އަޅުގަނޑުމެންގެ ކަންތައްތައް ތަދުބީރު ކުރައްވާ ގަދަކީރިތިވަންތަ، އާރާއި ބާރުގެ ވެރި އިލާހް، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތެރެއިން މީހަކާއިމެދު ނިޔާ ކަނޑަ އަޅުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެނގެނީ ފަހެ ކާކަށްތޯއެވެ؟ އެއިން ކަމެއް އަޅުގަނޑުމެންނަށް އެނގޭ ކަމުގައި ވަނީނަމަ ހަމަ ޔަޤީނުންވެސް ހެޔޮ ރަނގަޅު ކަންތައްތައް ހޯދައިގަތުމަށް އަވަސްވެގަނެ، ނުބައި ދެރަ ގޮތްތަކުން ދުރުވުމަށް މަސައްކަތް ނުކުރާނެ ހަމަ އެކަކުވެސް މިބިންމަތީގައި ހުރީސްބާވައެވެ؟
ﷲ ސުބްޙާނަހޫ ވަތަޢާލާ ފިރުޢައައުނަށް ވެރިކަމާއި އާރާއި ބާރު ދެއްވީ ކޮން ފަދައަކުން ކަމާއިމެދު ވިސްނާ ފިކުރު ކޮށްލަމާތޯއެވެ؟ ޢިއްޒަތާއި ޤަދަރާއި މުދާވެރިކަމާއި އާރާއި ބާރުގެ ކުރިބޯށި ތަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ ވާޞިލް ކުރެއްވެވިއެވެ. ނަމަވެސް އެކަންކަމުގެ ބަދަލުގައި އެތަކެތި ދެއްވެވި ފަރާތުގެ މަތިން ހަނދުމަ ނެތިކޮށް އެހުރިހާ ކަމެއްގެ ޙަޤީޤީ ވެރި އިލާހް، ﷲ ތަޢާލާއަށް އޭނާ ކުފުރުވެރިވެ ގަތެވެ. ދެން އެއަށްފަހު ﷲ ގެ ޙަޟްރަތުންވާ އިންޒާރު ތަކާއިއެކު މޫސާ ޢަލައިހިއްސަލާމް ރަސޫލު ކަމާގެން ފޮނުއްވިއެވެ.
ދެންފަހެ ފިރުޢައުނު އޭނާގެ ބޮޑާވެރިކަމާއެކު މޫސާ ޢަލައިހިއްސަލާމްގެ ދަޢުވަތަށް ފުރަގަސްދީ އެކަލޭގެފާނާ ހަނގުރާމައަށް ނުކުތްހިނދު ﷲ ތަޢާލާ ފިރުޢައުނާއި އޭނާގެ ލަޝްކަރު ނިކަމެތި ގޮތުގައި ޣަރަޤު ކުރެއްވިއެވެ. ވެރިކަމާއި އާރާއި ބާރުގެ ގޮތުން ގަދަފަދަކަން ދެއްވާފައިވާ ފިރުޢައުނަށް އޭނާގެ މަރު އައިސް ބައްދަލުކޮށް އެކަނޑަށް ޣަރަޤު ވެގެންދާނެކަމުގެ ކުޑަވެސް މިންވަރެއް އެނގިގެން ވާނަމަ އެކަމާއި އޭނޭ ކުރިމަތިލީސް ތޯއެވެ؟ ހަމަ ޔަޤީނުންވެސް ނުލާނެއެވެ! މިކަމުން ފާޅުވެ ބަޔާން ވެގެންދަނީ ޙަޤީޤީ ވެރިކަން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކަމެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ (آل عمران: ٢٦) މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ގެންދަވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”
