[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (2)

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު:

އެކަލޭގެފާނުގެ ނަންފުޅަކީ މުޙައްމަދު ބިން ޢަބްދިﷲ އެވެ.

އެއީ، މުޙައްމަދު، ބިން ޢަބްދިﷲ، ބިން ޢަބްދުލްމުއްޠަލިބު(ނަމަކީ ޝައިބާ)، ބިން ހާޝިމް(ނަމަކީ ޢަމްރު)، ބިން ޢަބްދުމަނާފު(ނަމަކީ އަލްމުޣީރާ)، ބިން ޤުޞައްޔު(ނަމަކީ ޒައިދު)، ބިން ކިލާބު، ބިން މުއްރާ، ބިން ކަޢުބު، ބިން ލުއައްޔު، ބިން ޣާލިބު، ބިން ފިހްރު(އަލްޤުރައިޝްގެ ލަޤަބުން ލަޤަބުދެވިފާވަނީ މި ފިހްރަށެވެ. އަދި އެޔަށްފަހު އެޤަބީލާއަށްވެސް އެލަޤަބުން ނަންދެވުނެވެ.)، ބިން މާލިކު، ބިން އައްނަޟްރު(ނަމަކީ ޤައިސް)، ބިން ކިނާނާ، ބިން ޚުޒައިމާ، ބިން މުދްރިކާ(ނަމަކީ ޢާމިރު)، ބިން އިލްޔާސް، ބިން މުޟަރު ބިން ނިޒާރު، ބިން މަޢްދު، ބިން ޢަދްނާނު.(1)

ބައްޕާފުޅު: ޢަބްދުﷲ ބިން ޢަބްދުލްމުއްޠަލިބު.

މަންމާފުޅު: އާމިނަތު ބިންތު ވަހަބު.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިސްބަތްވެވަޑައިގަންނަވަނީ ޤުރައިޝް ޤަބީލާގެ ހާޝިމިއްޔަ ދަރިކޮޅަށެވެ. ނުވަތަ ހާޝިމް ވަންހަޔަށެވެ. އެއީ އެކަލޭގެފާނުގެ ކާފާފުޅެއްކަމުގައިވާ ހާޝިމް ބިން ޢަބްދުމަނާފަށް ނިސްބަތްކޮށެވެ.

ޢަބްދުމަނާފު ވަންހަޔާ، ޢަބްދުއްދާރު ވަންހަޔާ ދެމެދު ޞުލްޙަ ޤާއިމް ކުރުމަށްފަހު، ކަންތައްތައްވަނީ ދެ ވަންހަޔަށް އެއަވަރަށް ބަހާފައެވެ. ޙައްޖު މޫސުމުގައި، ޙައްޖުވެރިންނަށް ބޯފެން ފޯރުކޮށްދިނުމާއި، ކާބޯތަކެތި ނުވަތަ ކާތަކެތި ގަންނަން ބޭނުންވާނެ ލާރި ފޯރުކޮށްދިނުމުގެ ކަންތައްތައް ބެލެހެއްޓީ ހާޝިމް އެވެ. ނުވަތަ އެވަންހައިންނެވެ. ހާޝިމްއަކީ ޤުރައިޝުންގެ ތެރޭގައި ނުފޫޒު ވަރުގަދަ، ގަދަރުވެރި މީހެކެވެ. ޙައްޖުވެރިންނަށް ފުރަތަމަ ‘އައްޘަރީދު'(ޕާނާއި މަސް އެއްކޮށްގެން ތައްޔާރުކުރާ ކެއުމެއް)ކާންދިނީ ހާޝިމެވެ. އަދި ޤުރައިޝުންގެ ވިޔަފާރި ދެ ދަތުރުކަމުގައި ‘ސޫރަތުލް ޤުރައިޝް’ ގެ 2 ވަނަ އާޔަތުގައި ބަޔާންވެގެންވާ “رِحْلَةَ الشِّتَآءِ وَالصَّيْفِ” (ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރު) ފުރަތަމަ ފެއްޓީވެސް ޙާޝިމެވެ.(2)

