[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 8 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: وَقَضَى رَبُّكَ أَلا تَعْبُدُوا إِلا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا فَلا تَقُلْ لَهُمَا أُفٍّ وَلا تَنْهَرْهُمَا وَقُلْ لَهُمَا قَوْلا كَرِيمًا (الإسراء: 23)
އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

____________________________________________________________

ޝަރަޙަ:

މިއީ، ކިތާބުއްތަވްޙީދް އޭ ބަޔާންކުރެއްވުމަށްފަހު، އޭގެ ދަށުން ޝެއިޚް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން ތިންވަނަ އާޔަތެވެ. މިއާޔަތުގެ ޝަރަޙައިގެ ފުރަތަމަ ބައި، ކުރީގެ ފިލާވަޅުގައި ވާނީ ގެނެސްދީފައެވެ.

(رَبُّكَ): ކަލޭގެފާނު ހައްދަވައި ގެންގުޅުއްވާ އިލާހު.

(أَلا تَعْبُدُوا إِلا إِيَّاهُ): އެންމެހާ އަޅުކަންތަކެއް ހަމައެކަނި ﷲތަޢާލާއަށް ޚާލިޞްކުރާށެވެ. އަދި އަޅުކަންކުރުމުގައި އެއިލާހާއި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ.

މި އާޔަތުގައި، އެންމެ ފުރަތަމަ މުޚާޠަބުކުރެވިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއެވެ. އެއީ ﷲގެ ވަޙީ ބަސްފުޅު (رَبُّكَ) އިންނެވެ. ދެން އެއަށްފަހު ﷲފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވި އިރު، ހަމައެކަނި އެކަލޭގެފާނާއި މުޚާޠަބުކުރެއްވުމުގެ ބަދަލުގައި، މުޚާޠަބުކުރައްވާފައިވަނީ މުޅި އުއްމަތާއެވެ. އެހެންކަމުން މި އާޔަތުގައި މިވަނީ ފުރަތަމަ ބޭނުން ކުރެވުނު އުސްލޫބު ނޫން އެހެން އުސްލޫބެއް، އާޔަތުގެ ފަހުކޮޅުގައި ބޭނުން ކުރެވިފައެވެ. މިއީ ޤުރުއާނުގެ ބަލާޣާތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިގޮތަށް އުސްލޫބު ބަދަލުކުރެއްވުމުގެ ފައިދާތަކުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެއެވެ.

1-ކިޔާ މީހާ ހުށިޔާރުކުރުވުން. އެހެނީ އުސްލޫބު ކުއްލިއަކަށް ބަދަލުވުމުން ކިޔަމުންދާމީހާ އެކަމަށް ހުށިޔާރުވާނެއެވެ. މިއީ މީސްތަކުންނާއި މުޚާޠަބުކުރުމުގައި ވަރަށް މުހިންމު ކަމެކެވެ.

2- ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ އެކަލޭގެފާނުގެ އުއްމަތުގެ ޒަޢީމެވެ. އެހެންކަމުން އެކަލޭގެފާނަށް އަންނަ ކޮންމެ ޚިޠާބަކީ އެކަލޭގެފާނުގެ އުއްމަތަށްވެސް އަންނަ ޚިޠާބެއްކަން މިއާޔަތާއި، މިފަދަ އެހެން ދަލީލުތަކުން ދޭހަވެގެންދެއެވެ. އެއީ އެކަލޭގެފާނަށް ޚާއްޞަ ޚިޠާބެއްކަން ދޭހަ ނުވާހާ ހިނދަކުއެވެ.

3- މިއާޔަތުން ވަރަށް ސާފުކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަކީވެސް ﷲގެ އަޅެއްކަން ދޭހަވެއެވެ. އަދި އެކަލޭގެފާނަކީ އަޅުކަންކުރެވޭ ފަރާތެއް ނޫންކަމާއި، އުއްމަތުގެ އެހެން މީހުންފަދައިން، ﷲއަށް އަޅުކަން ކުރައްވަން ޖެހިވަޑައިގަންނަވާ ބޭކަލެއްކަން ދޭހަވެއެވެ. މިއާޔަތް ނޫން އެހެން އާޔަތްތަކުގައިވެސް މިކަމަށް އިޝާރާތް ކުރެވިފައިވެއެވެ. އެހެންކަމުން އެކަލޭގެފާނަށް އިލާހެއްގެ ދަރަޖަ ދީ، ބައެއް ބާޠިލު ޢަޤީދާތަކުގެ އަހުލުވެރިން ކުރަމުން އަންނަ ޢަމަލުތަކުގެ އަސާސެއް ނެތްކަން މިއާޔަތުން ދޭހަވެއެވެ.

