[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 11 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلا تَقْتُلُوا أَوْلادَكُمْ مِنْ إِمْلاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ
(الأنعام: ١٥١)
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެއިލާހާއި އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤުދެއްވަނީ، ތިމަންއިލާހެވެ. އަދި ފާޙިޝްކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
__________________________________
ޝަރަޙަ

ކުރީގެ ފިލާވަޅުގައި މިއާޔަތުގެ ޝަރަޙައިގެ ފުރަތަމަ ބައި ގެނެސްދެވިފައިވާނެއެވެ.

(وَلا تَقْتُلُوا أَوْلادَكُمْ مِنْ إِمْلاقٍ): އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ!

ދަރީން މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤު ބަޔާންކުރެއްވުމަށްފަހު، ދެން ބަޔާންކުރައްވާފައިމިވަނީ މައިންބަފައިން ދަރީންނަށް އަދާކުރަންޖެހޭ ޙައްޤެވެ. أَوْلاد އޭ އެންގެވުމުން އޭގެތެރޭގައި އަންހެން ދަރީންނާއި ފިރިހެން ދަރީންވެސް ހިމެނެއެވެ. މިކަމުގެ ދަލީލަކީ ނިސާ ސޫރަތުގެ 11 ވަނަ އާޔަތެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.  يُوصِيكُمُ اللَّهُ فِي أَوْلادِكُمْ لِلذَّكَرِ مِثْلُ حَظِّ الأنْثَيَيْنِ (النساء: ١١) “ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ.”

إِمْلاق އަކީ ފަޤީރުކަމެވެ. އޭގެ ކުރީގައި އައިސްފައިވާ مِنْ އަކީ ސަބަބު ބަޔާންކުރުމަށްޓަކައި ބޭނުން ކުރެވޭ مِنْ އެވެ. مِنْ ގެ އެހެން މާނަތައްވެސް ހުރެއެވެ. އެހެނަސް މިތަނުގައި މިވަނީ މިބަޔާންކުރެވުނު މާނައިގައެވެ. އެހެންކަމުން مِنْ إِمْلاقٍގެ މާނައަކީ ފަޤީރުކަމުގެ ސަބަބުންނެވެ.

ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން އައީ ފަޤީރުވެދާނެކަމަށް ބިރުން، އެބައިމީހުންގެ ދަރީންތައް ދިރިތިއްބާ ވަޅުލައި މަރަމުންނެވެ. މިފަދަ ޙާލަތަކަށް އެބައިމީހުން ވެއްޓުނީ، ﷲއާ މެދު ނުބައި ހީތައް ކުރުމުގެ ސަބަބުންނެވެ. އަދި އެދަރީންނަށް ރިޒްޤު އަންނަނީ އެއިލާހު ފިޔަވައި، އެބައިމީހުންގެ ފަރާތުންކަމަށް ހީކުރުމުގެ ސަބަބުންނެވެ.

(نَحْنُ نَرْزُقُكُمْ وَإِيَّاهُمْ): ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤުދެއްވަނީ، ތިމަންއިލާހެވެ.

ތިޔަބައިމީހުންނަށްވެސް ރިޒުޤުދެއްވަނީ ﷲތަޢާލާއެވެ. ހަމައެފަދައިން އެއިލާހު އެކުދީންނަށްވެސް ރިޒުޤުދެއްވާނެއެވެ. އެހެންކަމުން އެދަރީން ތިބުމަކުން ތިޔަބައިމީހުންގެ ރިޒުޤު މަދެއް ނުވާނެއެވެ. ﷲތަޢާލާ ސޫރަތުލް އިސްރާގައި ވަޙީކުރައްވާފައިވެއެވެ. وَلا تَقْتُلُوا أَوْلادَكُمْ خَشْيَةَ إِمْلاقٍ نَحْنُ نَرْزُقُهُمْ وَإِيَّاكُمْ (الإسراء: ٣١)  “އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ، ތިމަންއިލާހެވެ.”

