الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމީ ޝަރީޢަތް ޢަދުލުވެރިކަމާއިއެކީ ދިރާސާކޮށް އަދި ރަސޫލާ صلى الله عليه وسلمގެ ސިޔަރަތު ކިޔައިފިނަމަ މޫނު ބުރުގާ އެޅުމަކީ އިސްލާމީ ޝިޢާރެއްކަން އެނގިގެންދެއެވެ. އަދި މިކަމަކީ ޢަރަބި އިސްލާމީ ދައުލަތްތައް އިސްތިޢުމާރު ކުރެވުމާއި ހަމައަށް މުޅި އިސްލާމީ އުންމަތުގެ މައިރަށްތަކުގައި ޢަމަލުވެސް ކުރެވިފައިވާ ކަމެކެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ނަގާލާ މޫނުބުރުގާއާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ އާންމު ވެފައިވަނީ އިސްތިޢުމާރުގެ ދުވަސްވަރާއި ހިސާބުންނެވެ.
މޫނުބުރުގާއަކީ ދީނުގެ ޝިޢާރެއް ނޫންކަމުގައި ބުނެ އަޑުއުފުލާ ފަރާތްތައް ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު އަދި އެއްފަހަރު ވިސްނައިފިކުރުކުރުން ހުއްޓެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވިއެވެ:
﴿ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ ﴾ (سورة النور ٣١)
މާނައީ: ” އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާމިންވަރު ފިޔަވައި ފާޅުނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ.”
ބޮލުން ވައްޓާލެވޭ ބުރުގާއިން ކަރުވަޅުގައި އަޅައިފިނަމަ މޫނު ހުންނާނީ ކަޝްފުވެފައި ހެއްޔެވެ؟ ނުވަތަ ނިވާވެފައި ހެއްޔެވެ؟
އަދިވެސް އެކަލާނގެ ވަޙީ ބަސްފުޅު އަޑުއަހާލަމާ ހިނގާށެވެ.
﴿ يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَحِيماً ﴾ (سورة الأحزاب ٥٩)
މާނައީ: “އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.”
ބައެއްމީހުން މިއާޔަތްތަކުގެ މާނަކުރާއިރު އަންހެނަކަށް ހިލޭފިރިހެނުންނަށްވެސް އޭނާގެ މޫނު ދެއްކިދާނޭކަމަށް މާނަކުރަނީ މިއާޔަތްތަކަށް ރަސޫލާ صلى الله عليه وسلمގެ އަނބިކަނބަލުން ޢަމަލުކުރެއްވިގޮތްވެސް ރަނގަޅަށް އެނގިތިބި ޙާލުގައިބާވައެވެ.
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.“އިޙްރާމުގައި ތިބިޙާލު އަޅުގަނޑުމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައިވަނިކޮށް، ސަވާރީގައި މީސްތަކުން އަޅުގަނޑުމެން ހުރަސްކޮށްފައިދެއެވެ. އެބައިމީހުން އަރާހަމަވުމުން އަޅުގަނޑުމެން ބޮލުގައިއޮތް ޖިލްބާބު މޫނުމައްޗަށް ވައްޓާލަމެވެ. ދެން (މޫނު) ކަޝްފުކުރަނީ އެބައިމީހުން ދިޔުމުންނެވެ.” [رواه أبو داود وابن ماجه معناه.]1
މިއީ ޙައްޖުގައި އެކަނބަލުން ޢަމަލުކުރައްވާފައިވާ ގޮތެވެ. ދެން އާންމު ދުވަސްވަރުގައި އެކަނބަލުން އަދި މިކަމުގައި ދެއްވާފައިވާ ސަމާލުކަމާމެދު ވިސްނާލައްވާށެވެ.
އިޙްރާމްބަނދެގެން ހުންނައިރު މޫނު އެޅުން އެކަލޭގެފާނު ނަހީކުރައްވާފައިވަނީ މޫނަށް ޚާއްސަކޮށް ހަދާފައިވާ ފޮތިގަނޑަކުންނެވެ. ނަމަވެސް ޙައްޖުގައިވެސް ބުރުގާގެ ބަޔަކުން މޫނު ނިވާކުރެވިދާނެއެވެ. ‘ނިޤާބު’ ފޮތިގަނޑުން މޫނު ނިވާކުރުމާއި، ބުރުގާގެ ބަޔަކުން މޫނުނިވާކުރުމަކީ ތަފާތުދެކަމެކެވެ. (islamqa.info/en/answers/4182)
“އަންހެނާގެ ފައިތިލަ ފޮރުވުން އެއީ ވާޖިބެއް ކަމާއި، އެކަމަކު އަތްތިލަ ދެއްކުން އެއީ ހުއްދަ ކަމެއްކަމުގައި ބުނާ މީހުންނާމެދު އަޅުގަނޑު ހައިރާންވަމެވެ. މީގެތެރެއިން ފޮރުވުން އެންމެ އެދެވިގެންވަނީ ކޮންތަނެއް ހެއްޔެވެ؟ އެއީ އަތްތިލައެއް ނޫންހެއްޔެވެ؟ ފައިތިލައަށްވުރެ ބޮޑަށް، ފާފަކުރުމަށް އެދުންވެރި ކުރުވަނީ އަންހެނެއްގެ އަތްތިލައިގެ އޮމާންކަމާއި، އިނގިލިތަކާއި އިނގިލިތަކުގެ ކޮޅުތަކުގެ ރީތިކަން ނޫންހެއްޔެވެ؟
އަންހެނާގެ ފައިތިލަ ފޮރުވުން އެއީ ވާޖިބެއް ކަމާއި، އެކަމަކު މޫނު ދެއްކުން އެއީ ހުއްދަ ކަމެއްކަމުގައި ބުނާ މީހުންނާމެދުވެސް އަޅުގަނޑު ހައިރާންވަމެވެ. މީގެތެރެއިން ފޮރުވުން އެންމެ މުހިންމީ ކޮންތަނެއް ހެއްޔެވެ؟ އެންމެ ފުރިހަމަވެގެންވާ އިސްލާމީ ޝަރީޢަތުގައި އަންހެނާގެ ފައިތިލަ ފޮރުވުން އެއީ ވާޖިބެއް ކަމާއި، އެކަމަކު މޫނު ދެއްކުން އެއީ ހުއްދަ ކަމެއްކަމުގައި ބުނުން އެއީ ބުއްދި ޤަބޫލުކުރާކަމެއް ހެއްޔެވެ؟ ހަމަޔަޤީނުންވެސް މިޝަރީޢަތަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ފަރާތުން ބާއްވާލެއްވެވި ޝަރީޢަތެކެވެ.
ޖަވާބަކީ: އެހެނެއްނުވާނެއެވެ! މިކަން ޙިކްމަތްތެރިކަމާއި ދެކޮޅެވެ. އެއީ އަންހެނެއްގެ ފައިތިލައަށްވުރެ ބޮޑަށް އަންހެނާގެ މޫނު ފިރިހެނުން އެދުންވެރި ކުރުވައެވެ. މީހަކު އެމީހެއްގެ ފަރާތުން އަންހެނެއްގެ ގާތު ކައިވެންޏަށް އެދުމަށް އެދޭ މީހާގެ ގާތު، އޭނާގެ މޫނަށް ނުބަލާ، މިފަދައިން: “އަހަރެންގެ އަޚާއެވެ. އޭނާގެ ފައިތިލަ ރީތިތޯ ނުވަތަ ނޫންތޯ އަހަރެންނަށް ބަލައިދޭށެވެ…” ބުނެ ހަމައެކަނި އޭނާގެ ފައިތިލައާއި ބެހޭ މައުލޫމާތު ހޯދުމަށްފަހު މޫނު ނުބަލާ ދޫކޮށްލާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން، ސާފުވެ އެނގެން އޮތްގޮތުގައި މޫނަކީ ފިތުނައިގެ މަޙައްލެވެ…
(މޫނަކީ) “ޢައުރަ”އެކޭ ބުނެވޭ ބަހުގެ މާނައަކީ އެތަނެއް ހާމަކުރުމަށް ލަދުވެތިވާ، ޖިންސީ ގުނަވަންތަކާއި މޫނު އެއްފަދަކުރުމެއްނޫނެވެ. އޭގެ މާނައަކީ، ފިރިހެނުން އޭނާއަށް އެދުންވެރިވުމުގެ ސަބަބުން އަންހެނާ ފިތުނައަކަށް ވެދާނެ ކަމަށްޓަކައި، އެތަން ފޮރުވުން ވާޖިބޭ ބުނުމެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ފިތުނައަކަށް ވެދާނެ ތަންތަނާއި ފިރިހެނެއްގެ އެދުންތައް އެނގޭ މީހަކަށް ފައިތިލަ ފޮރުވަންޖެހޭނެކަމަށް ބާރުއަޅާ ހިނދު އަންހެނާގެ މޫނު ކަޝްފުކުރުމަށް ހުއްދައެއް ނުދެވޭނެއެވެ. އަދި އެއީ އިސްލާމީ ޝަރީޢަތުގައި އޮތްގޮތްކަމަށް ނިސްބަތްނުކުރެވޭނެއެވެ. އެހެނީ އިސްލާމީ ޝަރީޢަތަކީ އެންމެ ޙިކްމަތްތެރި އަދި އެންމެ ފުރިހަމަ ޝަރީޢަތެވެ.” 2
______________________________________________
1 މިޝްކާތުލް މަޞާބީޙުގައި ޝައިޚް އަލްބާނީ މިޙަދީޘް ޞައްޙަކުރައްވާފައިވެއެވެ.
2 ދާރުއްސަލާމް އިން ޗާޕްކޮށްފައިވާ (އަ ޓްރީޓައިސް އޮން ޙިޖާބް…) އެފޮތުން ނަގާފައި.