[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ ފައިދާ

މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމަކީ ޢުލޫމުލް ޤުރުއާނުގެ (އެބަހީ: ކީރިތި ޤުރުއާނުގެ ޢިލްމުތަކުގެ) ތެރެއިންވާ ވަރަށް މުހިއްމު ބައެކެވެ. އަދި އެއީ އޭގައި މުހިއްމު އެތައް ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އޭގެ ތެރޭގައި:

  1. ކީރިތި ޤުރުއާނުގެ ބަލާޣާތްތެރިކަން އޭގެ އެންމެ މަތީ ދަރަޖައިގައި ފާޅުވުން. އެހެނީ ޤުރުއާނުގައި ކޮންމެ ބަޔަކާވެސް މުޚާޠަބުކޮށްފައި ވަނީ އެބައެއްގެ ޙާލަތާ އެންމެ އެކަށީވެގެންވާ ގޮތަކަށެވެ. އެއީ ހަރުކަމާއެކު ނުވަތަ މަޑުމައިރިކަމާ އެކުއެވެ.

ޝަރަޙަ:

މިއީ ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ އެންމެ މުހިއްމު އެއް ފައިދާއެވެ. އެއީ ކީރިތި ޤުރުއާނަކީ މުޚާޠަބުކުރުމުގައި ބަލާޣާތްތެރިކަމުގެ ގޮތުން އެންމެ މަތީ ދަރަޖައިގެ ފޮތެއްކަން އަހަރުމެން ދެނެގަތުމެވެ. އެހެނީ އެ ފޮތުގައި ކޮންމެ ބަޔަކާވެސް މުޚާޠަބުކޮށްފައި ވަނީ އެ ބައެއްގެ ޙާލަތާ އެންމެ އެކަށީވެގެންވާ ގޮތަށެވެ.

އަހަރުމެންވެސް ކީރިތި ޤުރުއާނުގެ މި އުސްލޫބުގައި ހިފެހެއްޓުމަކީ ނުހަނު ފައިދާ ކުރާނޭ ކަމެކެވެ. އަހަރެމެންވެސް ބަޔަކާ މުޚާޠަބުކުރަން ވާނީ އެ ބައެއްގެ ޙާލަތާއި އެކަށީގެންވާ ގޮތަކަށެވެ. އެހެނީ ބަލާޣާތްތެރި ގޮތަކީ މިއީއެވެ. އަދި އެންމެ މޮޅުއިތުރުވެގެންވަނީވެސް މި ގޮތެވެ. ޖާހިލުކަން ކުޑަ މީހަކާއި ޢިލްމުން މިންވަރެއް ލިބިގެންވާ، ގޮތްދޫނުކުރާ މީހާ އެއްފަދަވެގެން ނުވެއެވެ. ދެވަނަ މީހާއާ މުޚާޠަބުކުރުން ވަނީ ހަރު ގޮތެއްގައެވެ. އަދި ފުރަތަމަ މީހާއާ މުޚާޠަބުކުރުން ވަނީ މަޑުމައިތިރިކޮށެވެ.

  1. މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ ދެވަނަ ފައިދާއަކީ އިސްލާމީ ޝަރީޢަތުގެ ޙިކުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފާޅުކުރުމެވެ. އެހެނީ ޝަރީޢަތް ބާވައިލައްވާފައި ވަނީ މަރުޙަލާތަކެއްގައެވެ. އެބަހީ: އެންމެ މުހިއްމު ކަންކަން އެންމެ ފުރަތަމަ އަދި މުޚާޠަބު ކުރެވޭ މީހުންގެ ޙާލަތާއި އެބައިމީހުން ޤަބޫލުކުރުމަށް ތައްޔާރަށް ތިބި މިންވަރާ އަދި ޢަމަލުކުރުމަށް ތައްޔާރަށް ތިބި މިންވަރުގެ މައްޗަށް ރިޢާޔަތްކޮށެވެ.

