ޖިންނީންގެ ތެރޭގައި އަންހެން ފިރިހެން ދެ ޖިންސު އުޅޭހެއްޔެވެ؟
ބުޚާރީއާއި މުސްލިމްގައިވެއެވެ. އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْخَلَاءَ قَالَ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފާޚާނާއަށް ވަދެވަޑައިގަންނަވާއިރު ވިދާޅުވެއެވެ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ އޭ ﷲއެވެ! ޝައިޠާނުންގެތެރެއިންވާ ފިރިހެން ޝައިޠާނުންނާއި، އަންހެން ޝައިޠާނުންގެ ކިބައިން، މިއަޅާ އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.”
އިބްނުލް އަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޚުބުޘް އަކީ ޚަބީޘްގެ ޖަމްޢުއެވެ. ޚަބާއިޘް އަކީ ޚަބީޘަތުގެ ޖަމްޢުއެވެ. އެއީ ފިރިހެން ޝައިޠާނުންނާއި އަންހެން ޝައިޠާނުންނެވެ.”
ޖިންނީންނަށް ތަކުލީފު ޖެއްސެވިފައިވޭތޯއެވެ؟
އިންސީންފަދައިން ޖިންނީންނަކީވެސް ތަކުލީފު ޖެއްސެވިފައިވާ މަޚްލޫޤުންތަކެކެވެ. އިބްނު ޢަބްދިލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޖިންނީންނަކީ ތަކްލީފް ޖައްސަވާފައިވާ، ޝަރުޢީ ކަންތައްތަކުގައި މުޚާޠަބުކުރެވިފައިވާ މަޚްލޫޤެކެވެ. ދަލީލަކީ ﷲތަޢާލާގެ ވަޙީބަސްފުޅެވެ. يَا مَعْشَرَ الْجِنِّ وَالإنْسِ أَلَمْ يَأْتِكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنْذِرُونَكُمْ لِقَاءَ يَوْمِكُمْ هَذَا (الأنعام: ١٣٠) “އޭ ޖިންނީންނާއި އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންއިލާހުގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ އިންޛާރުކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެ؟“
އަލް ޤާޟީ ޢަބްދުލްޖައްބާރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޖިންނީންނަށް ތަކުލީފުޖެއްސެވިފައިވާކަމާމެދު ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި އެއްވެސް ޚިލާފެއްވާކަން އަހަރެމެންނަށް އެނގިފައެއް ނުވެއެވެ.”
އައްސުބުކީ ރަޙިމަހުﷲގެ ފަތަވާގައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޝަރީޢަތުން އެސޮރުމެންނާ މުޚާޠަބުކުރެވިފައިވަނީ އީމާންކަމުގެ އަޞްލުގައި (އެކަނި) ހެއްޔެވެ؟ ނުވަތަ ހުރިހާ ކަމެއްގައިވެސް މުޚާޠަބުކުރެވިފައި ވޭހެއްޔެވެ؟ (ޖަވާބުގައި ބުނަމެވެ.) އަދި ކިއެއްހެއްޔެވެ! ހުރިހާ ކަމެއްގައިވެސް އެސޮރުމެންނާ މުޚާޠަބުވެގެންވެއެވެ. އެހެނީ އިންސީންގެ ގާތަށް ފޮނުއްވުނު ފަދައިން، ޖިންނީންގެ ގާތަށްވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފޮނުއްވުނުކަމާއި، އެކަލޭގެފާނުގެ ދަޢުވަތަކީ އިންސީންނާއި ޖިންނީންނަށް ޢާއްމު ދަޢުވަތެއްކަމާއި، އެކަލޭގެފާނުގެ ޝަރީޢަތަކީވެސް އިންސީންނާއި ޖިންނީންނަށް ޢާއްމު ޝަރީޢަތެއްކަން އެނގެން އޮތުމުން، އެއިން ވަކިކަންތައްތަކެއް އެސޮރުމެންނަށް ޚާއްޞަކުރާނޭ ދަލީލެއް ނެތްހައި ހިނދަކު ހުރިހާ ކަންތަކެއްވެސް އެސޮރުމެންގެ މައްޗަށްވެސް ލާޒިމުވެގެންދާނެއެވެ. އެހެންކަމުން އަހަރެމެން ބުނާނީ، އެސޮރުމެންނަށްވެސް ނަމާދުކުރުމާއި، ނިޞާބުހަމަވެ ޝަރުޠުތައް ފުރިހަމަވުމުން ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި މިނޫން އެހެން ހުރިހާ ކަމެއްވެސް ވާޖިބުވެގެންވެއެވެ. އަދި ޝަރީޢަތުގައި ޙަރާމްކުރެވިފައިވާ ހުރިހާކަމެއް، އެސޮރުމެންގެ މައްޗަށްވެސް ޙަރާމްވެގެންވެއެވެ.”
– ނުނިމޭ –
________________________
އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