[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 14 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: وَلا تَقْرَبُوا مَالَ الْيَتِيمِ إِلا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ لا نُكَلِّفُ نَفْسًا إِلا وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ (الأنعام: ١٥٢)
އަދި ހުއްދަކުރައްވާފައިވާ ހެޔޮގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފުފުދިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންއިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.

___________________________________

ޝަރަޙަ

 (وَلا تَقْرَبُوا مَالَ الْيَتِيمِ إِلا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ): އަދި ހުއްދަކުރައްވާފައިވާ އެންމެހެޔޮގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފުފުދިއްޖައުމަށް ދާންދެނެވެ.

ޔަތީމުންގެ މުދާ ބާޠިލުގޮތުގައި ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ޔަތީމުންނަކީ ބައްޕަ މަރުވެފައިވާ ބާލިޣުނުވާ ކުދިންނެވެ. ބާލިޣުވުމަށްފަހު އެއީ ޔަތީމެކޭ ނުބުނެވޭނެއެވެ. ހަމައެފަދައިން ބާލިޣުވުމުގެކުރިން މަންމަ މަރުވިކަމުގައިވިއަސް، ބައްޕަ މަރުނުވާކަމުގައި ވަނީނަމަ ޔަތީމެކޭ ނުބުނެވޭނެއެވެ.

ޔަތީމު ކުދިންގެ ކަންތައްތައް ބަލަހައްޓައި، ރަނގަޅު ތަރުބިއްޔަތަކުން ތަރުބިއްޔަތުކޮށް، އެންމެހައި ކަންތަކުގައި އެހީތެރިވާނެ ބަޔަކަށް އެކުދިން ބޭނުންވެއެވެ. މިގޮތުން އެކުދީންގެ މުދާ ބެލެހެއްޓުމަކީ އެކުދީން އެހީތެރިކަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. އެހެންކަމުން އެބެލެހެއްޓުމާއި ހަވާލުވެ ހުންނަމީހާ، އެކުދީން ބޮޑުވުމުގެ ކުރިން، އެފުރުޞަތުގެ ބޭނުންހިފައި އެކުދީންގެ މުދާ ނުޙައްޤުން ކެއުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلا تَأْكُلُوهَا إِسْرَافًا وَبِدَارًا أَنْ يَكْبَرُوا (النساء: ٦) ” އަދި، އިސްރާފުގެ ގޮތުންނާއި، އެކުދިން ބޮޑެތި ވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! “ އަދި ނިސާ ސޫރަތުގެ 10ވަނަ އާޔަތުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا (النساء: ١٠) “ހަމަކަށަވަރުން، (ހުއްދަނޫން) އަނިޔާވެރިގޮތުގައި ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެބައިމީހުން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެބައިމީހުން ނިކަންހުރެ ވަންނާނެތެވެ.” މިއާޔަތުގައި ޔަތީމުންގެ މުދާ ކައިއުޅޭ މީހުންނޭ އަންގަވާފައިވަނީ، އެއީ އެމުދާ ހުސްކުރުމަށްޓަކައި އެންމެ ގިނައިން ކުރެވޭ އެއްކަން ކަމުގައި ވާތީއެވެ. ކައިއުޅުމޭ ބުނެވޭ ބަހުގެ މުރާދަކީ ބޭނުންކުރުމެވެ. ބޭނުންނުކޮށް އެމުދާ އެހެން ގޮތަކަށް ހަލާކުކޮށް ހުސްކުރި ކަމުގައިވިއަސް މިވަޢީދުގެ ބަސްފުޅު އެމީހެއްގެ މައްޗަށް ޙައްޤުވާނެއެވެ.

އެހެންކަމުން ޔަތީމުންގެ މުދާ ނުކާށޭ އެންގެވުމުގެ ބަދަލުގައި، ﷲތަޢާލާ އަންގަވާފައިމިވަނީ، ހުއްދަނޫންގޮތުގައި ޔަތީމުންގެ މުދަލާއި ގާތްވެސް ނުވުމަށެވެ. އެބަހީ، އެމުދަލަށް ގެއްލުމެއް ލިބޭނެ، ނުވަތަ އުނިކަމެއް އަންނާނެ އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ.

إِلا بِالَّتِي هِيَ أَحْسَنُ (ހުއްދަކުރައްވާފައިވާ އެންމެހެޔޮގޮތުން މެނުވީ)، އޭ ބުނެވޭ ބަހުގެ މުރާދަކީ، ޔަތީމު ކުއްޖާއަށް ހެވެއް އޮތްގޮތެއްގައި މެނުވީ އެކުއްޖާގެ މުދާ ބޭނުންނުކުރާށެވެ. މިސާލަކަށް އެކުއްޖާގެ މުދަލުން ވިޔަފާރިކުރުމެވެ. އެހާލަތުގައި ވިޔަފާރި ކުރަންޖެހޭނީ އޭގެއިން ފައިދާވާނެކަން ބޮޑަށް ހީވާނަމައެވެ. ވިޔަފާރިކުރުމަށްފަހު ލިބޭފައިދާއަކީ އެކުއްޖާގެ އެއްޗެކެވެ.

އަދި ހަމައެފަދައިން، ހެޔޮގޮތުން މެނުވީ އޭ އެންގެވުމުގެ ބަދަލުގައި، އެންމެހެޔޮތުން މެނުވީ އޭ އެންގެވުމުން އެކުއްޖާއަށް އޭގެއިން ފައިދާވާނެ ދެގޮތެއް އޮވެއްޖެނަމަ، އެތަނުންވެސް އެންމެފައިދާވާނެ ގޮތުގައި މެނުވީ އެމުދާ ބޭނުންކޮށްގެން ނުވާނެކަން އެނގިގެންދެއެވެ. އެންމެހެޔޮގޮތޭ ބުނެވުމުން އޭގެތެރޭގައި ދުނިޔަވީގޮތުން އެންމެހެޔޮގޮތާއި، ދީނީގޮތުން އެންމެހެޔޮގޮތްވެސް ޝާމިލުވާނެއެވެ. މިދެގޮތް ތަޢާރުޟުވެ ފުށުއަރާ ހިނދެއްގައި އިސްކަންދޭންޖެހޭނީ ދީނީގޮތުން އެންމެހެޔޮ ގޮތަށެވެ. މިސާލަކަށް އެކުއްޖާގެ މުދަލުން ކުރެވިދާނެ ދެވިޔަފާރިއެއް އެބައޮތެވެ. އެ ދެވިޔަފާރިންވެސް އެކުއްޖާއަށް ފައިދާކުރާނެއެވެ. ނަމަވެސް އެންމެބޮޑަށް ފައިދާކުރާނެ ވިޔަފާރީގައި ރިބާއެކުލެވިގެންވެއެވެ. އެހާލަތުގައި އިސްކަންދޭންޖެހޭނީ ރިބާއެކުލެވިގެންނުވާ ވިޔަފާރިއަށެވެ. އެހެނީ މިތަނުގައި މިއޮތީ ދުނިޔަވީގޮތުން އެންމެހެޔޮގޮތާއި، ދިނީގޮތުން އެންމެހެޔޮގޮތް ތަޢާރުޟުވެ ފުށުއަރާފައެވެ.

حَتَّى يَبْلُغَ أَشُدَّهُ (އެކުދިން ބޮޑުވެ ތަޞައްރަފުފުދިއްޖައުމަށް ދާންދެން) އޭ އައިސްފައި އޮތުމުން، ތަޞައްރަފުފުދުމާއެކު އެކުދީންގެ މުދާ އެކުދީންނާއި ހަވާލުކުރަންޖެހޭކަން އެނގިގެންދެއެވެ. ﷲތަޢާލާ އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. وَابْتَلُوا الْيَتَامَى حَتَّى إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ (النساء: ٦) “އަދި، ތިޔަބައިމީހުން ޔަތީމުކުދިންގެ ގޮތްބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާންދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެކުދިންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެކުދިންގެ މުދާތައް އެކުދިންނަށް ދޭށެވެ!”  

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-ޔަތީމުންނަކީ ކޮބާ؟

2-ޔަތީމު ކުއްޖެއްގެ މުދާ އަންދައިފިމީހާއަށްވެސް، އެމުދާ ބޭނުންކުރާ މީހާއަށް އައިސްފައިވާ ވަޢީދު ޙައްޤުވާނެތަ؟

3-ދީނީ މަޞްލަޙަތަކާއި، ދުނިޔަވީ މަޞްލަޙަތެއް ތަޢާރުޟުވެއްޖެނަމަ، އިސްކަންދޭނީ ކޮންކަމަކަށް؟

4-ޔަތީމުކުދިންގެ މުދާ އެކުދީންނާއި ހަވާލުކުރަންޖެހެނީ ކޮންއިރަކު؟

-ނުނިމޭ-

__________________________________________

ކުރީގެ ބައިތައް