެބައިމީހުންގެ އަތުގައި ހުރި އެއްޗަކުން އަނިޔާވެރި ޔަހޫދީންނާ ކުރިމަތިލަމުން ދިޔައެވެ. އޭގެ ސަބަބުން ކޮންމެ އިރަކުވެސް ހުޅުފަޅައިގެން ގޮސް ބޮޑު ކުރިމަތިލުމަކަށް ގޮސްދާނެކަމުގެ ބިރު ޔަހޫދީ ދައުލަތާއި އެމެރިކާއަށްވެސް އޮތެވެ.
އެފަދަ ކަމެއް ހިނގުމުގެ ކުރިން، މެދުއިރުމައްޗަށް ޞުލްޙަ ގެނައުމުގެ ނަމުގައި އެމެރިކާ ރައީސް ބިލް ކްލިންޓަން (Bill Clinton) އިސްނަގައިގެން، 2000 ވަނަ އަހަރުގެ ޖުލައި މަހުގެ 11 އިން 24 އަށް ކޭމްޕް ޑޭވިޑުގައި ބައްދަލުވުންތަކެއް ބޭއްވިއެވެ. މި ބައްދަލުވުންތައް މަޝްހޫރުވެފައިވަނީ ކޭމްޕް ޑޭވިޑް ސަމިޓް (Camp David Summit)ގެ ގޮތުގައެވެ. ދެވަނަ އިންތިފާޟާއަށް މަގުފަހިވި އެއް ސަބަބަކީ މި ސަމިޓުގައި އެއްބަސްވި ކަންކަން ޙާޞިލު ނުކުރެވުމެވެ.
އަނެއް ސަބަބަކީ ޔަހޫދީ ދައުލަތުގެ އަނިޔާވެރި، ކުރީގެ ސިފައިންގެ ޖެނެރަލް އޭރިއަލް ޝެރޯންގެ ބޮޑުވަޒީރުކަމުގެ ކެމްޕޭނުގައި، އެތައް ހާސް އިޒްރޭލު ސިފައިންގެ ޙިމާޔަތުގައި މަސްޖިދުލް އަޤްޞާއަށް ވަނުމެވެ.
* ކޭމްޕް ޑޭވިޑް ސަމިޓް (11 – 24 ޖުލައި 2000)
ބިލް ކްލިންޓަން އިސްނަގައިގެން 2000 ވަނަ އަހަރުގެ ޖުލައި މަހުގެ 11 އިން 24 އަށް ކޭމްޕް ޑޭވިޑްގައި ބޭއްވި ސަމިޓްގައި ބައިވެރިވުމަށް ޔާސިރު ޢަރަފާތު އެއްބަސްވީ، މަސްޖިދުލް އަޤްޞާއާއި ޤުދުސްއަކީ ޔާސިރު ޢަރަފާތުގެ ރަތް ރޮނގުކަން ފާހަގަކޮށް، އިޒްރޭލުން ބޭނުން ކޮންމެ ގޮތަކަށް އެއްބަސް ނުވާނެކަމުގައި ބުނަމުންނެވެ.
އިޒްރޭލުން ކުރީގެ އެއްވެސް އެއްބަސްވުމެއް ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާތީ، ފަލަސްޠީނުގެ ބައެއް މީހުން ބުނަމުންދިޔައީ މި ސަމިޓަކީ އެމެރިކާއާއި އިޒްރޭލު ގުޅިގެން ފަލަސްޠީނާ ދެކޮޅަށް ޖަހާ މަޅިއަކަށްވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލަ ވަކި ގޮތަކަށް ނުނިންމި އޮތީ ޔާސިރު ޢަރަފާތު އެބައިމީހުންނަށް އެއްބާރުލުން ނުދޭތީކަމަށް ބުނެ، މި ސަމިޓު ނާކާމިޔާބުވެއްޖެނަމަ އެކަން ޔާސިރު ޢަރަފާތުގެ ބޮލުގައި އެޅުވުމުގެ ފުރުޞަތު އޮތްކަމަށްވެސް އެބައިމީހުން ބުނަމުން ދިޔައެވެ. އެހެންކަމުން މި ސަމިޓުގައި ނިންމާ ނިންމުންތައް ފުރިހަމައަށް ބަލައިގަނެ ތަންފީޒުކުރާނެކަމުގެ ޔަޤީންކަން އިޒްރޭލުން ދިނުމަށް އެބައިމީހުން އެދުނެވެ. ނަމަވެސް އިޒްރޭލުގެ ސަރުކާރުން އެފަދަ އެއްވެސް ޔަޤީންކަމެއް ނުދެއެވެ. ފަލަސްޠީނުގެ ސަރުކާރުންވެސް މި ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ވެދާނެކަމަށް ޤަބޫލެއް ނުކުރެއެވެ.