ޝަރަޙަ

މިއީވެސް ކީރިތި ޤުރުއާނުގެ މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުގެ ފައިދާއެކެވެ. އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ ޙިކުމަތް އަހަރެމެން ދެނެގަތުމެވެ. ޝަރީޢަތް އެކީއެކަށް އެއްފަހަރާ ބާވައިލެއްވުނު ނަމަ، އެކަން ވަރަށް އުނގަދޫކަމަކަށް ވާނެއެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީޢަތް ބާވައިލެއްވުނީ ބައިބަޔަށެވެ. މީގެ މިޘާލަކީ ޝަރީޢަތުގެ އެންމެ ކުރީކޮޅު ރޯދަ، ޒަކާތް އަދި ޙައްޖު ފަރުޟު ނުކުރައްވެއެވެ. ނަމަވެސް މިކަންކަން ފަރުޟު ކުރެވުނީ މަދަނީ އާޔަތްތަކުގައެވެ.

ޙިކުމަތްތެރި ގޮތަކީ އެންމެ މުހިއްމު ކަންކަން އިސްކުރުން ހެއްޔެވެ؟ ނުވަތަ އެންމެ މުހިއްމު ގޮތް ފަސްކުރުން ހެއްޔެވެ؟

ޝަރީޢަތް ބާވައިލެއްވުމުގައި ޙިކުމަތްތެރި ގޮތަކީ އެންމެ މުހިއްމު ކަންކަމަށް އިސްކަން ދިނުމެވެ.

ދެން ސުވާލަކީ ދީނުގެ ކަންކަމަށް ދަޢުވަތުދޭ މީހާއަށް މި ގޮތަށް ޢަމަލުކުރެވޭނެ ހެއްޔެވެ؟

ޖަވާބު: އާނއެކެވެ. މާނައަކީ އަހަރެމެންނަށް ވަރަށް ބައިވަރު މުންކަރާތްތަކަށް އަރައިގަންނަ މީހަކު ފެނިއްޖެނަމަ، އޭނާއަށް ނަޞޭޙަތް ދޭން ފަށާނީ އެންމެ މުހިއްމު ކަމުންނެވެ. ހަމަ އެހެންމެ ދީނުގައިވާ އަމުރުތައް މީހަކަށް ކިޔައިދޭއިރުވެސް އެކީއެކަށް ކިޔައި ނުދޭނެއެވެ. ނަމަވެސް އަމުރުތައް ކިޔައިދޭނީ އެންމެ މުހިއްމު ކަންކަމުން ފެށިގެން ބައިބަޔަށެވެ.

މީހަކު މާތް اللهގެ މަގަށް ދަޢުވަތު ދިނުމަށް ކޮންމެވެސް ޤައުމަކަށް ދިއުމާ އެކު އޭނާއަށް އެބައިމީހުން ތަފާތު އެކި ބިދުޢަތަކާ އަދި ޚުރާފާތްތައް ގެންގުޅޭތަން ފެނުމުން، އެބައިމީހުންނާ އެންމެ ފުރަތަމަ ވާހަކަ ދައްކަން ފަށާނީ އެބައިމީހުން އޭނާގެ ވާހަކަ އަޑުއަހާ ފަދަ ވާހަކަތަކުންނެވެ. މިޘާލަކަށް: ނަމާދު ނުވަތަ ސުވަރުގެ ނުވަތަ ނަރަކަ ފަދަ ދެފަރާތުން ވެސް އެއްގަލަކަށް އަރާ ވާހަކަތަކުންނެވެ. އެއީ އެބަމީހުންގެ ހިތްތައް މަޑުމޮޅިވެ، އޭނާގެ ވާހަކަތައް އަޑުއަހަން ތައްޔާރުވަންދެނެއެވެ. އެންމެ ފުރަތަމަ ދާގޮތަށް މި ފަދައިން ނުބުނާއެވެ. “އޭ ބިދުޢަވެރި ދީނުގެ ކަންކަމާ ޚިލާފު މަގުފުރެދިފައިވާ މީހުންނޭވެ! ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” އެހެނީ މިފަދައިން އެންމެ ފުރަތަމަވެސް ބުނެފި ނަމަ ދެން އޭނާގެ ވާހަކަތައް އެބައިމީހުން އަޑު ނާހާނެއެވެ. الله ތަޢާލާގެ އަންނަނިވި އާޔަތާ މެދުގައި ވިސްނަވާށެވެ.

