( 3 ބެއިން އެމީހުންގެ ގޭތެރޭގައި އިށީނދެލައިގެން)
ޝަމީމު: އަހަރުމެންގެ ބަގީޗާ ކިހިނެއްތަ؟
އައިހަމް: މޭވާތައް ވަނީ ދޮންވެ ފައްކާވެފަ އަދި ކަނޑަން ތައްޔާރުވެފަ، ހިނގާ ބިންނަން ދަމާ!
ރާއިފް: ފަޤީރުންގެ މަތިން ހަނދާން ނައްތާނުލާތި، އަދި ހަނދާންކުރާތި! މިއީ ﷲ ގެ ފަރާތުން ލިބުނު ނިޢުމަތެއްކަން، އެހެން ކަމުން އަހަރުމެން ﷲ އަށް ޝުކުރުކުރުމުގެ ގޮތުން ފަޤީރުންނަށް މީގެން ބައެއް ދޭންވާނެ.
ޝަމީމު: އެއީ ކީއްވެތަ، އަހަރުމެން ކުރި މަސައްކަތެއްގެ ނަތީޖާއިން އެހެންމީހުންނަށް ދޭންވީ؟
އައިހަމް : އެމީހުންވެސް ރިޒުޤު ހޯދަން މަސައްކަތް ކުރަންޖެހޭނެ.
ރާއިފް: އަހަރުމެން އެމީހުން އެވާ ޙާލަތުގައި ވަނީނަމަ ކިކޭ ހިތަށް އަރާނީ؟ ﷲ މިތަކެތި ދެއްވިކަމުގެ މައްޗަށް އެކަލާނގެ މަތިން ހަނދުމަކުރޭ، މިއީ އެކަލާނގެ ޙަޟްރަތުން އައި އިމްތިޙާނެއް..
ޝަމީމު: ފަޤީރުންނަށް އެހީވުން، ތިއީ އަބަދުވެސް ރާއިފްގެ އުސޫލު.. ތިކަން ހުއްޓާލާ… އުފާވެރި މުސްތަޤުބަލަކަށް ވިސްނާ، ރުފިޔާއާއި ބާރު މިއީ އެއްޗަކީ..
އައިހަމް: ޝަމީމު ތިބުނީ ރަނގަޅު ވާހަކައެއް
ޝަމީމު: މާދަމާ ހެނދުނު، ފަޤީރުން އެމީހުންގެ ހިއްޞާ ބަލައި އައުމުގެ ކުރިން އަހަރުމެން ބަގީޗާއަށް ގޮސް މޭވާތައް ބިންނަންވާނެ. އޭރުން އެމީހުންނަށް އެއްވެސް އެއްޗެއް އެތާކުން ނުފެންނާނެ، އަދި ހުރިހާ މޭވާތަކެއް ގެއްލުނީކަމުގައި އަހަރުމެންނަށް ބުނެވޭނެ، އަދި ހެއްކެއްގެ ގޮތުގައި ބަގީޗާވެސް ދައްކާލެވޭނެ.
އައިހަމް: މޮޅު ޚިޔާލެއް! އެހެންވީމާ، މިހާރު އެންމެން ނިދަން ހިނގާ!! އޭރުން މާދަމާ ހެނދުނު އަވަހަށް ބަގީޗާއަށް ދެވޭނީ… ހައްހައް ހާ
ރާއިފް: ތިހުރިހާކަމެއް ވަނީ ތިޔަކުދިންގެ އަތްމަތީގަ. އަދި އެކަމަކު ހަނދާންކުރާތި އަހަރެން ތިކަމަކާ އެއްބަހެއް ނުވަން..
(އެންމެން ގަދަ ނިދީގައި ތިއްބައި ސޫފިތަކެއް އައިސް މުޅި ބަގީޗާ އެއްކޮށް ހަލާކުކޮށްލައިފި)
(އަނެއްދުވަހުގެ ހެނދުނު)
ޝަމީމު: އެންމެން ތެދުވޭ! މިއީ ތެދުވެގެން ބަގީޗާއަށް ގޮސް މޭވާތައް ކަނޑަންވީ ވަގުތު!
އައިހަމް: އާން.. އާން… މީހަމަ ތެދުވަން ރަނގަޅު ވަގުތެއް. ރާއިފްވެސް އަހަރުމެންނާ އެކު އާދޭ…
(ތިން ކުދިން ބަގީޗާއަށް ދިއުމަށް ހިނގައި ގަތެވެ. ބަގީޗާ އެކުދިން އަޖައިބުވެ ހައިރާންކުރުވިއެވެ.)
ޝަމީމު: މީ ކޮންކަމެއް؟ އަހަރުމެންނަށް އަހަރުމެންގެ މަގު ގެއްލިއްޖެ!
ރާއިފް: ނޫން! މީ ހަމަ އަހަރެމެންގެ ބަގީޗާ.
އައިހަމް: އަހަރެންގެ ލޮލަށް މިފެންނަ މަންޒަރު ގަބޫލެއް ނުކުރެވޭ. މުޅި ބަގީޗާ އެވަނީ ހިކިގެންގޮސް މުޅިން ހަލާކުވެފައިވާ ބިމަކަށް ވެފައި. މިހާރު އެތަނަކީ އެއްވެސް ބޭނުމެއް ހިފޭނެ ތަނެއް ނޫން. އޮހް!.. ނޫން!… ނޫން!….
