މި ބަސްފުޅު ((وَبَارِكْ لِي فِيمَا أَعْطَيْتَ)) މާނައަކީ، އިބަ އިލާހު މި އަޅާއަށް ދެއްވާފައިވާ ތަކެތީގައި ބަރަކާތްލައްވާފާނދެއެވެ. البَرَكَة އަކީ ޘާބިތުވެހުންނަ ގިނަވެގެންވާ ހެޔޮކަމެވެ.
((فِيمَا أَعْطَيْتَ )) އެބަހީ، އިބައިލާހު މިއަޅާއަށް ދެއްވި މުދަލާއި، ދަރިންނާއި ޢިލްމުގައި ބަރަކާތް ލައްވާފާނދެއެވެ. އަދި އެނޫންވެސް، ﷲ ޢައްޒަ ވަޖައްލަ ތިބާއަށް ދެއްވާފައިވާ ތަކެތީގައި ބަރަކާތްލެއްވުމަށް ﷲ ތަޢާލާއަށް ތިބާ ދަންނަވަންޖެހެއެވެ. އެހެނީ ﷲ ތަޢާލާ ތިބާއަށް ދެއްވި ތަކެތީގައި، ބަރަކާތެއް ނުވާނަމަ ތިބާ ގިނަވެގެންވާ ހެޔޮކަމަކުން މަޙުރޫމު ވެއްޖެކަން ކަށަވަރެވެ.
ގިނަ މުދާ ލިބޭއިރުވެސް، ފަޤީރު ދަތި ހާލުގައި ދިރިއުޅެމުންދާ މީހުން ކިހާގިނަތޯއެވެ. އެހެނީ އެބައިމީހުންނަކަށް އެމުދަލުން ލިބޭ އެއްވެސް ފައިދާއެއް ނޯވެއެވެ. ގިނަމުދާ ތަކެއް، އެއްކޮށް ޖަމާކުރިކަމުގައި ވިޔަސް، އެމުދަލުން އެބައިމީހުންނަށް ފައިދާއެއް ހާސިލްވެގެން ނުދެއެވެ. މިހެން ދިމާވަނީ މުދަލުގައި ބަރަކާތެއް ނެތުމުގެ ސަބަބުންނެވެ.
ދަރިން ލިބިހުރެމެ، އެދަރިންގެ ކިބައިން އެއްވެސް ފައިދާއެއް ނުލިބޭ މީހުންވެސް ވަރަށް ގިނައެވެ. ދަރިންގެ ނުކިޔަމަންތެރިކަމާއި އުރެދުމުގެ ސަބަބުންނެވެ. އެއީ އެބައިމީހުންނަށްޓަކައި، އެބައިމީހުންގެ ދަރީންގައި ބަރަކާތް ލެއްވިފައި ނުވާމީހުންނެވެ.
ބައެއްމީހުންނަށް ﷲ ތަޢާލާ ގިނަވެގެންވާ ޢިލްމު ދެއްވާފައި ވީނަމަވެސް، ޢިލްމެއް ލިބިފައިނުވާ މީހުންގެ ސަފުގައި އެމީހުންވާތީ ތިބާއަށް ފެންނާނެއެވެ. އެހެނީ އެބައިމީހުންގެ އެ ޢިލްމުގެ އަޘަރެއް، އެމީހުންގެ އަޅުކަމުގައިވެސް، މުޢާމަލާތުގައިވެސް އަދި އަޚްލާޤާއި ސުލޫކުގައިވެސް ފެންނަމުން ނުދާތީއެވެ. އެހެނީ އެފަދަ މީހުން ޢިލްމު އުނގެނިފައިވަނީ، ﷲ ތަޢާލާގެ އެހެން އަޅުތަކުންގެ މައްޗަށް ބޮޑާވެގަނެ، މަތީ މަޤާމު ހޯދައި، އެހެން މީސްތަކުން ދައްކޮށްލުމުގެ ބޭނުމުގައި ކަމަށް ވާތީއެވެ. އަދި އެ ޢިލްމަކީ ﷲ ތަޢާލާ އޭނާއަށް ދެއްވި މަތިވެރިކަމެއް ކަން އޭނާ ނުދަނެއެވެ. އެހެން މީހުންނަށް އޭނާގެ ދަރުސްތަކުންނާއި ލިޔުންތަކުން އެއްވެސް ފައިދާއެއް ލިބިގެން ނުދާތީ ތިބާއަށް ފެންނާނެއެވެ. ޝައްކެއްވެސްނެއް ގޮތުގައި މިއީ ވަރަށް ބޮޑުވެގެންވާ މަޙްރޫމު ވުމެކެވެ. ޢިލްމަކީ ﷲ ތަޢާލާ ، އަޅުތަކުންނަށް ދެއްވާ އެންމެ ބަރަކާތްތެރި އެކައްޗެވެ. އެހެނީ ތިބާ އެހެންމީހަކަށް ޢިލްމު އުނގަންނައިދީ އެ ޢިލްމު މީސްތަކުންގެ މެދުގައި ފަތުރާނަމަ، ތަފާތު ގޮތްގޮތުން ތިބާއަށް އޭގެ އަޖުރު ލިބިގެންދެއެވެ.