﴿وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّهِ فَيَسُبُّوا اللَّهَ﴾ [سُورَةُ الأَنعَام 108]

މާނައީ: “اللَّه ފިޔަވާ، އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެބައިމީހުން ޢަދާވާތްތެރިކަމުގެ ގޮތުން، اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ.”

ވުމާއެކު އެންމެ ފުރަތަމަ ފަށާނީ ދެބައިމީހުންގެ މެދުގައި ޚިލާފުވުމެއް ނުވާ، ދެބައިމީހުން ވެސް އިއްތިފާޤުވާ ކަންކަމުންނެވެ. މާތް الله ތިބާއަށް ދެއްވި ޢިލްމުގެ ދޮރުތައް އެބައިމީހުންނަށް ހުޅުވައިލާށެވެ. އެއީ ތިބާއަކީ ޢިލްމު ލިބިގެންވާ މީހެއްކަން އެބައިމީހުންނަށް އަންގައިދިނުމަށެވެ. އޭރުން އެބައިމީހުން ތިބާ ބަލައިގަނެ، ތިބާގެ ވާހަކަތައް ޤަބޫލުކުރާނެއެވެ.

  1. މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުމުގެ ތިންވަނަ ފައިދާއަކީ މާތް اللهގެ މަގަށް ގޮވައިލާ ދާޢީން ތަރުބިއްޔަތުކޮށް، އެބައިމީހުންވެސް ކީރިތި ޤުރުއާނުގައިވާ މައުޟޫޢުތަކާއި އުސްލޫބުތައް ދަޢުވަތުގެ މައިދާނުގައި ބޭނުންކުރުމެވެ. އެއީ އެންމެ މުހިއްމު ކަންކަމުން ފެށުމާއި، ހަރުކޮށް ބަސްބުނަން ޖެހޭ ޙާލަތްތަކުގައި ހަރުކޮށް ބަސްބުނުމާ އަދި މަޑުމައިރިވާން ޖެހޭ ޙާލަތްތަކުގައި މަޑުމައިތިރިވުމެވެ.

ޝަރަޙަ

މާތް الله ޙިކުމަތް ދެއްވަފައި މީހަކަށް، އޭނާގެ ކަންކަން ބައްޓަންކުރާނެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

 ﴿وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا﴾ [سُورَةُ البَقَرَة 269]

މާނައީ: “އަދި (އެ މީހަކަށް) ޙިކުމަތް ދެއްވި މީހާއަށް ފަހެ ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ.”

ކީރިތި ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ޙާލަތަށް ބަލައިލާށެވެ. އެއްޗެއް ނޭނގޭ ޖާހިލު މީހާއާ އެ މީހަކާ އެކަށޭނޭ ގޮތަކަށް މުޚާޠަބު ކުރައްވައެވެ. އަދި ދެކޮޅުވެރި މީހާއާ އެ މީހަކާ އެކަށޭނޭ ގޮތަކަށް މުޚާޠަބު ކުރައްވައެވެ. އެއްދަވަހަކު އަޢުރާބީންގެ (އެބަހީ: ސަހަރާ ތެރޭގައި އުޅޭ ހޭލުންތެރިކަން ކުޑަ މީހުންގެ) ތެރެއިން މީހަކު ޤަޟާޙާޖާ ކުރުމަށް ބޭނުންވުމުން، މިސްކިތުގެ އެއްފަރާތަށް ޖެހިލައި ކުޑަކަމުދާން ފެށިއެވެ. އޭނާ ހީކުރި ގޮތުގައި މިސްކިތަކީ ވެސް ހުސް ބިމެއް ފަދަ ތަނެކެވެ. ދެން ޞަޙާބީބޭކަލުން އޭނާއަށް އެކަން މަނާކޮށް އޭނާއަށް އެއްޗެހި ކިޔަން ފެއްޓެވިއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެބޭކަލުންނަށް އެކަން މަނާކުރައްވައި ޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން އޭނާ ނިމެންދެން ދޫކޮށްލާށެވެ!” މާނައަކީ އޭނާ ކުޑަކަމުގޮސް ނިމެންދެން ދޫކޮށްލާށެވެ. ދެން އޭނާ ކުޑަކަމުގޮސް ނިމުމުން އެތަނަށް ފެން އެޅުއްވުމަށް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޞަޙާބީބޭކަލުންނަށް އަމުރުކުރެއްވިއެވެ. ދެން އެ ކުޑަކަމުދިޔަ މީހާއަށް އެކަލޭގެފާނު ގޮވާލައްވައި، އެކަލޭގެފާނުގެ އަރިހަށް ގެނެސް އޭނާއަށް ޙަދީޘްކުރެއްވިއެވެ.