މިއަދު އަޅުގަނޑުމެންގެ ޤައުމަށް ނަޒަރު ހިންގައިލިޔަސް އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ މިބަސްފުޅުގައިވާ ތެދު ޙަޤީޤަތް އެހުރީ ލޯތަކުގެ ކުރިމައްޗަށް ފެންނާށެވެ. ޣާފިލު ވެފައިވާ ހިތްތައް ޣާފިލްކަމުގެ ނިދިން ހޭލައި ﷲ އަށް އީމާންވެ ކާމިޔާބީގެ ގޮވައްޗާ ދިމާއަށް މިސްރާކު ޖަހާކަށް ފަހެ ނުވޭބާއެވެ؟
ވެރިކަމާއި އާރާއި ބާރު ﷲ ދެއްވުމުން އެކަމަށް ކާފިރުވެ، ﷲ ދެއްވި މަތިވެރި ނިޢުމަތްތައް ހަނދުމަ ނެތިކުރުމުގެ ނިކަމެތި ޖަޒާ ދުނިޔޭގައި ފެނިގެންދާތަން ފަހެ ނުފެނޭތޯއެވެ؟ މިއީ ﷲ ދެއްވި ނިޢުމަތަށް ކުފުރުވެ އެކަލާނގެ އަށާއި އެކަލާނގެ ދީނުގެ ޙުކުމްތަކަށް ބަދުބަސް ބުނެ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ޙަޖޫ ކިޔުމުގެ ޖަޒާ ނޫން ދެން ކޮން ކަމެއްތޯއެވެ؟ ވެރިކަމާއި ޢިއްޒަތުގެ ޙަޤީޤީ ވެރި އިލާހުގެ ކުޅަދުންވަންތަ ކަމާއެވެ! މިއަދުގެ ވެރިންނާއި މާދަމާގެ ވެރިންވެސް، ﷲ އާއި އެކަލާނގެ ރަސޫލާގެ ޢަމުރުތަކަށް ފުރަގަސް ދީފި ކަމުގައި ވަނީނަމަ ދެން ވެސް އޮތީ މިފަދަ ނިކަމެތި ޖަޒާއެއް ކަން އެންމެހާ ވެރިން ދަންނަ ހުއްޓެވެ!
ﷲ ތަޢާލާ އެކަލާނގެ ވަޢުދުފުޅާ ޚިލާފުވެ ވޮޑިގެން ނުގަންނަވައެވެ. ކުރިޔަށް އޮތް އެތައް އަހަރަކު ވެރިކަމުގައި ދެމި ތިބޭނެކަމަށްބުނެ އަޑު އުފުލަމުން ދަނިކޮށް ކުއްލިއަކަށް ވެރިކަމުން ދުރުކުރެވުނު ފަރާތަށް ﷲ ދެއްވި ވެރިކަން ނިމިގެން ދާން އުޅޭކަން ފަހެ އެމީހުނަށް އެނގުން ބާވައެވެ؟ އަދި މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެ ވަޑައިގަތް ފަރާތަށް އެކަން ޙާޞިލްވާން އުޅޭކަން ކުރިން އެނގިފައި ވޭބާވައެވެ؟ ﷲ ތަޢާލާ އެކަމުގެ ވަޤުތު ޖެއްސެވުމުން އެކަމުގެ ސަބަބުތައް މެދުވެރި ކުރައްވައި އެކަލާނގެ ބާރުވެރިކަމުން އެކަމެއް އިރާދަ ކުރައްވަތެވެ! އިއްޔެ ދޮންވަމުންއައި އިރާއެކު ދެން ކަންތައްވާނެގޮތެއް ޚިޔާލުވެސް ކުރެވިފައި ނެތީސް ކަންވެ ނިމިގެން ދިޔަ ގޮތާއިމެދު ޙައިރާން ފަހެ ނުވޭތޯއެވެ؟
ކޮންމެއަކަސް އަޅުގަނޑުމެންނަށްވަނީ ﷲ ގެ ޙަޟްރަތަށް ތައުބާވުމެވެ. އަޅުގަނޑުމެންނާއިމެދު ލިޔުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެނގެނީފަހެ ކާކަށްތޯއެވެ؟ އަޅުގަނޑުމެންނާއި މަރު ބައްދަލުވުމުގެ ކުރީން ޙައްޤުގެ މަގަށް އެނބުރިގަނެ ހެޔޮ ޢަމަލު ކުރުމީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބުވުމަށް އެދޭމީހުންގެ މަގެވެ. ބުއްދިވެރީންނަށް މިކަންކަމުގައި ޢިބްރަތްތަކެއް ވާކަން ކަށަވަރެވެ.