ﷲތަޢާލާ އަޅުގަނޑުމެން މިދުނިޔެއަށް ފޮނުއްވެވީ އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމަށެވެ. މިކަމަށްޓަކައި އެއިލާހުވަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވައި އަޅުގަނޑުމެންނަށް އިރުޝާދުދެއްވާފައެވެ. ހުއްދަކަންތަކާއި ޙަރާމްކަންތައް ބަޔާންކުރައްވާފައެވެ. ނަމަވެސް ރެއާއިދުވާލު އަޅުގަނޑުމެން މަގުފުރައްދައި، އަބާއްޖަވެރީންގެތެރެއިންވާ ބައެއްކަމުގައި އަޅުގަނޑުމެން ހެދުމަށް މަސައްކަތްކުރަމުންދާ ޝައިޠާނާގެ ކެހިވެރިމަޅީގައި ގިނަ އިންސާނުންތައްވަނީ ޖެހިފައެވެ. ﷲތަޢާލާ ހުއްދަކުރައްވާފައިވާ އެތައްކަމެއް ވާއިރުވެސް، އެބައިމީހުން މިސްރާބުޖަހަމުން ދަނީ އެއިލާހު ޙަރާމްކުރައްވާފައިވާ މަދުކަންތަކާ ދިމާލަށެވެ. އެބައިމީހުން އެހިނގަނީ އެބައިމީހުންގެ އެންމެބޮޑު ޢަދުއްވުކަމުގައިވާ ޝައިޠާނާގެ ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުންކަން އެބައިމީހުންނަށް އިޙްސާސްވެސް ނުކުރެވޭ ކަހަލައެވެ. އެޝައިޠާނާއަކީ އަޅުގަނޑުމެންގެ މަންމައާއި ބައްޕަ ސުވަރުގޭގައި ވަނިކޮށް އެދެބޭކަލުންނަށް ވަސްވާސްދީ ސުވަރުގެއިން ނެރެލި ބޮޑުވެގެންވާ ޢަދުއްވުކަން އެބައިމީހުން ހަނދާން ނެތުނުކަހަލައެވެ. ﷲތަޢާލާ އަޅުގަނޑުމެން އެންމެނަށްވެސް ހިދާޔަތް ދައްކަވާށިއެވެ!
ޝައިޠާނާ އަޅުގަނޑުމެން މަގުފުރައްދައި، އޭނައާއެކު ނަރަކައަށް އެއްލާލެވޭ ބައެއްކަމުގައި ހަދަން ރޭވުންތައް ރޭވިކަމުގައިވިއަސް، އަޅުގަނޑުމެންގެ ވެރިއިލާހު ﷲތަޢާލާގެ ރަޙުމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އެއިލާހުވަނީ ފާފައަކަށް އަރައިގަނެވިއްޖެނަމަ، އެފާފައިން ޠާހިރުވާނޭ މަގު އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވާފައެވެ. މިގޮތުން އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، އެއިލާހުގެ މަގަށް ރުޖޫޢަވެއްޖެ އަޅަކަށް ފުއްސެވުމާއި ދިންނެވުންވާކަން އެއިލާހުވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން ފާފަތަކުން ޢިޚްލާސްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، އެއަޅަކު އެ ޚިޔާރުކުރީ ﷲތަޢާލާގެ ރުއްސެވުމާއި ދިންނެވުން ލިބެނިވި މަގުކަން ކަށަވަރެވެ. ﷲތަޢާލާގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ތަރުބަވީ މަދަރުސާއިން ތަރުބިއްޔަތުވެވަޑައިގެންނެވި ބޭކަލުންގެ ކިބައިގައި މިހުރިހާކަމަކަށްވެސް އަޅުގަނޑުމެންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. މިގޮތުން އަންނަނިވި ޙަދީޘާއަކީ މިކަމުގެ ލާމަޘީލު މިޘާލެކެވެ.