މި ސަމިޓާ ހަމައަށް ދިޔައިރު ފަލަސްޠީނު ސަރުކާރާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވިއެވެ. އެއީ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި އެއްބަސްނުވެވޭ ކަންތައްތަކެއް ހުރިކަން ހާމަވުމުންނެވެ. ޔާސިރު ޢަރަފާތަށް ފަހު، ދެން ފަލަސްޠީނުގައި އެންމެ އިސްކޮށް ތިބީ މަޙްމޫދު ޢައްބާސް (އަބޫ މާޒިން)އާއި އަޙްމަދު ޤުރައްޔިޢު (އަބޫ ޢަލާ)އެވެ. ނަމަވެސް މަޙްމޫދު ޢައްބާސްއާއި އަބޫ ޢަލާއާ ދެމެދުގައި ޚިލާފުތަކެއް އުފެދިފައިވިއެވެ. ސަރުކާރުގެ އެންމެ އިސް ތިން ފަރާތުގެ މެދުގައި ޚިލާފުތަކެއް ހުރުމުން އޭގެ އަސަރު ރައްޔިތުންނަށްވެސް ފެންނަމުން ދިޔައެވެ. މިއީވެސް މި ސަމިޓާމެދު ފަލަސްޠީނުގެ އަހުލުވެރިންނަށް އުންމީދު ކުޑަވިކަމެކެވެ. އަދި އެމެރިކާއާއި އިޒްރޭލުން މިކަންކަމުގެ ބޭނުން ހިފާ، އިތުރު މަޝްވަރާއަކަށް ފުރުޞަތު ނުދީ، މި ސަމިޓުގެ 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމަށް ޔާސިރު ޢަރަފާތަށް މަޖުބޫރުކުރުވިއެވެ.
އެންމެ ފަހުން މި ސަމިޓުގެ ކަންކަން ނިމިގެން ދިޔައީ ފަލަސްޠީނުގެ ރައްޔިތުން ހީކުރި ގޮތަށެވެ. ޤުދުސްގެ މައްސަލައިގައި ޔާސިރު ޢަރަފާތު ދޫނުދިނުމުން އެއްވެސް ކަމަކަށް އެއްބަސްނުވެވި، ހުސް ވާހަކަތަކެއް ދެއްކުމަށް ފަހު، އެމެރިކާއިން މި ސަމިޓު ނިންމާލީ އެހޫދު ބަރާކުގެ “ހިތްވަރުގަދަކަމަށް” ތައުރީފުކުރަމުންނެވެ. އަދި އެއްވެސްކަމެއް ޙާޞިލުނުކުރެވުމުގެ ހުރިހާ ޒިންމާއެއް އެޅުވީ ޔާސިރު ޢަރަފާތުގެ ބޮލުގައެވެ. އަދި އެއް ފަހަރުން ހުރިހާ ކަމެއް ނިންމުމަށް ލިބުނު ފުރުޞަތު، ފަލަސްޠީނުން ބޭކާރުކޮށްލިކަމުގައި ސިފަކުރިއެވެ. [2]
އެއްވެސް އަލިމަގެއް ނުފެނި މި ސަމިޓު ނިންމާލުމަށް ފަހުގައި، އެމެރިކާއިން ނެރުނީ 5 ނުކުތާގެ މައްޗަށް އެކުލެވޭ ކުރު ބަޔާނެކެވެ. އޭގައިވަނީ:
- ދެ ފަރާތުންވެސް އެއްބަސްވެފައިވަނީ މި ސަމިޓަކީ ޞުލްޙަވެރި، ދާއިމީ ހައްލަކަށް އެދިގެން ކުރިއަށް ގެންދިޔަ ސަމިޓެއްކަމުގައެވެ.
- ދެ ފަރާތުންވެސް ދާއިމީ ހައްލަކަށް ވާޞިލުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެއްބަސްވެއެވެ.
- އދ ޤަރާރާ އެއްގޮތަށް ކުރިއަށް ދިއުމަށް ވުރެ އިންސާފުވެރި ގޮތެއް ނެތްކަމަށް ދެ ފަރާތުންވެސް އެއްބަސްވެއެވެ.
- އަމިއްލަ އަމިއްލައަށް ގޮތް ނުނިންމާ، މަޝްވަރާކޮށްގެން ކަންކަން ނިންމުގެ މުހިންމުކަމުގެ މައްޗަށް ދެ ފަރާތުންވެސް އެއްބަސްވެއެވެ.
- ދެ ފަރާތުގެ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެމެރިކާއިން ކަމަށްވާތީ، އެމެރިކާގެ ރައީސް ބިލް ކްލިންޓަނާއި ސެކްރެޓަރީ އޮފް ސްޓޭޓް މެޑަލިން އޯލްބްރައިޓާއެކު، ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރުމަށް ދެ ފަރާތުންވެސް އެއްބަސްވެއެވެ. [3]
* އޭރިއަލް ޝެރޯން މަސްޖިދުލް އަޤްޞާއަށް ވަނުން (28 ސެޕްޓެމްބަރު 2000)
އޭރިއަލް ޝެރޯން (Ariel Sharon)އަކީ އިޒްރޭލުގެ ދިފާޢީ ބާރުގައި މަސައްކަތްކުރި ކުރީގެ (ރިޓަޔަރޑް) ސިފައިންގެ ޖެނެރަލެކެވެ. އިޒްރޭލުން ޢަރަބިންނާ ދެކޮޅަށް ކުރި 5 ހަނގުރާމައެއްގައި އޭނާ ބައިވެރިވިއެވެ. އަދި އެތަނުން އެއް ހަނގުރާމައިގެ ކޮމާންޑަރަކަށް އޭނާ ހުއްޓެވެ. އޭނާއަކީ ޔަހޫދީން ފަލަސްޠީނުގެ އަހުލުވެރިންނާ ދެކޮޅަށް ހިންގި އެތައް ޤަތުލްޢާންމެއްގައި އިސްކޮށް ޙަރަކާތްތެރިވި، ޔަހޫދީންގެ ތެރޭގައިވެސް ހައްދުފަހަނަ އެޅުމުގައި ނަގާ ކިޔޭ މީހެކެވެ. އެގޮތުން 1982 ވަނަ އަހަރު ޞަބްރާ (Sabra)އާއި ޝާތީލާ (Shatila)ގައި ހިންގި ޤަތުލުޢާންމު ފާހަގަކޮށްލެވެއެވެ.
އޭނާ މަސައްކަތްކުރީ 2000 ވަނަ އަހަރު އޮތް އިޒްރޭލުގެ ބޮޑުވަޒީރުކަމުގެ އިންތިޚާބު ކާމިޔާބުކުރުމަށެވެ. އޭނާއަކީ އޭރުގެ އިދިކޮޅު ޕާޓީގެ ލީޑަރެވެ. އިބްތިޚާބުގެ ކެމްޕޭނުގައި، އޭނާ ވަޢުދުވީ އިޒްރޭލުގެ ދިފާޢީ ބާރަކީ ޔަހޫދީ ދައުލަތުގެ އަމާންކަން ބެލެއްޓޭ ފެންވަރުގެ ވަރުގަދަ ލަޝްކަރަކަށް ހަދާ، 100 ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ އަހުލުވެރިން ކުޑަކަކޫ މައްޗަށް ތިރިކުރާނެކަމަށެވެ. ނަމަވެސް އޭނާއަށް އެ ވަޢުދެއް ނުފުއްދުނެވެ.
އޭނާ އިންތިޚާބަށް ކެމްޕޭނުކުރުމުގެ ތެރޭގައި 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ދެހާހެއްހާ އިޒްރޭލު ސިފައިންގެ ހިމާޔަތުގައި މަސްޖިދުލް އަޤްޞާއަށް ވަނެވެ. މިކަން ވެގެންދިޔައީ މުސްލިމު އުންމަތުގެ، ޚާއްޞަކޮށް ފަލަސްޠިނުގެ އަހުލުވެރިންގެ ލޭ ކެކިގެން ދިޔަކަމަކަށެވެ. ޝެރޯންގެ މި ޢަމަލުވެގެން ދިޔައީ އަލިފާނަށް ދަރުއެޅުން ކަހަލަ ކަމަކަށެވެ. އެއާއެކު ޝެރޯންއާއި ޔަހޫދީ ދައުލަތާ އަދި ފޭރިގަނެފައިވާ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންނާ ދެކޮޅަށް ފަލަސްޠީނުގެ އަހުލުވެރިން ނުކުތެވެ. އެ ހިސާބުން ފަލަސްޠީނުގައި ދެވަނަ އިންތިފާޟާ ފެށުނީއެވެ. [4]
=ނުނިމޭ=
[1] ބައްލަވާ: History of Palestine: A Methodical Study of the Palestine Struggle by by Dr. Mohsen Mohammed Saleh (page 306 – 307).
[2] ބައްލަވާ: A Palestinian Perspective on the Failure of the Permanent Status Negotiations: Strategic Analysis by Khalil Sikaki (page 11 – 12).
[3] ބައްލަވާ: Trilateral Statement: Middle East Peace Summit, July 25, 2000.
[4] ބައްލަވާ: History of Palestine: A Methodical Study of the Palestine Struggle by by Dr. Mohsen Mohammed Saleh (page 353).