[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިއްޔެ ލިބުނު ހިތާމައިން ޢުމަރުގެފާނަށް ވިދާޅުވެވުނު އެއްޗެއްވެސް އެނގިވަޑައިނުގެންނެވިއެވެ

ޢުމަރު ބްނުލްޚަޠާބު –ރަޟިޔަﷲ ޢަންހު- އަކީ މުސްލިމުންގެ ހިތްތަކުގައި މަތިވެރި ޖާގައެއް ހޯއްދަވާފައިވާ ޞަޙާބީއެކެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. އެކަލޭގެފާނަކީ ޢަދުލުވެރިކަމުގެ ނަމޫނާއެކެވެ. ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލެކެވެ. ޖެހިލުން ކުޑަކަމާއި ޢަދުވުންނާއި ކުރިމަތިލުމުގައި ފިސާރި ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަލޭގެފާނު އިސްލާމުވެ ވަޑައިގަތުން ވެގެންދިޔައީ މުސްލިމުންނަށް ލިބުނު ޢިއްޒަތަކަށެވެ. އެކަލޭގެފާނުގެ ޚިލާފަތުވެގެންދިޔައީ އުއްމަތަށް ލިބުނު ކުރިއެރުމަކަށެވެ.

އާއެކެވެ. ޢުމަރު–ރަޟިޔަﷲ ޢަންހު-އަކީ މުޅި އިންސާނީ ތާރީޚުގައިވެސް ނަމޫނާ ވެރިއެކެވެ. އެކަލޭގެފާނުގެ ވާހަކައަކީ މުސްލިމުންގެ އިތުރުން އެކަލޭގެފާނުގެ ޢަދުންވުންކަމުގައިވާ ކާފަރުންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. އެގޮތުން 1978ގައި ޝާއިޢު ކުރެވެނު ދުނިޔޭގެ ތާރީޚުގައި އެންމެ ފާހަގަ ކޮށްލެވޭ 100 ޝަޙްޞިއްޔަތުންގެ ނަން ހިމެނޭ “ދި ހަންޑްރެޑް” ކިޔާފޮތުގައި 52ވަނަ އަށް ހިމަނާފައިވަނީ ޢުމަރު–ރަޟިޔަﷲ ޢަންހު- ގެ ނަމެވެ. މިއީ އެމެރިކާގެ ނަޞާރާއެއްކަމުގައިވާ މައިކަލް ހާރޓްސް އެކުލަވާލައިފައިވާ ފޮތެކެވެ. މިކަމުންވެސް ޢުމަރު–ރަޟިޔަﷲ ޢަންހު- އަކީ  މުޅި އިންސާނިއްޔަތު ބަލައިގަންފައިވާ ބޭފުޅެއްކަން އެނގެއެވެ.

އެކަމަކު މިހިތްވަރުގަދަ މަތިވެރި ފަހުލަވާނުގެ ވެސް ހަޔާތްޕުޅުގައި ހިތާމައާއި ހިތްދަތިކަން ވަނީ ތަހައްމަލުކޮށްފައެވެ. ކަރުނައާއި ވޭނީ އުދާސްތައް ވަނީ އެކަލޭގެފާނުގެ މަތިވެރި ސިޔަރަތުގެ ބައެއް ޞަފްޙާތަކުގައި ރަސްކަން ކޮށްފައެވެ. އެގޮތުން “އިއްޔެ” ލިބުނު ހިތާމައެއްގެ ސަބަބުން ޢުމަރު –ރަޟިޔަﷲ ޢަންހު- އަށް ވިދާޅުވެވޭ އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ދަރަޖައަށް އެކަލޭގެފާނުގެ ޙާލުކޮޅު ދިޔައެވެ.

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ “އިއްޔެ” އަކީ އެކަލޭގެފާނުގެ ގާތުގައި އެންމެ ލޮބުވެތި އިންސާނާ މި ފަނާވެދަނިވި ދުނިޔެ ދޫކުރި ހިތާމައިގެ ދުވަހެވެ. ޢުމަރު–ރަޟިޔަﷲ ޢަންހު- އަށް މަތިވެރި ރަސޫލާ-ޞައްލަﷲޢަލައިހިވަސައްލަމަ- އަވަހާރަވެ ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން އެކަން ފުރަތަމަ ޤަބޫލުވެސް ނުކުރެވުނެވެ.