މަތީގައި ބަޔާންވެފައިވާ، ނިސާ ސޫރަތުގެ އާޔަތުގައި، ފުރަތަމަ ބަޔާންކުރައްވާފައިވަނީ ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ ތިމަންއިލާއެވެ. ދެން އެއަށްފަހު އެދަރީންނަށްވެސް ރިޒުޤުދެއްވަނީ އެއިލާހުކަން އެންގެވިއެވެ. އިސްރާ ސޫރަތުގެ މިއާޔަތުގައި ފުރަތަމަ ބަޔާންކުރައްވާފައިވަނީ އެދަރީންނެވެ. ދެން އެއަށްފަހު މައިންބަފައިން(އެބައިމީހުން)ނެވެ. މިކަމުގެ ޙިކުމަތަކީ – والله أعلم – ނިސާ ސޫރަތުގައި ބަޔާންކުރައްވާފައިވަނީ ފަޤީރުވުމުގެ ސަބަބުން ދަރީން މަރާ ވާހަކައެވެ. އެހެންކަމުން އެބައިމީހުންނަށް ރިޒުޤުދެއްވާފަދައިން އެ ދަރީންނަށްވެސް ރިޒުޤުދެއްވާނެކަން ބަޔާންކުރެއްވުމަށްޓަކައި، ފުރަތަމަ އެބައިމީހުންނަށް ރިޒުޤުދެއްވަނީވެސް އެއިލާހުކަން އެންގެވީއެވެ.

އިސްރާ ސޫރަތުގެ އާޔަތުގައި އައިސްފައިވަނީ ފަޤީރުވުމުގެ ސަބަބުން ދަރީން މަރާވާހަކައެއް ނޫނެވެ. ނަމަވެސް، ފަޤީރުވެދާނެކަމަށް ބިރުން ދަރީން މަރާވާހަކައެވެ. އެބައިމީހުންނަކީ ފުދުންތެރި ބަޔެކެވެ. ނަމަވެސް ދަރީން ލިބުމުން އެދަރީންނަށް ކާންދީ ކަންތައް ކުރުމުގެ ސަބަބުން އެބައިމީހުން ފަޤީރުވެދާނެކަމަށް ބިރުން ދަރީން މަރަނީއެވެ. އެހެންކަމުން އެ އާޔަތުގައި ދަރީންނަށް ރިޒުޤުދެއްވާ ވާހަކަ ކުރީން ބަޔާންކުރައްވާފައިވަނީ، އެދަރީންނަށް ކާންދީ ބޭނުންވާ ކަންތައް ކޮށްދިނަސް އެމީހުން ފަޤީރުނުވާނެކަން އެންގެވުމަށެވެ. އެހެނީ އެމީހުން ސަބަބެއް ކަމުގައި މެދުވެރިކުރެއްވި ކަމުގައިވިޔަސް، އެކުދިންނަށް އެލިބޭ ރިޒުޤަކީ ﷲގެ ޙަޟްރަތުން ދެއްވާ އެއްޗެކެވެ.

މިޒަމާނުގައިވެސް، ޖާހިލިއްޔަ ޒަމާނުގެ މިނުބައިވެގެންވާ ޢަމަލުކުރަމުންދާ މީހުން އުޅެއެވެ. އެބައިމީހުން ފަޤީރުވެދާނެކަމުގެ ބިރަށްޓަކައި، ނުވަތަ ފަޤީރުވުމުގެ ސަބަބުން ދަރިން ހޯދުން މަދުކުރެއެވެ. އަދި މިއަދު މިކަމަށް ވަކާލާތުކޮށް، ގޮވައި، ބާރުއަޅަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތައްވެސް ވެއެވެ. މިފަދައިން ޢަމަލުކުރާނީ ﷲތަޢާލާއަށް އީމާންވާންޖެހޭ ޙައްޤުގޮތުގައި އީމާންނުވާ މީހުންނެވެ. އެހެނީ މިއީ ﷲތަޢާލާގެ ރުބޫބިއްޔަތަށް އީމާންވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ނަމަވެސް ޖާހިލިއްޔާ ޒަމާނުގެ މިޢަމަލު، ޝައިޠާނާ މިއަދު އަޅުގަނޑުމެންނަށް ޒީނަތްތެރިކޮށްދީފައިވާގޮތް ނިކަން ވިސްނާށެވެ!

