الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
“ލައިލަތިލްޤަދްރިއަކީ ކޮން ރެއެއްކަން ކަނޑައެޅުމަށް މާ ބޮޑަށް ނުވިސްނާށެވެ!
* ޔަޤީންވާ ފުރަތަމަ ކަންތައް:
ފަހެ، ޙަކީމުވަންތަ، ޚަބީރުވަންތަ އިލާހުވަނީ އެ ރޭ ވަންހަނާ ކުރައްވާފައެވެ. އެއީ (ޞައްޙަ ޙަދީޘުން) ޔަޤީން ކަމެކެވެ.
* ޔަޤީންވާ ދެވަނަ ކަންތައް:
އަދި އެއިލާހު އަންގަވާފައިވަނީ ފަހު ދިހައިގެ ރޭތަކުގައި އެ ރޭ ހޯދުމަށެވެ. އޮނަހިރި ރޭތަކާއި ހިރި ރޭތަކުގައެވެ. އެއީވެސް (ޞައްޙަ ޙަދީޘުން) ޔަޤީން ކަމެކެވެ.
އެނޫން އެހެން ކަންކަމަކީ ބައެއް ފަހަރު ހީއެކެވެ. އަނެއް ބައި ފަހަރު ވަހުމެކެވެ.
ފަހެ، ހީއާމެދު ދަންނައެވެ. އެއީ އެ ރޭ ފާހަގަކުރެވޭނެ ކަމަށް ވާރިދުވެފައިވާ ޢަލާމާތްތަކެވެ.
އޭގެ ތެރޭގައި އެ ރޭގެ ހެޔޮކަމާއި، އެ ރެއަށް ފަހު އިރު އަރާއިރުގައި ސާފުކޮށް، ދޯދިތައް ނެތި އިރުއެރުމެވެ. ފަހެ އެއީ ކަނޑައެޅިގެން ޔަޤީންކޮށް ބުނަން އެނގޭނެ ކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ފެނުމަށް އުންމީދުކުރެވޭ ކަމެކެވެ.
އަދި ވަހުމާމެދު ދަންނައެވެ. ފަހެ އެއީ ޝުޢޫރުތަކެކެވެ. އަދި ގިނައިން ފެންނަ ކަންތައްތަކެކެވެ. އެއީ ތަޙުޤީޤު ނުކުރެވޭ ވަހުމެކެވެ. އަދި ފެންނަ ކަންކަމުން، ކުރެވޭ ހީއަށް އުފާވެރިކަން ގެނެސްދެއެވެ.
ފަހެ ތިބާވަނީ ޔަޤީނާއި ހީ އަދި ވަހުމުގެ މެދުގައެވެ. އެތަނުން ތިބާ ހިފާނީ ކޮން އެއްޗެއްގައި ހެއްޔެވެ؟
އެ ރެއަކީ (ރަމަޟާން މަހުގެ) ރޭތަކުގެ ތެރޭގައި ބަދަލުވަމުންދާ ރެއެވެ. އެކަމަށް ދަލީލު ލިބޭ ޙަދީޘްތައްވެއެވެ. ނުވަތަ (ބައެއް ޢިލްމުވެރިން ވިދާޅުވަނީ) އެއީ ކަނޑައެޅި ސާބިތުވެފައިވާ ރެއެކެވެ. އެހެނަސް އެއީ މަރުޖޫޙު (އެންމެ ބުރަދަން ހުރި ބަސްފުޅާ ޚިލާފު) ބަސްފުޅެކެވެ.
ފަހެ ތިބާވަނީ ދެގޮތަކުން ކުރެ އެއް ގޮތެއްގައެވެ.
(ފުރަތަމައީ) އެއީ ޔަޤީންކަމާއެކު އެ ރޭ ޙާޞިލުކުރުމުގައެވެ. އެގޮތުން ފަހުދިހަ އެއްކޮން، (ފަހުދިހަގެ ކޮންމެ ރެއަކު) ގަދައަޅާ މަސައްކަތްކުރުމުގައެވެ. ފަހެ އޭރުން ޝައްކެއް ނެތި ތިބާއަށް އެ ރޭ ޙާޞިލުވާނެއެވެ. އެއީ (ޞައްޙަ ޙަދީޘުން) ޔަޤީން ކަމެކެވެ. އެހެންކަމުން އެއީ މިކަމުގައި ޔަޤީންވާ 3 ވަނަ ކަންތަކެވެ. އަދި މަތިވެރިވެގެންވާ އުފާވެރިކަމުގެ ޚަބަރެކެވެ.
(ދެވަނައީ) އެންމެ ބޮޑަށް އުންމީދުކުރެވޭ ރެއަށް އިންތިޒާރުކުރުމެވެ. ފަހެ އޭރުން ފަހަރުގައި އެ ރޭ ޙާޞިލުވެސްވެދާނެއެވެ. ނުވަތަ ފަހަރުގައި އެ ރެއާމެދު އޮޅުންއަރައިގެން، އެ ރޭ ޙާޞިލުވެސް ނުވެދާނެއެވެ. އޭރުން، އެ މަސައްކަތްކުރެވެނީ ވަހުމަކަށެވެ. ނުވަތަ ހީއެއްގެ މައްޗަށެވެ!
ފަހެ ޔަޤީންވާ 3 ކަމުގައި ހިފާށެވެ. އަދި އެނޫން ގޮތްތައް ދޫކޮށްލާށެވެ. އޭރުން އެއްވެސް ޝައްކެއް ނެތި ކާމިޔާބުވާނެއެވެ. إن شاء الله.”
– د. لطف الله خوجه –
___________
ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ކަނޑަައެޅުމާ އަދި ހަމައެކަނި އެރޭ އަޅުކަމަށް ޚާއްޞަކުރުން