[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތީ ހަމަ ތެދެއްތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

“ބަނޫ މުޞްޠަލިޤްގެ ހަނގުރާމައިގައި (ހިޖުރައިން 5 ވަނަ އަހަރު / މީލާދީ ގޮތުން 627 ވަނަ އަހަރު) މުޞްޠަލިޤް ޤަބީލާ ބަލިކޮށް، އެ ޤަބީލާގެ ހުރިހާ އެންމެން އަސީރުންގެ ގޮތުގައި ހައްޔަރުކުރެވުނެވެ. އަދި މަދީނާގެ މުސްލިމުންގެ މެދުގައި އަޅުންގެ ގޮތުގައި ބަހާލެވުނެވެ. އެކަމާ ވިދިގެން މުޞްޠަލިޤް ޤަބީލާގެ ކުރީގެ ރަސްގެފާނު، އަލް ޙާރިޘް އިބްނު އަބީ ޟިރާރުގެ ދަރިކަނބަލުން، ޖުވައިރިޔާ رضي الله عنها އާއި ނަބިއްޔާ صلى الله عليه وسلم ކައިވެނި ބައްލަވައި ގެންނެވިއެވެ. މިކައިވެނިފުޅުގެ ސަބަބުން ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުންގެ ގާތްތިމާގެ ބޭކަލުން އަޅުންގެ ގޮތުގައި ބޭތިއްބުމަށް އަޞްޙާބުބޭކަލުން ލަދުފުޅުގެންނެވިއެވެ. އެހެންކަމުން އެޤަބީލާގެ ބާކީ ތިބި ހުރިހާ އެންމެން މިނިވަންކުރެއްވިއެވެ. މުޞްޠަލިޤް ޤަބީލާގެ ހުރިހާ އެންމެން މިނިވަންވުމުން، އެޤަބީލާގެ ބާކީ ތިބި އެންމެނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމަށާއި އަދި އިސްލާމްދީން ޤަބޫލުކުރި މީހުންގެ އަތުން ޒަކާތް ނެގުމަށް އަލް ޙާރިޘްއަށް ނަބިއްޔާ صلى الله عليه وسلم އެންގެވިއެވެ. އަލް ޙާރިޘް މިކަމާ އެއްބަސްވެ، ވަކި ކަނޑައެޅިފައިވާ ވަޤުތެއްގައި ޒަކާތް ނެގުމަށް މީހަކު ފޮނުވައިދިނުމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ.

އެދުވަސް އައިސް ޖެހުނުއިރުވެސް ޒަކާތްނެގުމަށްޓަކައި އެއްވެސް މީހަކު ނައުމުން، ނަބިއްޔާ  صلى الله عليه وسلم ކޮންމެވެސްކަމަކާ އޭނާ ދެކެ ހިތްހަމަޖެހިވަޑައިނުގަތީކަމަށް ހީކޮށް އަލް ޙާރިޘް ބިރުގަތެވެ. އެހެންކަމުން އެކަމާ އޭނާގެ ޤަބީލާގެ މީހުންނާއި މަޝްވަރާކޮށް އެމީހުން ނިންމީ، ލަސްވި ސަބަބު އޮޅުންފިލުވުމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަފުދެއް ފޮނުވުމަށެވެ. ކަންދިމާވިގޮތުން، އަލް ޙާރިޘްގެ ކިބައިން ޒަކާތް ނެގުމަށް ޓަކައި، ނަބިއްޔާ صلى الله عليه وسلم އަލް ވަލީދު އިބްނު ޢުޤްބާ ހަމަ އެހިނދު ފޮނުއްވެވިއެވެ. އެހެންނަމަވެސް (އަލް ޙާރިޘްގެ ގާތަށް ދިޔަ މަގުމަތީ)، ބަނޫ މުޞްޠަލިޤްގެ ބަޔަކު (ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ދިއުމަށް) ނުކުމެގެންއުޅޭ ޚަބަރު އިވުމުން، އަލް ވަލީދު އެކަމާ ޖެހިލުންވިއެވެ. އަލް ވަލީދު ވަރަށް އަވަހަށް އެނބުރި ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އަދި ޒަކާތް ދިނުމަށް ދެކޮޅު ހަދައި އަލް ވަލީދު މަރާލާނެކަމުގެ އިންޒާރު އަލް ޙާރިޘް ދިން ކަމުގައި އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ނަބިއްޔާ صلى الله عليه وسلم މިކަމާ ކޯފާވެވަޑައިގެން އަޞްޙާބުބޭކަލުންގެ ތެރެއިން ބަޔަކު އަލް ޙާރީޘް އާއި ބައްދަލުކުރުމަށް ފޮނުވިއެވެ.

