[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 8

ޖިންނީން އެކި ޞިފަތަކަށް ބަދަލުވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الحَيَّاتُ مَسْخُ الْجِنِّ ، كَمَا مُسِخَتْ القِرَدَةُ وَالْخَنَازِيْرُ مِنْ بَنِيْ إِسْرَائِيْلَ (رواه ابن حبان وصححه الألباني في الصحيحة) “ބަނޫ އިސްރާއީލުގެ ބަޔަކު މަކުނާއި އޫރަށް ބަދަލުކުރެވުނު ފަދައިން، ހަރުފަތަކަކީ ޖިންނީން ބަދަލުކުރެވިފައިވާ ގޮތެވެ.”

އަބޫ ޤިލާބާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.لَوْلَا أَنَّ الْكِلَابَ أُمَّةٌ مِنْ الْأُمَمِ لَأَمَرْتُ بِقَتْلِهَا وَلَكِنْ اقْتُلُوا الْكَلْبَ الْأَسْوَدَ الْبَهِيْمَ فَإِنَّهُ شَيْطَانٌ (صحيح ابن حبان) ” ކުއްތާއަކީ އުއްމަތްތަކުގެ ތެރެއިން އުއްމަތަކަށް ނުވާނަމަ، އެ ހުރިހާ އެއްޗެއް ޤަތުލުކުރުމަށް ތިމަންކަލޭގެފާނު އަމުރު ކުރެއްވީމުހެވެ. އެހެނެއްކަމަކު ސާފު ގަދަކަޅުކުލައިގެ ކުއްތާތައް ޤަތުލުކުރާށެވެ. އެއީ ޝައިޠާނުންނެވެ.”

ޞަޙީޙް މުސްލިމްގައި އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. إِذَا قَامَ أَحَدُكُمْ يُصَلِّي فَإِنَّهُ يَسْتُرُهُ إِذَا كَانَ بَيْنَ يَدَيْهِ مِثْلُ آخِرَةِ الرَّحْلِ فَإِذَا لَمْ يَكُنْ بَيْنَ يَدَيْهِ مِثْلُ آخِرَةِ الرَّحْلِ فَإِنَّهُ يَقْطَعُ صَلاَتَهُ الْحِمَارُ وَالْمَرْأَةُ وَالْكَلْبُ الأَسْوَدُ. قُلْتُ يَا أَبَا ذَرٍّ مَا بَالُ الْكَلْبِ الأَسْوَدِ مِنَ الْكَلْبِ الأَحْمَرِ مِنَ الْكَلْبِ الأَصْفَرِ قَالَ يَا ابْنَ أَخِى سَأَلْتُ رَسُولَ اللَّهِ -صلى الله عليه وسلم- كَمَا سَأَلْتَنِي فَقَالَ: الْكَلْبُ الأَسْوَدُ شَيْطَانٌ (رواه مسلم) “ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރާއިރު، ޖަމަލުދާނުގެ ލެނގޭތަންގަޑުފަދަ އެއްޗެއް އޭނާގެ އަތުގައިވާނަމަ، ސުތުރާއަކަށް އޭތިވިޔަސް ބަހައްޓާށެވެ. (ސުތުރާއަކީ، ނަމާދުކުރާއިރު ސަޖިދަޖަހާ ތަނުގެ ކުރިމަތީގައި ބަހައްޓާ އެއްޗަށް ކިޔާނަމެކެވެ.) އަދި ޖަމަލުދާނުގެ ލެނގޭތަންގަޑުފަދަ އެއްޗެއް އޭނާގެ އަތުގައި ނުވާނަމަ (އެފަދަ އެއްޗެއް ސުތުރާއެއްގެ ގޮތުގައި ނުބަހައްޓާނަމަ)، ފަހެ ހަމަކަށަވަރުން ޙިމާރާއި، އަންހެނުންނާއި، ކަޅުކުއްތާ އޭނާގެ ނަމާދު މެދުކަނޑާނެއެވެ. (އެބަހީ، އެއިން އެއްވެސް އެއްޗެއް އޭނާ ސަޖިދަ ކުރާ ހިސާބުން ހުރަސްކޮށްފިނަމަ އޭނާގެ ނަމާދު މެދު ކެނޑޭނެއެވެ.) ރާވީ ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ އަބޫ ޛައްރު (ރަޟިޔަﷲ ޢަންހު) އެވެ! ރަތްކުއްތާއާއި، ރީނދޫކުއްތާގެ ބަދަލުގައި ކަޅުކުއްތާ ޚާއްޞަކުރެއްވީ ކީއްވެތޯއެވެ؟ ދެން އެކަލޭގެފާނު (އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ) އޭ ތިމަންކަލޭގެފާނުގެ އަޚުގެ ދަރިފުޅާއެވެ! ތިބާ ތިޔަ ސުވާލުކުރެއްވި ފަދައިން، ތިމަންކަލޭގެފާނުވެސް ތިޔަ ސުވާލު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވީމެވެ. ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަޅު ކުއްތާއަކީ ޝައިޠާނެކެވެ.”

