ކޮންމެ އުއްމަތަކަށްވެސް އެބައިމީހުން އުފާކުރުމަށްޓަކައި ޢީދުތަކެއް ވެއެވެ. މިގޮތުން މުސްލިމުންނާއި، ޔަހޫދީންނާއި، ނަޞާރާއިންގެވެސް، ޢީދުތަކެއް ވެއެވެ. އަދި ހަމައެފަދައިން މުޝްރިކުންގެވެސް ޢީދުތަކެއް ވެއެވެ. ކޮންމެ ބައެއްވެސް އެބައިމީހުންގެ ޢީދުތައް ފާހަގަ ކުރަމުންދަނީ އެބައިމީހުންގެ ޢަޤީދާއާއި، އުޞޫލުތަކާއި އެއްގޮތަށެވެ. ފަހެ އަހަރެމެން މުސްލިމުން، އަހަރެމެންގެ ޢީދުތައް ފާހަގަކުރަންޖެހެނީ ﷲތަޢާލާ ޝަރުޢުކުރައްވާފައި ގޮތަށެވެ. އެއިލާހުގެ ފޮތާއި، ނަބިއްޔާ ޞައްލަﷲ ޢާލައިހިވަސައްލަމަގެ ސުންނަތުގައި ބަޔާންވެފައިވާ ގޮތަށެވެ. އަހަރެމެންގެ ޢާދަކާދައާއި އެއްގޮތަކަށް ނޫނެވެ. އެހެނީ، ބުއްދިއާއި، އާދަކާދަތައް ދީނުގެ މައްޗަށް އިސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
މުސްލިމުންގެ ދެޢީދަކީ، ފަރުދީ އަދި އިޖުތިމާޢީ އެތައް ހެވެއް އެކުލެވިގެންވާގޮތަށް ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައި ޝަރުޢުކުރެވިފައިވާ ދެޢީދެވެ. ނަމަވެސް ގިނަ މީސްތަކުންވަނީ ޝައިޠާނާގެ ކެހިވެރި މަޅީގައި ޖެހި، އާ ޢީދުތަކެއް ފާހަގަކުރަން ފަށާފައެވެ. މިގޮތުން ޝައިޠާނާ އެބައިމީހުންނަށް ޒީނަތްތެރިކޮށްދީފައިވާ ޢީދުތަކުގެ ތެރޭގައި ‘ވެލެންޓައިންސްޑޭ’ ނުވަތަ ލޯބިވެރިންގެ ދުވަސް ހިމެނެއެވެ. މިއީ މުސްލިމުންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން އަންނަ ޢީދެކެވެ. 14 ފެބްރުއަރީ ގައި ރަތް ހެދުންލައި، ރަތް މާތަކާއި، ލޯބީގެ ޅެންތަކާއި، ހަދިޔާތައް އެބައިމީހުންގެ ލޯބިވެރީންނަށް ފޮނުވައި ފާހަގަ ކުރަމުންދާ މިޢީދަކީ، އެބަޔަކާއި ޚިލާފުވުމަށް މުސްލިމުންނަށް އަމުރުވެވިގެންވާ އަހުލުކިތާބިންގެ ފަރާތުން އައިސްފައިވާ ޢީދެކެވެ.
މިޢީދުގެ އަޞްލު ރުޖޫޢަވަނީ، ވެލެންޓައިން ނަމަކަށް ކިޔާ ފާދިރީއަކަށެވެ. ފެބްރުއަރީ މަހުގެ މެދުތެރޭގައި ރޫމީންތައް ޖަމަޢަވެ، އެބައިމީހުންގެ ރަށުގައި ދިރިއުޅޭ ކައިވެނިނުކޮށްތިބޭ އަންހެން ކުދީންގެ ނަންތައް ލިޔުމަށްފަހު، އެއްޗަކަށް އެ ގަނޑުކޮޅުތައް އަޅައެވެ. ދެން ކޮންމެ ޒުވާނަކުވެސް އެއިން ގަނޑުކޮޅެއް ނަގަނީއެވެ. އެއަށްފަހު، އެމީހަކަށް ނެގޭ ގަނޑުކޮޅުގައިވާ އަންހެން ކުއްޖާއާއެކު އެއްއަހަރު ވަންދެން އޭނާ އުޅެންވީއެވެ. އެއްއަހަރު ވުމުން ބޭނުމިއްޔާ ހަމަ އެއަންހެން ކުއްޖާއާއެކު އުޅެންވީއެވެ. އެހެން ނޫނީ އަނެއްކާވެސް އެ ގުރުއަތުގައި ބައިވެރިވެ އާކުއްޖެއް ހޯދަންވީއެވެ. މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވިގޮތް، އެއީ މާކުރީގެ ބޯދާގޮތްތަކެއް ކަމުގައިބުނެ، އެކަލޭގެފާނުގެ އިރުޝާދުތަކުގައި ކޮޅުފައިން ޖަހަމުންދާ މީހުން މިއަދު ޢަމަލުކުރަމުންދާ ގޮތެވެ. މިއީ، އެބައިމީހުންނަށް ބޯދާގޮތަކަށް ނުވިއެވެ.
