ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަސް ފާހަގަކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިކަންކުރުން ޙަރާމްވެގެންވަނީ އެތައް ސަބަބުތަކަކަށްޓަކައެވެ. އެގޮތުން ބަލާއިރު މިކަމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ހިމެނޭ ކަމެއް ނޫނެވެ. އަދި ޚަލީފާއިންގެ ތެރޭގައިވެސް ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން މިކަމަކީ އަލަށް އުފައްދާފައިވާ ޙަރާމް ކަމެކެވެ. ބިދުޢައެކެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ: (( فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ)) (رواه أبو داود) މާނައީ: ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނަށްފަހު ވަޑައިގަންނަވާ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚުލަފާއުއްރާޝިދީންގެ ސުންނަތުގައި ހިފެހެއްޓުމެވެ. އޭގައި ތިޔަބައިމީހުންގެ ފޭރާދަތްތަކުން ދަތްއަޅާށެވެ. (އެބަހީ: ގުޑައިގެން ނުދާނޭހާ ބާރަށް ހިފަހައްޓާށެވެ. ތަބާވާށެވެ.) އަދި (އިސްލާމްދީނުގެ) ކަންކަމުގެ ތެރެއަށް އަލަށް އުފެދިގެން އަންނަ ކަންކަމާ ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ކަންކަމުގެ ތެރެއަށް އަލަށް އުފެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”
ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަކުރުމަކީ ޝީޢީން ފާޠިމީ ދައުލަތުގައި، އިސްލާމުންގެ އެންމެ ހެޔޮ ތިން ޤަރުނު ނިމުމަށްފަހު މިދީން ހަލާކުކުރުމުގެ ބޭނުމުގައި އުފެއްދި ބިދުޢައެކެވެ. ﷲއަށް ކުއްތަންވުމުގެ ގޮތުން ރަސޫލާ صلى الله عليه وسلم ނުކުރައްވާ ކަމެއް، އަދި އެކަލޭގެފާނު އެކަމަކަށް އަމުރުކުރައްވާފައިނުވާ ކަމެއް، އަދި އެކަލޭގެފާނަށް އެންމެ ފުރިހަމައަށް ތަބާވި އަދި ކާމިޔާބު ލިބިގެން ދިޔަ ޚަލީފާއިން ކުރައްވާފައިނުވާ ކަމެއް ކުރުމަކީ ﷲ މިދީން އެއްކޮށް އަދި މީސްތަކުންނަށް ބާއްވައިނުލައްވައޭ ބުނުންފަދަ ކަމެކެވެ. އަދި މީގެން ދޭހަވަނީ ﷲ ގެ ބަސްފުޅުތަކަށް ފުރިހަމައަށް އީމާންނުވާ ކަމެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތުގައި ވަޙީކުރައްވާފައިވަނީ ((الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا)) سورة المائدة :3 މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.” އެބައިމީހުން މިބަސްފުޅާ ދެކޮޅު ހެދުމުގެ ގޮތުން ރަސޫލުالله صلى الله عليه وسلم ދީނުގައި ބަޔާންކުރައްވާފައިނުވާ ކަންތައްތަކެއް އެއީވެސް ދީނުގައިވާ ތަކެތި ކަމަށް ބުނަމުން ދީނަށް އިތުރުކުރަނީއެވެ.
ރަސޫލުންގެ އުފަންދުވަސް ފާހަގަކުރުމަކީ ކުރިސްޓިއަނުންގެ ޢަމަލެކެވެ. އެހެނީ އެބައިމީހުން މަސީހު ޢީސާ ޢަލައިހިއްސަލާމްގެ އުފަންދުވަސް ފާހަގަކުރެއެވެ. އެބައިމީހުންނާ އެއްވައްތަރުވުމަކީ ކަނޑައެޅިގެންހުރި ބޮޑު ޙަރާމްކަމެކެވެ. އެހެނީ އަހަރުމެންނަށް ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުން އެބައިމީހުންނަށް ތަބާވުމަކީ ޙަރާމްކަމެއްކަން އެނގެއެވެ. އަދި އެބައިމީހުންނާ ތަފާތުވުމަށް އަހަރުމެންނަށް އަންގަވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ))مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ(( (رواه أبوداود) މާނައީ: “ބަޔަކާ އެއްވައްތަރުވެއްޖެމީހާ ވަނީ އެބަޔެއްގެ ތެރެއިންނެވެ.” އެބައިމީހުންނާ ތަފާތުވާންޖެހޭ އެންމެ މުހިއްމުކަމަކީ އެބައިމީހުންގެ ދީނުގެ ޝިޢާރުތައް ނުވަތަ އެބައިމީހުންގެ ދީނީ ގޮތްތަކެވެ.
