އެންމެހާ ޙަމްދާ ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި އެއްކައުވަންތަ، ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އެއިލާހީ ޢާލަމްތަކަށްވާ ރަޙްމަތެއްކަމުގައްޔާއި، ފުރިހަމަ ނަމޫނާއެއް ކަމުގައި، އެކަލާނގެ މަތިވެރި ރަސޫލާ ފޮނުއްވި އިލާހެވެ. އެ މަތިވެރި ރަސޫލާ محمد بن عبد الله އަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. އަދި އެ އޯގާވެރި އިންސާނާޔާއެކު އުޅުއްވި މިތުރު ޞަޙާބީންނާއި، އެއަށްފަހު ގިޔާމަތާ ޖެހެންދެން އެ މަތިވެރި ރަސޫލާއަށް ތަބާވި އެންމެހާ މީސްތަކުން، މި ޞަލަވާތާއި ސަލާމުގައި ޝާމިލްކުރަމެވެ.
ކީރިތިވަންތަ ﷲ އެއިލާހުގެ މަތިވެރި ދުސްތޫރުގައި، އެކަލާނގެ މަތިވެރި ރަސޫލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ – (الأنبياء: 107) “އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.”
އެންމެހާ އަޚުންނާއި އުޚްތުންނޭވެ! އިސްލާމްދީނަކީ ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވި އެންމެ ބޮޑު ރަޙްމަތެވެ. އެންމެ މަތިވެރި ނިޢުމަތެވެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ އެދީނަކީ ފިޠުރަތުގެ ދީންކަމުގައި ވުމެވެ. އެދީނަކީ އިންސާނުންނައްޓަކައި ﷲ ރުއްސަވާ، ހަމައެކަނި ދީންކަމުގައި ވުމެވެ. އެދީނަކީ ހުރިހާ ޒަމާނަކަށާއި ހުރިހާ ތަނަކަށް ފެތޭ، އެންމެ ފުރިހަމަ ދީންކަމުގައި ވުމެވެ. އަދި އެދީނަކީ ލުއިފަސޭހަކަމާއި، އޯގާތެރިކަމާއި، މަތިވެރި އަޚްލާޤުގެ ދީންކަމުގައި ވުމެވެ.
މީގެ އެންމެ ފުރިހަމަ އެއްމިސާލަކީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ސުންނަތުން، އަޅުގަނޑުމެންނާއި ހިސާބަށް އައިސްފައިވާ، އެކަލޭގެފާނުގެ ކައިވެނީގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ފުރިހަމަ ހާދިސާތަކެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި މުޢާމަލާތްކުރެއްވި ގޮތްތަކެވެ. އެކަލޭގެފާނު އެކަނބަލުންނާއި އަޅައިލައްވައި އޯގާތެރިވެވަޑައިގެންނެވި ގޮތެވެ.
ފިރިހެންކާއި އަންހެނެއް ގުޅުވާލަދޭ ގުޅުމަކީ ކައިވެނީގެ މަތިވެރި ގުޅުމެވެ. ޢާއިލާތައް އުފެދި މުޖުތަމަޢުތައް ބިނާވެގެންދަނީ މިމަތިވެރި ގުޅުމުގެ މައްޗަށެވެ. މިއަދު މިވަނީ ދުނިޔެ ބަދަލުވެފައެވެ. ވިސްނުންތަކާއި ފިކުރުތައް އިތުރުވެފައެވެ. މައްސަލަތަކާއި، ފިތުނަޔާއި، އަނިޔާވެރިކަމާއި، ހަމަނުޖެހުން އާއްމުވެފައެވެ. ވަރި ގިނަވެ ޢާއިލާތައް ބަނގުރޫޓްވެފައެވެ. ކުދި ކުދި ޅަދަރިންތައް ބިކަވެ ޙާލުގަޖެހިފައެވެ. މި ހުރިހާކަމެއްގެވެސް އަސްލު ބިނާވެގެންވަނީ ކައިވެނީގެ ބިންގަލުގެ މައްޗަށެވެ. ހަރުދަނާގޮތެއްގައި ކައިވެނީގެ ޙަޔާތް ބިނާކުރަން ނޭނގުމުން އެންމެފަހުން ނަތީޖާ ނިކުންނަނީ މިބީދައިންނެވެ.