އެންމެފުރަތަމަ: ތިބާ ﷲ ތަޢާލާގެ ދީނުގެ ޢިލްމު ފަތުރާކަމުގައިވާނަމަ، ތިބާ ގުނިގެންދާނީ، ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދެއްގެ ގޮތުގައެވެ. އެހެނީ، މުޖާހިދުން އީމާންކަމާއި ހަތިޔާރުން ރަށްތައް ފަތަހަކުރާ ފަދައިން، ތިބާގެ ޢިލްމުން މީސްތަކުންގެ ހިތްތައް ފަތަޙަ ކުރާކަމަށްޓަކައެވެ.
ދެވަނައަށް: ޢިލްމު ފެތުރުމުގެ ސަބަބުން ﷲ ތަޢާލާގެ ޝަރީޢަތް ރައްކާތެރިކޮށް ޙިމާޔަތްކުރެވެއެވެ. އެހެނީ ޝަރުޢީ ޢިލްމު ނުވާނަމަ ޝަރީޢަތް ރައްކާތެރިއެއް ނުކުރެވޭނެއެވެ.
ތިންވަނައަށް: ޢިލްމު އުނގަންނައި ދިނުމަކީ، ތިބާ ޢިލްމު އުނގަންނައިދޭ މީހާއަށް ވެވޭ އިޙްސާންތެރި ކަމެކެވެ. ތިބާ، އެހެންމީހަކަށް ﷲ ތަޢާލާގެ ދީނުގެ ސީދާމަގު ދައްކަނީއެވެ. އެހެން ކަމަށްވާނަމަ، ތިބާ މަގުދައްކައިދީގެން އޭނަކުރާ ޢަމަލުތަކަށް ލިބޭ އަޖުރާއި އެއްވަރުގެ އަޖުރެއް ތިބާއަށްވެސް ވެއެވެ. އެހެނީ ހެޔޮކަމަށް މަގުދައްކާ މީހާ އެކަން ކުރާމީހާ ފަދައެވެ.
ހަތަރު ވަނައަށް: ޢިލްމު އުނގަންނައިދީ އެޢިލްމު ފެތުރުމަކީ ތިބާގެ ޢީލްމު އިތުރުވާނެކަމެކެވެ. މީސްތަކުންނަށް ޢިލްމު އުގަންނައިދޭނަމަ، ޢިލްމުވެރިޔާގެ ޢިލްމު އިތުރުވެއެވެ.އެހެނީ އޭގެ ސަބަބުން ތިބާ ހިތު ދަސްކޮށްފައިވާ އެއްޗެއް، އިތުރަށް މުރާޖަޢާވެ، ހަނދުމަ ކުރެވެއެވެ. އަދި އިތުރަށް ހިތުދަސްކުރުމަށް މަގުފަހި ވެއެވެ.
=ނުނިމޭ=
މަޞްދަރު : “شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين