[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިތަންމެ ގިނައިން މެރިޔަސް މަރައިގެން ނުވާނެ

އިންސާނިއްޔަތަށް ޢަދުލް އިންސާފާއި ޞުލްޙަ މަސަލަސްކަމާއި ހިތްހަމަޖެހުން ވާރުތަކުރުމަށްޓަކައި ހޭބޯނާރާ މަސައްކަތްކުރާ މުޖްތަމަޢުތަކުގައި އިންސާނާއަކީ ކަރާމާތްތެރިވެގެންވާ މަޚްލޫޤެއްކަމަށް ދެއްކުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއެވެ. މިގޮތުން އިންސާނީ ޙައްޤުތަކުގެ ނަމުގައި އިންސާނުންގެ މިނިވަންކަން ފުޅާކޮށް، އެއްވެސް އިންސާނެއްގެ ހަށިގަނޑަށް، ފުރާނައަށް، އަދި އޭނާގެ އަބުރަށް ނުވަތަ ޢިއްޒަތަށް ގެއްލުމެއް ލިބިދާނެ އެންމެހާ ދޮރުތައް ބަންދުކޮށް، އޭނާއަކީ ޙައްދެއްނެ ނެތް މިނިވަންކަމުގެ ޖައްވެއްގައި އެއްވެސް މިސްރާބެއް ނެތި އުދުހޭ ދޫންޏެއްފަދައިން، އަމިއްލަ ފިކުރަކާއި އަމިއްލަ ވިސްނުމެއް އަދި އަމިއްލަ ޙުރުމަތްތެރިކަމެއް ލިބިގެންވާ މީހެއްކަމަށް ދެއްކުމަށް ވަރަށް މަސައްކަތްކުރެއެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ، ވައްކަން ކުރާ މީހުން އަތްކެނޑުމާއި، މީހުން މަރާމީހުން މެރުމާއި (ޤިޞާޞް) އަކީ އިންސާނީ ކަރާމާތަށް ގެއްލުންލިބޭ ކަމެއް ކަމުގައި ނިންމާ ހުޅަނގުގެ ތަޢައްޞުބީ ސިކުނޑިތަކުން، ފިކުރީ ހަނގުރާމައިގެ އެހީގައި މުސްލިމުންގެ ސިކުނޑިތައް ދޮވެލައިގެން، އިސްލާމީ ޝަރީޢަތާ އެންމެ ދުރުބަޔަކީ މުސްލިމުން ކަމުގައި ހަދައިފިއެވެ. ޞަލީބީ ހަނގުރާމައިގެ ފިކުރު ކަމުގައިވާ “ގަސް ކަނޑާނީ ގަހުގެ ވެރިޔާ ލައްވާ” މި ޝިޢާރުގެ ދަށުންނެވެ.
އިންސާނީ ޙައްޤުތަކޭ ކިޔައިގެން އަނގައަރުވާ މިފަދަ ޤައުމުތަކުގައި ޖަނަވާރުންނަށްވުރެ ދަށު ދަރަޖައެއް އަދިވެސް ދެވިފައިވަނީ އިންސާނުންނަށެވެ. އިސްލާމްދީނުގައި އިންސާނާއަށް ޢިއްޒަތްދެނީ އޭނާއަކީ ކުށެއް ނުކުރާހާ ހިނދަކު މަޢުޞޫމު މީހެކެވެ. އޭނާ މަރާލަންޖެހެނީ މީހެއްގެ ފުރާނަ އޭނާގެ ފުށުން ގެއްލިގެން ދިޔުމުންނެވެ. އެހެނީ ޙައްޤަކާ ލައިގެންނެވެ. އެހެނަސް، ހުޅަނގުގެ ނާތަހުޒީބީ ފިކުރުގެ ކުރިމަތީގައި ކުށެއް ކުރިޔަސް އެމީހަކު މަރައިގެން ނުވާނެއެވެ. އެހެނީ އިންސާނާއަކީ ޙުރުމަތްތެރިވެގެންވާ އަދި ކަރާމާތްތެރިވެގެންވާ މީހެކެވެ. އެކަމަކު އަންހެނެއްގެ ބަނޑުގައި އޮންނަ އިންސާނާ މަރާލިއަސް އެއީ އިންސާނީ ޙައްޤުތަކުގެ ގޮޅިއަށް ފެތޭ ކަމަކަށް ނުވެއެވެ. ފަހަރެއްގައި އަންހެނެއްގެ ބަނޑުގައި ގަރުބަ ގަންނަނީ “އިންސާނެއް” ނޫން ކަމަށްވެދާނެއެވެ. އިންސާނެއްނަމަ އެބުނާ އިންސާނީ ޙައްޤުތަކުގެ ހިޔާ ލިބެންވާނެ ނޫންތޯއެވެ؟ މައްސަލައަކަށްވަނީ މީހުން މަރާ މީހެއް، އޭނާގެ އެ ބޮޑު ޖަރީމާ އެހެން އިންސާނުންގެ މައްޗަށް ޢާއްމުކޮށްފާނެތީ، ހުރިހާ އިންސާނުންގެ ފުރާނައިގެ ޙުރުމަތަށްޓަކައި އޭނާގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލުމެވެ. އެކަމަކު އެއްވެސް ކުށެއް ނުކުރާ މަޢުޞޫމު އިންސާނަކު “އިހާނެތި” ގޮތެއްގައި “އަނިޔާވެރިކަމާއެކު” އެ އިންސާނާގެ “މަންޒިލުން” ބޭރުކޮށްލައި “ދުނިޔޭގެ ވައިން މަޙްރޫމްކުރުމަކީ” އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެއެވެ. ޔޫރަޕާއި ހުޅަނގުގެ ބައެއް ޤައުމުތަކުގައި އެބޯރޝަން ނުވަތަ ދަރިވައްޓާލުން އާދެ އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ މީހުން މެރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. މިގޮތުން އެމެރިކާއާއި އިނގިރޭސި ވިލާތުގައިވެސް މީހުންމެރުމަކީ ހުއްދަކަމެކެވެ.އަދި އެކަން ކުރާ މީހާ އަށް އެއްވެސް އަދަބެއް ދެވޭ ކަމެއް ނޫނެވެ.
މިއަށް އަހަރެމެން ކިޔަނީ ޑަބަލް ސްޓޭންޑަރޑްސްއެވެ. މެރީމާ ކުށަކަށް ވެފައި މެރީމާ ކުށަކަށް ނުވަނީއެވެ. އިންސާފަކީ މެރުމަކީ ކުށެކެވެ. މެރުންވާނީ މެރުމަށެވެ. ޅަފަތުގައި ނުވަތަ “ހަރުފަތުގައި” މެރިޔަސް ނުވަތަ ކުޑަކުއްޖަކު ނުވަތަ ބޮޑު މީހަކު މަރާލެވުނަސް މެރުން ވާނީ މެރުމަށެވެ. ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ތިލަފަތް ޣައިރު މުސްލިމުންގެ މާއްދީ ބުއްދިން ކިރޭވަރަށް ވުރެ އިސްލާމްދީނުގެ ފުޅާ ތަޞައްވުރުގައި މާ ބަރެވެ. ހުރިހާ ވަޟަޢީ ޤާނުނުތައް އެއްކޮށްލީމާވެސް، އިލާހީ ޤާނޫނުގެ ކުރިމަތީގައި ފާޅުކަންބޮޑު ގޮތެއްގައި ކުރި ލިބޭނީ އިލާހީ ޤާނޫނަށެވެ. ފުރިހަމަ އެއްޗަކަށް ކުރިލިބޭ އުޞޫލުންނެވެ.