ދެބައި މީހުން ބައްދަލުވެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އެނބުރިއައެވެ. އެކަލޭގެފާނު އަލް ޙާރިޘް އާއި ސުވާލު ކުރެއްވިއެވެ. ‘ޒަކާތް ދިނުމަށް އިންކާރުކޮށް ތިމަންކަލޭގެފާނު ފޮނުއްވި މީހާ މަރާލުމުގެ އިންޒާރު ދެއްވީ ކީއްވެގެންތޯއެވެ؟’ އަލް ޙާރިޘް ޖަވާބު ދެއްވިއެވެ. ‘ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވެވި ފަރާތް ގަންދީ ބުނަމެވެ. އަޅުގަނޑު އޭނާ ނުދެކެމެވެ. އަދި އޭނާ އަޅުގަނޑު ގާތަކަށް ނުވެސް އާދެއެވެ. އަޅުގަނޑު ކަލޭގެފާނު އަރިހަށް މިއައި ހަމައެކަނި ބޭނުމަކީ، ކަލޭގެފާނުގެ ޚަބަރެއް ނުވުމުން، ﷲ ތަޢާލާ އަޅުގަނޑުމެންނާއިމެދު ނުރުހުންވެވޮޑިގަތީ ކަމުގެ ބިރު އަޅުގަނޑަށް ހީވުމުން އެކަން އޮޅުންފިލުވުމަށެވެ. ދެން މިއާޔަތް ބާވާލެއްވުނެވެ. (އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތްހޯދާށެވެ.)”1

ގޭތެރޭގައި ތިބެގެންވެސް މިއަދު އަޅުގަނޑުމެންނަށް މުވާޞަލާތީ ވަޞީލަތްތަކުގެ ޒަރީއާއިންނާއި މީޑިއާގެ ޒަރީއާއިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކުގެ ޚަބަރު ބަލާލެވެއެވެ. އެހެންކަމުން ޚަބަރުތައް ދަނީ ވަރަށް ވެސް ހަލުވިކަމާއެކު ފެތުރެމުންނެވެ. ނަމަވެސް ހިތާމައަކީ މިގޮތަށް ފެތުރިގެންދާ ބައެއް ޚަބަރުތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ޚަބަރުތަށް ވާކަމެވެ.  އަދި މިފަދަ ޚަބަރުތައް އެންމެހާ ކަންކޮޅުތަކަށް ވާޞިލުވެ ނިމޭއިރުވެސް މަދުފަހަރަކު ނޫނީ “ތީ ހަމަތެދެއްހޭ” އަހާލާނެ މީހަކުނުވާކަމެވެ. އަދި އެފަދަ ޚަބަރެއް އިވޭ ހިނދު “ތީ ބޮޑުވެގެންވާ ދޮގެއް” މިފަދައިން ބުނާމީހުން މަދުކަމެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަނީ:

﴿ يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْماً بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ ﴾ (سورة الحجرات ٦)

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތްހޯދާށެވެ. (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.”

“މިއުޞޫލު ފަރުމާކުރެވިފައިވަނީ އެހެންމީހުންނަށް ގެއްލުންވާނޭފަދަ ނިންމުންތަކުން ރައްކާތެރިވުމުގެ ގޮތުންނެވެ. އެހެނީ، ދޮގު އިލްޒާމެއްގެ ސަބަބުން ލިބޭ އަނިޔާ، ކިތަންމެ ދެރަވެ ހިތާމަކުރިކަމުގައިވިޔަސް، ފޮހެނުލެވޭނެއެވެ. އެއީ ޤަސްތަކާނުލާ ވީކަމެއް ނަމަވެސްއެވެ. އެހެންކަމުން ފާސިޤުންގެ ފަރާތުން ލިބޭ މައުލޫމާތުތަކާއިމެދު އަބަދުވެސް ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭނެއެވެ. އެއީ ތެދުވެރިކަން ޘާބިތު ކޮށްދެވިފައިނުވާ ނުވަތަ ފާފަ ކުރާކަން އެނގިގެންވާ މީހުންނެވެ.

