[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބެލެނިވެރިންނޭވެ!

 

އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ގިނަގުނަވެގެންވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރިވެގެންވާ މުހިއްމު އެއްނިޢުމަތަކީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ދަރިންނެވެ. ދުނިޔޭގައި އެތައް އެތައް ދެމަފިރިންނެއް ތަފާތު ބަލިތަކާހުރެ ދަރިންނުލިބި މުސްކުޅި އުމުރާހަމައަށް ފޯރާފައިވާއިރު، ދަރިން ލިބިފައިވާ ދެމަފިރިއަކަށް އެވަނީ މަތިވެރި ވެގެންވާ ނަޞީބަކުން ނަޞީބު ލިބިފައެވެ. އެދަރިންނަކީ މިދުނިޔެމަތީގައި އެދެމަފިރިންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހިތްހަމަޖެހުމެވެ. އެކުދިން އުޅޭނޫޅޭގޮތް ބަލަންހުރުމަކީ އެދެމަފިރިންގެ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ. ލޯމަތިން ކުޑަވަގުތުކޮޅަކަށްވެސް އެކުދިން ގެއްލުމަކީ ތަޙައްމަލުކުރެވޭ ވަރުގެ ކަމެއްނޫނެވެ. ދެމަފިރިއެއްގެ އުއްމީދަކީ އެދެމަފިރިއެއްގެ ދަރިންނަކީ ހުރިހާ ރަނގަޅުގޮތްތަކުންވެސް ފާހަގަކޮށްލެވޭ ދަރިޔަކަށްވުމެވެ. އެދަރިންގެ މުސްތަޤްބަލާމެދު ފޮނި އުއްމީދުތަކެއް ކުރެވެއެވެ.

މިފަދަ ފޮނި އުއްމީދުތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ މުހިއްމުކަމެއް ދިނުމަށް އަބަދުވެސް ހުޝިޔާރުވެ ތިބެންޖެހޭ ވަރަށް މުހިއްމުކަމެއްވެއެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިއަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ. ނަމަވެސް މިކަމަށް ކުދިން ހޭނުވުމަކީ އުނދަގޫ، އެކަމަކަށްޓަކައި ގިނަގުނަ ޤުރުބާނީތަކެއް ވާންޖެހޭނެ ކަމެކެވެ. އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ޙާޞިލުވާނެކަމެއް ނޫނެވެ. އެތައްދުވަހަކާއި ވަގުތުތަކެއް ހޭދަކޮށްލަންޖެހޭ ކަމެކެވެ. އަބަދުވެސް ހުޝިޔާރުވެ، ވިސްނާފިކުރުކުރަންޖެހެއެވެ. މިސަބަބުތަކާހުރެ، މިކަމަކީ ގިނަ ބެލެނިވެރިންނަށް އުނދަގޫ ކަމެވެ. އެއީ ކޮންކަމެއްތޯއެވެ؟ އާދެ، އެއީ ދަރިންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވަވާފައިވާ ދަރިންނަކީ އަގުހުރި ބައެކެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެބައެއްގެ ފަރާތުން އަޅުގަނޑުމެންނަށް ފައިދާކުރާނެ ބައެކެވެ. ނަމަވެސް އެއީ އަޅުގަނޑުމެން ކުރިޔާލައި ދަރިންނާމެދު އަޅާލައިފިނަމައެވެ. އިސްލާމީ ރިވެތި ތަރުބިއްޔަތުން ދަރިންނަށް ތަރުބިއްޔަތެއް ދެވިއްޖެނަމައެވެ. އެހެންނޫނީ އެކުދިންނަކީ އަހަރެމެންގެ ހަލާކުކަމުގައިވެސް ވެދާނެއެވެ.