إِنَّ هَذِهِ الْمَسَاجِدَ، لَا تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ، وَلَا الْقَذَرِ، إِنَّمَا هِيَ لِذِكْرِ اللَّهِ عَزَّ وَجَلَّ، وَالصَّلَاةِ، وَقِرَاءَةِ الْقُرْآنِ [1]

މާނައީ: “ހަމަކަށަވަރުން މިސްކިތްތަކަކީ ކުޑަކަމުދިއުމަށް ނުވަތަ ބޮޑުކަމުދިއުމަށްވާ ތަންތަނެއް ނޫނެވެ. ނަމަވެސް މިސްކިތްތަކަކީ މާތް اللهއަށް ޛިކުރުކޮށް، ނަމާދުކޮށް އަދި ޤުރުއާން ކިޔެވުމަށްޓަކައި (ހަދާފައި)ވާ ތަންނަނެވެ.”

ދެން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މި ބަސްފުޅުން އެ އަޢުރާބީ މީހާގެ މޭ ތަނަވަސްވެގެން ދިޔައެވެ. އެހެނީ ޞަޙާބީބޭކަލުން އޭނާއަށް އެއްޗެހި ކިޔުމުގެ ސަބަބުން އޭނާ ހުރީ ހިތް ނުވަނަވަސް ވެފައެވެ. ދެން އެ އަޢުރާބީ މީހާ ބުންޏެވެ.

اللَّهُمَّ ارْحَمْنِي وَمُحَمَّدًا وَلَا تَرْحَمْ مَعَنَا أَحَدًا [2]

މާނައީ: “ޔާالله! އަހުރެންނަށާ އަދި މުޙައްމަދުގެފާނަށް ރަޙުމަތް ލައްވާނދޭވޭ! އަދި އަހުރެމެންނާ އެކު އިތުރު އެހެން އެއްވެސް މީހަކަށް ރަޙުމަތް ނުލައްވާނދޭވެ!”

ޞަޙާބީބޭކަލުންނަށް ވަނީ މިކަމުގައި ޢުޛުރުލިބިވަޑައިގެންނެވެ. އެހެނީ އެ ޢަމަލަކީ އިންކާރުކުރަން ޖެހޭ މުންކަރާތެކެވެ. ނަމަވެސް އެ މުންކަރާތް ހުއްޓުވުމުގައި ޙިކުމަތްތެރިކަން ވަނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޢަމަލުކުރެއްވި ގޮތުގައެވެ. ޢިލްމުވެރިން ވިދާޅުވެއެވެ. އެ އަޢުރާބީ މީހާ ކުޑަކަމުދިއުން ނިންމާނުލައި ތެދުވި ނަމަ، އެކަމުގައި ފަސާދަތަކެއް އެކުލެވިގެން ވީހެވެ. އޭގެ ތެރޭގައި:

