[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ 2

އެދުވަސްވަރުގެ ހާލަތު

އިމާމް އިބުނު ތައިމިއްޔާގެ އެންމެ މައިގަނޑުގޮތެއްގައި ޙާޞިލުކުރައްވާފައިވަނީ ހަންބަލީ މަޒުހަބުގެ ފިޤުހު ކަމުގައިވިޔަސް އެކަލޭގެފާނު އެހެން ހުރިހާ މަޒްހަބުތަކެއްވެސް ވަރަށް ރަނގަޅަށް ދިރާސާކުރައްވާ އެމަޒުހަބުތަކާއި ބެހޭގޮތުން ޢިލްމު ޙާސިލުކުރައްވާފައިވެއެވެ. އަދި އަދަބިއްޔާތުގައިވެސް އެކަލޭގެފާނަކީ ފުންނާބުއުސް ބޭފުޅެކެވެ. އެކަލޭގެފާނަކީ ކީރިތި ޤުރުއާނާއި އަދި ސުންނަތުގައި އެޒަމާނުގައި އެންމެ އިލްމުވެރި އެއްބޭކަލެވެ. އަދި އޭގެ އިތުރުން ގުރީކުންގެ ފަލްސަފާއާއި އިސްލާމީ ތާރީޚާއި ސޫފީންނާއި އަދި އެކަލޭގެފާނުގެ ކުރީގެ އިލްމުވެރިން ލިޔުއްވި ފޮތްތައް ވަރަށް ރަނގަޅަށް އެކަލޭގެފާނު ދެނެވަޑައިގަނެއެވެ. މިކަން އެނގެނީ އެކަލޭގެފާނު ފަހުން ލިޔުއްވާފައިވާ ފޮތްތަކުގެ ޒަރީއާއިންނެވެ.

އެކަލޭގެފާނަކީ ކިޔަވާވިދާޅުވީ ހަންބަލީ މަޒުހަބުގެ ފިޤުހު ކަމުގައިވިޔަސް އެއްވެސް ހާލެއްގައި ބޭއިންސާފު ގޮތެއްގައި މަޒްހަބަށް ބުރަވެ ވަޑައިގެން ތައައްސުބުވެ ވަޑައިގެންފައިނުވެއެވެ. އެކަލޭގެފާނު ފިޤުހީ މައްސަލައެއް ލިޔުއްވާނަމަ މަޝްހޫރު ހަތަރު ފިޤުހީ މަޒުހަބަށް ރިއާޔަތް ކުރައްވައި ހަތަރު މަޒުހަބުގެ ރައުޔުތައް ބަޔާންކުރައްވައެވެ. އަދި އެކަލޭގެފާނު މަޒުހަބުތަކާއި ހިލާފުވާ ފަހަރުތައްވެސް އައިސްފައިވެއެވެ. އެކަލޭގެފާނަކީ ކޮންމެކަމަކާއި ބެހޭގޮތުންވެސް އަމިއްލައަށް ވިސްނަވައި ފިކުރުކުރެއްވި ބޭކަލެކެވެ. އެއްވެސް ހާލެއްގައި ކަނުލޯތްބެއްގައި އެއްވެސް ކަމަކަށް ވެއްޓިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ.

އެކަލޭގެފާނުގެ ކޮންމެ މަސައްކަތެއްގައިވެސް ކީރިތިޤުރުއާނާއި ސުންނަތަކީ އަސާސް ކަމުގައި ދެކެވަޑައިގަނެއެވެ. އަދި ޤުރުއާނާއި ސުންނަތުން ސާބިތުވާން ނެތްކަން ކަމުގައި އިޖްތިހާދު ކުރެއްވުމަށް އެކަލޭގެފާނު ފަސްޖެހިވަޑައިގެންފައި ނުވެއެވެ. މިދުވަސްވަރަކީ ސިޔާސީގޮތުންނާއި އަދި އަސްކަރީގޮތުންވެސް އިސްލާމީ އުއްމަތް ވަރަށް ދަށް ހާލަތަކަށް ވެއްޓިފައިވާ ދުވަސްވަރެކެވެ. މިދުވަސްވަރުގެ ހާލަތުއޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައެވެ.

އިބުނު އަޘީރު ރަޙިމަޙުﷲ އިބުނު ތައިމިއްޔާ ރަހިމަޙުﷲ އުޅުއްވި ދުވަސްވަރުގެ ހާލަތު ބަޔާންކުރައްވަމުން ލިޔުއްވާފައިވެއެވެ.