ﷲއަށް އަޅުވެތިވުން ބެހިގެންވަނީ 3 ބަޔަށެވެ.

1- ޢުބޫދިއްޔާ ޢާއްމާ (ޢާއްމު އަޅުވެތިވުން): މި ޢުބޫދިއްޔަތުގައި ހުރިހާ މަޚުލޫޤުން ޝާމިލުވެގެންވެއެވެ. ހުރިހާ އިންސާނުންނަކީވެސް ﷲތަޢާލާ، ޚަލްޤުކުރައްވައި، ރިޒްޤުދެއްވައި، އެމީހުންގެ އެންމެހައި ކަންތައްތަކެއް ހިންމަވައި ނިންމަވައި ދެއްވާ، އެއިލާހުގެ އަޅުންނެވެ. މީގެ ތެރޭގައި ކާފަރުންވެސް ހިމެނެއެވެ. އެއީވެސް ﷲގެ އަޅުންނެވެ. ﷲތަޢާލަ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. إِنْ كُلُّ مَنْ فِي السَّمَاوَاتِ وَالأرْضِ إِلا آتِي الرَّحْمَنِ عَبْدًا (مريم: ٩٣) “ރަޙުމާންވަންތަ އިލާހުގެ ޙަޟްރަތަށް އަޅެއްގެ ގޮތުގައި ނައަންނާނޭ ހަމައެކަކުވެސް އުޑުތަކާއި، ބިމުގައި ނުވެތެވެ.”

2- ޢުބޫދިއްޔާ ޚާއްޞާ (ޚާއްޞަ އަޅުވެތިވުން): މިއީ އެއިލާހު އެންގެވި ގޮތަށް އެއިލާހަށް އަޅުކަންކުރާ، ކިޔަމަންތެރި އަޅުން، އެއިލާހަށް އަޅުވެތިވާ އަޅުވެތިވުމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الأرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلامًا (الفرقان: ٦٣) “ރަޙުމާންވަންތަ އިލާހުގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބުކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން ސަލާމްއޭ ބުނެތެވެ.”

3- ޚާއްޞަތުލް ޚާއްޞާ (ޢުބޫދިއްޔާ ޚާއްޞާއަށްވުރެވެސް ޚާއްޞަ އަޅުވެތިވުން): މިއީ ކިޔަމަންތެރި އަޅުންގެ ތެރެއިން، އެއިލާހުގެ ރަސޫލުބޭކަލުން އަޅުވެތިވާ އަޅުވެތިވުމެވެ. ނޫޙު އަލައިހިއްސަލާމާއި ބެހޭގޮތުން ﷲތަޢާލަ ވަޙީކުރައްވާފައިވެއެވެ إِنَّهُ كَانَ عَبْدًا شَكُورًا (الإسراء: ٣) “ހަމަކަށަވަރުން ޝުކުރުވެރިވާ އަޅަކުކަމުގައި އެކަލޭގެފާނުވިއެވެ.” އަދި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ (البقرة: ٢٣) ” ތިމަންއިލާހުގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަންއިލާހު ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: ޤުރުއާނާމެދު) ތިޔަބައިމީހުން ޝައްކު ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ!” ރަސޫލުބޭކަލުންގެ އަޅުވެތިވުމަކީ އެހެން މުއުމިނުންގެ އަޅުވެތިވުމަށްވުރެވެސް މަތީ ދަރަޖައެއް ދެވިފައިވާ އަޅުވެތިވުމެކެވެ. އެހެނީ އެބޭކަލުންނަކީ ﷲ ތަޢާލަގެ ރިސާލަތު އެހެން މީހުންނަށް ފޯރުކޮށްދެއްވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމަށްޓަކައި، އެއިލާހު އިޚްތިޔާރުކުރައްވާފައިވާ ބޭކަލުންތަކެކެވެ.