ކޮންމެއަކަސް މިގޮތުގައި ކަންތައް ކުރިއަށްދަނިކޮށް، ސިފައިންނަށް މިފަދަ ޢަޤުދެއް ކޮށްނުދިނުމަށް، މީލާދިން 3 ވަނަ ޤަރުނުގެ ފަހުކޮޅުގައި ރޫމީންގެ އިމްބްރާޠޫރު ކްލޯޑިއަސް ދެވަނަ، ފާދިރީންނަށް އަމުރުކުރިއެވެ. އެއީ ކައިވެނިނުކޮށް އުޅޭ ސިފައިންގެ ފައިދާ، ލަޝްކަރަށް ބޮޑުކަމުގައި ބުނެއެވެ. ނަމަވެސް ވެލެންޓައިން މި އަމުރަކަށް ތަބަޢަނުވިއެވެ. އަދި ސިއްރިއްޔާތުގައި ސިފައިންނަށް އަޤުދު ކޮށްދެމުން ދިޔައެވެ. މާގިނަދުވަސް ތަކެއް ނުވެ، މިކަން އިމްބްރާޠޫރަށް އެނގިޖެއެވެ. އަދި ވެލެންޓައިން ހައްޔަރުކޮށް އޭނާ މެރުމަށް ޙުކުމް ކުރެވުނެވެ. އަދި މީލާދީން 270 ވަނަ އަހަރުގެ ފެބްރުއަރީ 14ވަނަ ދުވަހު އޭނާ މަރާލެވުނެވެ. އެއަށްފަހު ނަޞާރާއިން، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 14ވަނަ ދުވަސް، ރަތް މާތަކާއި، ލޯބީގެ ޅެންތަކާއި، ހަދިޔާތައް އެމީހުންގެ ލޯބިވެރީންނަށް ފޮނުވައި، ވެލެންޓައިންގެ ދުވަހުގެ ނަމުގައި ފާހަގަ ކުރަން ފެށިއެވެ. މި ނޫން އެހެން ރިވާޔަތްތަކެއްވެސް މިދުވަހުގެ އަޞްލާއި ބެހޭގޮތުގައ ވާރިދުވެފައިވެއެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އެބައިމީހުންގެ ފާދިރީއެއްގެ ހަދާންތައް އާކޮށް، ނަޞާރާއިން ފާހަގަ ކުރަމުންދާ މިފަދަ ދުވަހެއް ފާހަގަކުރުން އަހަރެމެން މުސްލިމުންގެ މައްޗަށް ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ! އަހަރެމެންގެ ދީނުގައި، ޔަހޫދީންނާއި ނަޞާރާއިންނާއި ޚިލާފުވުމަށާއި، އެމީހުންނަށް ތަބަޢަނުވުމަށް އަމުރުކުރެވިފައިވަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެ އަމުރުތައް އެނގިފައި ނުވާނަމަ، ނުވަތަ ހަނދާން ނެތިފައިވާނަމަ ތިރީގައި މި ބަޔާންކޮށްލަނީއެވެ. ﷲއަހަރެމެން އެންމެނަށްވެސް ހިދާޔަތު ދައްކަވާށިއެވެ!