އެހެންކަމުން އިސްވެދިޔަ ޙަދީޘްތަކުން، ކަޅުކުއްތާގެ ސިފައިގައި ޖިންނި ޝައިޠާނުން އުޅޭކަން އެނގިގެން ހިނގައްޖެއެވެ. އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ކަޅު ކުއްތާއަކީ، ކުއްތާތަކުގެ ތެރެއިންވާ ޝައިޠާނުންނެވެ. ޖިންނީންތައް އެއެއްޗެހީގެ ސޫރައަށް ވަރަށް ގިނައިން ބަދަލުވެ އުޅެއެވެ. ހަމަ މިފަދައިން ކަޅުބުޅަލުގެ ސިފައަށްވެސް ބަދަލުވެ އުޅެއެވެ.”

ޖިންނީން ބަދަލުވެ އުޅެނީ ހަމައެކަނި ޖަނަވާރުތަކުގެ ޞިފައަކަށް ނޫނެވެ. އެހެނެއްކަމަކު، ދޫނިސޫފާސޫއްޕާއި އިންސީންގެ ޞިފައަށްވެސް އެއެއްޗެހިތައް ބަދަލުވެއުޅެއެވެ. “ބަދުރުގެ ދުވަހުގައި ސުރާގާ ބިން މާލިކްގެ ސިފައިގައި ޝައިޠާނާ އުޅުނެވެ. އަދި މުޝްރިކުންގެ ލަޝްކަރާއެކު މުސްލިމުންނާ ހަނގުރާމަ ކުރުމަށްޓަކައި އައިސް މުޝްރިކުންނަށް ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ނަމަވެސް ހަނގުރާމައިގައި ޞަފުތައް ބައްދަލުކުރި ހިނދު، ވެލިމުށެއް ނެންގެވުމަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޝްރިކުންނާ ދިމާލަށް އުއްކަވާލެއްވިއެވެ. އެހިނދު އެބައިމީހުން ބިރުން ފިލަން ދުވިއެވެ. އެވަގުތު ޖިބްރީލް ޢަލައިހިއްސަލާމް އިބްލީހާ ދިމާލަށް ވަޑައިގެންނެވިއެވެ. އޭރު އޭނާ ހުރީ މުޝްރިކުންނަށް ބާރުދިނުމަށްޓަކައި، އެއިންމީހެއްގެ އަތުގައި ހިފަހައްޓައިގެންނެވެ. ނަމަވެސް ޖިބްރީލްއަމީން ފެނުމާއެކު، އެމީހާ ދޫކޮށްލުމަށްފަހު ދުއްވައިގަތެވެ. އެހިނދު އެމީހާ ބުންޏެވެ. އޭ ސުރާޤާއެވެ! އަހަރެމެންގެ ރައްކާތެރިއެއްކަމުގައި ވާނަމޭ ކަލޭ ބުނީމެއްނޫންހެއްޔެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ. ތިޔަބައިމީހުންނަށް ނުފެންނަ އެއްޗެހިތައް އަހަރެންނަށް ފެނެއެވެ. އަހަރެން ﷲއަށް ބިރުވެތިވަމެވެ. ﷲގެ ޢަޛާބު ގަދަފަދައެވެ.” މިވާހަކަ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ.

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ.“އިންސީންނާއީ، ޖަނަވާރުންގެ ޞިފައަށްވެސް ޖިންނީންތައް ބަދަލުވެއުޅެއެވެ. މިގޮތުން ހަރުފައާއި، ނަގުލުންދާއްޓާއި، މިނޫންވެސް އެހެން އެއްޗެހީގެ ޞޫރައަށްވެސް އެ އެއްޗެހިތައް ބަދަލުވެއެވެ. އަދި ޖަމަލާއި، ގެރިއާއި، ޙިމާރާއި، އަހާއި، ބަކަރީގެ އިތުރުން ދޫނީސުފާސޫއްޕާއި އިންސާނުންގެ ސޫރައަށްވެސް ބަދަލުވެއެވެ.”

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް