[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިޠުރު ޒަކާތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ފިޠުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަދާކުރާ ވަރަށް މަތިވެރި އަޅުކަމެކެވެ. އެއީ ރޯދަވެރިޔާގެ ރޯދައަށް އައިސްފައިވާ އުނިކަމާއި އެކަމުގެ ތެރޭގައި ކުރެވިފައިވާ ފާފަތަކާ އަދި ދައްކާފައިވާ ބޭކާރު ވާހަކަތަކަށް ހުރި ޠާހިރުކަމެކެވެ. އަދި އެއީ ފަޤީރުންނަށް އިޙްސާންތެރިވުމުގެ މަތިވެރި ޢަމަލެކެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ، ޢީދު ދުވަހުގެ އުފަލުގައި އެބައިމީހުންވެސް ބައިވެރިކޮށް، އެންމެންގެ ޢީދަކަށް އެދުވަސް ވެގެންދާ ސަބަބެކެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ، مَنْ أَدَّاهَا قَبْلَ الصَّلَاةِ، فَهِيَ زَكَاةٌ مَقْبُولَةٌ، وَمَنْ أَدَّاهَا بَعْدَ الصَّلَاةِ، فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ» [رواه أبو داود (1609) وحسنه الألباني في إرواء الغليل (843)]

މާނައީ: “ފިޠުރު ޒަކާތަކީ ރޯދަވެރިން ދައްކާފައިވާ ބޭކާރު ވާހަކަތަކާއި ފާޙިޝް ވާހަކަތަކަށް ހުރި ޠާހިރުކަމެއްގެ ގޮތުގައި ﷲގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވި ކަމެކެވެ. އަދި މިސްކީނުންނަށް ކާންދިނުމަށްޓަކައި ލައްވާފައިވާ ކަމެކެވެ. (ޢީދު) ނަމާދުގެ ކުރިން އެ ނެރެއްޖެ މީހާ ދަންނައެވެ. ފަހެ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. އަދި (ޢީދު) ނަމާދުގެ ފަހުން އެ ނެރެއްޖެ މީހާ ދަންނައެވެ. ފަހެ އެ ވެގެންދާނީ ޞަދަޤާތްތަކުގެ ތެރެއިން ޞަދަޤާތަކަށެވެ.”

ފަހެ ރަސޫލާ صلى الله عليه وسلم ކަނޑައަޅުއްވާފައިވާ ނުވަތަ އަމުރުކުރައްވާފައިވާ ކަންކަމުގެ ޙުކުމަކީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ނުވަތަ އަމުރުކުރައްވާފައިވާ ކަންކަމާ އެއްގޮތަށް ތަބާވުން ލާޒިމުވާ ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ‎﴾‏ [سورة النساء ٨٠]

މާނައީ: “ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހަކު ﷲއަށް ކިޔަމަންވެއްޖެއެވެ.”

 

ފިޠުރު ޒަކާތް ނެރުން ޝަރުޢުކުރައްވާފައިވަނީ މުސްލިމުންގެ ތެރެއިން ބޮޑެތިމީހުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މިނިވަނުންނާއި އަޅުންގެ މައްޗަށެވެ. ކުޑަކުދިންގެ ފަރާތުންނާއި އަޅުންގެ ފަރާތުން އެ ނެރޭނީ އެބައިމީހުންގެ ބެލެނިވެރިންނެވެ.

ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވިއެވެ.

«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ» [رواه البخاري (1503)]

މާނައީ: “މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ޞާޢެއްގެ މިންވަރު ނުވަތަ ހިމަގޮދަނުން (ބާރލީއިން) ޞާޢެއްގެ މިންވަރު  ފިޠުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ.”

 

ފިޠުރު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާ ބާވަތްތަކަކީ އާދަމުގެ ދަރިން ކެއުމުގެ ގޮތުގައި ބޭނުންކުރާ ތަކެއްޗެވެ. އެއީ ކަދުރާއި ރަނގަޅު ގޮދަނާއި ހަނޑުލާއި ހިކިމޭބިސްކަދުރާއި އަޤިއްޠު އަދި އެ ނޫން ބާވަތްތަކުންނެވެ. أَقِطّ (އަޤިއްޠު) އަކީ: ކިރު ހިއްކައިގެން ޢަރަބި ޤައުމުތަކުގައި ހަދާ ކާ އެއްޗެކެވެ.

ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވިއެވެ.

«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ» [رواه البخاري (1503)]

މާނައީ: “ކަދުރުން ޞާޢެއްގެ މިންވަރު ނުވަތަ ހިމަގޮދަނުން (ބާރލީއިން) ޞާޢެއްގެ މިންވަރު، ފިޠުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ.”