އިމާމު ޢަހުމަދު އިމާމު ޒުހުރީގެ ކަބައިން ޞައްޙަ ސަނަދުން ރިވާކުރައްވާފައިވެއެވެ. ޢަނަސް–ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ޢުމަރު ބްނުލް ޚައްޠާބަށް  ރަސޫލާﷲ -ޞައްލަﷲޢަލައިހިވަސައްލަމަ-  އަވަހާރަވެވަޑައިގަތް ޚަބަރު ލިބިވަޑައިގަތުމުން އެކަން ޤަބޫލުފުޅު ނުކުރެއްވިއެވެ. އަދި ވިދާޅުވަމުން ގެންދެވިއެވެ: “ރަސޫލުﷲ -ޞައްލަﷲޢަލައިހިވަސައްލަމަ-  އަވަހާރަވެ ވަޑައިނުގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ ވެރި ރައްބު މުސާގެފާނު ގެންދެވިގޮތަށް އެކަލޭގެފާނުވެސް ގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނާއި އެކަހެރިވެ ވަޑައިގެން ސާޅީސް ދުވަހު ﷲ މުނާޖާ ދެއްނެވުމަށް ވަޑައިގަތީއެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެން އުއްމީދުކުރާ ގޮތުގައި ރަސޫލުﷲ -ޞައްލަﷲޢަލައިހިވަސައްލަމަ-  އެކަލޭގެފާނު އަވަހާރެވެއްޖެއޭ ބުނާ މުނާފިޤުގެ އަތްތަށް  ބުރިކުރެވެންދެން ދުނިޔޭގައި ދިރި ހުންނަވާނެއެވެ.”

ދެން ޢުމަރު–ރަޟިޔަﷲ ޢަންހު- މި ގޮތަށް މީސްތަކުންނާއި މުޚާތަބު ކުރައްވަން ހުންނަވަނިކޮށް އަބޫ ބަކުރު–ރަޟިޔަﷲ ޢަންހު- ނުކުމެވަޑައިގެން ޢުމަރު–ރަޟިޔަﷲ ޢަންހު- ހަމަޖެހިވަޑައިގެން އެކަލޭގެފާނު މީސްތަކުންނާއީ މުޚާތަބުކުރެއްވުމަށް ފުރުޞަތު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޢުމަރު–ރަޟިޔައްﷲ ޢަންހު- އަށް ލިބިވަޑައިގެންފައިވާ ފުން އަސަރުގެ ސަބަބުން އެކަމާ ދެކޮޅު ހެއްދެވުމުން އަބޫބަކުރުގެފާނު އެކަމާ އަޅާނުލައްވާ މީސްތަކުންނާއި ކުރިމަތި ލައްވާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ދުނިޔެ ދޫކުރެއްވިކަމާއި އެކަލޭގެފާނުވެސް އެހެން އިންސާނުން ފަދައިން މަރުގެ ރަހަ ތަހައްމަލުކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ކީރިތި ޤުރުއާން ދަލީލު ދައްކަވާ ސޫރަތު އާލްޢިމްރާނުގެ 144 ވަނަ އާޔަތް ކިޔަވާ ވިދާޅުވުމުން ޢުމަރު–ރަޟިޔަﷲ ޢަންހު- އާއި އެކަލޭގެފާނުގެ ބަސް ޤަބޫލުކޮށްގެން ތިއްބެވި ބޭފުޅުންނަށްވެސް މިހާރު ރަސޫލުﷲ -ޞައްލަﷲޢަލައިހިވަސައްލަމަ-   އަވަހާރަވެ ވަޑައިގެންފިކަން ޤަބޫލުކުރެވުނެވެ. އެވަގުތު ޢުމަރު–ރަޟިޔަﷲ ޢަންހު- ކޮޅަށް ނުހުރެވިގެން ބިންމައްޗަށް ތިރިވެވަޑައިގެން އެތައް އިރަކު އެކަލޭގެފާނު އެގޮތަށް އިށީނދެވަޑައިގެން އިންނެވިކަމަށް އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަހީހުގައި ރިވާކުރައްވާފައިވެއެވެ.

 އޭ މުސްލިމު އަޚާއެވެ. މުޝްރިކުންނާއި ދެކޮޅަށް އެ ފަޔަކުން ހިނގާފައިގޮސް އެތައް ހަނގުރާމައެއް ކުރެއްވި ޢުމަރު –ރަޟިޔަﷲ ޢަންހު- ގެ ދެފައިންޕުޅުވެސް ހަރަކާތް ކޮށްނުލެވި ބިންމަތީގައި އެތައް އިރަކު އެކަލޭގެފާނު އިށީންނަން ޖެހުނީ ފަހެ ކީއްވެގެން ހެއްޔެވެ؟ އެދެލޮލަކުން ކާފަރުން ބަލިވެ އިސްލާމްދީނަށް ޢިއްޒަތްތެރިކަމާއި ކާމިޔާބު ލިބޭ ކޮންމެ ފަހަރަކު “އުފާވެރި” ކަރުނަ އަންނަ ދެލޯ “އިއްޔެ” ހިތާމައިގެ ކަރުނައިން ފުރާލީ ކީއްވެހެއްޔެވެ؟ އެކަނިމާއެކަނި އިސްލާމްވެވަޑައިގެންނެވި ދުވަހު މައްކާގެ ކާފަރުންނާއި ކުރިމަތިލާ އިސްލާމްކަން ފާޅުކުރި އެހިތްވަރުގަދަ ބިރުކުޑަ ފަހުލަވާނު ހިތާމައިން ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިނުގަންނަވާ ދަރަޖައަށް ދާން ޖެހުނީ ކީއްވެހެއްޔެވެ؟  ދީނުގެ މަތީގައި ސާބިތުވެފައިވާ ހިތް އިއްޔެ ކުދިކުދިވެގެން އެ ވިރުނީ ކީއްވެހެއްޔެވެ؟  އޭ ލޮބުވެތި އަޚާއެވެ! ހަމަ އެކަނި އެންމެ ސަބަބެކެވެ.  އެއީ ޢުމަރު–ރަޟިޔަﷲ ޢަންހު-  އަހަރެމެންގެ މަތިވެރި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ދެކެ ވެވަޑައިގަންނަވާ މަތިވެރި ސާފު ލޯބީގެ ސަބަބުންނެވެ. ދެވަނަ އެއްވެސް ސަބަބެއް ނެތެވެ.