އާދެ، ޖުހައިނާ ޤަބީލާގެ ބޭކަނބަލެކެވެ. އެއްދުވަހަކު އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. ކީއްކުރައްވަންތޯއެވެ؟ އެކަމަނާ ރަޖަމުކޮށްދެއްވުން އެދިއެވެ. އާދޭހެވެ. އެކަމަނާއަށް ޒިނޭކުރެވުނީއެވެ. އެހެންކަމުން އެކަމަނާ ބޭނުންވެވަޑައިގަންނަވަނީ އެފާފައިން ޠާހިރުވުމަށެވެ. އެކަމަށްޓަކައި ދެވޭ ކޮންމެ އަދަބަކަށްވެސް އެކަމަނާ ހިތުން ރުހުމުން ޤަބޫލެވެ. އެއީ އެކަމަނާ މަރާލުންކަމުގައިވިޔަސްމެއެވެ.
އެހެންކަމުން އެކަމަނާގެ އިޢުތިރާފަށް ރިޢާޔަތްކޮށް ޙައްޤުއަދަބު އެކަމަނާއަށް ދެވުނެވެ. އާދެ، އެކަމަނާ ރަޖަމުކުރެވުނެވެ. ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަމަނާއަށްޓަކައި ދުޢާކުރެއްވިއެވެ. އެވަގުތު ޢުމަރު (رضي الله عنه) ވިދާޅުވިއެވެ. “އޭ މާތްﷲގެ ނަބިއްޔާއެވެ! އެއަންހެންމިހާ ޒިނޭކޮށްފައިވާއިރުވެސް ކަލޭގެފާނު އޭނާއަށްޓަކައި ދުޢާކޮށްދެއްވަނީތޯއެވެ؟.” އެހިނދު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. لَقَدْ تاَبَتْ تَوْبَةً لَوْ قُسِمَتْ بَيْنَ سَبْعِيْنَ مِنْ أَهْلِ المدِيْنَةِ لَوَسِعَتْهُمْ , وَ هَلْ وَجَدْتَ أَفْضَلَ مِمَّنْ جاَدَتْ نَفْسَهَا للهِ عَزَّ وَجَلَّ މާނައީ: “އެކަމަނާގެ ތައުބާވުން މަދީނާގެ އަހުލުންގެތެރެއިން ހަތްދިހަމީހުންނަށް ބަހާލެވުނުކަމުގައިވިއަސް އެބައިމީހުންނަށް އެވަރުން ފުދި އިތުރުވީސްއެވެ. ފަހެ އިޚްލާސްތެރިކަމާއެކު އެބޭކަނބަލެއްގެ ނަފްސު ﷲ عز و جل އަށްޓަކައި ދޫކޮށްލި މީހަކަށްވުރެ ހެޔޮކަންބޮޑުވެގެންވާ މީހަކު ކަލޭގެފާނަށް ފެނިވަޑައިގަތްތޯއެވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސަލަފުއްޞާލިޙުންގެ މިފަދަ ވާހަކަތައް ގިނަގިނައިން ކިޔައި ޢިބުރަތް ޙާޞިލުކޮށް، ކުރެވިފައިވާ ފާފަތަކުން އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ﷲގެ މަގަށް ރުޖޫޢަވުން އަވަސްކުރައްވާށެވެ! އަޅުގަނޑުމެންގެ ސަލަފުންނަށް ފާފައެއް ކުރެވޭހިނދު އެފާފައިން ޠާހިރުވުމަށްޓަކައި އެބޭކަލުންގެ ނަފްސު ޤުރުބާން ކުރައްވަން ޖެހިވަޑައިގަތަސް އެބޭކަލުން ފަސްޖެހިވަޑައިނުގަންނަވައެވެ. އެހެންކަމުން އަޅުގަނޑުމެންވެސް ކިތަންމެ ހިތްއެދޭ ކަމެއްކަމުގައިވިޔަސް އެއީ ފާފައެއްކަމުގައިވާނަމަ، ދޫކޮށް ﷲގެ މަގަށް ރުޖޫޢަވާ ބަޔަކަށް ވަމާހިންގަވާށެވެ.