  1. އެ ޙާލަތުގައި (އެބަހީ ކުޑަކަމުދިއުން ނިންމާނުލައި) ތެދުވިނަމަ އޭނާ ތެދުވާނީ އަޢުރަ ނިވާ ނުކޮށެވެ. (އެބަހީ: އަޢުރަ ފެންނަ ގޮތަށެވެ.) މިއީ ފަސާދައެކެވެ. އެއީ އޭނާގެ ހެދުމަށް ކުޑަކަމުދާ ތަކެތި ބުރާފާނެ ކަމެކެވެ. އަޢުރަ ނިވާވާ ގޮތަށް ތެދުވި ނަމަ އޭނާގެ ހެދުމުގައި ކުޑަކަމުދާ ތަކެތި ހޭކޭނެއެވެ. މިވެސް ފަސާދައެކެވެ.
  2. ކުޑަކަމުދާ އިރު ނިންމާ ނުލައި މެދުކަނޑާލައިފި ނަމަ، ކުޑަކަމުދާ ހޮޅީގައި ކުޑަކަމުދާ ތަކެތި ކޮންމެ ވެސް ވަރަކަށް ހުއްޓިފައި ހުންނާނެއެވެ. އަދި މިއީ އޭނާއަށް [ޞިއްޙީގޮތުން] ގެއްލުންވާނެ ކަމެކެވެ.
  3. އަދި ކުޑަކަމުދިއުން ނިންމާ ނުލައި ތެދުވެއްޖެ ނަމަ، ފަހަރުގައި ކުޑަކަމުދާ ތަކެތީގެ ތިކިތައް ޖެހި [ބިންމަތިން] ބޮޑު ސަރަހައްދެއް ނަޖިސްވެދާނެއެވެ.

ފަހެ އެކަލޭގެފާނުގެ ޙިކުމަތްފުޅަށް ބަލައިލާށެވެ. އަޢުރާބީ މީހާއާ މުޢާމަލާތް ކުރެއްވީ އޭނާގެ ޙާލަތާ އެންމެ އެކަށީގެންވާނެ ގޮތަށެވެ.

އެހެން ޙާދިޘާއަކަށް ބަލައިލަމާ ހިނގާށެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޢަބްދުالله އިބްނު އައްލުތައިބާ ކިޔޭ މީހަކު ޒަކާތް ނެންގެވުމަށް ފޮނުއްވެވިއެވެ. ޒަކާތް ނަގައިގެން އެނބުރި އައިސް ވިދާޅުވިއެވެ. ޒަކާތަށްވާ ބައި މިވަނީއެވެ. ދެން މިއީ ތިމަންނައަށެވެ. (އެބަހީ: ތިމަންނައަށް ހަދިޔާއަށް ލިބުނު ބައެވެ.) ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ކޯފާވެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. مَا بَالُ الْعَامِلِ نَسْتَعْمِلُهُ، فَيَأْتِينَا فَيَقُولُ: هَذَا مِنْ عَمَلِكُمْ وَهَذَا أُهْدِيَ لِي، أَفَلَا قَعَدَ فِي بَيْتِ أَبِيهِ وَأُمِّهِ، فَنَظَرَ هَلْ يُهْدَى لَهُ أَمْ لَا، فَوَالَّذِي نَفْسُ مُحَمَّدٍ، بِيَدِهِ لَا يَغُلُّ أَحَدُكُمْ مِنْهَا شَيْئًا، إِلَّا جَاءَ بِهِ يَوْمَ الْقِيَامَةِ يَحْمِلُهُ عَلَى عُنُقِهِ. [3]

މާނައީ: “ތިމަންކަލޭގެފާނު އެކި ކަންތައްތައް ޙަވާލުކުރައްވައި ފޮނުއްވާ މީހުން މިއީ ތިޔަބައިމީހުންގެ ތަކެއްޗޭ، ދެން މިހުރީ ތިމަންނައަށް ހަދިޔާއަށް ލިބުނު ތަކެއްޗޭ، ބުނަނީ ކީއްވެގެން ހެއްޔެވެ؟ އެމީހަކު އެ މީހެއްގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ ގޭގައި އިންދައި، އެ ހަދިޔާ އާދޭތޯ ނިކަން އިނދެބަލާށެވެ! ތިމަންކަލޭގެފާނުގެ ނަފުސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ޙަދީޘްކުރައްވަމެވެ. އޭގެން އެއްވެސް މިންވަރެއް ނުޙައްޤުން ނަގައިފިނަމަ، ޤިޔާމަތް ދުވަހުން ތިޔަބައިމީހުން އެތަކެތި ކޮނޑަށް ލައިގެން އުފުލާ ޙާލުގައި ޙާޟިރުކުރެވޭ ހުއްޓެވެ.”