“އިއްޔެ” އާދެ! ރަބީޢުލް އައްވަލުމަހުގެ 12 ވަނަ ދުވަސް އަހަރެމެންނާއި ބައްދަލުވީ އަހަރެމެން މިފަދަ އިހުސާސްތަކެއް ކުރަނިކޮށްތޯއެވެ؟ އިއްޔެ އަކީ ރަސޫލާ-ޞައްލަﷲޢަލައިހިވަސައްލަ- މިދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަދި އެކަލޭގެފާނު ދުނިޔެ ދޫކުރެއްވި ދުވަސްކަމަށް އެންމެ މަޝްހޫރުވެގެންވާ ދުވަހެވެ. އެދުވަހު އަހަރެމެން މާލޫދުކިޔާ ކުކުޅާއި ދޮންކެޔޮ ކާއިރު ޢުމަރު–ރަޟިޔަﷲ ޢަންހު- އެއިންނެވީ ލިބުނު ހިތާމައިން ބިންމަތިން ނުތެދުވެވިފައެވެ. އެހެންކަމުން ތިބާ ފުންކޮށް ވިސްނާލައްވަބާލާށެވެ. އަސްލު ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަސް އެއީ މުސްލިމުންނަށް އުފާވެރި ދުވަހެއްތޯއެވެ ؟ ނުވަތަ ހިތާމައާއި ހިތްދަތިކަމުގެ އިހުސާސުތަކެއް ގެނެސް ދޭ ދުވަހެއްތޯއެވެ؟ އަދި އެދުވަހު ތިބާ ވާނީ ޢުމަރު–ރަޟިޔަﷲ ޢަންހު- ފަދަ ބޭކަލަކަށްތޯ ނުވަތަ “މާލޫދޭ” ކިޔާ މިއުއްމަތުގެ އެންމެ ހެޔޮ ޤަރުނުގައި ނުކުރާ ކަމެއް ކުރާ “މާލޫދުޕާޓީ” އާއި އެކުތޯއެވެ؟ މިއީ ވިސްނާލުން މުހިއްމު ކަމެއް ނޫންތޯއެވެ. އެހެނީ އައްޞާޙާބު ބޭކަލުން ނުކުރާކަމެއް އަހަރެމެންނަށް ރަސޫލާ- ޞައްލަﷲޢަލައިހިވަސައްލަމަ- ދެކެ ލޯބިވާން ކުރެވިދާނެބާއެވެ.  އަޞްޙާބު ބޭކަލުން 12 ދުވަހު މާލޫދުކިޔާނަމަ ރަސޫލާ-ޞައްލަﷲޢަލައިހި ވަސައްލަމަ- އަވަހާރަވެވަޑައިގެންނެވި ޚަބަރު އެބޭކަލުންނަށް ލިބި ވަޑައިގަންނަވާނީ ” މާލޫދު” ކިޔަންތިއްބާ ތާއެވެ. އެހެނީ ރަސޫލުﷲ -ޞައްލަﷲޢަލައިހި ވަސައްލަމަ- އަވަހާރަވެވަޑައިގަން ދުވަހަކީވެސް 12 ދުވަސް ވިއްޔާއެވެ. ނަމަވެސް އެދުވަހު ޞަޙާބީންނަށް އެ ހިތާމަވެރި ޚަބަރު ލިބިވަޑައިގަތީ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ- ގެ މިސްކިތްކޮޅުގައި ނުވަތަ ޢާއިޝާގެފާނުގެ ގެކޮޅުގައި “މާލޫދު” ކިޔަންތިއްބާއެއްނޫނެވެ. މިއީ ހުރިހާ މުސްލިމުން ދަންނާނެކަމެކެވެ.