الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
“ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެގެއެއްގައި ﷲ ތަޢާލާގެ ޛިކުރުކުރެވޭ ގެއަކާއި، ﷲ ތަޢާލާގެ ޛިކުރުނުކުރެވޭ ގެއެއްގެ މިޘާލަކީ މަރުވެފައިވާ އެއްޗަކާއި ދިރިހުރިއެއްޗެއްގެ މިޘާލެވެ.”” 1
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ގެތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ ވަރަށް ވެސް ހިތާމަވެރި މަންޒަރެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައިވާފަދައިން މަރުވެފައިވާ ގެތަކެކެވެ. އަދި ވީރާނާވެ އަލުން އާރާސްތުކުރަންޖެހިފައިވާ ގެތަކެކެވެ. އެއީ އެގެތަކުގައި ތަށިމުށި ނުޖަހާ ކުލަނުލާ ހުރީމައެއް ނޫނެވެ. ނަމަވެސް އެއަށްވުރެއްވެސް އަސާސީ އެއްޗެއް އެގެތަކުން މަދުވުމުންނެއެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމާއި އެއިލާހުގެ ޛިކުރުކުރުން މިފަދަ ގޭގެ މަޙުރޫމުކޮށްފައިވުމުންނެވެ. ބައެއްގޭގެއިން މީހަކު މަރުވީމާ ނޫނީ ކީރިތި ޤުރުއާނުގެ އަޑުނީވެއެވެ.
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ: ((لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ.)) رواه مسلم
އަބޫ ހުރައިރާ رضي الله عنه ވިދާޅިވިއެވެ. “ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ‘ތިޔަބައިމީހުންގެ ގެތައް ގަބުރުސްތާނުތަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރަތުލް ބަޤަރާކިޔެވޭ ގެއަކުން ޝައިތާނާ ފިލައެވެ.'”
އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވުމު މަޤްޞަދާއިމެދު ވިސްނާ ފިކުރު ކޮށްލުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭކަމެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރަންވާނީ އެމަޤްޞަދާއި ޚިލާފުނުވާނެ ގޮތަށެވެ. އަޅުގަނޑުމެން ދިރިއުޅޭ ގެތަށް ވާންޖެހޭނީ އިސްލާމީ ހަމަތަކާއި އުޞޫލު ތަކަށް ފެތޭ ތަންތަނަށެވެ. އެތަންތަނުގައި ކުރެވެން ވާނީ އިސްލާމީ ޝަރީޢަތާއި ޚިލާފްނުވާ ޢަމަލުތަކެވެ.
“ކޮންމެ މީހަކުވެސް އެމީހެއްގެ ގެއަކީ ﷲ ތަޢާލާ ޛިކުރުކުރެވޭ ތަނަކަށް ހަދަންޖެހެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ:
﴿ وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ ﴾ (سورة الذاريات ٥٦)
މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”
(ﷲ ތަޢާލާ ޛިކުރުކުރުމުގެ) އެތައް ގޮތެއްވެއެވެ. އޭގެތެރޭގައި ހިތުން ޛިކުރުކުރުމާއި، ދުލުން ޛިކުރުކުރުމާއި، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ދީނީ ޢިލްމު ހިތުދަސްކުރުމާއި އަދި އެފަދަ ޢިލްމީ ފޮތްތައް ކިޔުން ހިމެނެއެވެ.
އެތަންތަނުގައި ﷲ ތަޢާލާ ޛިކުރު ނުކުރެވުމުގެ ސަބަބުން މުސްލިމުންގެ ކިތައް ގެ މަރުވެފައިވޭ ހެއްޔެވެ؟ މަތީގައި ބަޔާން ކުރެވުނު ޙަދީޘްއަށް އޭގެ ތެރެއިން ކިތައްގެ ފެތޭ ހެއްޔެވެ؟ އެތަންތަނުގައި ޛިކުރުކުރެވޭ އެއްޗަކީ ޝައިޠާނާގެ ރާގުތަކާއި، ލަވަތަކާއި، ޣީބަ އާއި ދެބައޮޑުވުން ކަމުގައިވާނަމަ އެތަންތަނުގެ ޙާލަކީ ކޮބާ ހެއްޔެވެ؟
ފާހިޝް ޢަމަލުތަކާއި ފާފަތައް ކުރެވޭ ތަނެއްގެ ޙާލަކީ ކޮބާ ހެއްޔެވެ؟ ޝަރުޢީ އިމުން ބޭރުން ދެޖިންސުގެ މީހުން މަސްހުނިވެ އުޅުމާއި، ކައިވެނި ޙަލާލު މީހުން ކުރިމަތީ އަންހެނުން ނިވާނުވެ އުޅޭ ތަންތަނުގެ ޙަލަކީ ކޮބާތޯއެވެ؟
މިފަދަ ގޭގެއަށް މަލާއިކަތުން ވަންނާނީ ކިހިނެއްތޯއެވެ؟ އެހެން ކަމުން ﷲ ތަޢާލާ ޛިކުރު ކުރުމުން ތިބާގެ ގެއަށް ދިރުން ގެންނާށެވެ. މާތް ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.” 2
އަޅުގަނޑުމެންގެ ޅަދަރިން ތަރުބިއްޔަތު ކުރެވެނީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށްތޯއެވެ؟ މަރުވެ ވީރާނާވެފައި މިވާ ގެތައް ދިރުވުމަށްޓަކައި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާން އެބަޖެހެއެވެ. އާންމު ދިރިއުޅުމުގާ އެކި ކަންކަން ކުރަން ފެށުމުގައި އަދި ނިންމުމުގައި ކިޔާނެ ދުޢާތަކާއި ޛިކުރުތައް އެކަލޭގެފާނުވަނީ އަޅުގަނޑުމެނަށް އުނގަންނައިދެއްވާފައެވެ. މިއަދު އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ މި ދުޢާތަކާއި ޛިކުރުތައް އަޅުގަނޑުމެންގެ ޅަދަރީންނަށް އުނގަންނައިދިނުމެވެ. އެގޮތުން ގެއަށް ވަނުމާއި ނުކުތުމުގައި ކިޔާ ދުޢާތަކާއި، ނިދާއިރު އަދި ނިދިންހޭލާފައި ކިޔާ ދުޢާތަކާއި، ކެއުމުގެ ކުރިއާއި ފަހުން ކިޔާ ދުޢާތައް އަޅުގަނޑުމެންގެ ދަރީންނަށް ދަސްކޮށްދިނުން ވަރަށް މުހިއްމެވެ. މިއިން ކޮންމެ ވަގުތެއްގައި މިދުޢާތައް ކުރެވޭނަމަ ކޮންމެދުވަހަކު ކިތައް ފަހަރު ﷲ ތަޢާލާ ޛިކުރު ކުރެވޭނެތޯއެވެ؟ މިއީ އަޅުގަނޑުމެނަށް ނުއުފުލޭވަރު ބޮޑު މަސްޢޫލިއްޔަތެއްނޫނެވެ. އެހެންކަމުން ކުޑަ ވަގުތުކޮޅެއް މިކަމަށް ހުސްކޮށް އަޅުގަނޑުމެންގެ ގެތައް ދިރުވުމަށް އަވަސް ވެގަންނަމާ ހިނގާށެވެ.
_______________________________________________
[1] ، [2] އިންވިޓޭޝަން ޓު އިސްލާމް އިން ޗާޕްކޮށްފައިވާ (އެޑްވައިސް އޮން އެސްޓެބްލިޝިން އެން އިސްލާމިކް ހޯމް…) އެފޮތުން ނަގާފައި