[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ޢަބްދުﷲ އާލުއްޝައިޚް – رحمه الله –

ފުރިހަމަ ނަން: ޢަބްދުލްޢަޒީޒު ބުން ޢަބްދުﷲ ބުން މުޙައްމަދު ބުން ޢަބްދުއްލަޠީފު ބުން ޢަބްދުއްރަޙްމާން ބުން ޙަސަން ބުން އައްޝައިޚް މުޙައްމަދު ބުން ޢަބްދުލްވައްހާބު

އުފަންވީ: 03 ޛުލްޙިއްޖާ 1362 ހ ގައި، މައްކާގައި

އަވަހާރަވީ: 01 ރަބީޢުލްއާޚިރު 1447 – 23 ސެޕްޓެމްބަރ 2025 ވީ އަންގާރަ ދުވަހު، ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި

 

ޝައިޚު އުފަންވީ ޢިލްމީ އާއިލާއެއްގެ ތެރެއަށެވެ. ޝައިޚުގެ ޢުމުރުފުޅުން ގާތްގަނޑަކަށް 8 އަހަރުގައި ހިޖުރައިން 1370 ވަނަ އަހަރު ޝައިޚުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެއާއެކުވެސް ވަރަށް ހަގު ޢުމުރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އެއީ ޝައިޚުގެ ޢިލްމީ ޙަޔާތުގެ ފެށުމެވެ. ޝައިޚުގެ ޢިލްމީ ޙަޔާތުގައި ކުރިމަތިލާން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އިމްތިޙާނަކީ ޒުވާން ޢުމުރުފުޅުގައި ލޮލުގެ ފެނުން ގެއްލުމެވެ. ނަމަވެސް އެކަމުގެ ސަބަބުން ޝައިޚުގެ ހިތްވަރާއި ޢަޒުމަކަށް ބަދަލެއް ނާދެއެވެ. ޝައިޚުގެ ފަރާތުން ފެނިގެން ދިޔައީ ކެތްތެރިކަމާއި ހިތްވަރުގަދަކަމެވެ. ޢިލްމު ޙާޞިލުކުރެއްވުމަށް ފަހުގައި، އެ ޢިލްމު އެހެން މީހުންނަށް ފޯރުކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.

 

ޢިލްމު ޙާޞިލުކުރެއްވުން:

* 1373 ހ: އައްޝައިޙް މުޙައްމަދު ބުން ސިނާނުގެ އަރިހުގައި ޤުރުއާން ހިތުދަސްކޮށް ނިންމެވި

* 1374 ހ – 1379 ހ: ރިޔާޟުގެ معهد إمام الدعوة العلمي ގައި ކިޔަވާ ވިދާޅުވި

* 1374 ހ – 1380 ހ: ސުޢޫދީ ޢަރަބިއްޔާގެ އޭރުގެ މުފްތީ، އައްޝައިޚް މުޙައްމަދު ބުން އިބްރާހީމް އާލުއްޝައިޚުގެ އަރިހުން كتاب التوحيد، الأصول الثلاثة އަދި الأربعين النووية ކިޔަވާ ވިދާޅުވި

* 1375 ހ – 1376 ހ: އައްޝައިޚް ޢަބްދުލްޢަޒީޒު އައްޝިޘްރީގެ އަރިހުން عمدة الأحكام އަދި زاد المستقنع ކިޔަވާ ވިދާޅުވި

* 1377 ހ – 1380 ހ: އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒުގެ އަރިހުން ފަރާއިޟު ކިޔަވާ ވިދާޅުވި

* 1379 ހ: އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ޞާލިޙު އަލްމުރްޝިދުގެ އަރިހުން ފަރާއިޟާއި ނަހޫ އަދި ތައުޙީދު ކިޔަވާ ވިދާޅުވި

* 1380 ހ – 1384 ހ: ރިޔާޟުގެ كلية الشريعة ގައި ޝަރީޢާއާއި ޢަރަބި ބަސް ކިޔަވާ ވިދާޅުވެ، ބެޗެލާސް ޑިގްރީ ޙާޞިލުކުރެއްވި

 

އަދާކުރެއްވި ވަޒީފާތަކާއި ޢައްޔަނުކުރެވުނު މަޤާމުތައް:

* 1384 ހ – 1392 ހ: ރިޔާޟުގެ معهد إمام الدعوة العلمي ގައި ކިޔަވައިދެއްވި

* 1389 ހ: ރިޔާޟުގެ جامع الشيخ محمد بن إبراهيم ގެ އިމާމުކަމާއި ޚަޠީބުކަމާ ހަވާލުވެވަޑައިގެންނެވި

