ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ )) ﴿٦٣﴾ سورة النور މާނަ: ” … ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފު ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޒާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ! “
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ( އުޑުން ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ވެހުން ކައިރިވެއްޖެއެވެ. ތިމަންކަލޭގެފާނު މި ވިދާޅުވަނީ، ﷲ ގެ ރަސޫލާ މިވެނިގޮތަކަށް ހަދީޘްކުރެއްވިއެވެ. ނަމަވެސް ތިޔަބައިމީހުން ތިޔަ ބުނަނީ އަބޫބަކުރާއި ޢުމަރު(ރަޞިޔަﷲ ޢަންހުމާ) ވިދާޅުވީ މިވެނި ގޮތަކަށެވެ. )
އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. ( ﷲ ގެ ރަސޫލާގެ (ޞައްޙަ)ސުންނަތެއް (ޙަދީޘެއް) އެމީހަކަށް އެނގުމަށްފަހުގައި، އެއްވެސް މީހެއްގެ ބަހަށް، އެ ސުންނަތް ދޫކޮށްލުން ހުއްދަނުވާނެ ކަމަށް ޢިލްމުވެރިންވަނީ އިޖްމާޢު ވެފައެވެ. )
އިމާމް އަޙްމަދު ރަހިމަހުﷲ ވިދާޅުވިއެވެ. ( ޙަދީޘްގެ ޞައްޙަކަން އެނގުމަށްފަހުގައި، ސުފިޔާން (ސަލަފުންގެ ބޮޑު ޢިލްމުވެރިއެއް) ގެ ރައުޔު ހޯދާމީހުންނާއިމެދު ތިމަން ޢަޖާއިބުވަމެވެ. ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވާފައި ވެއެވެ. ((فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ )) ﴿٦٣﴾ سورة النور – އާޔަތުގައިވާ ފިތުނައަކީ ކޮބައިތޯއެވެ؟ ފިތުނައަކީ ޝިރުކެވެ. އެހެނީ އެއްވެސް މީހަކު، އެކަލޭގެފާނުގެ ހަދީޘްފުޅުތަކުގައި ނުހިފައި ރައްދުކޮށްފިނަމަ، އެމީހެއްގެ ހިތުގައި އުރެދުންތެރިކަމެއް އުފެދި އެމީހަކު ހަލާކުވެދާހުއްޓެވެ. )
މިއީ އަލް އިމާމު އައްޒާހިދު އަލްފަޤީހު ސުފިޔާނުއްޘަވްރީ ރަޙިމަހުﷲ ގެ ރައުޔު އަށް، ހަދީޘްއާއި ޚިލާފްވާގޮތައް، ތަބާވާ މީހުންނާއި މެދު އިމާމް އަޙުމަދު ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެވެ. ދެން ހަދީޘާއި ޚިލާފަށް އެނޫން އެހެންމީހެއްގެ ރައުޔަށް ތަބާވާނަމަ ކޮންފަދައަކުން ވާނެބާއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿١١٥﴾ )) سورة النساء މާނަ : ” އަދި، އެމީހަކަށް ތެދުމަގު ބަޔާން ވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. ” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّـهَ وَرَسُولَهُ ۚ وَمَن يُشَاقِقِ اللَّـهَ وَرَسُولَهُ فَإِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿١٣﴾ )) سورة الأنفال މާނަ : ” އެއީ އެއުރެން، ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވީ ކަމަށްޓަކައެވެ. ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. “ އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((أَلَمْ يَعْلَمُوا أَنَّهُ مَن يُحَادِدِ اللَّـهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ۚ ذَٰلِكَ الْخِزْيُ الْعَظِيمُ ﴿٦٣﴾ )) سورة التوبة މާނަ : ” ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ. “
ތަފްޞީލީ ގޮތަކަށް شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތް މި ބަޔާންކުރެވުނީއެވެ. މި ކަލިމައިގެ މާނަ ޝެއިޚު މުޙައްމަދު ބިން ސުލައިމާނު އައްތަމީމިއްޔު ރަޙިމަހުﷲ ޚުލާސާ ގޮތަކަށް ބަޔާންކޮށްދެއްވާފައި ވެއެވެ. ޝެއިޚު ވިދާޅުވެފައި ވެއެވެ. އެއީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ ބޯލެނބުމާއި، އެކަލޭގެފާނު ގެނެސްދެއްވިހައި ޚަބަރެއް ތެދުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވައި އިންޒާރުކުރައްވާފައިވާހައި ކަމަކުން ދުރުވުމާއި، އަދި ﷲ އަށް އަދާކުރަންޖެހޭ އެއްވެސް އަޅުކަމެއް އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތާއި ޚިލާފަށް ނުކުރުމެވެ.
– ނިމުނީ –
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد