شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ (މުޙައްމަދު ގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުން ) މި ކަލިމައިގެ ހަޤީޤަތްތަކުގެ ތެރޭގައި ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރުމާއި ، އެކަލޭގެފާނަށް ނަސްރުދިނުމާއި ، އެކަލޭގެފާނާއި ގުޅުން ބޭއްވުމާއި އަދި އެކަލޭގެފާނު މަތިވެރިކުރުން ހިމެނެއެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި ، އެކަލޭގެފާނަށް ނަސްރު ދިނުމަކީ ، އެކަލޭގެފާނުގެ ސުންނަތަށް ނަސްރުދިނުމެވެ. އެ ސުންނަތް ދިރުވުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރުމުގެ ދަލީލަކީ އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. ” فَوَالَّذِي نَفْسِي بِيَدِهِ لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ ” رواه البخاري މާނަ : ” އެ ފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުފުޅު ވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. އެމީހެއްގެ މައިންބަފައިންނާއި ދަރީންނަށްވުރެ ، އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނު ލޮބުވެތި ވެއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ. “ އަދި އަނަސް ރަޞިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘް ކުރެއްވިއެވެ. ” لاَ يُؤْمِنُ أَحَدُكُمْ حَتّى أَكُونَ أَحَبّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنّاسِ أَجْمَعِينَ ” رواه مسلم މާނަ : “އެމީހެއްގެ ދަރީންނާއި މައިންބަފައިންނާއި އެންމެހައި މީސްތަކުންނަށްވުރެ ، އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނު ލޮބުވެތި ވެއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ. “ އެހެން ހަދީޘެއްގައި ވެއެވެ. ” ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا … ” الحديث – رواه البخاري – މާނަ : ” ތިންކަމެއް އެމީހެއްގެ ކިބައިގައި ވާނަމަ ، އީމާންކަމުގެ ފޮނިކަން އެމީހަކަށް އިޙްސާސް ވެއެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ، އެމީހެއްގެ ގާތުގައި އެހެން ހުރިހާ އެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެން ވުމެވެ…. “
ﷲ ތަޢާލާ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެވާ ލޯތްބައްވުރެ އެހެން ލޯތްބެއް އިސްކޮށް ހަދާމީހުންނަށް ވަޢީދުގެ ބަސްފުޅު ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (( قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّـهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ﴿٢٤﴾ )) سورة التوبة މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދު ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، ﷲ ގެ ޢަޒާބު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤު ވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ. “
އުމަރު ބުނުލް ޚައްޠާބު ރަޞިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް މިފަދައިން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ، ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސު ފިޔަވައި ، ތިމަންނަ އެންމެ ލޯބިވާ މީހާއެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” وَالَّذِي نَفْسِي بِيَدِهِ ، لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ نَفْسِهِ ” މާނަ : ( އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސު ވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. އެމީހެއްގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ. ) އުމަރު ރަޞިޔަﷲ ޢަންހު ދެންނެވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ތިމަންކަލޭގެފާނު ، މިހާރު ކަލޭގެފާނު ދެކެލޯބިވަމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. ” الآنَ يَا عُمَرُ ” މާނަ : ( މިހާރެވެ. އޭ އުމަރެވެ. (އެބަހީ : މިހާރު ރަނގަޅެވެ. ) ) [مسند الإمام أحمد – حديث صحيح – ]
– ނުނިމޭ –
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد