[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެބަސްވުންތައް ޙައްލުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނަކީ ޞުލްޙައަށް ބާރުއަޅާދީނެއްކަމުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުން އިސްލާމްދީނުގައި ޙަރާމްކުރެވިފައިވެއެވެ. އަދި އިސްލާމީ މުޖުތަމަޢުތަކުގައި އެފަދަ ކަންކަންކުރާ މީހުންނަށް ހަރުކަށި އަދަބުދެވި އެފަދަ ހަމަނުޖެހުމެއް ފެށޭއިރަށް އަވަސްގޮތަކަށް އެކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައި ވެއެވެ. މިގޮތުން މިސްކިތްތަކާއި ގޯތިގެދޮރާއި ޢާންމުންގެ މުދަލާއި ތަކެއްޗަކީ ޙުރުމަތްތެރިކުރެވިފައިވާ ތަކެއްޗެވެ.

ނުޙައްޤުން މީހެއްގެ ގައިން އޮހޮރާލެވޭ އެންމެ ލޭތިއްކަކީވެސް އެކަމާމެދު މުސްލިމުން އުފާކޮށްގެންވާނޭ ކަމެއްނޫނެވެ.  އެއީ އެކަމާއިމެދު ޤިޔާމަތްދުވަހު ސުވާލުކުރެވޭނެކަމެކެވެ. މިފަދަ ކަންކަން މުޖުތަމަޢުގައި ހިންގުމަށް ލޯބިކުރާ މީސްތަކުން ދަންނައެވެ. ފަހެ އެބައިމީހުންގެ އީމާންތެރިކަން އެވަނީ މުރާޖާކުރަން ޖެހިފައެވެ.

“ﷲތަޢާލާ ވަޙީ ކުރައްވަނީ:

﴿ وَإِنْ طَائِفَتَانِ مِنْ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِنْ بَغَتْ إِحْدَاهُمَا عَلَى الأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِنْ فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ﴾ (سورة الحجرات ٩)

މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިގެންފިނަމަ، ފަހެ އެދެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ޞުލްޙަކުރާށެވެ. އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް ބަޣާވާތްކޮށްފިނަމަ، އެ ބަޣާވާތްކުރިމީހުން ﷲގެ އަމުރުފުޅަށް ރުޖޫޢުވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ. ފަހެ އެއުރެން ރުޖޫޢުވެއްޖެނަމަ، ފަހެ ޢަދުލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ޞުލްޙަކުރާށެވެ. އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ. ހަމަކަށަވަރުން ޢަދުލުވެރިންދެކެ ﷲލޯބިވެވޮޑިގެންވެއެވެ.”1

ޢަރަބި ބަހުގައި ބަޣާވާތްކުރުމަށް ބޭނުންކުރާ ލަފުޒު ނެގިފައިވަނީ  “البَغْيُ” އިންނެވެ. މިކަލިމައިގެ އަސްލުމާނައަކީ އަނިޔާވެރިވެ ޙައްޤުން އެއްކިބާވުމެވެ.

“މިއާޔަތުގައި މިވަނީ މުސްލިމުންގެ މެދުގައި ހިނގާ ނުރައްކާތެރި ދެބަސްވުންތައް ޙައްލުކުރާނެ ގޮތުގެ އަސާސީ މިންގަޑުތައް އަންގަވާފައެވެ. ފުރަތަމަ ފިޔަވަޅަކީ، މައްސަލަ ޙައްލުކުރަން މަސައްކަތްކުރާއިރު، މައްސަލަ ފެށި ފަރާތް ނުބަލާ، އެކަން ޙައްލުކުރުމަށް މަސައްކަތްކުރުމެވެ. ނުރަނގަޅު ބަޔަކީ ކޮބާކަން އެނގުނުކަމުގައި ވިޔަސް ވަކި ފަރާތަކަށް ޖެހިގެން ނުވާނެއެވެ. ދެބައި މީހުންނަށްވެސް ހިތްވަރު ދޭންވާނީ ވަގުތުން ދެކޮޅުވެރިކަން ހުއްޓާލާ އަދި އިސްލާމްދީނުގައި ވާގޮތުގެ މަތީން ޞުލްޙަވުމަށެވެ. އެއްފަރާތުން ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދައިފިނަމަ، ދެވަނަ ފިޔަވަޅަކީ ޞުލްޙަކުރަން މަސައްކަތްކުރާމީހުން އަނެއްބައި މީހުންނައި ގުޅުމެވެ. އެއީ ދެކޮޅުވެރިކަންމަތީ ތިބިމީހުން ﷲ ތަޢާލާގެ މަގަށް ރުޖޫޢަވަންދެނެވެ.