ޙިޖްރު ސޫރަތުގެ 39ވަނަ އާޔަތުގައ ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. قَالَ رَبِّ بِمَا أَغْوَيْتَنِي لأزَيِّنَنَّ لَهُمْ فِي الأرْضِ وَلأغْوِيَنَّهُمْ أَجْمَعِينَ (الحجر: ٣٩) ” އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިއިލާހެވެ! އިބައިލާހު ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.”

އަދި ހަމައެއާކު ރީތި ނަންތައް ކިޔައިގެން މިޒަމާނުގައި ދަރީން މަރަމުންދާ މީހުންވެސް މަދެއް ނޫނެވެ. އެބޯރޓްކުރުމޭ ކިޔުމުން އެއީ ދަރިން މެރުން ކަމަކަށް އެބައިމީހުން ނުދެކެއެވެ. ނަމަވެސް ޞިއްޙީ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްގެން ތިބި މީހުން، އެދަރިންތައް މަރާލެވޭ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރީއްޗަށް އެކިއެކި ވަސީލަތްތަކުގެ ޛަރީޢާއިން ބަޔާންކޮށްދެއެވެ. މިގޮތަށް ދަރިން މަރާ މީހުންތައްވެސް، އެމީހުންގެ ނުބައިވެގެންވާ އެ ޢަމަލުކުރަމުންދާ އެއްސަބަބަކީ، ފަޤީރުވުމެވެ. ނުވަތަ ފަޤީރުވެދާނެކަމުގެ ބިރެވެ. އަނެއްބަޔަކު ނުބައިވެގެންވާ މިޢަމަލު ކުރަމުންދަނީ ޒިނޭކުރުމަށްފަހު، ކުރިމަތިވެދާނޭ މަލާމާތަކުން ނުވަތަ ބަދުނާމަކުން ސަލާމަތްވުމަށްޓަކައެވެ. އެހެންކަމުނ މިއާޔަތުގައި، ޒިނޭކުރުމާއި އެންމެހައި ފާޙިޝް ޢަމަލުތަކުން ދުރުހެލިވުމަށްވެސް ﷲތަޢާލާ އަންގަވާފައިވެއެވެ.

ގިނައިން ދަރިން ހޯދުމާއި، ބޮޑު ދަރިފަސްކޮޅެއް ބިނާކުރުމަކީ އިސްލާމްދީނުގައި ހިއްވަރުދެވިފައިވާ ކަމެކެވެ. ރިޒުޤަކީ ﷲތައާލާ ކޮންމެ ނަފްސަކަށްވެސް ކަނޑައަޅުއްވާފައިވާ އެއްޗެކެވެ. އިންސާނާ މަންމަގެ ބަނޑުގައިވަނިކޮށް، އޭނާގެ ފުރާނަ އެޅުއްވޭއިރު އޭނަގެ ރިޒުޤުވެސް ލިޔެވިގެންދާނެއެވެ. އެއިން އެއްވެސް މިންވަރެއް އުނިވެސް އަދި އިތުރެއްވެސް ނުވާނެއެވެ. އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުމެވެ. އެރިޒިޤު ޙާޞިލުވުމުގެ މަގުތަށް ﷲތަޢާލާ ތަނަވަސްކޮށްދެއްވާނެއެވެ.

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-  أَوْلاد އޭ އެންގެވުމުން އޭގެތެރޭގައި ފިރިހެންދަރީންނާއި، އަންހެންދަރީންވެސް ހިމެނޭކަމުގެ ދަލީލެއް ބަޔާންކުރޭ!

2-   ނިސާ ސުރަތުގެ އާޔަތާއި، އިސްރާ ސޫރަތުގެ އާޔަތުގައިވާ ތަފާތަކީ ކޮބާ؟ އަދި އޭގެ ޙިކުމަތަކީ ކޮބާ؟

-ނުނިމޭ-

__________________________________________

ކުރީގެ ބައިތައް