ތަޤުވާގެ ހަރުފަތްތައް.
ތަޤުވާގެ ތިން ހަރުފަތްވެއެވެ.
1- ޝިރުކު ކުރުމުން ރައްކާތެރިވެ ނަރަކައިގެ ނިމުމެއްނުވާ ވޭންދެނިވި ޢަޒާބުން ރައްކާތެރިކަން ހޯދުން. މި ފަދައިން ތަޤުވާވެރިވާ މީހުންނާ ބޭހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ ) އަލްފަތްޙު 26 މާނައީ: ” އަދި ތަޤުވާގެ ކަލިމަ، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. “
2- އެކަމެއް ކުރުމުން ފާފަވެރިވާ ހުރިހާ ޢަމަލަކުން ދުރުވެގަތުމާއި އެކަމެއް ދޫކޮށްލުމުން ފާފަވެރިވާ ހުރިހާ ކަމެއް ދޫކޮށްލުމުން ދުރުހެލިވެގަތުން. މީގެތެރޭގައި އެންމެ ކުޑަ ފާފަތައްވެސް ހިމެނޭ ގޮތަށެވެ. ޝަރުޢީގޮތުން ތަޤުވާވެރިވުމޭ ބުނެވެނީ މިގޮތަށް ޢަމަލުކުރުމަށެވެ. އަދި ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގެ މުރާދައަކީވެސް މިއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ. ( وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ ) އަލްއަޢްރާފް96. މާނައީ: ” ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. “
ޢުމަރު ބުން ޢަބްދުލް ޢަޒީޒި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތަޤުވާ އަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންތައްތައް ނުކޮށް ދޫކޮށްލުމާއި ﷲ ތަޢާލާ ފަރުޟުކުރެއްވި ކަންތައްތައް އަދާކުރުމެވެ. އަދި އެއަށްފަހު ﷲ ތަޢާލާ ދެއްވާ ރިޒުޤަކީ ހެޔޮކަމުގެ މައްޗަށްވާ ހެކޮކަމެކެވެ.”
3- ސިއްރުގައި ކުރާކަންކަމުގައި ﷲ ތަޢާލާއަށް ބިރުވެތިވެ ރައްކާތެރިވުން. ފަހެ މިއީ ޙައްޤު ތަޤުވާއިން ތާޤުވާވެރިވުމެވެ. ﷲ ތަޢަލާގެ އަންނަނިވި ވަޙީބަސްފުޅުގައި އައިސްފައިވަނީ މިގޮތަށް ތަޤުވާވެރިވުމުގެ ވާހަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ ) އާލް ޢިމްރާން 102. މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! “
އިބްނު ޢުމަރު –ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. ” ފަހެ އެއީ އެހެން އެއްވެސް މީހަކަށްވުރެ ތިމާ ހެޔޮވެގެންވާކަމުގައި ނުދެކުމެވެ. “
ކީރިތި ޤުރްއާނުގައި ތިން ކަމެއް ތަޤުވާވެރިވުމުގެ ގޮތުގައި އައިސްފައިވެއެވެ.
1- ބިރުވެތިވުން: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَإِيَّايَ فَاتَّقُونِ) އަލްބަޤަރާ 41. މާނައީ: ” އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ! “. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّـهِ )އަލްބަޤަރާ 281. މާނައީ: ” އެދުވަހެއްގައި، ﷲ ގެ ޙަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! “
2- ކިޔަމަންތެރިވުމާއި އަޅުވެތިވުން: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ ) އާލް ޢިމްރާން 102. މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! “
އިބުނު ޢައްބާސް ރަޟިޔަﷲޢަންހުމާ ވިދާޅުވެފައިވެއެވެ. ” ﷲ އަށް ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވާށެވެ.” އަދި މުޖާހިދު ވިދާޅުވެފައިވެއެވެ. “ ފަހެ އެއީ ކިޔަމަންތެރިވުމެވެ، އަދި ނުކިޔަމަންތެރިނުވުމެވެ. އަދި (ﷲ މަތިން) ހަނދުމަ ކުރުމެވެ. އަދި ހަނދާންނައްތާނުލުމެވެ. އަދި ޝުކުރުވެރިވުމެވެ. އަދި ކުފުރުވެރިނުވުމެވެ. “
3- ފާފަތަކުން ހިތް ޠާހިރުކުރުން: ފަހެ މިއީ މަތީގައިވާ ދެކަމާއި ނުލާ ތަޤުވާގެ ޙަޤީޤަތެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَمَن يُطِعِ اللَّـهَ وَرَسُولَهُ وَيَخْشَ اللَّـهَ وَيَتَّقْهِ فَأُولَـٰئِكَ هُمُ الْفَائِزُونَ ) އައްނޫރު 52. މާނައީ: ” އަދި ﷲއާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ނަޞީބު ލިބިގެންވާ މީހުންނެވެ. “ މިއާޔަތުގައި އެންމެ ފުރަތަމަ ﷲ ތަޢާލާ ޒިކުރުކުރައްވާފައިވަނީ އެއިލާހަށް ކިޔަމަންތެރިވުމެވެ. އެއަށްފަހު ޒިކުރުކުރައްވާފައިވަނީ އެއިލާހަށް ބިރުވެތިވުމެވެ. އެއަށްފަހު ދެން ޒިކުރުކުރައްވާފައިވަނީ އެއިލާހަށް ތަޤުވާވެރިވުމެވެ. ފަހެ މި ދެކަންތައް ޒިކުރުކުރެއްވުމަށްފަހު ތަޤުވާވެރިވުމަށް އަމުރުކުރައްވާފައި ވުމުން ތަޤުވާގެ ޙަޤީޤަތަކީ މި ދެކަންތައް ނޫންކަން އެނގިގެންދެއެވެ. އެހެނެއްކަމަކު ތަޤުވާގެ ޙަޤީޤަތަކީ ހިތުގައިވާ ފާފަތަކުން ހިތް ޠާހިރުކޮށްލުމެވެ.
ތަޤުވާގެ މަންޒިލްތައް:
ތަޤުވާގެ ތިން މަންޒިލެއްވެއެވެ.
1- ޝިރުކުން ތަޤުވާވެރިވުން.
2- ބިދުޢަތަކުން ތަޤުވާވެރިވުން.
3- އެހެނިހެން ފާފަތަކުން ތަޤުވާވެރިވުން.
ތަޤުވާގެ ތިން މަންޒިލް އެއް އާޔަތެއްގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ( لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوا وَّآمَنُوا وَعَمِلُوا الصَّالِحَاتِ ثُمَّ اتَّقَوا وَّآمَنُوا ثُمَّ اتَّقَوا وَّأَحْسَنُوا ۗوَاللَّـهُ يُحِبُّ الْمُحْسِنِينَ ) އަލްމާއިދާ 93.މާނައީ: ” އީމާންވެ، ޞާލިޙު ޢަމަލު ކޮށްއުޅުނު މީހުން ކައި (ބޮއި) އުޅުނު އެއްޗަކާމެދު، އެއުރެންގެ މައްޗަކަށް ކުށެއް ނެތެވެ. (އެބަހީ: ރާއާއި އަދި އެނޫން ތަކެތި ޙަރާމް ކުރެއްވުމުގެކުރިން އެތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ) އެއުރެން ތަޤުވާ ވެރިވެ، އީމާންވެ، ޞާލިޙު ޢަމަލު ކުޅަނަމައެވެ. ދެންވެސް ތަޤުވާވެރިވެ، އީމާންވީނަމައެވެ. ދެންވެސް ތަޤުވާވެރިވެ، ޢަމަލުތައް ރަނގަޅު ކުޅަނަމައެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. “ ފަހެ ތަޤުވާގެ އެންމެ ފުރަތަމަ މަންޒިލަކީ ޝިރުކުން ރައްކާތެރިވުމެވެ. ﷲ ތަޢާލާ އަށް އީމާންވެ އެއިލާހު އެއްކައުވަންތަ ކުރުމެވެ. ތަޤުވާގެ ދެވަނަ މަންޒިލަކީ ބިދުޢަތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި މުސްލިމުންގެ ޖަމާޢަތުން ވަކިނުވެ އަބަދުވެސް ޖަމާޢަތާއެކީވުމެވެ. ތަޤުވާގެ ދެވަނަ މަންޒިލަކީ ދެންހުރި ފާފަތަކުން ދުރހެލިވެ ރައްކާތެރިވުމެވެ. ފަހެ ތަޤުވާގެ މި މަންޒިލަށް ވާޞިލްވެ ޤަރާރުވެއްޖެ މީހަކަށް އިޙްސާންތެރިކަން ލިބިގެންދާނެއެވެ. އެއީ ކިޔަމަންތެރިވުމާއި އެ ކިޔަމަންތެރިކަމުގެ މަތީގައި ދެމިހުރުމުވެ. އެހެންކަމުން މަތީގައި ބަޔާންވެދިޔަ އާޔަތުގައި އީމާންކަމުގެ މަންޒިލާއި ސުންނަތުގެ މަންޒިލާއި ކިޔަމަންތެރިވުމުގައި ދެމިހުރުމުގެ މަންޒިލް މިއާޔަތުގައި ޖަމްޢަކުރައްވާފައިވެއެވެ.
ނުނިމޭ
مصدر: ” التقوى , صفات أهلها و ثمراتها في الدنيا و الآخرة ” لفضيلة الشيخ الدكتور صالح بن إبراهيم بن صالح آل الشيخ