[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 9

މި މަތިވެރިވެގެންވާ ޝަހާދަތުގެ ހަޤީޤަތްތަކުގެ ތެރޭގައި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރިހަމަ ގޮތުގައި ތަބާވުން ހިމެނެއެވެ. އެކަލޭގެފާނުގެ ސުންނަތަށް ތަބާވުން ވާޖިބުވެގެން ވެއެވެ. އެއްވެސް ކަމެއްގައި ދެބަސްވެ އަރައިރުންވެއްޖެނަމަ، އެކަލޭގެފާނުގެ ޙަޔާތުގައިނަމަ، އެކަމަކަށް އެކަލޭގެފާނުގެ އަރިހުން ހައްލު ހޯދުމާއި، ނުވަތަ އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އެކަލޭގެފާނުގެ ސުންނަތުގެ އަލީގައި އެކަމަކަށް ހައްލު ހޯދުން ހިމެނެއެވެ. އަދި، އެއީ ކޮންމެ ފެންވަރެއްގެ، ކޮންމެ މީހެއްކަމުގައި ވިޔަސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މައްޗަށް އެހެން މީހެއްގެ ބަހެއް އިސްކުރުން ހުއްދަވެގެން ނުވެއެވެ. އަދި މާތް ނަބިއްޔާގެ ސުންނަތާއި ޚިލާފު ވެވިދާނެ ކަމާއިމެދު ހުށިޔާރުވެ ހުންނަންޖެހެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا )) (21)  سورة الأحزاب – މާނަ : ” ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. “

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ((وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا … )) (7) سورة الحشر – މާނަ : ” އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކުން ނަހީކުރައްވައިފިނަމަ، ތިޔަބައިމީހުން އެކަމަކާއި ދުރުވެގެންނާށެވެ… “

ބަޔަކުމީހުން ﷲ ތަޢާލާއަށް ލޯބިވާކަމަށް ދަޢުވާކުރަން ފެށުމުން، އެބައިމީހުން ހަޤީޤަތުގައިވެސް ﷲ ތަޢާލާއަށް ލޯބިކުރޭތޯ އިމްތިހާނުކުރެއްވުމަށްޓަކައި އެއިލާހު މިއާޔަތް ބާވައިލެއްވިއެވެ. (( قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ … ))  (31-32) آل عمران – މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ތަޢާލާއަށް ލޯބިކުރާކަމުގައި ވާނަމަ ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ… “

ﷲ ތަޢާލާ އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. ((… فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً  )) (59) سورة النساء – މާނަ: ” … ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުންނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ބަޔަކުކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެ ގޮތުގައި ރީތިކަންވެސް ބޮޑުމެއެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ ))  (1) سورة الحجرات – މާނަ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އާއި، އެކަލާނގެ ރަސޫލާގެ ހަޟްރަތުގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ “

އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالاً مُّبِينًا )) (36) سورة الأحزاب – މާނަ: ” އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ. “

– ނުނިމޭ –

އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد

ކުރީގެ ބައިތައް