އަބްދުލްމުއްޠަލިބަކީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅެވެ. ޢަބްދުލްމުއްޠަލިބަކީވެސް ޤުރައިޝުންގެ ތެރޭގައި ނުފޫޒު ވަރުގަދަ ޤަދަރުވެރިއެކެވެ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެވަޑައިގަތުން:

ލޮބުވެތި ރަސޫލާ އުފަންވެވަޑައިގަތީ ރަބީޢުލްއައްވަލް މަހުގެ ހުކުރު ހަތްދުވަހުގެ ތެރެއިން ހޯމަދުވަހެއްގައި ބަނީ ޙާޝިމް ވަންހައިންނެވެ. އެއީ ޢާމުލްފީލް(އަބްރަހާ ގެފުޅު މުގުރާލަން އޭނާގެ ލަޝްރާއި އެއްތަކައިގެންއައިސް، ﷲ ގެ ކޯފާއިން އޭނާ ހަލާކުވެގެން ދިޔަ އަހަރު)ގެ ފަހު އަހަރުއެވެ. އަދި މަލިކު ކިސްރާ އަނޫޝަރުވާން(ކިންގ ޗޯސްރޮއެސް 1)ގެ ރަސްކަމުގެ 40 އަހަރު ފަހުންނެވެ. އަދި މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ މުޙައްމަދު ސުލައިމާން އަލްމަންސޫރު އަލްފަރުވީއާއި ފަލަކީ ޢިލްމުވެރިއެއްކަމުގައިވާ މަޙްމޫދު ބާޝާ ވިދާލުވާގޮތުގައި އެއީ މީލާދީ ތާރީޚުން 21 ނުވަތަ 22 އޭޕްރީލް 571 ކެވެ.(3)

އިބްނު ސަޢްދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންމާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަންކަމަނާ އެކަލޭގެފާނާއިގެން ރައްކައުވެވަޑައިގެންނެވިވަގުތު، ތިމަނަކަމަނާގެ ރަޙިމުން ނޫރެއް ފާޅުވެގެން ދިޔައެވެ. އެނޫރުގެ ސަބަބުން ޝާމްކަރައި(ސީރިޔާ)ގެ ގަނޑުވަރުތައް ތިމަންކަމަނާއަށް ފެނިވަޑައިގެންނެވިއެއެވެ.” މި ރިވާޔަތާ ގާތްކުރާ ގޮތަކަށް އަލްއިމާމް އަޙްމާދާއި އައްދާރަމީވެސް ރިވާކުރައްވާފައިވެއެވެ.(4)

އެކަލޭގެފާނު އުފަންވެވަޑައިގަތުމާއިއެކު އެކަލޭގެފާނުގެ މަންމާފުޅު، އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބަށް އެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. ކާފާފުޅު އެކަލޭގެފާނާއިގެން ގެފުޅުގެ އަރިހަށްވަޑައިގެން ﷲ ޙަމްދުކުރެއްވުމަށްފަހު އެކަލޭގެފާނަށް ‘މުޙައްމަދު’ އޭ ވިދާޅުވެ ނަންދެއްވިއެވެ. މިއީ ޢަރަބިންތެރޭގައި ދަންނަ ނަމެއްކަމުގައި ނުވެއެވެ.

އެކަލޭގެފާނުގެ މަންމާފުޅަށްފަހު އެކަލޭގެފާނަށް ފުރަތަމަ ކިރުފޮދުއެރުވީ އަބޫލަހަބުގެ އަޅު އަންހެނެއްކަމުގައިވާ ޘުވައިބާގެފާނެވެ. އެކަމަނާ އޭރު އެކަމަނާގެ ދަރިކަލުން މަސްރޫޙުއަށްވެސް ކިރުދެއްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިން އެކަމަނާ ޙަމްޒާގެފާނަށްވެސް ކިރުދެއްވިއެވެ. އަދި ރަސޫލާއަށްފަހު އެކަމަނާ އަބޫ ސަލަމާ ބިން ޢަބްދުލްއަސަދު އަލްމަޚްޒޫމީއަށްވެސް ކިރުދެއްވިއެވެ.

ޢަރަބީން އެމީހުންގެ ދަރީންނަށް ކިރުދިނުމަށްޓަކައި ރަށްފުށުގެ ކިރުމައިން ހޯދައި، އެފަދަ ކިރުމައިންނާއެކު ރަށްފުށުގެ ހިސާބަށް ފޮނުވުމަކީ އޭރުގެ ޢަރަބީންގެ ތެރޭގައި އޮންނަ އާދައެކެވެ. މިގޮތުން އެމީހުން ޤަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން ކުއްޖާ ބަލިތަކުން ދުރުވެ، ކުއްޖާ ޖިސްމާނީ ގޮތުން ވަރުގަދަވެ، ސިކުންޑި ތަނަވަސްވެގެންދެއެވެ. އަދި އޭގެ ސަބަބުން ޅައުމުރުގައި ކުއްޖާއަށް ޢަރަބިބަސް ދަސްވެ ދޫފަސޭހަކަން ލިބެއެވެ. މިގޮތުން ޢަބްދުލްމުއްޠަލިބުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްޓަކައި ކިރުމަޔަކު ހޯއްދެވިއެވެ. އެއީ ސަޢްދު ބިން ބަކްރު ވަންހަޔަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމުގައިވާ ޙަލީމަތު ބިންތު އަބީ ޛުވައިބު ރަޟިޔަﷲ އަންހާއެވެ. އެކަމަނާގެ ފިރިކަލުންނަކީ ހަމަ އެޤަބީލާއަށް ނިސްބަތްވެގެންވާ އަލްޙާރިޘް ބިން ޢަބްދުލްޢުއްޒާއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެއްކިރުގެ ގޮތުން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޙަމްޒާގެފާނަކީ އެކަލޭގެފާނުގެ އަޚެކެވެ. އެއީ ޘުވައިބާގެފާނުގެ ފަރާތުންނެވެ. އަދި ޢަބްދުﷲ ބިން އަލްޙާރިޘާއި، އަނީސާ ބިންތު އަލްޙާރިޘާއި، ޙުޛާފާ ނުވަތަ ޖުޛާމާ ބިންތު އަލްޙާރިޘް(ޢާއްމު ނަންފުޅަކީ އައްޝައިމާއު) ހިމެނެނީ އެކަލޭގެފާނާއި އެއްކިރުގެ ގޮތުން އަޚުންނާއި އުޚުތުން ކަމުގައެވެ. އަދި ޙަލީމަތުގެފާނު އަބޫ ސުފްޔާން ބިން  އަލްޙާރިޘް ބިން ޢަބްދުލްމުއްޠަލިބަށްވެސް ކިރުދެއްވިއެވެ. އެއީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދެބެންގެދެދަރި ބޭފުޅެކެވެ.

– ނުނިމޭ –

___________________________________

މަޞްދަރުތައް:

(1). އިބްނު ޙިޝާމު 1/ 1، 2 , ތާރީޚުއްޠަބަރީ 2 /239 – 271 (އައްރަޙީޤުލްމަޚްތޫމުގެ ފުޓްނޯޓް ޞ:44)

(2). އައްރަޙީޤުލްމަޚްޠޫމު (ޞ: 45)

(3). ނަތާއިޖުލްއަފްހާމް ލިލްފަލަކީ ޞ: 28 – 35، ޗާޕު: ބައިރޫތު، / ރަޙްމަތުއްލިލްޢާލަމީން 1 /38, 39 (އައްރަޙީޤުލްމަޚްތޫމުގެ ފުޓްނޯޓް ޞ:50)

(4). އިބްނު ސަޢްދު 1/ 63، މުސްނަދު އަޙްމަދު 4/ 127،128،125،  5/ 262، އައްދާރަމީ 1 /9 (އައްރަޙީޤުލްމަޚްތޫމުގެ ފުޓްނޯޓް ޞ:50)

އެހެންބައިތައް