* ރަމަޟާން 1390 ހ: ރިޔާޟުގެ الجامع الكبير ގެ ޚަޠީބުކަމާ ހަވާލުވެވަޑައިގެންނެވި

* 1399 ހ – 1412 ހ: جامعة الإمام محمد بن سعود الإسلامية ގައި ކިޔަވައިދެއްވުމުގެ އިތުރުން މާސްޓާސް އަދި ޕީއެޗްޑީގެ ރިސާލާތައް އިޝްރާފުކުރައްވާ މުނާޤަޝާކުރެއްވި

* 1402 ހ – 1436 ހ: ޙައްޖު ދުވަހު ޢަރަފާތު ބިމުގައި ހުންނަ މަސްޖިދުއް ނަމިރާގައި  ޚުޠުބާދެއްވާ ޙައްޖުވެރިންނާއެކު އިމާމުވެ ނަމާދުކުރެއްވި

* ޝައްވާލު 1407 ހ: هيئة كبار العلماء ގެ މެމްބަރުކަމަށް ޢައްޔަނުކުރެވުނު

* 15 ރަޖަބު 1412 ހ: رئاسة البحوث العلمية والإفتاء ގެ މެމްބަރުކަމަށް ޢައްޔަނުކުރެވުނު

* ރަމަޟާން 1412 ހ: ރިޔާޟުގެ جامع الإمام تركي بن عبد الله ގެ އިމާމުކަމާ ހަވާލުވެވަޑައިގެންނެވި

* 25 ޝަޢުބާން 1416 ހ: މުފްތީގެ ނައިބުކަމަށް ޢައްޔަނުކުރެވުނު

* 29 މުޙައްރަމު 1420 ހ: އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު އަވަހާރަވުމުން މުފްތީކަމާއި هيئة كبار العلماء والبحوث العلمية والإفتاء ގެ ރައީސްކަމަށް ޢައްޔަނުކުރެވުނު (ޝައިޚް އަވަހާރަވަންދެން އެ މަޤާމުގައި ހުންނެވި)

 

ޝައިޚު ލިޔުއްވާފައިވާ ފޮތްތަކާ އަދި ދަރުސްތަކާއި ޚުޠުބާތަކާއި ފަތުވާތައް ޖަމާކޮށް އެކުލަވާލާފައިވާ ފޮތްތައް:

  1. حرمة الإفساد في الأرض
  2. حقيقة شهادة أن محمدا رسول الله صلى الله عليه وسلم
  3. كتاب الله عزوجل ومكانته العظيمة
  4. جامع خطب عرفة لعبد العزيز آل الشيخ
  5. رسائل وفتاوى عبدالعزيز آل الشيخ
  6. فتاوى نور على الدرب
  7. رسائل وفتاوى عبدالعزيز آل الشيخ

 

ފާހަގަކޮށްލެވޭ ކަންކަން:

ޝައިޚު ޢަބްދުލްޢަޒީޒުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޢަރަފާތް ދުވަހުގައި ޚުޠުބާދެއްވާ ޙައްޖުވެރިންނާއެކު އިމާމުވެ ނަމާދުކުރެއްވުމުގައި މެދުކެނޑުމެއް ނެތި 35 އަހަރު ހޭދަކުރެއްވުމެވެ. އެގޮތުން ފަހުގެ ތާރީޚުގައިވެސް ޢަރާފާތުގައި ޚުޠުބާދެއްވުމުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅަކަށް ޝައިޚު ޢަބްދުލްޢަޒީޒުވެ ވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ޝައިޚު ޢަބްދުލްޢަޒީޒަކީ ސުޢޫދީ ޢަރަބިއްޔާގެ 3 ވަނަ މުފްތީއެވެ. ޝައިޚުގެ ކުރިން މުފްތީގެ މަޤާމުގައި ތިއްބެވީ ޝައިޚް މުޙައްމަދު ބުން އިބްރާހީމް އާލުއްޝައިޚާއި ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު – رحمهم الله – އެވެ.

 

އަވަހާރަވުން:

އައްޝައިޚު ޢަބްދުލްޢަޒީޒު ބުން ޢަބްދުﷲ އާލުއްޝައިޚު އަވަހާރަވީ ހިޖުރައިން 1447 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 1 ވީ އަންގާރަ ދުވަހު، ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅުން 82 އަހަރެވެ. ޝައިޚުގެ މައްޗަށް ކަށުނަމާދުކުރީ އެދުވަހުގެ ޢަޞުރު ނަމާދަށް ފަހު، ރިޔާޟުގެ جامع الإمام تركي بن عبد الله ގައެވެ.

 

اللهم اغفر له واعف عنه وأكرم نزله وتقبل منه.

 


 

މަޞްދަރުތައް:

– سماحة المفتي في سطور، مجلة البحوث الإسلامية للرئاسة العامة لإدارات البحوث العلمية والإفتاء والدعوة والإرشاد، العدد: 56، (ص: 577 – 580).

– ترجمة الشيخ عبدالعزيز بن عبدالله آل الشيخ لمركز سلف للبحوث والدراسة.