” އިސްލާމްދީނާއި އަދި މުސްލިމުންނަށް އެދުވަސްވަރުވަނީ އެހެންއެއްވެސް ބަޔަކަށް ނުޖެހޭ ފަދަ ބޮޑު މުސީބާތެއް ޖެހިފައެވެ. އޭގެތެރެއިން އެއް މުސީބާތަކީ ތަތާރުން އިސްލާމީ އުއްމަތުގެ ރަށްތައް ހިފަމުން ދިޔަ ދިޔުމެވެ. އެމީހުން އިރުމަތިން އައިސް އެތައް މުސީބާތްތަކެއް ޖައްސައި އެތައް ގެއްލުންތަކެއް ދީފިއެވެ. އަނެއް މުސީބާތަކީ ހުޅަނގުން އައި ސަލީބީންގެ މުސީބާތެވެ. އެމީހުން މިސްރާއި އަދި މެސަޕޮޓޭމިއާ އަޅުވެތިކޮށްފިއެވެ. އަދި މުސްލިމުންނަށް އެބައިމީހުންނާއި ދެކޮޅަށް ނަސްރު ނުލިބެއެވެ. އަދި ތިންވަނަ މުސީބާތަކީ މުސްލިމުން އެބައިމީހުން އަމިއްލައަށް ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކަނޑިއުފުލަމުން ދާ ދިޔުމެވެ.

މި ބިރުވެރި މުސީބާތްތަކުގެ އިތުރުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި ސާފު މަންހަޖާއި އަދި ސަލަފުން ސާލިހުންގެ މަންހަޖު ދޫކޮށް އެހެން ފިރުޤާތަކަށް އުޅޭ މީހުން ގެ ބަލާއާއި މުސީބާތްވެސް ވަނީ މުސްލިމު އުއްމަތަށް ޖެހިފައެވެ. އެއީ އަލް ޤަޒާލީގެ ދައުވަތުގެ ސަބަބުންނެވެ. ޙާއްސަކޮށް މިބައިގައި ޖެހިފައިވަނީ އަލަށް އިސްލާމްވާ މީހުންނެވެ. އަދި އެބައިމީހުންގެ ދައުވަތު ދަނީ ގަދަފަދަކަމާއެކު ފެތުރެމުން އޭގައި ވަރުގަދައަށް ހިފެހެއްޓެމުންނެވެ. މިޔާއެކު އަލް އަޝަރީގެ އަޤީދާވެސް ދަނީ ގަދައަށް ފުޅާވެ ގަބޫލުކުރާ މީހުންގިނަވަމުންނެވެ. އެބައިމީހުންނަކީ އަހުލުއް ސުންތައް ޖަމާއަތާއި މުއްތަޒިލާ ގެ މަސްހުނި ގަނޑެކެވެ. އަދި މިޔާއެކު ތަޤުލީދަށްވެސް ދަނީ ޢަމަލުކުރެވެމުންނެވެ. އެހެންނަމަވެސް ދީނުގެ މައުލޫމާތާއި ފިޤުހާއި އަދި ހަދީޘް ފަދަ ފަންނުތަކުގެ އިލްމުތަކާއި އެމަޢުލޫމާތު ތަކުގެ މަސްދަރުތަކާއި އަދި އަސްލުތައް ބޭނުންވަރަކަށް އެއްވެސް ހައްދެއްނެތި ލިބޭނެ އަދި ބެލޭނެ މަގުތައް އެބަހުއްޓެވެ. ގިނަ މީހުން އެބައެއްގެ އިމާމުން ނުވަތަ ޝެއިޚުން ކިޔަވާދެއްވާ ގޮތް އެއްވެސް ވަރަކަށް ބަލާލުމެއްނެތި އެ މައުލޫމާތު ތަކަކީ ތެދުތޯ ނުވަތަ ނޫންތޯ ނުވަތަ އެއީ ސައްޙަ އެއްޗެއްތޯ ނުވަތަ ނޫންތޯވެސް ބަލާނުލާ ކަނުލޯތްބެއްގެ ސަބަބުން ޤަބޫލުކުރަމުންދަނީއެވެ. ”

