[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމަކީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެކެވެ. އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެދޭ ފަދައިން ދުނިޔޭގައި ހިތްހަމަޖެހުމާ އުފާވެރިކަން ލިބުމަށް ކޮންމެ މުސްލިމަކުވެސް އެދޭނެއެވެ. ދިރިއުޅުން ބާއްޖަވެރިކުރާނެ މަގު ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުންނާއި رسول الله صلى الله عليه وسلم ގެދޫފުޅުގެމަތިން އަންގަވާފައެވެ. އެހެންކަމުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭ އެންމެ ބޮޑު ސަބަބު ދެނެގަތުން އެއީ މުހިއްމުކަން ބޮޑު މައުޟޫއެކެވެ.

“ހިތްހަމަޖެހުމާއި އުފާވެރިކަން އަދި މޭގެތަނަވަސްކަން ޙާޞިލުވުމުގެ އެންމެ ބޮޑު ސަބަބަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ﷲ ތަޢާލާ ހަނދުމަކުރުމުން އެއީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދިނުމުގައި އާދަޔާ ޚިލާފު އަސަރުތަކެއް ހުރި ކަމެކެވެ. އަދި ހިތް ނުތަނަވަސްކަމާއި ހާސްކަން ފިލުވައިދިނުމުގައިވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿…أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴾ (سورة الرعد ٢٨)

މާނައީ: “…ދަންނާށެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުންނެވެ.”

މިކަން މިފަދައިން މެދުވެރިވަނީ ﷲ ތަޢާލާ ހަނދުމަކުރުމުން ހިތްތަކަށް ކުރުވާ ޙާއްޞަ އަސަރެއްގެ ސަބަބުންނެވެ. އަދި އަޅުތަކުން ﷲ ތަޢާލާ މަތިން ހަނދުމަކުރާ ހިނދު، ރަނގަޅު ބަދަލަކާއި ހެޔޮ ޖަޒާ ލިބުމަށް ކުރާ އުންމީދުގެ ސަބަބުންނެވެ.

ﷲ ތަޢާލާ ތިބާއަށް ދެއްވާފައިވާ އަގުނުކުރެވޭ ނިޢުމަތްތަކުގެ ވާހަކައިން ޛިކުރުކުރުން ވެސް މިކަމުގެ ތެރޭގައި ހިމެނެއެވެ. ބޭރު ފުށުން ފެންނަންހުރި ނިޢުމަތްތަކާއި ފޮރުވިފައިވާ ނިޢުމަތްތަކެވެ. ޝައްކެއް ނެތް ގޮތުގައި ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތައް ދެނެގަނެ އެ ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އޭގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ﷲ ތަޢާލާ އެމީހެއްގެ ހިތުން ފިއްލަވާ، އެކަލާނގެއަށް ޝުކުރުވެރި އަޅަކަށް ވެވޭނެ ކަމެކެވެ. ފަގީރުކަމާއި ބަލިމަޑުކަމާއި އަދި ކިތަންމެ ބޮޑު މުސީބާތެއްގެ ތެރޭގައި ވީނަމަވެސް، ޝުކުރުވެރިވުމަކީ އޭގެ އަމިއްލަ ޒާތުގައި އެހާމެ މަތިވެރި އަދި މާތް ކަމެކެވެ. ﷲ ތަޢާލާ ދެއްވާފައިވާ ޢަދަދު ނުކުރެވޭ ނިޢުމަތްތަކާއި، އެމީހަކަށް ކުރިމަތިވާ ހިތްހަމަނުޖެހޭ ކަންތައްތަކާއި އަޅާކިޔާލުމުން، ޙަޤީޤަތުގައި އެހިތްހަމަނުޖެހޭ ކަންތައްތަކަކީ ﷲ ތަޢާލާގެ ނިޢުމަތްތަކާ ބަލާފައި ވަރަށް ކުޑަކުޑަ ކަމެއްކަން އެނގޭނެއެވެ.

