[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ރޯދައާއި ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް – 11

ޤަޟާ ރޯދައާ ގުޅޭ އެހެނިހެން ބައެއް މައްސަލަތައް

 

ފުރަތަމަ މައްސަލަ: ދިގު ދުވަސްތަކެއްގައި ހިފަން ޖެހުނު ރޯދައެއް ފާއިތުވެގެން އަލުން އެހެން ދުވަހެއްގައި އެ ރޯދަ ޤަޟާކުރާއިރުގައި، ކުރު ދުވަސްތަކުން ދުވަހެއްގައި ޤަޟާ ކުރުމަކު މައްސަލައެއް ނެތެވެ. ލަޖްނާ ދާއިމާގެ ފަތުވާގައި ވިދާޅުވިއެވެ.

“ފިނި މޫސުމުގައި ވިޔަސް ނުވަތަ އެހެނިހެން ދުވަސްތަކެއްގައި ވިޔަސް މީހެއްގެ މައްޗަށް ވާޖިބުވެގެން ވަނީ ޖެހިގެން އަންނަ ރަމަޟާން މަސް ބައްދަލުކުރުމުގެ ކުރިއަށް، ފާއިތުވި ރަމަޟާން މަހުން ދޫކޮށްލި ކޮންމެ ރޯދައަކަށް ރޯދައެއް ޤަޟާ ކުރުމެވެ. އެހެނީ الله ތަޢާލާ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ.

﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [سُورَةُ البَقَرَة: 185]

މާނައީ: “އަދި ބަލިމީހާ ނުވަތަ ދަތުރުވެރިޔާ އެހެނިހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރާށެވެ.”

އަދި ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން އެކަމަނާގެ ޤަޟާ ރޯދަތައް ޝަޢުބާން މަހުގައި މެނުވީ ޤަޟާ ނުކުރެވޭ ކަމުގައި ރިވާވެގެންވެއެވެ.” [1] [2]

 

ދެވަނަ މައްސަލަ: ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން ޤަޟާ ރޯދަތައް ހިފަން ފެށުމުގައި މައްސަލައެއް ނެތެވެ. މީހުންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ ފިޠުރު ޢީދު ދުވަހަކީ 3 ދުވަސް ކަމުގައެވެ. ނަމަވެސް މިއީ ހަމައެކަނި ޢުރުފީ ގޮތުން (އާދަކާދައިގެ ގޮތުން) ޢާންމުވެފައި އޮންނަ ކަމެކެވެ. މިކަމުގެ މައްޗަށް ޝަރުޢީ ޙުކުމެއް ބިނާވެގެން ނުވެއެވެ.

އިމާމު ބުޚާރީ رَحِمَهُ اللهُ ވިދާޅު ވިއެވެ.

“ފިޠުރު ޢީދު ދުވަހު ރޯދަ ހިފުން (އެބަހީ އެކަމުގެ ޙުކުމް) ނަންގަނެވުނު ބާބު” އަބޫ ސަޢީދު رَضِيَ اللهُ عَنْهُ ވިދާޅު ވިކަމަށް ރިވާވެގެން ވެއެވެ.

«نَهَى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ صَوْمِ يَوْمِ الفِطْرِ وَالنَّحْرِ» [3]

މާނައީ: “ފިޠުރު ޢީދު ދުވަހު އަދި ނަޙްރުގެ ދުވަހު[4] ރޯދަ ހިފުން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ނަހީކުރެއްވިއެވެ.”

މި ޙަދީޘުގެ މައްޗަށް ބިނާކޮށް ޝަރުޢީ ގޮތުން ފިޠުރު ޢީދު ދުވަހަކީ އެންމެ ދުވަހެކެވެ. އަދި ރޯދަހިފުން ޙަރާމުވެގެން ވަނީ އެ ދުވަހުގައެވެ. ޝައްވާލު މަހުގެ ދެވަނަ އަދި ތިންވަނަ ދުވަހު ރޯދަހިފުން ޙަރާމުވެގެން ނުވެއެވެ. މި ދެ ދުވަހު ރަމަޟާން މަހުގެ ޤަޟާ ރޯދަ ނުވަތަ ސުންނަތް ރޯދަ ހިފުން ވެސް ހުއްދަވެގެން ވެއެވެ.