މިއާޔަތަށް ރިޢާޔަތްކޮށް، ފާސިޤެއްގެ ހެކިބަސް، ކޯޓުގައި ޤަބޫލު ނުކުރެވޭނެކަމަށް އިސްލާމީ ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެއީ ޞައްޙަކަން ޘާބިތުކޮށް ނުދެވޭހާ ހިނދަކުއެވެ. (އޭނާގެ ހެކިބަހުގެ ޞައްޙަކަން ޘާބިތު ކުރެވޭނަމަ، އެކަން ކުރުން ވާޖިބުވެގެންވެއެވެ. އަދި ޘާބިތު ނުކުރެވޭނަމަ ޖެހޭނީ އެހެކިބަސް އިންކާރު ކުރާށެވެ.) މީގެ އިދިކޮޅު މާނަވެސް ނެގެއެވެ. އެއީ ތެދުވެރި ޞާލިޙްމީހެއްގެ ހެކިބަސް ޞައްޙަތޯ ބަލާކަށް ނުޖެހެއެވެ. އެއީ ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ ޙާއްޞަ ޙާލަތްތަކެއްގައި މެނުވީއެވެ.

މަތީގައި ބަޔާންކުރެވުނު ޝަރުޢީ ޙުކުމަށް ރިއާޔަތްކޮށް، ޙަދީޘެއް ރިވާކުރައްވާފައިވާ ރާވީންގެ ތެރޭގައި “މަޖްހޫލް އަލް ޙާލް” ގެ ގޮތުގައި (އޭނާއަކީ ކޮންކަހަލަ މީހެއްކަން ނޭނގޭގޮތަށް) ފާހަގަ ކުރެވިފައިވާ އެއްވެސް މީހަކު ހިމެނޭނަމަ އެ ޙަދީޘަށް އިންކާރުކުރުމަށް ޙަދީޘް ޢިލްމުވެރިންވަނީ ނިންމާފައެވެ. އެއީ އެމީހެއްގެ ނަން އެނގުނުނަމަވެސް،  އެމީހެއްގެ ސުލޫކު ނޭނގޭ މީހުންނެވެ. އެފަދަ ރާވީއަކީ ނުރަނގަޅު ޝަޚްސިއްޔަތެއްގެ ވެރިއަކަށް ވެދާނެއެވެ. އަދި އޭނާގެ ބަހަކީ ދޮގު ބަހަކަށް ވެސް ވެދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ރައްކާތެރިކޮށް، އޭގެ އަޞްލުގޮތުގައި، ސާފުކަންމަތީ ފަހުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ސުވާލު އުފެދޭ ރިވާޔަތްތައް އެކަހެރިކުރުމަށް ޙަދީޘް ޢިލްމުވެރިން އަހަންމިއްޔަތުކަން ދެއްވާފައިވާ މިންވަރު މިކަމުން ދޭހަކޮށްދެއެވެ.” 2

އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާލުމުން މިމަތިވެރި އާޔަތަށް އަޅުގަނޑުމެން އިހުމާލުވެފައިވާ މިންވަރު ހާމަވެއެވެ. އެހެނީ ހަލުވިކަމާއެކު ފެތުރިގެންދާ ދޮގު ޚަބަރުތަކާއި އޯޑިއޯ އަދި ވީޑިއޯގެ ސަބަބުން ކިތައް މީހުންގެ އަބުރާއި ޢިއްޒަތް ވެއްޔާމޮޑެވިގެން ދޭތޯއެވެ. ކިތައް ޢާއިލާ ރޫޅިގެން ދޭތޯއެވެ. ކިތައް ރަޙްމަތްތެރިންނެއް ދުޝްމަނުންނަށް ވެގެން ދޭތޯއެވެ. މިކަމުގެ ހަމައެކަނި ޙައްލަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ފުރިހަމައަށް ރުޖޫޢަވުމެވެ.

­­­­­­­­­­­­­­­__________________________________________________

[1] [2]އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕުކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖްރާތު- ބިލާލް ފިލިޕްސް) މިފޮތުން ނަގާފައި