މިއީ މުޚާޠަބު ކުރެއްވުމުގައި ގަދަފަދަ ބަސްތަކެކެވެ. ނަމަވެސް އެ މަޤާމާ އެންމެ އެކަށީގެންވާ ގޮތަކީ މިއެވެ.

އަދި ރަން އަނގޮޓިއެއް އަޅައިގެން ހުރި ފިރިހެން ބޭކަލެއް ފެނިވަޑައިގަތުމުން، އެކަލޭގެފާނު އެ އަނގޮޓި ނަންގަވައި އެއްލަވައިލެއްވިއެވެ. އެއީ ފިރިހެނުން ރަން އަނގޮޓި އެޅުމަކީ ޙަރާމު ކަމެކެވެ. މިއީ މުޢާމަލާތް ކުރެއްވުމުގައި ހަރު ގޮތެކެވެ. އަދި ޙަދީޘް ކުރެއްވިއެވެ.

يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ. [4]

މާނައީ: “އަނގުރު އަލިފާންކޮޅެއް އަތަށް ލައިގެން ހުރުމަށް ތިޔަބޭކަލުންގެ ތެރެއިން ބޭކަލަކު ބޭނުންވެ ވަޑައިގަންނަވަނީ ހެއްޔެވެ!؟”

މިހެން ޙަދީޘްކުރައްވައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަޑައިގަތުމުން، އަނގޮޓި ނަގައި އޭގެން އިތުރު މަންފާއެއް ހޯދުމަށް (އެބަހީ: އަތުގައި ނާޅައި މިޘާލަކަށް ވިއްކާލައިގެން ވިޔަސް މަންފާއެއް ހޯދުމަށް)، ކައިރީގައި ތިއްބެވި ބޭކަލުން އެބޭކަލެއްގެ ކައިރީ ވިދާޅުވިއެވެ. އެހިނދު އެބޭކަލަކު، الله ގަންދީ ހުވާކޮށް އެ އަނގޮޓި ނުނަންގަވާނޭ ކަމުގައި ވިދާޅުވިއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ނުރުހުންވެ، އެކަލޭގެފާނުގެ އަތްޕުޅުން އެއްލަވާލެއްވި އެއްޗެއް ދުވަހަކުވެސް ނުނަންގަވާނެކަމަށް ވިދާޅުވިއެވެ.

ވުމާއެކު އަޅުގަނޑުމެންގެ އަޚުންގެ ތެރެއިން މާތް اللهގެ މަގަށް ދަޢުވަތުދޭ މީހުންގެ ކިބައިން އެދެނީ މިފަދައިން ޢަމަލު ކުރުމަށެވެ. އަދި މި ޢަމަލުގައި ދިމާވާ ދަތިއުނދަގޫތަކަށް ކެތްތެރިވުމަށެވެ. އަދި ދަޢުވަތުގައި އުޅޭ ބައެއް އަޚުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމުގެ މައްޗަށް ކެތްތެރިވުމަށެވެ. އެހެނީ ކަންކަން ބަދަލުވެ، ތަނެއް އިޞްލާޙުވުމަކީ އެއްރޭ އެއްދުވަހުން ވާނޭ ކަމެއް ނޫނެވެ.