 

ތިންވަނަ މައްސަލަ: އުންމަތުގެ އިމާމުން އިއްތިފާޤުވެއްލާ ގޮތުގައި ވާޖިބުވެގެންވަނީ ރަމަޟާން މަހުން ދޫކޮށްލި ރޯދައަކަށް ރޯދައެއް ޤަޟާކުރުމެވެ. އެއީ އަންނަނިވި އާޔަތުގެ މައްޗަށް ބިނާކޮށެވެ.

﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [سُورَةُ البَقَرَة 185]

މާނައީ: “އަދި ބަލިމީހާ ނުވަތަ ދަތުރުވެރިޔާ އެހެނިހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރާށެވެ.”

މި ދުވަސްތައް ޤަޟާކުރާއިރު ވިދިވިދިގެން ރޯދަ ހިފުން ޝަރުޠުވެގެން ނުވެއެވެ. ބޭނުންވާ ނަމަ ވިދިވިދިގެންވެސް އަދި ވަކިވަކިންވެސް ހިފިދާނެއެވެ. ކޮންމެ ހަފްތާ އަކު ރޯދައެއް ނުވަތަ މަހަކު ރޯދައެއް ނުވަތަ އެ މީހަކަށް ފަސޭހަގޮތަކަށް ހިފަންވީއެވެ. މީގެ ދަލީލަކީ ބަޔާންވެދިޔަ އާޔަތެވެ. ފަހެ ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ހިފުމުގައި ވިދިވިދިގެން ރޯދައަށް ހުރުން ޝަރުޠުވެގެން ނުވެއެވެ. ނަމަވެސް ވާޖިބުވެގެން ވަނީ ދޫކޮށްލި ކޮންމެ ރޯދައަކަށް ރޯދައެއް ހިފައި ހަމަކުރުމެވެ.[5]

ޤަޟާ ރޯދައަށް ހުންނައިރު ވިދިވިދިގެން ނުހުރެ އެކި ދުވަސްތަކުގައި ހުރެވޭނެތޯ ލަޖްނާ ދާއިމާއާ ސުވާލު ކުރެވުނެވެ. ފަހެ ޖަވާބުގައި ވިދާޅު ވިއެވެ.

“އާނއެކެވެ. އޭނާގެ މައްޗަށްވާ ޤަޟާ ރޯދަތައް އެކި ދުވަސްތަކުގައި ހުރެވިދާނެއެވެ. އެއީ الله ތަޢާލާގެ އަންނަނިވި އާޔަތުގެ މައްޗަށް ބިނާކޮށެވެ.

﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [سُورَةُ البَقَرَة 185]

މާނައީ: “އަދި ބަލިމީހާ ނުވަތަ ދަތުރުވެރިޔާ އެހެނިހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރާށެވެ.”

ފަހެ ޤަޟާ ކުރުމުގައި ވިދިވިދިގެން ރޯދައަށް ހުރުން ޝަރުޠު ނުކުރައްވައެވެ.”[6]

އައްޝައިޚު އިބްނު ބާޒު رَحِمَهُ اللهُގެ ފަތުވާގައިވެއެވެ.

“ދެ ދުވަސް ނުވަތަ ތިން ދުވަސް ނުވަތަ މިއަށް ވުރެ ގިނަ ދުވަހުގެ ރޯދަ ދޫކޮށްލައިފި ނަމަ، އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެ ދުވަސްތައް ޤަޟާކުރުމެވެ. ޤަޟާ ކުރުމުގައި ވިދިވިދިގެން ރޯދައަށް ހުރުމަކީ ޝަރުޠެއް ނޫނެވެ. ވިދިވިދިގެން ރޯދަތައް ޤަޟާކުރުން މޮޅުއިތުރެވެ. ނަމަވެސް ވިދިވިދިގެން ނުހިފި ނަމަ އެއީ މައްސަލައެއް ނޫނެވެ.”[7]

 

ހަތަރުވަނަ މައްސަލަ: ޤަޟާ ރޯދަތަކުގެ މައްޗަށް ސުންނަތް ރޯދަ އިސްކުރުމެވެ. އެބަހީ ޤަޟާ ރޯދަތައް ހިފައި ފުރިހަމަ ނުވަނިސް ސުންނަތް ރޯދަތައް ހިފުމެވެ. މި މައްސަލައިގައި ޢިލްމުވެރިން ޚިލާފުވެލައްވައެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޤަޟާ ރޯދަތައް ހިފައި ނިމުމުގެ ކުރިން ސުންނަތް ރޯދަ ހިފުން ޞައްޙަވެގެން ނުވެއެވެ. އަދި މި ފަދައިން ޢަމަލުކުރާ މީހާ ފާފަވެރި ވާނެއެވެ. މި ބޭކަލުންގެ ވިދާޅުވާ ގޮތުގައި ފަރުޟެއް އަދާކުރަން ޖެހިފައި ވަނިކޮށް ސުންނަތެއް އަދާނުކުރެވޭނެއެވެ. އެހެނީ ފަރުޟު އަދާކުރުމަށް ސުންނަތް އަދާކުރުމަށް ވުރެ ބޮޑަށް ބާރުއެޅިފައި ވެއެވެ.

އަނެއްބައި ބޭކަލުން ދެކިލައްވާ ގޮތުގައި ވަޤުތު ތަނަވަސްވެފައި ވާނަމަ، ޤަޟާ ރޯދަތަކުގެ މައްޗަށް ސުންނަތް ރޯދަ ހިފުން އިސްކުރެވިދާނެއެވެ. އަދި ވިދާޅުވިއެވެ. ވަގުތު ތަނަވަސްވެފައި ވާހާ ހިނދަކު ޤަޟާ ރޯދައިގެ ކުރިން ސުންނަތް ރޯފަ ހިފުން ހުއްދައެވެ. އެއީ ފަރުޟު ނަމާދު އަދާކުރުމުގެ ކުރިއަށް ސުންނަތް ނަމާދުކުރުން ފަދައެވެ. މިޘާލަކަށް މެންދުރު ނަމާދު ވަގުތު ފަށަނީ އިރު މެދު ޖެހުމަށް ފަހުގައެވެ، އަދި އެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރުވުމާ އެކު ވަގުތު ނިމެއެވެ. ނަމާދުގެ ވަގުތު ނިމުމާ ހަމައަށް ނަމާދު ލަސްކޮށްލުން ހުއްދަވެގެން ވެއެވެ. އަދި މި ވަގުތުގައި ސުންނަތް ނަމާދުކުރުން ހުއްދައެވެ. އެހެނީ ވަގުތު ތަނަވަސްވެގެން ވާތީއެވެ.

މިއީ ފިޤުހުވެރިންގެ ތެރެއިން ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ މި ބަސްފުޅު އިޚްތިޔާރުކުރައްވައި ވިދާޅުވިއެވެ.

“އެންމެ ފާޅުކަންބޮޑު އަދި ޞައްޙަ ބަސްފުޅާއި އެންމެ ކައިރި ބުނުމަކީ މިއެވެ. އަދި އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. (އެބަހީ ޤަޟާ ރޯދަ ހުއްޓައި ސުންނަތް ރޯދަ ހިފުމެވެ.) އަދި އޭނާ [މިފަދައިން ޢަމަލުކުރި ނަމަވެސް] ފާފަވެރި ނުވާނެއެވެ. އެހެނީ މި ކަމުގައި ޤިޔާސް ވަނީ ފާޅުވެގެންނެވެ. އަދި الله ތަޢާލާ ވަޙީކުރައްވައެވެ.

﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [سُورَةُ البَقَرَة 185]

މާނައީ: “އަދި ބަލިމީހާ ނުވަތަ ދަތުރުވެރިޔާ އެހެނިހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރާށެވެ.”

މާނައަކީ އޭނާ މައްޗަށް ވަނީ އެހެނިހެން ދުވަސްތަކެއް އެ ރޯދަތައް (އެބަހީ ދޫކޮށްލާ ރޯދަތައް) ޤަޟާކުރުމެވެ. ވިދިވިދިގެން ހިފުމަށް ޝަރުޠުކުރައްވާފައި ނުވެއެވެ. ވިދިވިދިގެން ހިފުން ޝަރުޠުކޮށްފައި ވާނަމަ، އެކަމުން ލާޒިމުކުރަނީ ވަޤުތުން ޤަޟާކުރަން ފެށުމެވެ. ފަހެ މިކަމުން ދަލީލިކޮށްދެނީ މި ކަމުގައި ޢަމަލުކުރުން ތަނަވަސްވެގެންވާ ކަމެވެ.”[8]

ޢަރަފާތް ދުވަހު އަދި ޢާޝޫރާ ދުވަހު ޤަޟާ ރޯދަހިފުން ހުއްދައެވެ. އަދި އެ މީހަކަށް ދެ އަޖުރު ލިބޭނެއެވެ. އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅު ވިއެވެ.