ލޮބުވެތި ބެލެނިވެރިޔާއެވެ! ދަރިޔަކު ދުނިޔެވީ ގޮތުން މޮޅުމީހަކަށް ހެދިދާނެއެވެ. މަޝްހޫރު މީހަކަށްވެސް ހެދިދާނެއެވެ. ނަމަވެސް އެންމެ މުހިއްމުކަމެއް ކަމުގައި އިސްލާމީ ތަރުބިއްޔަތެއް ދިނުމަށް ވިސްނަވާށެވެ. ދުނިޔެވީގޮތުން ދަރިންނަށް ހޯދައިދޭކަންކަމަކީ މިކަމުގެ ދަށުން އަންނަކަންކަން ކަމުގައި ހަދާށެވެ. “އިސްލާމީ ތަރުބިއްޔަތާ” ފުށުއަރާ ކަންކަމުގައި ދަރިފުޅަކީ މޮޅުމީހަކަށް ހެދުމަށް ލޯބިނުކުރާށެވެ. އެއްވެސް ރޮނގެއްގައި ދަރިފުޅު ކުރިއަރުވަން ބޭނުންކަމުގައިވާނަމަ، އެންމެ ފުރަތަމަވެސް އެރޮނގަކީ އިސްލާމީ ތަރުބިއްޔަތާ ކިހާވަރެއްގެ ގުޅުމެއް އޮތްކަމެއްތޯ ބައްލަވާށެވެ. އެއްގޮތްވާކަމުގައިވާނަމަ ކުރިއަށް ގެންދަވާށެވެ. ފުށުއަރާކަމުގައިވާނަމަ އަވަހަށް މަނާވެގަންނާށެވެ. ޝައްކުވާނަމަ، ޝައްކުނުވާ ރޮނގަކާދިމާލަށް މިސްރާބު ބަދަލުކޮށްލާށެވެ. ނޫނީ ދީނީ ޢިލްމުވެރިއެއްގެ ކިބައިން މަޝްވަރާ ހޯއްދަވާށެވެ.

ވިސްނަވާލައްވާށެވެ! ދަރިން މޮޅު “ލަވަކިޔުންތެރިޔަކަށް” ނުވަތަ “ނެށުންތެރިޔަކަށް” ހެދުމުގެ އުއްމީދުކުރާ ކިތައްކިތައް ބެލެނިވެރިންވޭތޯއެވެ. ނަމަވެސް އެބެލެނިވެރިން އެކުދިންގެ މުސްތަޤްބަލާމެދު ވިސްނަވާލެއްވިންތޯއެވެ؟ ޚުދު އެފަދަ ބެލެނިވެރިންވެސް ޤަބޫލުކުރައްވާނެ ފަދައިން މިފަދަ ރޮނގުތަކަކީ ރަނގަޅުނޫން، ރިވެތި އާދަތަކާ ޚިލާފު ކަންކަމެވެ. ވީއިރު، ވިސްނާނުލައްވާ އެކުދިންގެ “ފުށްގަނޑެއް” ފަދައިން މޮޑުނުގޮތަކަށް މޮޑެވޭފަދަ ޅަސިކުނޑިތައް އެފަދަ ކަންކަމަށް ލޯބިޖެއްސެވުމަކީ ކުރެވޭ ވަރަށް ގޯސްކަމެކެވެ. އެކުދިން ކުޑަކަމަށް ދެކެ އެފަދަކަންކަމަށް ލޯބިޖެއްސުމުގެ ނަތީޖާއަކަށް ވަނީ އެކުދިންގެ ވިސްނުމާއިފިކުރު އެފަދަ ކަންކަމަށް ލޯބިޖެހުމެވެ. އެކުދިންގެ ކުރިމަތީގައި ހަޑިކަންކަމާއި ގޯސްކަންކަން ރީތިކަންކަންކަމުގައި ވެގެންދިޔުމެވެ.

އިސްލާމީ ތަރުބިއްޔަތެއްގެ އެންމެ މުހިއްމުކަމަކީ އިސްލާމީ ޢިލްމު އެކުދިންނަށް ފޯރުކޮށްދިނުމެވެ. އެކުދިންގެ އުމުރުފުރާ ބަދަލުވަމުން އަންނަވަރަކަށް މިޢިލްމު އެކުދިންނަށް ފޯރުކޮށްދިނުމަކީ ބެލެނިވެރިންގެ ވާޖިބެކެވެ. ހަމައެކަނި ސްކޫލަށް ފޮނުވާފައި ދޫކޮށްލުމަކީ މިޢިލްމު ދިނުމެއްނޫނެވެ. އަދި އެކަމުގެ ޒިންމާއިން ބަރީޢަވެވޭނެކަމެއްވެސް ނޫނެވެ. މިޢިލްމު ފޯރުކޮށްނުދެވުމުގެ ނަތީޖާ އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެނުން ވަނީ ޢާއްމުވެފައެވެ. ވިސްނަވާލައްވާށެވެ! ރާއްޖޭގެ ޝެއިޚަކު ވިދާޅުވަނިކޮށް އަޅުގަނޑު އެހީމެވެ. ((ގާތްގަނޑަކަށް 35 އަހަރުވަރު ވެފައިވާ ޝެއިޚު ކޮންމެވެސްވަރަކަށް ދަންނަމީހަކު ޝެއިޚަށް ގުޅާފަ “ހިނައިގަތުމަކީ” ކޮބައިތޯއެއްސެވެ. އެމީހާގެ އަންހެނުން ވަރަށް ގިނައިން ހިނައިގަތުމުގެ ވާހަކަ ދައްކާކަމުގައި ބުންޏެވެ.)) ހިނިއަތުވެދާނެއެވެ. ނަމަވެސް މިއީ ހިތާމަހުރިކަމެކެވެ. ކުއްޖާގެ އުމުރުން ގާތްގަނޑަކަށް ނުވަވަރަކަށް އަހަރުވުމުން ކޮންމެ ކުއްޖަކަށްވެސް ހިނައިގަތުމަކީ ކޮބައިކަން އަންގައިދިނުމަކީ ވާޖިބުކަމެކެވެ. ޙަދަޘްވެރިވެގެންވާ ޙާލަތުގައި ނަމާދު ޤަބޫލުނުކުރެވޭނެކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙަދީޘް ކުރައްވާފައެވެ. ހިތާމަހުއްޓެވެ. އަޅުގަނޑުމެން މިޙާދީޘާއަށް ވިސްނާލައިފިނަމަ، މިމީހާއަށް ނޭނގުމުގައި ޒިންމާ ވާނީ ކާކުތޯއެވެ؟ އެމީހާ ހެއްޔެވެ؟ ނޫނީ އެމީހާގެ ބެލެނިވެރިން ހެއްޔެވެ؟ ނޫނީ ކިޔަވައި ދެއްވި މުދައްރިސުން ހެއްޔެވެ؟ …؟ …؟ ހައްތަހާވެސް ސުވާލެވެ.

އަޅުގަނޑުމެންނަށް ދަރިން ސުކޫލަށް ފޮނުވެއެވެ. އިސްލާމީ ތަރުބިއްޔަތު މާއްދާ ކިޔަވާދެވެއެވެ. ނަމަވެސް އެކިޔަވާ އެއްޗަކާ އެއްގޮތަށް ދަރިން ޢަމަލުކުރާ މިންވަރެއް ބަލައިހަދަނީ ކިތައް ބެލެނިވެރިންތޯއެވެ. އަޅުގަނޑުމެން އެކުދިންނަށް އިސްލާމް މާއްދާ ކިޔަވައި ދީފައި، އެކުދިން އެކިޔަވާ އެއްޗަކަށް ޢަމަލުކުރާ މިންވަރެއް ނުބަލާކަމުގައިވާނަމަ އެއީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަކަމެކެވެ. ދެތިންދުވަހުން ނަމާދުގައި ކިޔާ ޛިކުރުތަކާއި، ތަފާތު ދީނީ ގޮތުން އެނގެންޖެހޭ މުހިއްމުކަންކަން ނުކިޔަވާފަދަ ވާނެއެވެ. އަޅުގަނޑުމެން މުހިއްމުކަމެއް ދޭންވާނީ ދަރިންނަށް އެމާއްދާ ހަމައެކަނި ކިޔަވާލަ ދިނުމެއް ނޫނެވެ. މޮޅު ވަނައެއް މާއްދާއިން ލިބިދާނެއެވެ. މަތީ ވަޒީފާއެއް ލިބިދާނެއެވެ. ނަމަވެސް ދެވުނު ތަރުބިއްޔަތު ކޮބައިތޯއެވެ. ހަމައެކަނި އަޅުގަނޑުމެން، އެކުދިން ކިޔަވާ އިސްލާމް މާއްދާއާ އެއްގޮތަށް އެންމެ ކުޑައިރުއްސުރެ ޢަމަލުކުރެވުމަށް އިސްކަންދީ، އަލުން ކޮންމެ ގުރޭޑެއްގެ އިސްލާމްފޮތް މުރާޖަޢާކޮށްދިނުމަކީ އެމަޢުޟޫމާތުތައް ހަނދާންހުންނާނެކެމެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބެލެނިވެރިންގެ މަޤްޞަދަކަށް ވަނީ ދަރިން ރަނގަޅަށް ތަރުބިއްޔަތުކުރުމެވެ. އެކުދިން ޤުރުއާން ކިޔެވުމެވެ. ނަމާދުކުރުމެވެ. ކާއިރު ބިސްމިކިޔުމެވެ. ނަމަވެސް، ނަމޫނާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެކުދިންނަށް ނަމޫނާ ބައެއްކަމުގައި ޚުދު އަޅުގަނޑުމެންނުވެ، އެކުދިން ރަނގަޅުވާނީ ކިހިނެއްތޯއެވެ. ދަރިފުޅަށް ނަމާދުކުރަން އަޅުގަނޑުމެން އަންގާއިރު، އެކުދިންނަށް މަންމައާއި ބައްޕަ ނަމާދުކުރާތަން ނުފެންނަކަމުގައިވާނަމަ، އެކުދިންގެ ހިތްތަކުގައި ސުވާލެއް ނޫފެދޭނެތޯއެވެ. މަންމަމެން އަހަރެންނަށް ނަމާދުކުރުމަށާއި، ޤުރުއާންކިޔަވަން އަންގަނީ ކީއްވެހެއްޔެވެ؟ އެހާމުހިއްމުކަމެއްނަމަ މަންމަމެން ނަމާދުކޮށް ޤުރުއާން ކިޔަވާތަން ނުފެންނަނީ ކީއްވެހެއްޔެވެ؟ އެކަންކަމަކީ ބަސްއަހާ ރަނގަޅުކުދިންގެ ސިފައެއްކަމުގައި މަންމަމެން ބުނަމުންދާއިރު، މަންމަމެން އެސިފަތަކުން ސިފަލިބިނުގަންނަނީ ކީއްވެހެއްޔެވެ؟ …؟ …؟ ހައްތަހާވެސް އުފެދިދާނެ ސުވާލުތަކެވެ.

ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިންނަށް ކޮންމެހެންވެސް އުނގަންނައި ދޭންޖެހޭ ކަންތައްތަކެއްވެއެވެ. މިގޮތުން ޤުރުއާންކިޔަވަން ދަސްކޮށްދިނުމާއި، ނަމާދުކުރަން ދަސްކޮށްދިނުންފަދަ އެކުދިންނާ ގުޅޭ އެންމެހާ ދީނީ ކަންކަމަކަށް އެކުދިންނަށް އިރުޝާދުދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ބައެއް ބެލެނިވެރިން، ދަރިން ބާލިޣުވެގެން އަންނައިރު ބުނެދޭންޖެހޭ ބައެއް މައްސަލަތަކަށް ފަރުވާކުޑަކުރާކަމަކީ ހިތާމަހުރިކަމެކެވެ. އެކުދިން ކުޑަކަމަށް ހީކޮށް އެފަދަ ބައެއް ވާހަކަތައް ދައްކަންނުކެރެނީއެވެ. ނުވަތަ އެހާބޮޑު އަހަންމިއްޔަތުކަމެއް ދެވޭކަމެއްކަމުގައި ނުވަނީއެވެ. ނުވަތަ ޚުދު ބެލެނިވެރިންނަށްވެސް އެކަންކަން ރަނގަޅަށް އޮޅުންފިލާފައިނުވަނީއެވެ. ބެލެނިވެރިން މިކަންކަން އަންގައިނުދިނުމަކީ ދަރިންގެ ޙައްޤުތައް އަދާނުކުރެވުމެކެވެ.

އެހެންކަމުން، ދަރިންގެ ތަރުބިއްޔަތާމެދު ފަރުވާކުޑަ ނުކުރައްވާށެވެ. އެކުދިންގެ މުސްތަޤްބަލު އުޖާލާވެ، އުފާވެރި ޙަޔާތެއް ހޯދާދިނުމަށްޓަކައި، އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތު ދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާށެވެ. އެއީ އެކަމުގެ ފައިދާ ޚުދު އަޅުގަނޑުމެންނަށްވެސް ލިބޭނެކަމެކެވެ. ﷲގެ ޙަޟްރަތުގައި ކޮންމެ ބެލެނިވެރިޔަކުވެސް ޖަވާބުދާރީ ވާންޖެހޭނެކަންދަނެ އެކަމަށް ތައްޔާރުވުމަކީ އެންމެ ވިސްނުންތެރިގޮތެވެ.