(وَبِالْوَالِدَيْنِ إِحْسَانًا): މައިންބަފައިންނަށް އިޙްސާންތެރިވުމަކީ އެދެމީހުންނަށް އިޙްތިރާމުކުރުމާއި، ޚިދުމަތްކުރުމާއި، އެދެމީހުންނަށްޓަކައި ހެޔޮދުޢާކުރުމާއި، އެދެމީހުންގެ ރަޙުމަތްތެރީންނަށް ހެޔޮކޮށް ހިތުމެވެ. މައިންބަފައިންނޭ ބުނެވުމުން، އޭގެތެރޭގައި ކާފައިންނާއި މާމައިންވެސް ހިމެނޭނެއެވެ. އިޙްސާންތެރިވުމުގައި އެމީހުންގެ ތެރެއިން އެންމެ ކައިރި މީހުންނަށް އިސްކަންދޭންޖެހެއެވެ. އެބަހީ އެންމެ ބޮޑަށް އިޙްސާންތެރިވާންޖެހެނީ މަންމައާއި ބައްޕައަށެވެ. ދެން އެއަށްފަހު މާމައާއި ކާފައަށެވެ. އެއަށްފަހު މުނިމާމައާއި މުނިކާފައަށެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް އަމުރުކުރެއްވުމަށްފަހު، އެއާއި ވިދިގެން މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަމުރުކުރެއްވުމުން، ﷲތަޢާލާގެ ޙައްޤަށްފަހު އެންމެ މުހިންމު ޙައްޤަކީ މައިންބަފައިންގެ ޙައްޤުކަން އެނގިގެންދެއެވެ.

އެހެންކަމަށްވާނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙައްޤު ކޮބައިހެއްޔޭ ބުނެވިއްޖެނަމަ، ޖަވާބަކީ ﷲތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙައްޤުވެސް ހިމެނިގެންވެއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވި ގޮތަށް މެނުވީ ﷲއަށް އަޅުކަންނުކުރެވޭނެއެވެ.

(إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا): އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައިތިބެ މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ. މައިންބަފައިން މުސްކުޅި އުމުރަށް ދިއުމުން އެދެމީހުންގެ ފަރާތުން އަޅުގަނޑުމެން ނުރުހޭފަދަ ކަންތައްތަކެއް ފެނުމަކީވެސް އެކަށީގެންވާ ކަމެއްކަން، މި އާޔަތުގައި މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ އޭ ވަޙީކުރައްވާފައިވުމުން ދޭހަވެއެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ފެންނަމުންދާ ކަންތައް ތަކެވެ. ކުރިން އެހާ ބަސްގިނަނޫން މީހުންވެސް މުސްކުޅިވުމުން ބަސްގިނަވެ، އަނގަގަދާވާތަން އަޅުގަނޑުމެންނަށް ފެނެއެވެ.

(فَلا تَقُلْ لَهُمَا أُفٍّ): އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ. އުއްފު އަކީ ނުރުހުމުގެ ގޮތުން ބުނެވޭ އެންމެ ކުޑަބަހެވެ. އެހެންކަމުން އުއްފުއަށް ވުރެ ބޮޑުބަހެއް ބުނުންވެސް ޙަރާމްވާނެކަން މިއިން ދޭހަވެދެއެވެ. އެހެނީ މިއާޔަތުގައި މިވަނީ، އެންމެ ކުޑަމިނުން އުއްފުވެސް ނުބުނުމަށް އަމުރުކުރެވިފައެވެ.

(وَلا تَنْهَرْهُمَا): އެދެމީހުންނަށް އަޑުލައި ނަހަދާށެވެ.

(وَقُلْ لَهُمَا قَوْلا كَرِيمًا): އަދި އެދެމީހުންނަށް މާތްބަހުން ބަސްބުނެ އުޅޭށެވެ.

 މިއާޔަތާއި ތަވްޙީދާއި އޮތް ގުޅުން.

މިއާޔަތުގައި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް އަންގަވާފައިވެއެވެ. މިއީ ތަވްޙީދުގެ އަސާސެވެ.

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-   މުޚާޠަބުކުރަމުން އައި އުސްލޫބު ކުއްލިއަކަށް ބަދަލުކުރުމުގެ ބޭނުމަކީ ކޮބާ؟

2-   ޢުބޫދިއްޔާ ބެހިގެންވާ ބައިތައް މިސާލާއެކު ބަޔާންކުރޭ!

3-   މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ކޮބާ؟

___________________________________________

ކުރީގެ ބައިތައް