“ރަމަޟާން މަހުގެ ޤަޟާ ރޯދައެއް އޮވެ ޢަރަފާތް ދުވަހު ނުވަތަ ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާގެ ރޯދަ ޞައްޙަވާނެއެވެ. ނަމަވެސް މި ދުވަސްތަކުގައި ރޯދަ ހިފާއިރު ޤަޟާ ރޯދައަށް ވެސް ނިޔަތް ގަނެފިނަމަ، އެ މީހަކަށް ދެ އަޖުރު ލިބޭނެއެވެ. ޤަޟާ ރޯދައިގެ އަޖުރާ އެކު ޢަރަފާތް ދުވަހުގެ އަޖުރު ނުވަތަ ޢާޝޫރާ ދުވަހުގެ ރޯދައިގެ އަޖުރެވެ.”[9]

ނަމަވެސް މިއީ ރަމަޟާން މަހާއި ގުޅުމެއް ނުވާ މުޠުލަޤު ރޯދަ ތަކުގައެވެ. ޝައްވާލު މަހުގެ 6 ރޯދަ ފަދަ ރަމަޟާން މަހާއި ގުޅިގެން އަންނަ ރޯދައިގައި ވަނީ އެންމެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަތައް ފުރިހަމަ ކުރުމެވެ. އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅު ވިއެވެ.

“މިއީ ރަމަޟާން މަހާ ގުޅުމެއް ނެތް މުޠުލަޤު ސުންނަތް ރޯދަތަކާ ބެހޭގޮތުންނެވެ. ޝައްވާލު މަހުގެ 6 ރޯދައާ މެދު ދަންނައެވެ. މިއީ ރަމަޟާން މަހާ ގުޅިގެން އަންނަ ރޯދަތަކެކެވެ. ވުމާއެކު ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރުމަށް ފަހު މެނުވީ ޝައްވާލު މަހުގެ 6 ރޯދަ ހިފުމެއް ނުވެއެވެ. ޤަޟާ ރޯދަތަކުގެ ކުރިން ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި ނަމަ، 6 ރޯދައިގެ ޙާޞިލު ނުވާނެއެވެ. އެއީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަންނަނިވި ޙަދީޘް ބަސްފުޅުގެ މައްޗަށް ބިނާކޮށެވެ.

«مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ»  [10]

މާނައީ: “ރަމަޟާން މަހު ރޯދަ ހިފައި، އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން 6 [ދުވަހު] ރޯދަ ހިފައިފި މީހާ، މުޅި އަހަރުދުވަހު ރޯދަހިފި ފަދައެވެ.”

އަދި ޤަޟާކުރަން ޖެހިފައިވާ ރޯދަތަކެއް ހުއްޓައި އެ މީހަކު ރަމަޟާން މަހު އެއްކޮށް ރޯދަ ހިފި މީހެއް ކަމުގައި ނުބެލެވޭނެއެވެ.”[11]

 

ފަސްވަނަ މައްސަލަ: ރަމަޟާން މަހުގެ އެއް ދުވަސް އަދި ދެ ދުވަސް ކުރިން ޤަޟާ ރޯދަ ހިފުމުގައި މައްސަލައެއް ނެތެވެ. އިމާމު ނަވަވީ رَحِمَهُ اللهُ ވިދާޅު ވިއެވެ.

“ތިމަންބޭކަލުންގެ އަޞްޙާބުން (އެބަހީ: ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން) ވިދާޅުވިއެވެ. ރަމަޟާން މަހުގެ ކުރިން ޝައްކުގެ ދުވަހު ރޯދަހިފުން އެއްވެސް ޚިލާފަކާއި ނުލައި ޞައްޙަވެގެން ނުވެއެވެ. ނަމަވެސް މި ދުވަހުގައި ޤަޟާ ރޯދައެއް ނުވަތަ ނަދުރު ރޯދައެއް ނުވަތަ ކައްފާރާ ރޯދައެއް ހިފައިފި ނަމަ ޞައްޙަވާނެއެވެ. އެހެނީ ސަބަބަކާ ލައިގެން މި ދުވަހުގައި ސުންނަތްރޯދަ ހިފުން ހުއްދަވާ ނަމަ، ފަރުޟު ރޯދައެއް ހިފުން މާބޮޑަށް އައުލާވެގެން ވެއެވެ. އޭނާގެ މައްޗަށް ޤަޟާ ރޯދައެއް ވާނަމަ، އޭނާގެ މައްޗަށް ވަނީ އެ ރޯދައެއް ވަގުތުން ހިފުން ކަނޑައެޅި ވާޖިބުވެގެންނެވެ. އެހެނީ އޭނާއަށް އެވަނީ ވަގުތު ދަތިވެފައެވެ.”[12]

