قَالَ اللَّهُ تَعَالَى: وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالا فَخُورًا (النساء: ٣٦)
އަދި ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ! އަދި އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު(ބައިވެރި) ނުކުރާށެވެ. އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.
_________________________________________________________
ޝަރަޙަ
މިއީ ކިތާބުއްތަޥްޙީދް އޭ ބަޔާންކުރެއްވުމަށްފަހު، އޭގެ ދަށުން ޝެއިޚް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން ހަތަރުވަނަ އާޔަތެވެ.
(وَاعْبُدُوا اللَّهَ): އަދި ﷲއަށް އަޅުކަންކުރާށެވެ. މި ތަނުގައި އަންގަވާފައި މިވަނީ އަޅުކަންކުރުމުގައި ﷲތަޢާލާ އެއްކައުވަންތަކުރުމަށެވެ.
(وَلا تُشْرِكُوا بِهِ شَيْئًا): އަދި އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. ﷲ ފިޔަވައި، މީސްތަކުން އަޅުކަންކުރަމުންދާ ހުރިހާ އެއްޗަކަށް ކާފަރުވާށެވެ. އެއީ ދުނިޔެ ކަމުގައިވިޔަސް މެއެވެ. ދުނިޔެއަށް އަޅުކަންކުރުމަކީ، އަބަދާއި އަބަދު ދުނިޔެއާއި މެދު ވިސްނުމެވެ. އަދި ދުނިޔޭގެ ކަންތަކުގައި މަޝްޣޫލުވެ، ﷲތަޢާލާ އަށް އަދާކުރަންޖެހޭ ޙައްޤުތަކަށް ފަރުވާ ކުޑަކުރުމެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. تَعِسَ عَبْدُ الدِّينَارِ وَالدِّرْهَمِ (رواه البخاري) “ދީނާރާއި ދިރުހަމުގެ އަޅާ ހަލާކުވެއްޖެއެވެ.”
(وَبِالْوَالِدَيْنِ إِحْسَانًا): އަދި މައިންބަފައިންނަށް އިޙްސާންތެރިވާށެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމަކީ އެދެމީހުންނަށް އިޙްތިރާމުކުރުމާއި، ޚިދުމަތްކުރުމާއި، އެދެމީހުންނަށްޓަކައި ހެޔޮދުޢާކުރުމާއި، އެދެމީހުންގެ ރަޙުމަތްތެރީންނަށް ހެޔޮކޮށް ހިތުމެވެ. މައިންބަފައިންނޭ ބުނެވުމުން، އޭގެތެރޭގައި ކާފައިންނާއި މާމައިންވެސް ހިމެނޭނެއެވެ. އިޙްސާންތެރިވުމުގައި އެމީހުންގެ ތެރެއިން އެންމެ ކައިރި މީހުންނަށް އިސްކަންދޭންޖެހެއެވެ. އެބަހީ އެންމެ ބޮޑަށް އިޙްސާންތެރިވާންޖެހެނީ މަންމައާއި ބައްޕައަށެވެ. ދެން އެއަށްފަހު މާމައާއި ކާފައަށެވެ. އެއަށްފަހު މުނިމާމައާއި މުނިކާފައަށެވެ.
(وَبِذِي الْقُرْبَى): އަދި ގާތްތިމާގެ މީހުންނަށްވެސް (ހެޔޮކޮށް ހިތާށެވެ.)
(وَالْيَتَامَى): އަދި ޔަތީމުންނަށްވެސް (ހެޔޮކޮށް ހިތާށެވެ.) ޔަތާމާ އަކީ ޔަތީމުންގެ ޖަމްޢުއެވެ. އެންމެ ޔަތީމެއް ވިއްޔާ، ޢަރަބި ބަހުން ކިޔާނީ ‘ޔަތީމުން’ އެވެ. ދެ ޔަތީމުންނަށް ކިޔާނީ ‘ޔަތީމާނި’ އެވެ. އަދި 2 ޔަތީމުންނަށް ވުރެ ގިނަ ވެއްޖެއްޔާމު ކިޔާނީ ‘ޔަތާމާ’ އެވެ. އަދި ހަމަ މިފަދައިން، 2 ޔަތީމުންނަށް ވުރެ ގިނަ ވެއްޖެއްޔާމު، ‘އައިތާމު’ ވެސް ކިޔައެވެ. ޔަތީމުންނަކީ، ބައްޕަ މަރުވެފައިވާ، ބާލިޣުނުވާ ކުދީންނެވެ.
(وَالْمَسَاكِينِ): މިއީ ގިނަ މިސްކީނުންތަކަކަށް އިޝާރާތްކޮށް ޢަރަބިބަހުން ބޭނުންކުރާ ބަހެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، މިސްކީނުގެ ޖަމްޢުއެވެ. މިސްކީނުންނަކީ ލިބޭ އެތިކޮޅުން ޟަރޫރީ ބޭނުންތަކަށް ނުފުދޭ މީހުންނެވެ.