1-ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ لا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا (الفرقان: ٧٢) ” އެބައިމީހުންނީ (މުއުމިނުންނީ) މުޝްރިކުންގެ ޢީދުތަކާއި ފާސިޤުކަންތައް ކުރެވޭ މަޖިލިސްތަކުގައި ބައިވެރި ނުވާ، ދޮގުވާހަކަ ދައްކައި، ދޮގު ހެކިނުދޭ މީހުންނެވެ. އަދި އެފަދަ ފާސިޤު ކަންތައް ކުރާ ބައެއްގެ ކައިރިން ދާނަމަ އެބައިމީހުން އަވަސް ހިނގުމެއްގައި އެތަން ފަހަނަޅައި ދެއެވެ. “ މި އާޔަތުގެ ތަފްސީރުގައި، އިބްން ސީރީން އާއި، މުޖާހިދާއި، ޟައްޙާކާއި، ރަބީޢު ބިން އަނަސާއި، ޢިކްރިމާއާއި ސަލަފުންގެ އެތައް ބޭކަލެއްގެ ފަރާތުން މިފަދައިން ރިވާވެގެންވެއެވެ. މި އާޔަތުގައި މިވާ الزُّورُ އަކީ، މުޝްރިކުންގެ ޢީދުތަކެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “މިފަދައިން އެބައިމީހުންގެ ޢީދުތަކަށް، ﷲތަޢާލާ الزُّورُ އޭ ވަޙީކުރެއްވިއެވެ. އަދި އެއިލާހުގެ އަޅުންނަށް (މުސްލިމުންނަށް)، އެތަންތަނަށް ދިއުން މަނާކުރެއްވިއެވެ. އެތަންތަނަށް ދިއުން މަނާކުރެވިފައި ވާއިރު، ތަރުޙީބުދީ، އޭގައި ބައިވެރިވުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ! “
2-ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ لِكُلِّ قَوْمٍ عِيدًا وَإِنَّ عِيدَنَا هَذَا الْيَوْمُ (متفق عليه) “ހަމަކަށަވަރުން ކޮންމެ ބަޔަކަށްވެސް ޢީދެއްވެއެވެ. އަދި އަހަރެމެންގެ ޢީދަކީ މިއަދެވެ. (އެބަހީ، ފިޠުރު ނުވަތަ އަޟްޙާގެ ދުވަހެވެ.) “ އިމާމް އައްޛަހަބީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެކަލޭގެފާނުގެ މިޙަދީޘުން، ކޮންމެ ބައެއްގެ ޢީދަކީވެސް އެބަޔަކަށް ޚާއްޞަ އެއްޗެއްކަން އެނގެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا (المائدة: ٤٨) މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ ޝަރީޢަތަކާއި ފާޅުވެގެންވާ މަގެއް ތިމަންއިލާހު ލެއްވީމެވެ. ފަހެ، ނަޞާރާއިންނާއި ޔަހޫދީންގެ ޝަރީޢަތާއި ޤިބުލައަށް، މުސްލިމުން ތަބަޢަނުވާފަދައިން، އެމީހުންނަށް ޚާއްޞަ ޢީދުތަކުގައިވެސް ބައިވެރިވެގެން ނުވާނެއެވެ. “
3-ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ (رواه أبو داود و صححه الألباني) “(ކޮޕީކޮށް) ބަޔަކާއި ވައްތަރުވެއްޖެ މީހަކީ، ފަހެ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. “ މި ޙަދީޘްފުޅުގައި މިވަނީ، ކާފިރުންނާއި ވައްތަރުވުން ޞަރީޙަކޮށް ނަހީކުރައްވާފައެވެ. އެހެނީ އެމީހުންނާއި ވައްތަރުވުމަކީ އޭގައި އެތަކެއް ފަސާދައެއް ހިމެނިގެންވާ ކަމެކެވެ.
1-އެމީހުންގެ ޢީދުތަކުގައި ބައިވެރިވުމަކީ، އެމީހުންގެ ބާޠިލުގޮތަށް ރުހުމެވެ.
2-ބޭރުފުށުންވެސް އެމީހުންނާއި ވައްތަރުވެއްޖެނަމަ، އެކަންތައް އެތެރެފުށުގެ ލޯތްބާއި ކުލުނައަށް ވާރުތަކުރެއެވެ. ހަމައެފަދައިން އެތެރެފުށުން އެމީހުންގެ ޢަމަލުތަކާމެދު ރުހުމަކީ، ބޭރުފުށުން އެމީހުންނާއި ވައްތަރުވުން ވާރަތަކުރާ ކަމެކެވެ.
3-އެމީހުންނާއި ވައްތަރުވުމަކީ، އެމީހުންގެ ޝިޢާރުތައް ފެތުރުމެވެ.
4-އެމީހުންނާއި ވައްތަރުވުމަކީ އެމީހުންނަށް ނަޞްރުދީ އެމީހުންގެ ދީނަށް ތަބާވުމެވެ.