ދަތުރެއް ނުވަތަ ބައްޔެއް ނުވަތަ ނިފާސްކަން ފަދަ ޢުޛުރަކާ ލައިގެން ރަމަޟާންމަސް އެއްކޮށް ރޯދަ ދޫކޮށްލާ މީހާގެ މައްޗަށް ވަނީ ދޫކޮށްލި ދުވަހުގެ ޢަދަދަށް ރޯދަ ޤަޟާކުރުމެވެ. އެއީ އަންނަނިވި އާޔަތުގެ މައްޗަށް ބިނާކޮށެވެ.

﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [سُورَةُ البَقَرَة 185]

މާނައީ: “އަދި ބަލިމީހާ ނުވަތަ ދަތުރުވެރިޔާ އެހެނިހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރާށެވެ.”

 

ހަވަނަ މައްސަލަ: ރަމަޟާން މަސް ފުރިހަމަވެ 30 ދުވަސް ވެއްޖެނަމަ، އޭނާ ޤަޟާކުރާނީވެސް 30 ދުވަހެވެ. އަދި 29 ދުވަސް ވިނަމަ، އޭނާ ޤަޟާކުރާނީ 29 ދުވަހެވެ. ހަނދުމަހަކު 28 ދުވަހެއް ނުވާނެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާންމަސް އެއްކޮށް ދޫކޮށްލާ މީހާ ފުރިހަމަ 30 ދުވަސް ރޯދައަށް ހުންނާނީއެވެ. ނުވަތަ ހަނދުމަހެއް އެކީގައި ރޯދައަށް ހުންނާނީއެވެ.

އަލްމަރްދާވީ އަލްޙަންބަލީ رَحِمَهُ اللهُ ވިދާޅިވިއެވެ.

“އަސީރުވުމުގެ ސަބަބުން ނުވަތަ މިފަދަ ޢުޛުރެއް ދިމާވުމުގެ ސަބަބުން ރަމަޟާން މަސް އެއްކޮށް ރޯދަ ދޫކޮށްލާ މީހާ ޤަޟާކުރާނީ އޭނާ ދޫކޮށްލާ ރޯދައިގެ ޢަދަދަށެވެ. އެއީ ފާއިތުވާ ނަމާދުތަކާ އެއް ގޮތަށެވެ. މަޛްހަބުގައި (އެބަހީ ޙަންބަލީ މަޛްހަބުގައި) ޞައްޙަވެގެންވާ ބަހަކީ މިއީއެވެ.”[13]

އަލްޤާޟީ[14] رَحِمَهُ اللهُ ބަރަވެވަޑައިގެންނެވި ގޮތުގައި ހަނދުމަހެއް އެކީގައި ރޯދައަށް ހުރުމުން ފުދޭނެއެވެ. އެއީ ރަމަޟާން މަސް ފުރިހަމަ 30 ދުވަސް ނުވަތަ 29 ދުވަސް ވިޔަސް މެއެވެ. ހަނދުމަހެއް އެކީގައި ނުހިފާނަމަ، ޤަޟާ ކުރާނީވެސް 30 ދުވަހެވެ.[15]

ފުރަތަމަ ބަސްފުޅުގެ މައްޗަށް: މީހަކު ފުރިހަމަ މަހަކަށް ފަހު ނުވަތަ ފުރަތަމަ ދުވަހަށް ފަހު 29 ދުވަސް ރޯދަ ހިފައިފި ނަމަ، އަދި ފާއިތުވި ރަމަޟާން މަހަކީ 29 މަހެއް ނަމަ އޭނާއަށް އެކަން ފުދިގެންވެއެވެ.

ދެވަނަ ބަސްފުޅުގެ މައްޗަށް: ފުރިހަމަ ހަނދުމަހެއް އެކީގައި ހިފާނީއެވެ. ނުވަތަ 30 ދުވަސް ޤަޟާކުރާނީއެވެ.