މީގެ އިތުރުން މާތް اللهގެ މަގަށް ދަޢުވަތު ދިނުމުގައި އަޅުގަނޑުމެންގެ މައްޗަށް ވަނީ ކީރިތި ޤުރުއާނުގެ މަންހަޖު ގެންގުޅުމެވެ. ދަޢުވަތު ދިނުމުގައި ކުރިއަށް ދާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެކެވެ. ނަމާދާއި ރޯދަ ހިފުމުގައި ފަރުވާކުޑަ މީހަކު ފެއްނިއްޖެނަމަ، އެމީހަކަށް ދަޢުވަތު ފަށާނީ ނަމާދުންނެވެ. އެހެނީ އެ ދެ ކަމުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ނަމާދެވެ. މިހާރުގެ ވަރަށް ގިނަ މީހުންގެ ކިބައިން ފެންނަ ފަދައިން ފަރުޟު ނަމާދުތަކުގައި ފަރުވާ ކުޑަކޮށް އަވަސްކޮށްލައި ނަމަވެސް ސުންނަތް ނަމާދުކުރުމުގައި މަޑުމައިތިރި އަދި ޛިކުރުތައް ކިޔުމުގައި ލަސް މީހަކު ފެނިއްޖެނަމަ، އެ މީހަކަށް ނަޞޭޙަތް ދިނުމުގައި ފަށާނީ ފަރުޟު ނަމާދުންނެވެ. އެހެނީ އެ ދެ ކަމުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ފަރުޟު ނަމާދެވެ. ފަހެ ދަޢުވަތު ދިނުމުގައި އުސްލޫބާއި މައުޟޫޢު އިޚްތިޔާރުކުރުމުގައި ޙާލަތަށް ރިޢާޔަތްކުރަން ވާނެއެވެ. އެއީ އޭނާގެ ދަޢުވަތުގައި މީސްތަކުން ތަރުބިއްޔަތުކުރުން ކީރިތި ޤުރުއާނާ އެއް އުސްލޫބަކުން ކުރިއަށް ގެންދިއުމަށެވެ.

  1. މައްކީ އަދި މަދަނީ ސޫރަތްތައް ދެނެގަތުމުމުގެ ހަތަރުވަނަ ފައިދާއަކީ: ނާސިޚާއި މަންސޫޚު އާޔަތްތައް ދެނެގަތުމެވެ. މިޘާލަކަށް: މައްކީ އަދި މަދަނީ އާޔަތެއް އޮވެފައި އަދި ނަސްޚުގެ ޝަރުޠުތައް ހަމަވެއްޖެނަމަ، މައްކީ އާޔަތުން މަދަނީ އާޔަތް ވާނީ ނަސްޚުވެފައެވެ. އެއީ އާޔަތް ބާވައިލެއްވުމުގައި މަދަނީ އާޔަތް ފަސްވެގެން ވާތީއެވެ.

 

ޝަރަޙަ

މައްކީ ސޫރަތަކީ ހިޖުރައިގެ ކުރިން ބާވައިލެއްވުނު ސޫރަތްތަކެވެ. އަދި މަދަނީ ސޫރަތަކީ ހިޖުރައިގެ ފަހުން ބާވައިލެއްވުނު ސޫރަތްތަކެވެ. މިކަން ވާނީ ކުރިން ބަޔާންވެ ގޮސްފައެވެ. ޖަމްޢު ނުކުރެވޭ ފަދަ ގޮތެއްގައި ތަޢާރުޟުވާ ދެ އާޔަތެއް ފެނިއްޖެނަމަ، ދެން އެ ދެ އާޔަތާ މެދު ޢަމަލުކުރާނީ ނަސްޚާ އެއްގޮތަށެވެ. އޭރުން ނަސްޚުގެ ޝަރުޠުތައް ހަމަވެފައި ވާނަމަ، މައްކީ އާޔަތުން މަދަނީ އާޔަތް ވާނީ ނަސްޚުވެފައެވެ. ނަސްޚުވުމަކީ އިސްލާމީ ޝަރީޢަތުގައި ޘާބިތުކަމެކެވެ. الله ތަޢާލާގެ އަންނަނިވި ދެ އާޔަތަށް ބަލައިލާށެވެ.

ފުރަތަމަ އާޔަތް: ﴿كُلُّ الطَّعَامِ كَانَ حِلًّا لِّبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ﴾ [سُورَةُ آل عِمرَان 93]

މާނައީ: “އިސްރާއީލުގެފާނު އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މައްޗަށް ޙަރާމްކުރެއްވި ތަކެތި ފިޔަވާ، އެންމެހާ ކާތަކެތި އެއީ، އިސްރާއީލުގެ ދަރިންނަށް ޙަލާލު ތަކެތި ކަމުގައި ވިއެވެ.”