އިބުނު ތައިމިއްޔާ ޖިހާދުގެ މައިދާނުގައި

ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ތަޢާލާ ދެނެ ވަޑައިގަންނަވަނީ ހަމައެކަނީ ޤަލަމާއި ފޮތް އެކަންޏެއް ނޫނެވެ. އެކަލޭގެފާނަކީ ކަނޑިވެސް ހަމައެފަދައިން ދެނެވަޑައިގަންނަވާ ޖިހާދުގެ މައިދާނުގައި ހިތްވަރު ގަދަ ބޭކަލެކެވެ. މިއަދު އިސްލާމީ އުއްމަތަށް މިވަނީ މިފަދަ ޢިލްމުވެރިންނަށް ބޭނުންވެފައެވެ. މިއަދުގެ ހާލަތުގެ ދުލުން އިބުނު ތައިމިއްޔާ ރަޙިމަހުﷲ ފަދަ ޢިލްމުވެރިއަކަށް ބޭނުންވެފައިވާ ކަމަށް ގޮވަމުން ދަނީއެވެ. ނަމަވެސް…

މިލާދީ ސަނަތުން 1300 ވަނައަހަރު މޮންގޯލުން ސޫރިޔާއަށް އެތަނުގެ ލަޝްކަރު ބަލިކުރުމަށްފަހު އެރިއެވެ. އަދި އެތަނުގެ ގިނަ އިލްމުވެރިންތަކެއް މިޞްރުން ސިޔާސީ ހިމާޔަތް ހޯއްދެވިއެވެ. ނަމަވެސް އިބުނު ތައިމިއްޔާ ރަޙިމަހުﷲ މި ހާލަތުގައި އެމައްސަލާގައި ނުކުމެވަޑައިގެން އެކަމަށް ހައްލެއް ހޯއްދެވުމަށް ހިތްވަރު ކުރައްވަމުން ދިޔައެވެ.
އޭރުވެސް އެކަލޭގެފާނު ގެންދެވީ އިސްލާމީ ފިރުޤާތަކާއި ދެކޮޅަށް ނުހަނު ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. އޭގެ ތެރޭގައި ބާތިލް ފިރުޤާތައް ކަމަށްވާ ޝީއީންނާއި ސޫފީންނާއި އަދިވެސް އެނޫން ފިރުޤާތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވިއެވެ.މިގޮތުން އެކަލޭގެފާނު ޢިލްމުވެރިންނާއިގެން އެވަގުތު ފާރިސްކަރައިގައި ހުރި އެމީހުންގެ ވެރިޔާގެ އަރިހަށް މުސްލިމުންނަށް ދޭ ހަމަލާތައް ހުއްޓާލާތޯ ވަޑައިގަތެވެ. އަދި ރިވާވެގެންވެއެވެ. އެއްވެސް ޢިލްމުވެރިޔަކަށް އެއްވެސް އެއްޗެއް ބުނާން ކެރިވަޑައެއް ނުގަތެވެ. ނަމަވެސް އިބުނު ތައިމިއްޔާ ކެރުން ތެރިކަން ކުރިޔަށް ނެރުއްވައި ވިދާޅުވިއެވެ.” އަހަރެމެންގެ ގައުމުތަކާއި އަދި ރަށްތައް އިސްތިއުމާރު ކުރަމުންދާ އިރު ތިބާއަކީ އަކީ މުސްލިމެއް ކަމަށާއި އަދި ތިބާގެ ގާތުގައި ބަންގި ގޮވާ މީހުންނާއި، އިމާމުންނާއި އަދި ޝެއިޚުން ވާ ކަމަށް ކަލޭ ދަޢުވާ ކުރަނީހެއްޔެވެ؟ ކަލޭގެ ބައްޕައާއި ކާފައާއި އަދި ހުލަޤޫ ޚާން އެހުރިހާ މީހުންނަކީ މިދީން ގަބޫލު ނުކުރާ މީހުން ކަމުގައިވިޔަސް އެމީހުން އެއްބަސްވެފައިވާ ފަދައިން އަހަރެމެންނަކަށް ހަމަލާއެއް ނުދެއެވެ. ނަމަވެސް ކަލޭ އެއްބަސްވުމަށްފަހު އެ އެއްބަސްވުން އުވާލައިފިއެވެ. ”

އެޔަށްފަހު އަނެއްކާވެސް ދެވަނަ ފަހަރަށް ތަތާރުންގެ އުނދަގޫ ބޮޑުވާން ފެށުމުން އިބުނު ތައިމިއްޔާ ނުކުމެވަޑައިގެން މީސްތަކުންނަށް ޖިހާދަށް ގޮވާލައްވައި ހިތްވަރުދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އެންމެ މަޝްހޫރު ފަތުވާއަކީ މޮންގޯލު ތަތާރުންނާއި ދެކޮޅަށް ޖިޙާދުކުރެއްވުމަށް އެކަލޭގެފާނު ނެރުއްވި ފަތުވާއެވެ. އެކަލޭގެފާނުގެ ފަތުވާގައި މޮންގޯލުންނާއި ދެކޮޅަށް ޖިހާދު ކުރުން ހަމައެކަނީ ހުއްދަވާނީ ނޫންކަމާއި ނަމަވެސް އެމީހުންނާއި ދެކޮޅަށް ޖިޙާދުކުރުމަކީ ވާޖިބެއްކަން އެކަލޭގެފާނު ބަޔާންކުރެއްވިއެވެ.

އަދި މިގޮތުން މޮންގޯލުންނާއި ދެކޮޅަށް ސޫރިޔާއާއި އަދި މިސްރުން ކުރި ހަނގުރާމާއިގައި އެކަލޭގެފާނުވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ވަރަށް ހިތްވަރު ކުރައްވައި އެމީހުންނާއި ދެކޮޅަށް ނަޞްރު ހޯއްދެވިއެވެ.

އަދި މިހަނގުރާމައިގެ ސަބަބުން މޮންގޯލު ތަތާރުންގެ ޖަނާޒާ ފެށިގެންދިޔައެވެ. އެމީހުން މުޅި ދުނިޔެއަށް ފެތުރެމުން އައި ހަލުވި މިން ހުއްޓުވާލީ މުސްލިމުންނެވެ. އަދި އެމީހުންގެ ވެއްޓުން ފެށުނީ އެހިސާބުންނެވެ. މިއީ ދުނިޔޭގެ އެއްވެސް ބަޔަކަށް އެދުވަސްވަރު ހިފަހައްޓާ ނުލެވި ވައިރޯޅިއެއްހެން ދުނިޔެއަށް ހަލުވިކަމާއެކު ފެތުރިގެން ބަޔެކެވެ. ނަމަވެސް މާތްﷲ ކުޅަދުންވަންތަ ކަމުން އެމީހުންނާއި ދެކޮޅަށް މުސްލިމުންނަށް ނަޞްރުދެއްވައި ތަތާރުންގެ ތެރެއިން ގިނަބަޔަކު އިސްލާމްދީނުގެ މަތިވެރި އަޚުލާޤު ފެނުމުގެ ސަބަބުން އިސްލާމް ދީނަށް ވަދެގެން ދިޔައެވެ.

އަދިވެސް މިހަނގުރާމާއިގެ އިތުރަށް މަމްލޫކުންނާއި އެކު އެކަލޭގެފާނު ހަނގުރާމަ ކުރެއްވިއެވެ. އަދިވެސް އިތުރު ހަނގުރާމައިތަކުގައި އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެކަލޭގެފާނަކީ މިއުއްމަތުގެ ވަރަށް ގިނަކަންކަން އެދުވަސްވަރު ވެއްޓިފައިވާ ވަޅުގަނޑުތަކުން މިއުއްމަތް ނެންގެވުމަށް މަސައްކަތް ކުރެއްވި ބޭކަލެކެވެ.

އެދުވަސްވަރުވެސް އޭރުގެ ސަރުކާރުތަކާއި އެއްބައިވެގެން ޖިޙާދު ކުރުމަކީ ނެތްކަމަށް ބުނަމުން އައި ޝެއިޚުންނާއި އަދިވެސް އެނޫން މީހުންގެ ޒިކުރާ މިއަދު ނުކުރެވޭ އެއްސަބަބަކީ ކޮބައިތޯ ވިސްނާލަން ޖެހެއެވެ.

އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. : ﷲ އަށްޓަކައި އިޚުލާސްތެރި ކަމާއެކު ކުރެވޭ ކަމެއްނޫނީ ދެމިގެން ނުދެއެވެ. މިއަދު ފެންނަމުން ދަނީ މިކަމެވެ. ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ އެކަލޭގެފާނުގެ ޢިލްމާއި އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކަށް މިއަދު ދަނީ ޙައްޤު ޤަދަރުދެވެމުންނެވެ. އެޔަށް އިޙުތިރާމްކުރެވެމުންނެވެ. ނަމަވެސް އެދުވަސްވަރު ފަދައިން މިއަދުވެސް ތަފާތު ފިކުރުތަކުގެ މީހުން އެންމެ ރުޅިއަރާ އެކަކީ އެކަލޭގެފާނު ކަމުގައިވެފައިވެއެވެ. ދެން އަންނަ ލިޔުމެއްގައި އެބަޔަށް އިންސާފުކޮށްލެވޭތޯ ބަލާނަމެވެ.

( ނުނިމޭ)