ޢުލައިޝުލް މާލިކީ رَحِمَهُ اللهُ ވިދާޅު ވިއެވެ.

“ފަހެ މީހަކު ރަމަޟާން މަސް އެކީގައި ރޯދަ ދޫކޮށްލައި، އެއީ 30 ދުވަހުގެ މަހަކަށްވެފައި އަދި އޭނާ ޤަޟާކުރީ 29 ދުވަހުގެ ހަނދުމަހަކުން ނަމަ، އިތުރަށް އެއް ދުވަސް ރޯދައަށް ހުންނަން ޖެހޭނެއެވެ. (އެއީ ރަމަޟާން މަހުން ދޫކޮށްލި 30 ދުވަހުގެ ޢަދަދު ހަމަކުރުމަށެވެ.) މިއާ ޚިލާފަށް ރަމަޟާން މަހަކީ 29 ދުވަހުގެ މަހެއް ނަމަ އަދި ޤަޟާކުރުމުގައި 30 ދުވަހުގެ މަހަކަށް ވެއްޖެ ނަމަ، ފަހު ދުވަހުގައި ރޯދައަށް ހުންނާކަށް ނުޖެހޭނެއެވެ. އެއީ އަންނިވި އާޔަތުގެ މައްޗަށެވެ.

﴿فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [سُورَةُ البَقَرَة 185]

މާނައީ: “ފަހެ އެހެނިހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރާށެވެ.”

މަޝްހޫރު ބަސްފުޅަކީ މިއެވެ. އިބްނު ވަހްބު ވިދާޅު ވިއެވެ.

“އޭނާ ފުރިހަމަ ހަނދުމަހެއް ރޯދަހިފުމުން ފުދިގެން ވެއެވެ. އެއީ އެ މަހަކީ 29 ދުވަސް ކަމުގައި ވެފައި އަދި ރަމަޟާން މަހުގައި ވީ 30 ދުވަސް ކަމުގައި ވިޔަސްމެއެވެ.”[16]

 


 

[1] صحيح البخاري، كتاب الصوم – باب متى يقضى قضاء رمضان (1950)، صحيح مسلم، كتاب الصيام – باب قضاء رمضان فِي شعبان (1146)

[2] فتاوى اللجنة الدائمة – المجموعة الثانية 9 / 278

[3] صحيح البخاري، كتاب الصوم – باب صوم يوم الفطر (1991)

[4] ނަޙްރުގެ ދުވަހަކީ ޢަޟްޙާ ޢީދު ދުވަހެވެ. އެއީ ޙައްޖު މަހުގެ 10ވަނަ ދުވަހެވެ.

[5] ބައްލަވާ: المغني لابن قدامة – ت التركي 4 / 408

[6] فتاوى اللجنة الدائمة – المجموعة الأولى 10 / 346

[7] مجموع فتاوى ومقالات متنوعة – ابن باز 15 / 352

[8] الشرح الصوتي لزاد المستقنع – ابن عثيمين 1 / 3497

[9] مجموع فتاوى ورسائل العثيمين 20 / 48

[10] صحيح مسلم، كتاب الصيام – باب استحباب صوم ستة أيام من شوال إتباعا لرمضان (1164)

[11] مجموع فتاوى ورسائل العثيمين 20 / 48

[12] المجموع شرح المهذب – ط المنيرية 6 / 399

[13] الإنصاف في معرفة الراجح من الخلاف – ت التركي 7 / 497

[14] ޙަންބަލީ މަޛްހަބުގެ ފޮތްތަކުގައި އަލްޤާޟީއަށް ނިސްބަތްކުރެވެނީ ދެ ބޭކަލަކަށެވެ. މަޛްހަބުގެ މުތަޤައްދިމުންނާއި މުތަވައްސިޠުންގެ އަރިހުގައި އެއީ އަބޫ ޔަޢްލާ އަލްފައްރާއެވެ. (ނިޔާވީ ހިޖުރައިން 458). މުތައައްޚިރުންގެ އަރިހުގައި އެއީ އަލްމާވަރުދީއެވެ. (ނިޔާވީ ހިޖުރައިން 885). [ބައްލާވާ: تاريخ الفقه 1 / 259]

[15] الإنصاف في معرفة الراجح من الخلاف – ت التركي (7 / 498)

[16] منح الجليل شرح مختصر خليل (2 / 152)