ދިރިއުޅުމުގެ ޙަޔާތް ނުވަތަ ކައިވެނީގެ ޙަޔާތަކީ ދެމީހުންގެ ހިއްސާ ފުރިހަމަޔަށް ލިބިގެންނޫނީ ކުރިއަށްދާނެ އެއްޗެއް ނޫނެވެ. މިކަމަށްޓަކައި ފިރިމީހާވެސް، އަނބިމީހަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކާއި އަޅާލަންޖެހޭ އަޅާލުމާއި، އޯގާތެރިކަން ފުރިހަމަޔަށް ދަންނަށްޖެހެއެވެ. ނޭނގޭނަމަ ދަސްކުރަންވެސް ޖެހޭނެއެވެ. އަނބިމީހާވެސް ހަމަ އެފަދައެވެ. ފިރިމީހާގެ ޙައްގުތަކާއި އަޅާލުމާއި، އޯޤާތެރިކަމަކީ ކޮބައިކަން ދެނެގަންނަންޖެހެއެވެ. ޢާއިލާތައް ރޫޅެންދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މި ޙައްޤުތަކާއި، އަޅާލުމާއި، އޯގާތެރިކަން ނުދެވުމެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވަނީ ކުރިން އަޅުގަނޑު ދެންނެވި ކަންތައްތަކެވެ. މުޖުތަމަޢުގައި ވަރިގިނަވެ، ޅަދަރިންތައް ވިއްސި ވިހާލިވުމެވެ.
މިކަމަށް އޮތް އެންމެ ފުރިހަމަ ހައްލަކީ، ޙަޔާތުގެ އެހެން މައިދާންތަކޭ އެއްފަދައިން ތިމާގެ ކައިވެނީގެ ޙަޔާތުގައިވެސް، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި އޯގާތެރި ސާހިބާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ސުންނަތް ތަޠުބީޤު ކުރުމެވެ. އެކަލޭގެފާނުގެ ސުންނަތުން ލިބިދޭ ފިލާވަޅުތަކަށް ތަބާ ވުމެވެ. އޯގާތެރި ފިރިއަކަށް ވުމަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅުން ޢިބްރަތްތެރި ފިލާވަޅުތައް ޙާޞިލް ކުރުމެވެ. ވަފާތެރި އަނތްބަކަށް ވުމަށްޓަކައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ނަމޫނާއިން ނާމޫނާ ލިބިގަތުމެވެ. ބާއްޖަވެރި ހިތްހަމަޖެހޭ ޙަޔާތަކަށް ވާސިލްވުމުގެ އަސްލަކީ މިއީއެވެ.
މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ޤަސްތުކުރަނީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅުގެ އިތުރުން، ކައިވެނީގެ ޙަޔާތްޕުޅުގެ މައްޗަށާއި އެކަމާ ގުޅުންހުރި ބައެއް ހާދިސާތަކާއި ކަންތައްކުގެ މައްޗަށެވެ. އަދި އެކަލޭގެފާނުގެ ކައިވެނީގެ ޙަޔާތްޕުޅާއިމެދު ކާފަރުންނާއި، މުސްތަޝްރިގުން ދައްކާފައިވާ ތާކުންތާކުނުޖެހޭ، ބުހްތާނު ދޮގުތަކާބެހޭ ގޮތުންނެވެ.
މިލިޔުމަކީ އަޅުގަނޑުމެންގެ މުސްލިމް ދިވެހި މުޖުތަމަޢުގެ ފިރީންނަށް ފައިދާހުރި ލިޔުމެއްކަމުގައި، އަދި ކައިވެނި ނުކޮށްތިއްބެވި ޒުވާނުންނަށްވާ ނަޞޭޙަތެއްކަމުގައި ލެއްވުން އެދި ﷲ ޙަޟްރަތުގައި ދައްނަވަމެވެ. ހަމަޔަޤީނުންވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅާއެއްގޮތަށް ޙަޔާތް ބައްޓަންކޮށް، އެއާ އެއްގޮތަށް އުޅެން ގަދައަޅާ މަސައްކަތްކޮށްފި މީހަކު ގެއްލެނިވެގެން ނުދާނެއެވެ. لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا – (الأحزاب: 21) “ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުނަށްޓަކައި، ރިވެތިވެގެންވާ ނަމޫނާއެއް ވިއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަ ގިނައިން ﷲ ހަނދުމަކުރާކަމުގައިވާ މީހަކަށެވެ.”
– ނުނިމޭ –
މަޞްދަރު: ޑރ. ޣާޒީ އައްޝައްމާރީ ލިޔުއްވާފައިވާ، النبي صلى الله عليه وسلم زوجا މިފޮތުގެ އިނގިރޭސި ތަރުޖަމާ. (އިނގިރޭސިބަހަށް ތަރުޖަމާ ކުރައްވާފައިވަނީ ނަޖްވާ ޖައުފަރު). މި ލިޔުމުގެ ކުރިޔަށްހުރި ބައިތައް އިންޝާﷲ މިސައިޓްގައި ނިކުންނަމުންދާނެއެވެ.