(وَالْجَارِ ذِي الْقُرْبَى): އަދި ގާތް އަވަށްޓެރިޔާއަށްވެސް (ހެޔޮކޮށް ހިތާށެވެ.) ގާތް އަވަށްޓެރިޔާއަކީ، އަވަށްޓެރީންގެ ތެރެއިން ގާތްތިމާގެ މީހުންނެވެ. އަދި ގެއާއި އެންމެ ކައިރީގައިވާ އަވަށްޓެރީންކަމުގައިވެސް ބުނެވެއެވެ.
(وَالْجَارِ الْجُنُبِ): އަދި ދުރު އަވަށްޓެރިޔާއަށްވެސް (ހެޔޮކޮށް ހިތާށެވެ.) ދުރު އަވަށްޓެރީންނަކީ، އަވަށްޓެރީންގެ ތެރެއިން ގާތްތިމާގެ ކަމުގެ ގުޅުމެއްނުވާ މީހުންނެވެ. އަދި އެއީ ގެއާއި ދުރުގައިވާ އަވަށްޓެރީންކަމުގައިވެސް ބުނެވެއެވެ.
އަވަށްޓެރީން 3 ބަޔަކަށް ބެހެއެވެ. ފުރަތަމައީ، ގާތްތިމާގެ މީހުންގެ ތެރޭގައި ހިމެނޭ، މުސްލިމް އަވަށްޓެރިޔާއެވެ. އޭނާއަށް 3 ޙައްޤު އަދާކުރަންޖެހެއެވެ. އެއީ މުސްލިމަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، ގާތްތިމާގެ މީހަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.
ދެވަނައީ، މުސްލިމް އަވަށްޓެރިޔާއެވެ. އޭނާއަށް 2 ޙައްޤު އަދާކުރަންޖެހެއެވެ. އެއީ މުސްލިމަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.
ތިންވަނައީ، އެންމެ ޙައްޤެއް އަދާކުރަންޖެހޭ އަވަށްޓެރިއާއެވެ. އެއީ އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.
(وَالصَّاحِبِ بِالْجَنْبِ): އަދި ގާތް އެކުވެރިޔާއަށްވެސް (ހެޔޮކޮށް ހިތާށެވެ.) ގާތް އެކުވެރިޔާއަކީ، އަނބިމީހާ އެވެ. އަދި އެއީ އެކުގައި ދަތުރުކުރާ މީހާ ކަމުގައިވެސް ބުނެވެއެވެ.
(وَابْنِ السَّبِيلِ): އަދި ހާލުގައި ޖެހިފައިވާ ދަތުރުވެރިޔާއަށްވެސް (ހެޔޮކޮށް ހިތާށެވެ.)
(وَمَا مَلَكَتْ أَيْمَانُكُمْ): އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށްވެސް (ހެޔޮކޮށް ހިތާށެވެ.)
(إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالا فَخُورًا): ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. މުޚްތާލާކީ، ކިބުރުވެރި ބޮޑާ މީހާއެވެ. ފަޚޫރަކީ، އަމިއްލަ ނަފްސުގެ މޮޅުކަންފެނި އަމިއްލަ ނަފްސަށް ޘަނާކިޔާ މީހާއެވެ. އެހެންކަމުން މުޚްތާލާއި، ފަޚޫރާއި ދެބަހުންވެސް ބޮޑާވުމުގެ މާނަ ނެގެއެވެ. ނަމަވެސް މުޚްތާލު ބޭނުން ކުރެވެނީ އޭނާގެ އުޅުމުގައި ބޮޑާ ގޮތެއް ގެންގުޅުމަށެވެ. އަދި ފަޚޫރު ކިޔަނީ ބަހުން އަމިއްލަ ނަފްސަށް ޘަނާކިޔައި ބޮޑާވާ މީހާއަށެވެ.
މިއާޔަތާއި ތަޥްޙީދާއި އޮތް ގުޅުން.
ހަމައެކަނި ﷲއަށް އަޅުކަންކުރުމަށާއި، އެއިލާހާއި އެހެން އެއްވެސް ފަރާތެއް ބައިވެރިކޮށް ޝަރީކު ނުކުރުމަށް މި އާޔަތުގައި އަންގަވާފައިވެއެވެ.
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1-ދުނިޔެއަށް އަޅުކަންކުރުމަކީ ކޮބާ؟
2-މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ކޮބާ؟
3-ޔަތީމުންނާއި، މިސްކީނުންނަކީ ކޮބާ؟
4-އަވަށްޓެރީން ބެހެނީ ކިތައް ބަޔަށް؟
5-މުޚްތާލާއި، ފަޚޫރާއި ދެބަހުގެ ތަފާތަކީ ކޮބާ؟
__________________________________________