ބިދުޢައެއްގެ މައްޗަށް ޢަމަލުކުރުމާއި، ކުރިސްޓިއަނުންނާ އެއްގޮތްވުމަކީވެސް ޙަރާމްކުރެވިގެންވާ ދެކަމެވެ. ރަސޫލާ صلى الله عليه وسلم ގެ އުފަންދުވަސް ފާހަގަކުރުމަކީ އެކަލޭގެފާނު މާތްކުރުމުގައާއި ލޯބިކުރުމުގައި ހައްދުފަހަނައަޅައި ދިއުމެކެވެ. މީގެ ތެރޭގައި ﷲ ދޫކޮށް ރަސޫލާ صلى الله عليه وسلم އަށް ދުޢާކުރުމާއި ކަންކަމުގައި މަދަދަށް އެދުންވެސް ހިމެނިގެންވެއެވެ. މިއީ ބޮޑެތި ޝިރުކުގެ ޢަމަލުތަކެވެ. ރަސޫލާ صلى الله عليه وسلم ވަނީ އެކަލޭގެފާނު މަތިވެރިކޮށް ޘަނާދެންނެވުމުގައި ޙައްދު ފަހަނައަޅައި ދިއުން މަނާކުރައްވަވާފައެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަވާފައިވަނީ މިފަދައިންނެވެ. ((إِيَّاكُمْ وَالْغُلُوَّ فِي الدِّينِ، فَإِنَّمَا أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ)). (رواه النسائى) މާނައީ: “ތިޔަބައިމީހުން ދީނުގައި ޙައްދުފަހަނައަޅައި ދިޔުމުން ރައްކާތެރިވެ ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެގެން ދިޔަކަންކަށަވަރީ ދީނުގައި ޙައްދުފަހަނައަޅައި ދިޔުމުގެ ސަބަބުންނެވެ.” އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ((لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ فَإِنَّمَا أَنَا عَبْدُهُ فَقُولُوا عَبْدُ اللهِ وَرَسُولُه)). (صحيح البخاري) މާނައީ: “ނަޞާރާއިން ޢީސާ އިބްނު މަރްޔަމް އާމެދު ކަންތައްކުރި ފަދައިން ތިމަންކަލޭގެފާނާމެދު ތިޔަބައިމީހުން ކަންތައް ނުކުރާށެވެ. (އެބަހީ: ނަޞާރާއިން ޢީސާ އިބްނު މަރްޔަމް އާމެދު ކަންތައްކުރި ފަދައިން ﷲ އާއި އެކު ޝަރީކު ކުރެވޭފަރާތެއް ކަމުގައި ނުހަދާށެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެއިލާހުގެ އަޅެއްކަން ދަންނާށެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ﷲ ގެ އަޅާއޭ އަދި އެއިލާހުގެ ރަސޫލާ އޭކިޔާށެވެ.”
އެބަހީ، ކުރިސްޓިއަނުން، އެމީހުން ޢީސާގެފާނު މަތިވެރިކުރިފަދައިން ތިޔަބައިމީހުން ތިމަންކަލޭގެފާނު މަތިވެރި ނުކުރާށެވެ. އެހެނީ އެބައިމީހުން ޢީސާގެފާނު މަތިވެރިކުރުމުގައި ޙައްދުފަހަނައަޅައިގޮސް، ﷲ ގެ ބަދަލުގައި އަޅުކަންވެވޭ ފަރާތަކީ ޢީސާގެފާނުކަމުގައި ހެދިއެވެ. ﷲ އެބައިމީހުންނަށް އެކަން ކުރުން ނަޙީކުރައްވައި ވަޙީކުރައްވަވާފައިވެއެވެ. ((يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ فَآَمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انْتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى بِاللَّهِ وَكِيلًا)) سورة النساء: 171 މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާމެދު ތިޔަބައިމީހުން ހައްދުފަހަނައަޅައި ނުދާށެވެ! އަދި، ﷲ އާއިމެދު ޙައްޤު ބަސް މެނުވީ ތިޔަބައިމީހުން ނުބުނާށެވެ! މަރިޔަމްގެފާނުންގެ ދަރިކަލުން الْمَسِيحُ عِيسَى ގެފާނު ވާކަން ކަށަވަރީ، ﷲ ގެ ރަސޫލާ ކަމުގައެވެ. އަދި އެކަލާނގެ ކަލިމަފުޅު ކަމުގައެވެ. އެ ކަލިމަފުޅު އެކަލާނގެ، މަރިޔަމްގެފާނާ ހަމައަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެކެވެ. ފަހެ، ﷲ އާއި އެކަލާނގެ ރަސޫލުންނަށް ތިޔަބައިމީހުން އީމާންވާށެވެ! އަދި، އިލާހުން ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓާލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން ﷲ ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުން އެކަލާނގެ ހުސްޠާހިރުވަންތައެވެ. އުޑުތަކުގައިވާހާ އެއްޗަކާއި ބިމުގައި ވާހާ އެއްޗެއް، އެކަލާނގެއަށް މިލްކުވެވޮޑިގެންވެއެވެ. އަދި ވަކީލަކު ކަމުގައި ﷲ ފުދެއެވެ.”
– ނުނިމޭ-