ރާއިފް: އަހަރެން ތަކުރާރުކޮށް ނަޞޭހަތްތެރިވެ އިންޒާރު ކުރިކުރުން ހަނދާންކޮށްބަލަ، މިހާރު އަހަރުމެންނަށް މިވަނީ އަހަރުމެންގެ ނުބައިކަމުންނާއި ޝުކުރުނުކުރުމުން ހުރިހާ އެއްޗެއް އަހަރުމެންގެ އަތުން ގެއްލިފަ.. އޭ ޝަމީމު އަދި އައިހަމް : އަހަރުމެން ހަމަ ގައިމުވެސް މިވަނީ މަގުފުރެދިފަ. އަހަރުމެންނަކީ ހަމަގައިމުވެސް ގެއްލެނިވެފައިވާ ބައެއް..
(އެވަގުތު އެތާ ކައިރި ބަގީޗާއެއްގައި ހުރި ރޭޑިއޯއަކުން ޤުރުއާނާއި ޤުރުއާނުގެ ތަރުޖަމާ ކިޔަމުން ދެއެވެ. އެވަޤުތު ކިޔަވަމުން ދިޔައީ މިއާޔަތްތަކެވެ.)
إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ (17) وَلَا يَسْتَثْنُونَ (18) فَطَافَ عَلَيْهَا طَائِفٌ مِنْ رَبِّكَ وَهُمْ نَائِمُونَ (19) فَأَصْبَحَتْ كَالصَّرِيمِ (20) فَتَنَادَوْا مُصْبِحِينَ (21) أَنِ اغْدُوا عَلَى حَرْثِكُمْ إِنْ كُنْتُمْ صَارِمِينَ (22) فَانْطَلَقُوا وَهُمْ يَتَخَافَتُونَ (23) أَنْ لَا يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِسْكِينٌ (24) وَغَدَوْا عَلَى حَرْدٍ قَادِرِينَ (25) فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ (26) بَلْ نَحْنُ مَحْرُومُونَ (27) قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلَا تُسَبِّحُونَ (28) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ (29) فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ (30) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ (31) عَسَى رَبُّنَا أَنْ يُبْدِلَنَا خَيْرًا مِنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ (32) كَذَلِكَ الْعَذَابُ وَلَعَذَابُ الْآَخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ (33) – سورة القلم 17-33
މާނައީ:“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން އިމްތިޙާނު ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ އަހުލުވެރިން އިމްތިޙާނުކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. އަދި އެއުރެން އިސްތިޝްނާއެއް ނުކުރެތެވެ. (އެބަހީ: إن شاء الله އޭ ނުބުނެތެވެ.) ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބަލާއެއް އެ ބަގީޗާގެ މައްޗަށް އައެވެ. ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. ފަހެ އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް މިސްކީނަކު ވަނަދީގެނެއް ނުވާނެތެވެ. އަދި ފަޤީރުންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށް ހީކޮށް، އެކަމުގެ ޤަޞްދުގައި ހެނދުނާ އެއެރެން ދިޔައޫއެވެ. ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ ޙާލު ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. އަދި ކިއެއްތަ! ތިމަންމެންނީ( އެ ބަގީޗާގެ މޭވާތަކުން) މަޙްރޫމްވެގެންވާ ބަޔަކީމުއެވެ. އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (ﷲ ހަނދުމަކޮށް) ތަސްބީޙާ ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްޠާހިވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަ އަޅައިފައިވާ ބަޔަކުކަމުގައެވެ. އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ ނިޢުމަތެއް އަޅަމެންނަށް ދެއްވާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަވީ ތިމަންމެންގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އެދި އެދިތިބޭ ބަޔަކު ކަމުގައެވެ. ޢަޛާބު ހުރީ އެފަދައިންނެވެ. އަދި އާޚިރަތުގެ ޢަޛާބު (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.”
އެއަށްފަހު ހުރިހާ ކުދިންވެސް ވަރަށް ދެރަވެފައި ކުރެވުނު ކަންތައްތަކުގެ މައްޗަށް ހިތާމަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންމެފަދަ ނިޢުމަތެއް ލިބުނުކަމުގައިވިޔަސް އެކަމަށް ބޭނުންވެފައިވާ މީހުންގެ މަތިން ހަނދާ ނައްތާނުލައި އެމީހުންނަށްވެސް ހިއްސާކުރުމަށް އަޒުމު ކަނޑައެޅިއެވެ. އަދި ﷲ އަށް ޝުކުރުކުރުމުގެ ގޮތުން އެކަލާނގެ އެނގެވިގޮތައް އެކަންކަމުގައި ޢަމަލުކުރުމަށް އަޒުމު ކަނޑައެޅިއެވެ. އަދި ރާއިފު ކަހަލަ ރަނގަޅު ރައްޓެހިން ގެންގުޅުމަށްވެސް އަޒުމް ކަނޑައެޅިއެވެ.