عَنْ أَبِي وَاقِدٍ اللَّيْثِيِّ قَالَ : خَرَجْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى حُنَيْنٍ وَنَحْنُ حُدَثَاءُ عَهْدٍ بِكُفْرٍ ، ولِلْمُشْرِكِينَ سِدْرَةٌ يَعْكُفُونَ عِنْدَهَا ، ويَنُوطُونَ بِهَا أَسْلِحَتَهُمْ يُقَالُ لَهَا : ذَاتُ أَنْوَاطٍ ، قَالَ : فَمَرَرْنَا بِالسِّدْرَةِ ، فَقُلْنَا : يَا رَسُولَ اللَّهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” اللَّهُ أَكْبَرُ ، إِنَّهَا السُّنَنُ ، قُلْتُمْ وَالَّذِي نَفْسِي بِيَدِهِ كَمَا قَالَتْ بَنُو إِسْرَائِيلَ : {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ }(الأعراف: 138 )، لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ (رواه الطبراني و الترمذي وغيره وصححه الألباني)
ޙަދީޘުގެ މާނަ
އަބޫ ވާޤިދު އައްލައިޘީ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އިސްލާމްވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ޙުނައިނަށް، ތިމަންބޭކަލުން ވަޑައިގެންނެވީމެވެ. މުޝްރިކުން، ބަރަކާތް ޙާޞިލުކުރުމުގެ ގޮތުން އެގަހުގެ ކައިރީގައި މަޑުކޮށްގެން ތިބުމަށާއި، ހަތިޔާރުތައް އެޅުވުމަށްޓަކައި، ‘ޛާތު އަންވާޠު’އޭ ކިޔޭ، ޚާއްޞަ ކުންނާރު ގަހެއް އެބައިމީހުންނަށް ވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެންފަހެ، އެކުންނާރުގަސް ކައިރިން ވަޑައިގަންނަވަމުން ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެބައިމީހުންނަށް ޛާތު އަންވާޠެއް ވާފަދައިން ތިމަންބޭކަލުންނަށްވެސް ޛާތު އަންވާޠެއް ހަމަޖައްސަވައި ދެއްވާށެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ﷲއަކްބަރު! އޭ ވިދާޅުވެ (ޙައިރާންވެވަޑައިގެން) ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެއީ (މަގުފުރެދިފައިވާ މީހުންގެ) ގޮތްތަކެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން ތިޔަބުނީ އިސްރާއީލުގެ ދަރީން ބުނިފަދައިންނެވެ. “އެބައިމީހުންނަށް އިލާހުންތަކެއް ވާފަދައިން ތިމަންމެނަށްވެސް އިލާހުންތަކެއް ލައްވައި ދެއްވާށެވެ. އެކަލޭގެފާނު(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ ޙައްޤުގޮތް ނޭނގޭ ބަޔެކެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންވެސް ކުރީގެ މީސްތަކުންގެ ގޮތްތަކަށް ތަބަޢަވާނެތެވެ.
ޙަދީޘް ރިވާކުރެއްވި ޞަޙާބީ
މި ޙަދީޘް ރިވާކުރެއްވީ، އަބޫ ވާޤިދް އައްލައިޘީ ރަޟިޔަﷲ ޢަންހުއެވެ. އައްލައިޘީއޭ ކިޔެނީ ލައިޘް ބިން އަބްދުމަނާފަށް ނިސްބަތްކޮށެވެ. އެކަލޭގެފާނުގެ ނަމަކީ، އަލް ޙާރީޘްބިން މާލިކު ކަމުގައި ބުނެވެއެވެ. އަދި އިބްނު ޢައުފް ކަމުގައިވެސް ބުނެވެއެވެ. ކުތުބުއްސިއްތާގެ 6 ފޮތުގައިވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެވަފައިވާ ޙަދީޘްތައް އައިސްފައިވެއެވެ. މިގޮތުން ބުޚާރީ އާއި މުސްލިމްގައި އެކަލޭގެފާނުގެ އަރިހުން ރިވާވެފައިވާ 2 ޙަދީޘްވެއެވެ. ބަދުރު ހަނގުރާމައިގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވި ކަމުގައި ބުނެވެއެވެ. އަދި އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެވުނުއިރު ކަމުގައިވެސް ބުނެވެއެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ އުމުރުފުޅުން 85 އަހަރުފުޅުގައި، ހިޖުރައިން 68ވަނަ އަހަރުގައެވެ.