ދެވަނަ އާޔަތް: ﴿فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ﴾ [سُورَةُ النِّسَاء 160] މާނައީ: “ޔަހޫދީން ކަމުގައިވީ މީހުންނަށް ޙަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެ މީހުންގެ މައްޗަށް ތިމަން އިލާހު ޙަރާމުކުރެއްވީ، އެ މީހުން އަނިޔާވެރިވުމުގެ ސަބަބުންނެވެ.”

އެ މީހުންގެ މައްޗަށް ފުރަތަމަ ޙަލާލުވެގެންވި ތަކެތި ފަހުން ޙަރާމުވީއެވެ. ޢީސާގެފާނާ ބެހޭގޮތުން މާތް الله ބަވައިލެއްވި އާޔަތާ މެދުގައި ވިސްނަވާށެވެ.

﴿وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ﴾ [سُورَةُ آل عِمرَان 50]

މާނައީ: “އަދި ތިޔަބައިމީހުންގެ މައްޗަށް (މީގެ ކުރިން) ޙަރާމުކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވުމަށް ޓަކައެވެ.”

ފަހެ ނަސްޚަކީ ހުރިހާ ޝަރީޢަތަކުވެސް ޘާބިތުކަމެކެވެ. އެހެން ނަމަވެސް އެއީ ނަސްޚުވުމުގެ ޝަރުޠުތައް ފުރިހަމަވެއްޖެ ނަމައެވެ.

ނަސްޚުގެ އެންމެ މުހިއްމު އެއް ޝަރުޠަކީ ދެ އާޔަތްވެސް ބާވައިލެއްވުނު ތާރީޚު އެނގުމެވެ. މާނައަކީ: އެއް އާޔަތް ބާވައިލެއްވުނީ އަނެއް އާޔަތުގެ ފަހުން ކަމެވެ. އާޔަތް ބާވައިލެއްވުނު ތާރީޚު ނޭނގޭ ޙާލު، މިވެނި އާޔަތެއް އެއީ ނަސްޚު ކުރެވިފައިވާ އާޔަތެކޭ ބުނުން ހުއްދަ ނުވާނެއެވެ. އެހެނީ ނަސްޚުގެ މާނައަކީ ކުރިން ބާވައިލެއްވުނު އާޔަތުގައިވާ ޙުކުމަށް ދެން ޢަމަލު ނުކުރުމެވެ. ދެ އާޔަތް ޖަމްޢު ނުކުރެވޭ ކޮންމެ ޙާލަތެއްގައި، ދެން އެއީ ނަސްޚުވެފައިވާ އާޔަތެއް ކަމުގައި އަވަސްއަރުވާލާފައި ނުބުނާށެވެ.

މިއީ މިހާރު ވަރަށް ގިނަ ފަރާތްތަކުން ޢަމަލުކުރާ ގޮތެކެވެ. ދެ އާޔަތެއް ޖަމްޢު ނުކުރެވޭ ކޮންމެ ޙާލަތެއްގައި އެއީ ނަސްޚުވެފައި އާޔަތެއްކަމުގައި ބުނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ގޯހެކެވެ. ޢިލްމެއް ނެތި މިގޮތަށް ނަސްޚުވެފައި ކަމަށް ބުނުމަކީ މާތް اللهގެ މައްޗަށް ހެދޭ ދޮގެކެވެ.


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله 


[1] صحيح مسلم (285). كتاب الطهارة، باب وجوب غسل البول وغيره من النجاسات إذا حصلت فِي المسجد.

[2] صحيح البخاري (6010). كتاب الأدب، باب رحمة الناس والبهائم.

[3] صحيح البخاري (6979). كتاب الأيمان والنذور، باب كيف كانت يمين النبي. وصحيح مسلم (1832) كتاب الإمارة، باب تحريم هدايا العمال.

[4] صحيح مسلم (2090) كتاب اللباس والزينة، باب فِي طرح خاتم الذهب.