އެދުވަސްވަރު އެބޭކަލުންގެ މައިގަނޑު ކެއުމަކީ ހިމަގޮދަނެވެ. އަދި އެ ޤައުމެއްގެ މީހުން ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ ތެރެއިން، ގިނަ ދުވަހަށް ރައްކާ ކުރެވޭ ކޮންމެ ބާވަތެއްގެ އެއްޗަކުންވެސް ފިޠުރު ޒަކާތް ނެރެވިދާނެއެވެ.[1] އަދި އެމީހަކު ޢާންމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ވިޔަސް އަދި އެމީހަކު ބޭނުން ނުކުރާ ބާވަތަކަށް ވިޔަސް، އެއީ އެ ޤައުމުގެ މީހުން ޢާންމުކޮށް ބޭނުންކުރާ ބާވަތަކަށް ވެއްޖެއްޔާ އެއިން ފިޠުރު ޒަކާތް ނެރެވިދާނެއެވެ. [2]

ފިޠުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭ މިންވަރަކީ ނަބަވީ ޞާޢެއްގެ މިންވަރެވެ. ނުވަތަ ކިލޯއިން ބަލާފައި އެ މިންވަރެވެ.

 

ފިޠުރު ޒަކާތް ނެރެން ޖެހޭ ވަގުތު ދެބަޔަކަށް ބެހިގެން ވެއެވެ.

 

ފުރަތަމައީ: މޮޅުއިތުރު ވަގުތު

އެއީ ޢީދު ނަމާދުގެ ކުރިން، ޢީދު ދުވަހުގެ ހެނދުނެވެ.

އަބޫ ސަޢީދުލް ޚުދްރީ رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

«كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ» [البخاري (1510)]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރު، ޢީދު ދުވަހުގައި (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތީގެ ޞާޢެއްގެ މިންވަރު ތިމަންބޭކަލުން ނެރުއްވަމެވެ.”

ދެވަނައީ: ހުއްދަ ވަގުތު

ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ފިޠުރު ޒަކާތް ނެރުން ހުއްދައެވެ.

އިބްނު ޢުމަރު رضي الله عنهما މިނިވަންކުރައްވާފައިވާ ބޭކަލެއް ކަމުގައިވާ ނާފިޢު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ.  

فَكَانَ ابْنُ عُمَرَ «يُعْطِي عَنِ الصَّغِيرِ، وَالكَبِيرِ، حَتَّى إِنْ كَانَ ليُعْطِي عَنْ بَنِيَّ»، وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا «يُعْطِيهَا الَّذِينَ يَقْبَلُونَهَا، وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ» [رواه البخاري (1511)]

މާނައީ: “ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު ޢުމަރު رضي الله عنهما ފިޠުރު ޒަކާތްދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުންވެސް އެކަލޭގެފާނު ފިޠުރު ޒަކާތް ދެއްވައެވެ. އަދި އެ ޤަބޫލުކުރާ (ފަޤީރުންނަށް) އެ ދެއްވައެވެ. އަދި ފިޠުރު ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އެ ނެރުއްވައެވެ.”

ޢީދު ދުވަހު ޢީދު ނަމާދުގެ ކުރިން ނުވަތަ ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން، ފިޠުރު ޒަކާތް ބަހައިދޭނެ އިތުބާރު ހިފޭ މީހަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ ބަޔަކަށް ހަވާލުކޮށްފިނަމަ އެމީހެއްގެ މައްޗަށް އޮތް ވާޖިބު އެ އަދާވީއެވެ. އަދި އެ ޒަކާތް ބަލާނީ މަޤްބޫލު ޞައްޙަ ޒަކާތަކަށެވެ. إن شاء الله.

 

ފިޠުރު ޒަކާތް ނެރޭނީ، ޒަކާތް ނެރެންޖެހޭ ވަގުތު އެމީހަކު ހުރި ތަނެއްގައެވެ. އެއީ އެމީހާ ދާއިމަށް އުޅޭ ރަށްކަމުގައިވިޔަސް ނުވަތަ ވަގުތީ ގޮތުން އުޅޭ ތަންކަމުގައިވިޔަސް މެއެވެ. އަދި ވަކިން ޚާއްޞަކޮށް މައްކާ ނުވަތަ މަދީނާފަދަ މާތް ބިމެއްގައި ހުރިނަމަ ޒަކާތް ނެރޭނީ އެތަނުގައެވެ.

 

ފިޠުރު ޒަކާތް ޙައްޤުވާ މީހުންނަކީ މުސްލިމުންގެ ތެރޭގައިވާ ފަޤީރުންނާއި މިސްކީނުންނެވެ. [3] ފިޠުރު ޒަކާތް ދިނުމަށް އެންމެ ޙައްޤުވެގެންވާ މީހުންނަކީ އެއީއެވެ. އަދި އެއް ފަޤީރަކަށް ނުވަތަ މިސްކީނަކަށް ގިނަ ބައެއްގެ ފިޠުރު ޒަކާތް ހަވާލުކުރެވިދާނެއެވެ.

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފިޠުރު ޒަކާތް ނެރުމުގައި ފަރުވާތެރިވާށެވެ. އަދި އެންމެ ރަނގަޅު ގޮތުގައި، ކަނޑައަޅުއްވާފައިވާ ވަގުތުގައި އެކަން އަދާކުރާށެވެ.

 


 

[1] ބައްލަވާ: إعلام الموقعين لابن القيم (3 / 18).

[2] ބައްލަވާ: المجموع للنووي (6 / 132).

[3] ބައްލަވާ: مجموع الفتاوى لشيخ الإسلام (25 / 73 – 78).