ޙަދީޘުގެ ތަފްޞީލީ މާނަ
ޙުނައިނު ހަނގުރާމައަށް، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ވަޑައިގެންނެވި މުސްލިމުންގެ ލަޝްކަރުގައި، އިސްލާމްވެވަޑައިގެންނެވިތާ މާގިނަދުވަސްތަކެއް ނުވާ، ޢަޤިދާއާއި ދީނުގެ އަސާސްތައް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ޞަޙާބީބޭކަލުންތަކެއް ތިއްބެވިއެވެ. ދެން އެބޭކަލުން ވަޑައިގެންނެވި މަގުމަތިން، ގަހެއް ކައިރީ ބަރަކާތް ޙާޞިލުކުރުމުގެ ގޮތުން މަޑުކޮށްގެން ތިބި މުޝްރިކުންތަކެއް ފެނިވަޑައިގެންނެވުމާއެކު، އެ (އަލަށް އިސްލާމްވެވަޑައިގެންނެވި) ބޭކަލުންތައް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމައެވެ! އެބައިމީހުން ބަރަކާތް ޙާޞިލުކުރާ ފަދައިން ބަރަކާތް ޙާޞިލުކޮށް، ހަތިޔާރުތައް އެޅުވުމަށްޓަކައި، ތިމަންބޭކަލުންނަށްވެސް އެފަދަ ގަހެއް ކަނޑައަޅުއްވައި ދެއްވާށެވެ. މިހެން އެބޭކަލުން ދެންނެވީ، މިފަދައިން ބަރަކާތް ޙާޞިލުކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަން އެބޭކަލުންނަށް އެނގިވަޑައިނުގަންނަވާތީއެވެ.
ދެންފަހެ، ހައިރާންވެވަޑައިގެންފައިވާ ހާލު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އެއީ (މަގުފުރެދިފައިވާ މީހުންގެ) ގޮތްތަކެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން ތިޔަބުނީ އިސްރާއީލުގެ ދަރީން ބުނިފަދައިންނެވެ. އެބައިމީހުންނަށް އިލާހުންތަކެއް ވާފަދައިން ތިމަންމެނަށްވެސް އިލާހުންތަކެއް ލައްވައި ދެއްވާށެވެ. އެކަލޭގެފާނު(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ ޙައްޤުގޮތް ނޭނގޭ ބަޔެކެވެ. “
މިއަދު މުސްލިމު އުއްމަތުގައި، އެކިއެކި އެއްޗެހިން ބަރަކާތް ޙާޞިލުކޮށް ޝިރުކުގެ ޢަމަލުތައް ކުރަމުންދާ މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުން ފިލާވަޅު ޙާޞިލުކުރަން ޖެހެއެވެ. އަދި އިސްލާމްދީނުގެ ޢިލްމުވެރިންވެސް މިފަދަ މުންކަރާތްތައް މަނާކޮށް، ޝިރުކު ނައްތާލުމުގައި މިބަސްފުޅުން ފިލާވަޅު ޙާޞިލުކުރަން ޖެހެއެވެ.
މިޙަދީޘުން ލިބޭ ބައެއް ފައިދާ
1-ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިންނާއި ވައްތަރުވުމަކީ ނަހީކުރެވިގެންވާ ކަމެއްކަން.
2-ނުބައިކަންތަކުގެ މަގު ބަންދުކުރަން ޖެހޭކަން.
3-ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޚަބަރު ދެއްވާފައިވާ ގޮތަށް ކަންތައް ވެދިއުމުން، އެކަލޭގެފާނުގެ ނުބުއްވަތުގެ ތެދުކަން ސާބިތުވުން.
4-މީސްތަކުން ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމެއް، ﷲގެ ރަޙުމަތުން އެބައިމީހުން މަޙުރޫމު ކުރުވާ ކަމަކަށްވެސް ވެދާނެކަން.