الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވުމާއި ދޭތެރޭގައި ކަންތައް ވަނީ ކިހިނެތްތޯއެވެ؟ މިއީ ވަރަށް ގިނަ މީހުންގެ ހިތަށް އަރާނޭ ސުވާލެއް ކަމާމެދު ޝައްކެއްނެތެވެ. ނަމަވެސް މި ސުވާލުގެ ޖަވާބު އެކި މީހުން އެކި ގޮތަށް ދީފާނެއެވެ. އެހެނީ މިކަމުގައި އެކި ދީންތަކުގެ މީހުންގެ ޢަޤީދާ ތަފާތު ވުމުންނެވެ. ބައެއް ދީންތަކުގެ މީހުން ދެކޭގޮތުގައި މީހަކު މަރުވުމަށްފަހު އަލުން އުފަންވާނެއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އޭނާގެ ރޫހު އެކި އެއްޗެހީގެ ސިފައިގައި ދުނިޔެއަށް އަންނާނެއެވެ. ކަންމިހެން ހުރިއިރު މާތް ވެގެންވާ އިސްލާމްދީނުގައި މިކަމުގައި އޮތް ޞައްޙަގޮތް ބަލާ އޮޅުންފިލުވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެކެވެ. އިންސާނާ ބަރުޒަޚަކަށް ކުރާ ދަތުރަކީ ދާއިމީ ދަތުރެއްނޫނެވެ. ނަމަވެސް އޭނާ ކުރާ ޒިޔާރަތެކެވެ.
﴿ اَلْهَاكُمْ التَّكَاثُرُ (١) حَتَّى زُرْتُمْ الْمَقَابِرَ (٢) ﴾ (سورة التكاثر ١، ٢)
މާނައީ: “(ދުނިޔެވީ ކަންކަމާއި ތަކެތި( ގިނަކުރަން އުޅުން، ތިޔަބައިމީހުން މަޝްޣޫލުކޮށްފިއެވެ. ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ.”
“އިސްލާމީ ޝަރީޢަތުގައި، އަދި ﷲ ތަޢާލާ ބާވާލެއްވި އެންމެހާ ޝަރީޢަތްތަކުގައި ވާގޮތުން، މީހަކު މިބިންމަތީ މަރުވުމަށްފަހު، އާޚިރަތް ދުވަހުގެ ކުރިން އެމީހަކު އަލުން ނުދިރުއްވޭނެއެވެ. ދުނިޔެ ފަނާވުމަށްފަހު ހުރިހާ އިންސާނުން ކަށްވަޅުން ތެދުވާނެއެވެ. އެއީ ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް ނިޔާ އިއްވެވުމަށްޓަކައެވެ. އެކަލާނގެއީ ޙައްޤުވެގެން އަޅުކަންވެވޭ ހަމައެކަނި އިލާހެވެ. އަދި އެންމެ މޮޅަށް ޙުކުމްކުރައްވާ އިލާހެވެ. މީހަކު މަރުވުމަށްފަހު އަލުން ދިރުއްވެވުމާ ހަމައަށް އޭނާވާނީ ބަރުޒަޚުގައެވެ. އެތާ އޭނާ އެވަނީ ހައްޔަރުކުރެވިފައެވެ. (ލަފްޒީ ގޮތުން ބަރުޒަޚުގެ މާނައަކީ ފަރުދާއެވެ.) އެތައް ހާސް އަހަރުތަކެއް ކުރިން މަރުވި މީހުން، އެތައް ހާސް އަހަރުތަކެއް ވަންދެން އަލުން ދިރުއްވުމުގެ އިންތިޒާރުގައި އޮންނާނެކަމަށް ދެކުމަކީ ހައިރާންވާންޖެހޭ ވަރުކަމެއް ނޫނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ގޮތުން ކޮންމެ މީހެއްގެ ވެސް މަރަކީ އެމީހެއްގެ އަލުން ދިރުއްވުމުގެ ފެށުމެވެ. ވަގުތަކީ ދުނިޔޭގައި ދިރިއުޅޭ މީހުންނަށްޓަކައި ވާއެއްޗެކެވެ. މީހަކު މަރުވުމުން، ވަގުތު ދޫކޮށް އޭނާ އެދިޔައީއެވެ. އަދި އެއްހާސް އަހަރު، އެސްފިޔަ ޖަހާލާހާ ވަގުތުކޮޅަކަށްވެދެއެވެ. މިޙަޤީޤަތުގެ ވާހަކަ ﷲ ތަޢާލާ ވަނީ ބަޤަރާ ސޫރަތުގައި ބަޔާންކޮށް ދެއްވާފައެވެ. އެއީ ވީރާނާވެފައިވި ރަށެއް އަލުން ދިރުއްވުން އެއީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ ކަމެއް ކަމާއިމެދު ޝައްކުކުރި މީހެއްގެ ވާހަކައިގައެވެ. ﷲ ތަޢާލާ އެމީހާ ސަތޭކަ އަހަރަށް މަރުގެންނެވިއެވެ. އަދި އޭނާ އަލުން ދިރުއްވުމުން، އޭނާ ‘ނިދީ’ ކިހާ ދުވަހެއް ވަންދެންތޯ ސުވާލު ކުރެވުނެވެ. އޭނާ ޖަވާބުގައި ބުނިކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ،
﴿ … يَوْماً أَوْ بَعْضَ يَوْمٍ … ﴾ (سورة البقرة ٢٥٩)
މާނައީ: ” އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ.”
ހަމަމިފަދައިން، ދިގު މުއްދަތަކަށް ހޭނެތިފައިވާ މީހަކު ހޭއެރުމުން އޭނާއަށް އިހުސާސްވާނީ ވަރަށް ކުޑަ ވަގުތުކޮޅެއް ފާއިތުވެދިޔަ ކަމެވެ. ނުވަތަ އެއްވެސް ވަގުތެއް ނުހިނގާކަމެވެ. އާންމުކޮށް ގިނައިރުތަކެއް ވަންދެން ނިދާފައި ހޭލެވޭ މީހަކަށްވެސް ހީވާނީ އޭނާ ލޯމަރާލީ ހަމަދެންމެހެންނެވެ. އެހެންކަމުން، ބަރުޒަޚުގައި ގަރުނުތަކެއް ވަންދެން އިންތިޒާރު ކުރަންޖެހިދާނެކަމަށް ހީކޮށްގެންނުވާނެއެވެ. ސަބަބަކީ އެޙާލަތުގައި ވަގުތުގެ އެއްވެސް ބޭނުމެއްނެތެވެ.”1
ﷲ ތަޢާލާއަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވާ، ޙައްޤު ގޮތުގައި އަޅުކަން ވެވޭ ހަމައެކަނި އިލާހެވެ. ނެތުމުގެ ތެރެއިން އެކަލާނގެ އިންސާނުން އުފެއްދެވިފަދައިން، މަރުވެ، ކަށިފީވެ، ވެއްޔަށްވެދިއުމަށްފަހު އަލުން ދިރުއްވުމަކީ ކޮންމެ މުސްލިމަކުވެސް ޝައްކަކާއި ނުލާ ޤަބޫލުކޮށް އެކަމަށް އީމާންވާން ޖެހޭނެކަމެކެވެ. އަދި ހަމަ އެހެންމެ މަރު ވުމަށްފަހު އަލުން ދިރުއްވުމާއި ދެމެދު ބަރުޒަޚުގައި އަޅުގަނޑުމެންވާނޭކަން ޤަބޫލުކުރަންޖެހޭނެއެވެ. އެހެނީ މިކަންކަމަކީ ކޮންމެ މުސްލިމެއްގެ އީމާންވާން ޖެހޭ ޞައްޙަ ޢަޤީދާގެ ތެރެއިންވާ ކަންކަމެވެ.
________________________________________
[1] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ދަ ފަންޑްމެންޓަލްސް އޮފް ތައުހީދު- ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި