عَنْ ابْنِ عَبَّاسٍ رَضِيَ الله عَنْهُمَا أَنَّ رَسُولَ الله صَلَّى الله عَلَيْهِ وَسَلَّمَ سَمِعَ رَجُلاً يَقُوْلُ: لَبَّيْكَ عَنْ شُبْرُمَةَ . قَالَ:(( مَنْ شُبْرُمَةُ؟ )) . قَالَ أَخٌ لِيْ أَو قَرِيْبٌ لِيْ . قَالَ : ((حَجَجْتَ عَنْ نَفْسِكَ ؟)) قَالَ : لا . قَالَ: ((حُجَّ عَنْ نَفْسِكَ ثُمَّ حُجَّ عَنْ شُبْرُمَةَ )). ( رواه أبوداود )
ޙަދީޘްގެ މާނަ :
އިބްނި ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް، މީހަކު لَبَّيْكَ عَنْ شُبْرُمَةَ ކިޔައި (ޙައްޖަށް ނިޔަތްގަތް އަޑު) އިވިވަޑައިގަތެވެ. އެކަލޭގެފާނު (އެމީހާއަށް) ޙަދީޘްކުރެއްވިއެވެ. “ޝުބުރުމާއަކީ ކާކުތޯއެވެ؟” އެމީހަކު ޖަވާބުދިނެވެ. އެއީ ތިމަންގެ އަޚެކެވެ. ނުވަތަ ގާތްތިމާގެ މީހެކެވެ. އެހިނދު އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. “ތިބާ އަމިއްލަ ނަފްސަށް ޙައްޖުވެއްޖައިންތޯއެވެ؟” އޭނާ ޖަވާބުދިނެވެ. ނޫނެކެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް ޙައްޖުވާށެވެ. ދެން ޝުބުރުމާގެ މައްޗަށް ޙައްޖުވާށެވެ.” ( މިޙަދީޘް ގެންނަވާފައިވަނީ އަބޫ ދާވުދެވެ.)
މިޙަދީޘުން ލީބޭ ބައެއް ފައިދާ :
* މުސްލިމަކު އެހެން މުސްލިމެއްގެ މަތިން ޙައްޖު ކުރެވިދާނެކަން މިޙަދީޘުން ދޭހަވެއެވެ. އެހެނަސް އެއީ ފުރަތަމަ އަމިއްލަ ނަފްސަށް ޙައްޖުވުމަށްފަހުގައެވެ. އަދި ޙައްޖުވެވޭ މީހާއަކީ މަރުވެފައިވާ، ނުވަތަ މުސްކުޅި ބަލިފަދަ ބައްޔެއްގެ ސަބަބުން ތިމާމީހާއަށް ޙައްޖަށް ދިޔުމަށް ކުޅަދާނަވެގެންނުވުންފަދަ ޝަރުޢީ ޢުޛުރެއް ހުރި މީހަކަށް ވާންޖެހޭނެއެވެ.
* އަދި ހަމައެހެންމެ ތިމާ އަމިއްލަޔަށް ހައްޖުނުވެ އެހެން މީހެއްގެމަތިން ހައްޖުވުން ހުއްދަ ނޫންކަން އަންގައިދެއެވެ.