4-އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. قَدِمَ رَسُولُ اللَّهِ -صلى الله عليه وسلم- الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ: مَا هَذَانِ الْيَوْمَانِ. قَالُوا كُنَّا نَلْعَبُ فِيهِمَا فِى الْجَاهِلِيَّةِ. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم-: إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ. (رواه أبوداود وصححه الألباني) ” ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ އަހުލުވެރިން ކުޅެ އުޅުމަށްޓަކައި ދެ ޢީދެއްވިއެވެ. ދެން ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވިއެވެ. މިއީ ކޮން ދެދުވަހެއް ހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. ޖާހިލިއްޔަ ޒަމާނުގައި، ތިމަންމެން އެދެދުވަހު ކުޅެ އުޅުނީމެވެ. ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން، އެ ދެދުވަހުގެ ބަދަލުގައި، އެއަށްވުރެ ހެޔޮވެގެންވާ ދެދުވަހެއް ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވައިފިއެވެ. އެއީ ޢަޟްޙާގެ ދުވަހާއި ފިޠުރުގެ ދުވަހެވެ. “
ފަހެ ޖާހިލިއްޔަ ޒަމާނުގައި އެމީހުން ފާހަގަ ކުރަމުން އައި ދެދުވަސް ފާހަގަ ކުރުންމަތީ ދެމިތިބުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއްބަސްވެވަޑައި ނުގެންނެވިއެވެ. އަދި، އެ ދެދުވަހަށްވުރެ ހެޔޮވެގެންވާ ދެދުވަހެއް މުސްލިމުންނަށް ދެއްވާފައިވާކަން ބަޔާންކުރެއްވިއެވެ. އެހެންކަމުން ކާފިރުންގެ ޢީދުތައް ފާހަގަ ކުރުން ހުއްދަ ނޫންކަން އެނގިގެންދެއެވެ. ޖާހިލިއްޔަ ޒަމާނުގެ ކަންތައްތަކުން ދުރުވުމަށް އަމުރުކުރެވިފައި ވާފަދައިން، ޔަހޫދީންނާއި ނަޞާރާއިންނާއި ވައްތަރު ނުވުމަށްވެސް އަމުރުކުރެވިފައިވެއެވެ.
5-އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. ” ހަމަކަށަވަރުން ޢީދުތަކަކީ، ކޮންމެ ބަޔަކަށްވެސް ޚާއްޞާކުރެވިފައިވާ ޝަރީޢަތްތަކާއި، މަންހަޖުތަކާއި، އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. لِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوهُ (الحج: ٦٧) މާނައަކީ: އެބައިމީހުން ތަބަޢަވުމަށްޓަކައި، ތިމަން އިލާހު، ކޮންމެ އުއްމަތަކަށްވެސް ޚާއްޞަ ޝަރީޢަތްތަކެއް ލެއްވީމެވެ. “ އަދި އެހެންތަނެއްގައި ވިދާޅުވެފައިވެއެވެ. “އެހެންކަމުން އެބައިމީހުންގެ ޢީދުތަކުގައި ބައިވެރިވުމާއި، އެބައިމީހުންގެ ޤިބުލައަށް ތަބަޢަވުމުގައި ތަފާތެއް ނުވެއެވެ. “
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތަކުގައި ބައިވެރިވުން ހުއްދަނުވާ ފަދައިން، އެމީހުންނަށް އެދުވަސްތަކުގެ ތަހުނިއާ ކިއުމަކީވެސް އަހަރެމެން މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. ” ޔަހޫދީންނާއި ނަޞާރާއިންނަށް ޚާއްޞަވެގެންވާ، އެބައިމީހުންގެ ކުރުފުރުގެ ޝިޢާރުތަކުން އެބައިމީހުންނަށް ތަހުނިޔާ ކިޔުމަކީ ޙަރާމްކަމެއް ކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. “ އަދިވެސް ވިދާޅުވެފައިވެއެވެ. “އެއީ ޞަލީބަށް ސަޖިދަ ކުރުމުން، އެމީހުންނަށް ތަހުނިޔާ ކިޔުން ފަދަ ކަމެކެވެ. އަދި ކިއެއްތަ! އެއީ ރާބުއިމާއި، ޒިނޭކުރުމަށް ހިއްވަރުދީ ތަހުނިޔާ ކިޔުމަށްވުރެވެސް ބޮޑުވެގެންވާ ފާފައެކެވެ. “
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ލޯބިވުމާއި، އޯގާތެރިވުމަކީ އިސްލާމްދީނުގައި ޙަރާމްކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ޝަރުޢީ ޙުދޫދުތަކުގެ ތެރޭގައި އެކަން ކުރާނަމައެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށްވެސް ހިދާޔަތު ދައްކަވާށިއެވެ!