[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުޢާގެ ތެރެއަށް ޝިރުކު ވަންނަ ވައްތަރުތައް

 

 

ދުޢާގެ ތެރެއަށް ޝިރުކު ވަންނަ ތިން ވައްތަރެއް ވެއެވެ. މިވައްތަރުތަކުގެ ތެރެއިން ކޮންމެ ވައްތަރެއްގެ ދުޢާ ކުރުމަކީވެސް ޝިރުކެކެވެ.

1. ފުރާނަނެތް ފަރާތަކަށް ކުރާ ދުޢާ:

ފުރާނަނެތް އެއްވެސް ފަރާތަކަށް ދުޢާކޮށް، ކަންތައްތަކުގައި ސުވާލު ދަންނަވައި، ހެދުމަކީ ދުޢާގެ ތެރެއަށް ޝިރުކު ވަންނާނެކަމެކެވެ. އެކަމަކީ އެންމެ އާދައިގެ މީހާއަށް ވެސް ކުރެވޭވަރުގެ ކަމެއްކަމުގައި ވީނަމަވެސް ތަފާތެއްނެތެވެ. މިގޮތުން މަރުވެފައިވާ މީހާއަށް ގެއްލުމެއް ދެވިފައިވާތީ، އެމީހާގެ ޤަބުރުކައިރިއަށް ގޮސް އެކަމަށް މަޢާފުކޮށް ދިނުމަށް ދެންނެވުން ފަދަ ކުދިކަންތައްތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތަކަށް ދާންދެން މަރުވެފައިވާ މީހުންނަށް ދެންނެވުންފަދަ ކަންކަމަކީ މީގެ މިސާލުތަކެވެ. އެހެނީ، ފުރާނަނެތް ފަރާތަކަށް ކޮށްދެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. މިވައްތަރުގެ ތެރެއަށް މަރުވެފައިވާ މީހުންނާއި، ގަސްގަހާގެއްސާއި، ބުދުތަކާއި، ހަނދާއިއިރު ފަދަ އެންމެހާ ފުރާނަނެތް އެއްޗެއް ވަންނާނެއެވެ. މަރުވެފައިވާ މީހަކީ ކިތަންމެ ބޮޑު ވަލީވެރިއެއް ނުވަތަ ޞާލިޙު ބޭކަލެއްކަމުގައި ވީނަމަވެސް ތަފާތެއްނެތެވެ. އަދި ކީއްކުރަންތޯ؟ އިންސާނުންގެ ތެރެއިން އެންމެ މާތް ވެގެންވާ ނަބީބޭކަލުން ކަމުގައި ވީނަމަވެސް ތަފާތެއްނެތެވެ. އެބޭބޭކަލުންގެ ޒިޔާރަތްތަކަށް، ނުވަތަ ވަޅުލެވިފައިވާ ތަންތަނަށް ގޮސް ނުވަތަ ނުގޮސްނަމަވެސް އެބޭކަލުންނަށް ދުޢާކޮށް މަދަދަށް އެދުމަކީ ކަނޑައެޅިގެން ޝިރުކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. ((يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لأَجَلٍ مُسَمًّى ذَلِكُمْ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ * إِنْ تَدْعُوهُمْ لا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ)) فاطر: ١٣ – ١٤ މާނައީ: “އެކަލާނގެ ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު ޚިދުމަތްތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ ﷲއެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރިއިލާހެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ. ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކުކުޅަކަމާމެދު ޤިޔާމަތްދުވަހުން އެފަރާތްތައް ތިޔަބައިމީހުންގެ ކިބައިން ބަރީއަވާނެތެވެ.”

2. ޣައިބުގައިވާ ފަރާތަކަށް ކުރާ ދުޢާ:

ތިމާ ދަންނަވާ ދެންނެވުން އަޑުނީވޭ، ނުވަތަ ތިމާއަށް ނުފެންނަ ޣައިބުގައިވާ ފަރާތަކަށް ދެންނެވުމަކީވެސް ދުޢާގެ ތެރެއަށް ޝިރުކު ވަންނަ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. އެ އެދޭ އެދުމަކީ އާދައިގެ މީހަކަށް ކުރެވޭފަދަ ކަމެއް ކަމުގައިވީނަމަވެސް ތަފާތެއްނެތެވެ. މިވައްތަރުގެ ތެރެއަށް މަލާކަތް ބޭކަލުންނަށާއި ޖިންނި ފަދަ ޣައިބުގައިވާ ފަރާތްތަކަށް ދުޢާކުރުން ހިމެނެއެވެ. އެހެނީ، އެ މަޚްލޫޤުންތަކަކީ އަޅުގަނޑުމެން އިންސާނުންގެ ލޯމައްޗަށް ޣައިބުގައިވާ ބަޔެކެވެ.