އެހެންކަމުން އަޅަކަށް އިމްތިޙާނުތަކާއި މުސީބާތްތައް ކުރިމަތިވުމުން، އެކަމަށް ކެތްތެރިވެ ދެކޮޅުވެރިކަމެއް ނުދައްކާ ހެޔޮހިތުން އެކަން ބަލައިގަތުމުން، އެބުރަބޮޑު ތަކުލީފް ލުއިވެގެންދެއެވެ. އަދި ވޭންތައް ލުއިވެއެވެ. މީގެއިތުރުން، އަޅާ ﷲ ތަޢާލާގެ ކިބައިން ހެޔޮ ޖަޒާއަށް އެދި ކުރާ އުންމީދު، އަދި ﷲ ތަޢާލާ އޭނާއަށް މިންވަރުކުރެއްވި ޙާލަތް ބަލައިގަނެ އެކަމަށް ކެތްތެރިވެ، އެއީ ﷲ ތަޢާލާއަށް ކުރެވޭ އަޅުމަކެއް ކަމުގައި ޤަބޫލުކުރުމުން ހިތިކަންވެސް ފޮނިކަމަށް ބަދަލުވެއެވެ. އެހެންކަމުން ޘަވާބުގެ ފޮނިކަން  ކެތްތެރިކަމުގެ ހިތިކަމުގެ މަތީން ހަނދުމަނެތިކުރުވައެވެ.

މިގޮތުން އެންމެ މުހިއްމު ކަމަކީ ނަބިއްޔާ صلى الله عليه وسلم އުނގަންނައިދެއްވާފައިވާ މަގުން ކުރިއަށް ދިއުމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަ ޙަދީޘްއެއްގައި އައިސްފައިވެއެވެ.

((انْظُرُوا إِلَى مَنْ هُوَ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَإِنَّهُ أَجْدَر أَنْ لَا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ))  رواه البخاري ومسلم

މާނައީ: “(ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި (ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ކުރިއަރާފައިވާ މީހުންނަށް ނުބަލާށެވެ. އެގޮތަށް ކަންކުރުމުން ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތައް އެއީ ދެރަ ތަކެތިކަމުގައި ނުދެކުމާއި ގާތްކަންބޮޑެވެ.”

މި މާތް ބަސްފުޅު އަޅާ އޭނާގެ ލޯމައްޗަށް ގެނެއްސިނަމަ، އެތައް ބައިވަރު މީހުންނެއްގެ ތެރެއިން އޭނާ މަތިވެރިކުރައްވާ ނިޢުމަތް ދެއްވާފައިވާކަން އިޙްސާސްކުރެވޭނެއެވެ. ޞިއްޚަތާއި މުސީބާތްތަކުން މިންޖުކުރެއްވުމުންނެވެ. ތަނަވަސްކަމާއި އެކަމާ ގުޅިގެން ދިމާވާކަންކަމެވެ. އަދި އޭނާގެ ޙާލަތު ކޮންމެ ގޮތަކަށް ހުރިކަމުގައިވިޔަސް މިއީ ޙަޤީޤަތެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ ނުތަނަވަސްކަން ފިލާދާނެއެވެ. ހަމައެއާއިއެކު ހާސްކަމާއި ހިތާމަތައްވެސް ފިލާދާނެއެވެ. އަދި އެތައް ބަޔަކަށްވުރެ މަތީގައި ﷲ ތަޢާލާގެ ގިނަނިޢުމަތްތަކާއި ބަރަކާތްތަކެއް އޭނާއަށް ވާކަންދަނެ، އޭނާގެ އުފާވެރިކަމާއި ބާއްޖަވެރިކަން އިތުރުވާނެއެވެ.”  1

__________________________________________

[1]  ސުޢޫދީ ޢަރަބިއްޔާގެ ވުޒާރަތުއް ޝުއޫނުލް އިސްލާމިއްޔާ އިން ޗާޕުކޮށްފައިވާ (އަލްވަސާއިލުލް މުފީދާ ލިލްޙަޔާތިއްސަޢީދާ- ފަޟީލަތުއް ޝައިޚް ޢަބްދުއްރަޙްމާން އިބްނު ނާޞިރުއް ސަޢްދީ) އެފޮތުގެ  އިނގިރޭސި ތަރުޖަމާއިން ނަގާފައި