މަޝްހޫރު ޤަބަލީ ޝިއާރެއް، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް، ދެކޮޅުވެރިކަން ނައްތާލުމުގެ މުހިއްމުކަމަށް ބާރުއަޅުއްވާ ޙަދީޘްކުރައްވާފައިވެއެވެ. ” އަނިޔާވެރިވާ މީހާ ކަމުގައި ވިޔަސް އަދި އަނިޔާލިބޭ މީހާ ކަމުގައި ވިޔަސް، ތިބާގެ އަޚާއަށް އެހީތެރިވާށެވެ.” އެކަލޭގެފާނުގެ މި ބަސްފުޅާމެދު ހައިރާންވެވަޑައިގެން އަނަސް رضي الله عنه އެއްސެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަނިޔާލިބޭ މީހަކަށް އެހީވުން ވަރަށް ސާފެވެ. ނަމަވެސް އަނިޔާވެރިވާ ހިނދު އޭނާއަށް އަޅުގަނޑު އެހީތެރިވެދޭނީ ކިހިނަކުންތޯއެވެ؟” އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. “ތިބާ އޭނާއަށް އެހީވާނީ އަނިޔާވެރިވުމުން އޭނާ ދުރުކުރުމުންނެވެ.”

ބަޣާވާތްކުރި މީހުން ކިޔަމަންތެރި ކުރެވުމުން، ތިންވަނަ ފިޔަވަޅަކީ، ތެދުވެރިކަމާއެކު ދެފަރާތުގެ މެދުގައި ޞުލްޙަ ޤާއިމްކުރުމެވެ. އެއީ އެއްބަޔަކު ފުރަތަމަ ޞުލްޙަވެރިވުމާއި ދެކޮޅުހެދިކަމުގައިވީ ނަމަވެސްއެވެ.

މިއާޔަތް ބާވާލެއްވުނު އަސްލު ސަބަބު އަނަސް رضي الله عنه ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވަނީ: “ނަބިއްޔާއަށް ޢަބްދުﷲ ބިން ޢުބައްޔު އަށް ޒިޔާރަތް ކުރުމަށް ދެންނެވުނެވެ. އެހެންކަމުން އެކަލޭގެފާނު ހިމާރެއްގެ މަތީގައި ނުކުމެ ވަޑައިގަތެވެ. އަދި ފައިމަގުގައި މުސްލިމުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ. ޢަބްދުﷲ ބިން ޢުބައްޔު އޭނާއަށް ތަބާވާ ބައެއްގެ ތެރޭގައި ހުއްޓާ ނަބިއްޔާ صلى الله عليه وسلم އޭނާގެ ގާތަށް ވަޑައިގަތެވެ. ޢަބްދުﷲ މަލާމާތުގެ ރާގެއްގައި ބުންޏެވެ. “އަހަންނާ ދުރަށް ދާށެވެ! ﷲ ގަންދީ ބުނަމެވެ. ތިޔަ ހިމާރުގެ ވަހުގެ ސަބަބުން އަހަރެން ބަލިވެއްޖެއެވެ.” ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން އަންޞާރަކު ޖަވާބުގައި ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. ކަލޭގެވަހަށްވުރެ ﷲގެ ރަސޫލާގެ ހިމާރުގެ ވަސް މާ ރަނގަޅެވެ.” ޢަބްދުﷲގެ ޤަބީލާގެ ބައެއްމީހުން މިކަމާ ރުޅިއައެވެ. އަދި އަޞްޙާބުބޭކަލުންވެސްމެއެވެ. އަދި މިދެބައި މީހުންގެ ދެމެދުގައި ތަޅާފޮޅުމެއް ފެށިއްޖެއެވެ. އެހެންކަމުން، މިއާޔަތް، (މުއުމިނުންގެ ދެބަޔަކު ތަޅައިގެންފިނަމަ، ފަހެ އެ ދެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ޞުލްޙަކުރާށެވެ.) ބާވާލެއްވުނެވެ.”

އެވަގުތު މިދެބައިމީހުން މެދުގައި ޞުލްޙަކުރެވުނެވެ. އަދި ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން އެބޭކަލުންގެ ގެތަކަށް އެނބުރި ވަޑާއިގެންނެވިއެވެ. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ ތެރެއިން ގިނަ ބަޔަކަށް ޢަބްދުﷲ ބިން ޢުބައްޔުގެ މުނާފިޤުކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް އޭނާއަށް ގެއްލުމެއް ދިނުމަށް އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް މަނާކުރެއްވިއެވެ. އަދި ހަމަ މިފަދަ އެހެން ޙާދިޘާއެއްގައި، ޢުމަރު رضي الله عنه، ޢަބްދުﷲ ބިން އުބައްޔު ޤަތުލު ކޮށްލުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮށްފިނަމަ، މުޙައްމަދުގެފާނު އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ޤަތުލު ކުރަނީކަމުގައި، އިސްލާމްދީނުގެ އަދުއްވުން ބުނާނެ ކަމުގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވައި އަދި އޭގެ ސަބަބުން އެހެންމީހުން އިސްލާމްދީނަށް ވަނުމަށް ފަސްޖެހޭނެތީ އެކަމަށް އިންކާރުކުރެއްވިއެވެ.” 2

________________________________________

[1] [2]އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕުކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖްރާތު- ބިލާލް ފިލިޕްސް) މިފޮތުން ނަގާފައި