މިއާއިޚިލާފަށް ﷲ ސުބުޙާނަހޫ ވަތަޢާލާއީ މީސްތަކުން ދަންނަވާ ދެންނެވުންތައް މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.

3. ޙާޟިރުވެ ހުރި މީހަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ކުރުން މުސްތަޙީލު ކަންތައްތަކުގައި ދެންނެވުން.

ކުރިން އިސްވެދިޔަ ދެވައްތަރުގެ ދުޢާކުރުމަކީ، މީސްތަކުންނަށް ކުރެވޭވަރުގެ ކަމެއްކަމުގައި ވީނަމަވެސް ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ކުރުން މުސްތަޙީލު ކަންތައްތައް ކަމުގައިވީނަމަވެސް ޝިރުކުގެ ތެރެއަށް ވަންނަ ދެ ވައްތަރެވެ. ހަމައެހެންމެ ޙާޟިރުވެ ހުރި މީހަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ކުރުން މުސްތަޙީލު ކަންތައްތަކުގައި ދެންނެވުމަކީވެސް ޝިރުކެވެ. އެހެނީ، އެފަދަ މީހަކަށް ކިތަންމެ ވަރަކަށް ދުޢާކުރިނަމަވެސް، އެކަންތައްތަކަކީ ފުއްދައިދެވޭނެ ކަންކަމެއްނޫނެވެ. އެފަދަ ކަންތައްތަކުގެ އެންމެހާ ބާރު މިލްކުވެވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. މިފަދަ ކަންތައްތަކުގެ ތެރޭގައި ވާރޭ ވެއްސެވުމަށް ދުޢާކުރުމާއި، ބަރަކާތް ލެއްވުމަށް ދުޢާކުރުމާއި، ފާފަފުއްސެވުމަށް ދުޢާ ކުރުން ފަދަ ކަންކަން ހިމެނެއެވެ.

ޙާޟިރުވެ ހުރި މީހެއްގެ ކިބައިން، ظاهري ސަބަބުތަކާއި  عادي އަދި ޙިއްސީ މުޢާމަލާތްތަކުގައި މަދަދަށް އެދުން ހުއްދަވެގެންވެއެވެ. މިސާލަކަށް ހަނގުރާމައިގެ ވަގުތުގައި ނުވަތަ ދުޝްމަނަކު އަތުލައިގަތުމުގައި ނުވަތަ މިނިކާ ޖަނަވާރެއްގެ ކިބައިން ސަލާމަތްވުން ފަދަ ކަންތައްތަކުގައި ޙާޟިރުވެ ހުރި މީހެއްގެ ކިބައިން މަދަދަށް އެދެވިދާނެއެވެ. މިއީ ހައްތަހާވެސް ظاهري ޢަމަލުތަކެވެ. ޙިއްސީ ކަންތައްތަކެވެ. ނަމަވެސް މަދަދު ކުރުމުގައި ވަކި ޚާއްޞަ ބާރަކާއި ޚާއްޞަ އަޘަރެއް އެ މީހެއްގެ ކިބައިގައި ހުރިކަމަށް ޤަބޫލުކޮށް، އެ މީހެއްގެ ކިބައިން މަޢުނަވީ ކަންތައްތަކުގައި މަދަދަށް އެދުން ހުއްދަވެގެން ނުވެއެވެ. މިސާލަކަށް ބައްޔަކުން ޝިފާދެއްވުމަށާއި، ޣަރަޤުވުމުން ސަލާމަތްކޮށްދެއްވުމަށާއި، ދަތިކަމާއި ފަޤީރުކަމުން ސަލާމަތްކޮށްދެއްވުމަށާއި، ރިޒުޤު ދެއްވުމަށް އެދުން ފަދަ ކަންތައްތަކެވެ. މިއީ ހައްތަހާވެސް މަޢުނަވީ ކަންތައްތަކެވެ. މިފަދަ އެއްވެސް ކަމަކަށް ﷲ ނޫން ފަރާތަކުން އެދުން ހުއްދަވެގެން ނުވެއެވެ. އެއިލާހު ނޫން ފަރާތްތަކުން މިފަދަކަމަކަށް އެދިއްޖެނަމަ އެވާނީ ޝިރުކަށެވެ. އަދި ހަމައެފަދައިން ظاهري ސަބަބުތަކާއި  عادي އަދި ޙިއްސީ މުޢާމަލާތްތަކުގައި ޙާޟިރުވެހުރި މީހަކަށް ޚާއްޞަ ބާރަކާއި ޚާއްޞަ އަޘަރެއް ވާކަމަށް ޤަބޫލުކޮށްގެން ދަންނަވައިފިނަމަ ޝިރުކަކަށްވާނެއެވެ.