[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާން ކިޔެވުމަށްފަހު “صَدَقَ اللهُ العَظِيْم” ކިޔުން

 

ޤުރުއާން މުބާރާތްތަކުގަޔާއި، ޓީވީތަކުންނާއި ރޭޑިޔޯއިން ގެނެސްދެވޭ ޤުރުއާން ކިޔެވުންތަކުގައި، ކިޔަވާ ނިމުމަށްފަހު “صَدَقَ اللهُ العَظِيْم” ކިޔާތަންފެނެއެވެ. ނުވަތަ އަޑުއިވެއެވެ. ގިނަފަހަރަށް މިކަންކުރެވެނީ ބަޔަކު ކިޔާތަން ފެންނާތީއެވެ. ނޫނީ ޤުރުއާން މުބާރާތްތަކުގައި ޢާއްމުކޮށް ކިޔާތީ ކިޔަނީއެވެ. އަދި އެފަދަ މުބާރާތްތަކުގައި މިފަދައިން ކިޔަން ހަނދާންނެތުމުން، ހަނދާންކޮށްދޭތަންވެސް ފެނެއެވެ. މިސަބަބުތަކާހުރެ، ބައެއްމީހުންނަށް ހީވެފައިވަނީ މިއީ ޤުރުއާންކިޔަވާ ނިމުމަށްފަހު ކޮންމެހެން ކިޔަންޖެހޭ އެއްޗެއްކަމަށެވެ. ނޫނީ ކިޔުން މޮޅުއިތުރުވެގެންވާ ސުންނަތެއްކަމަށެވެ. މިގޮތުން މިލިޔުމުގައި، ޤުރުއާނާއި، ސުންނަތާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން ޤުރުއާން ކިޔެވުމަށްފަހު “صَدَقَ اللهُ العَظِيْم” ކިޔުމަކީ ކޮންކަހަލަކަމެއްތޯ އަލިއަޅުވާލުމަށް ޤަޞްދުކުރަމެވެ.

ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި ޤުރުއާން ކިޔަވާނިމުމަށްފަހު “صَدَقَ اللهُ العَظِيْم” ނުވަތަ އެމާނައިގެ އެހެން ޢިބާރާތެއް ކިޔުމަކީ ކީރިތި ޤުރުއާން މަތިވެރިކުރުމާއި، އެފޮތަށް މާތްކޮށްހިތުމުގެ ތެރެއިންވާކަމެކެވެ. އަދި ތަފާތު ޢިބާރާތްތައް ބޭނުންކުރެވިފައިވެއެވެ. ނަމަވެސް ފަހަކަށްއައިސް ޤުރުއާން ކިޔަވާ މީހުންގެ މެދުގައި މަޝްހޫރުވެ، ޢާއްމުކޮށް ކިޔޭ ޢިބާރާތަކަށްވެފައިވަނީ “صَدَقَ اللهُ العَظِيْم” އެވެ. “صَدَقَ اللهُ العَظِيْم” މިޢިބާރާތުގެ މާނައަކީ “މަތިވެރިވަންތަ ﷲ ތެދުވަޙީކުރައްވައިފިއެވެ.”

ޤުރުއާން ކިޔަވާ ނިމުމަށްފަހު މިފަދައިން ކިޔުމަކީ މުސްތަޙައްބުކަމެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތަކަކީ:

1. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު: ((قُلْ صَدَقَ اللَّهُ فَاتَّبِعُوا مِلَّةَ إِبْرَاهِيمَ حَنِيفاً وَمَا كَانَ مِنْ الْمُشْرِكِينَ)) آل عمران: 95. މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ވަޙީކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، ބާޠިލުމަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަވެގެންވާ އިބްރާހީމްގެފާނުންގެ ދީނަށް ތިޔަބައިމީހުން ތަބަޢަވާށެވެ! އަދި، އެކަލޭގެފާނު މުޝްރިކުންގެ ތެރެޔަކުން ނުވެއެވެ.”

2. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު: ((وَمَنْ أَصْدَقُ مِنْ اللَّهِ حَدِيثاً)) النساء: 87. މާނައީ: “ބަސްބުނުމުގައި ﷲއަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟” އަދި ((وَمَنْ أَصْدَقُ مِنْ اللَّهِ قِيلاً)) النساء: 122 މާނައީ: “ބަސްބުނުމުގައި ﷲއަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟”

3. ބުރައިދާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެންވެއެވެ. خَطَبَنَا رَسُولُ اللَّهِ -صلى الله عليه وسلم- فَأَقْبَلَ الْحَسَنُ وَالْحُسَيْنُ – رضى الله عنهما – عَلَيْهِمَا قَمِيصَانِ أَحْمَرَانِ يَعْثُرَانِ وَيَقُومَانِ فَنَزَلَ فَأَخَذَهُمَا فَصَعِدَ بِهِمَا الْمِنْبَرَ ثُمَّ قَالَ « صَدَقَ اللَّهُ (إِنَّمَا أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ) رَأَيْتُ هَذَيْنِ فَلَمْ أَصْبِرْ ». ثُمَّ أَخَذَ فِى الْخُطْبَةِ. މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންމެނަށް ޚުޠުބާއެއް ދެއްވަނިކޮށް، ޙަސަންގެފާނާއި ޙުސައިންގެފާނާ ދެބޭކަލުން ވަޑައިގެންނެވިއެވެ. އެދެބޭފުޅުންގެ ގައިކޮޅުގައި ރަތްކުލައިގެ ހެދުންކޮޅެއްވިއެވެ. އެދެބޭފުޅުން ވަޑައިގެން ކޮޅަށް ހުންނެވިއެވެ. ފަހެ، އެކަލޭގެފާނު (މިންބަރުން) ފައިބައިވަޑައިގެން އެދެބޭފުޅުން ނަންގަވައިގެން، އެދެބޭފުޅުންނާއެކު (މިންބަރަށް) އަރައިވަޑައިގެންނެވިއެވެ. އޭގެފަހުގައި، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ﷲގެ ބަސްފުޅުތެދެވެ. (ދެން މިއާޔަތް ކިޔަވާވިދާޅުވިއެވެ.) (إِنَّمَا أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ) (މާނައީ: “ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، ފިތުނައެއްކަމުގައެވެ.”) ތިމަންކަލޭގެފާނަށް މިދެބޭފުޅުން ފެނިވަޑައިގަތުމުން ތިމަންކަލޭގެފާނަށް ކެތްތެރިވެވަޑައިނުގެންނެވުނީއެވެ.” ދެންއޭގެފަހުގައި، ޚުޠުބާ ކުރިއަށް ގެންދެވިއެވެ. (އަބޫދާވުދު، ތިރުމިޛީ، ނަސާއީ).

މިދަލީލުތަކަށް ބަލައިލުމުން އެނގިގެންދަނީ، މިދަލީލުތަކުން “صَدَقَ اللهُ العَظِيْم” ކިޔުމަކީ މުސްތަޙައްބުކަމެއްކަމަށް ދަލީލުނުކުރާކަމެވެ. އެގޮތުން ފުރަތަމަ އާޔަތް ((قُلْ صَدَقَ اللَّهُ فَاتَّبِعُوا مِلَّةَ إِبْرَاهِيمَ حَنِيفاً وَمَا كَانَ مِنْ الْمُشْرِكِينَ)) آل عمران: 95. މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ވަޙީކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، ބާޠިލުމަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަވެގެންވާ އިބްރާހީމްގެފާނުންގެ ދީނަށް ތިޔަބައިމީހުން ތަބަޢަވާށެވެ! އަދި، އެކަލޭގެފާނު މުޝްރިކުންގެ ތެރެޔަކުން ނުވެއެވެ.” މިއާޔަތަކީ އޭގެ ކުރީގެ ދެއާޔަތަކުގައި އައިސްފައިވާ ޔަހޫދީންގެ ކެއުމުގެ ތެރެއިން ޙަރާމްކުރި އެއްޗެއްސާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކާ ގުޅޭ އާޔަތެކެވެ. އޭގެ ކުރީގެ އާޔަތްތަކުގައި ވަނީ ((كُلُّ الطَّعَامِ كَانَ حِلاًّ لِبَنِي إِسْرَائِيلَ إِلاَّ مَا حَرَّمَ إِسْرَائِيلُ عَلَى نَفْسِهِ مِنْ قَبْلِ أَنْ تُنَزَّلَ التَّوْرَاةُ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ * فَمَنْ افْتَرَى عَلَى اللَّهِ الكَذِبَ مِنْ بَعْدِ ذَلِكَ فَأُوْلَئِكَ هُمْ الظَّالِمُونَ)) آل عمران: 93-94. މާނައީ: “ތަޥްރާތު ބާވައިލެއްވުމުގެ ކުރިން، އިސްރާއީލްގެފާނު އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މައްޗަށް ޙަރާމްކުރެއްވި ތަކެތި ފިޔަވައި، އެންމެހާ ކާތަކެތި އެއީ، އިސްރާއީލްގެދަރިންނަށް ޙަލާލުތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން ތަޥްރާތު ގެނެސް އެ ކިޔައިބަލާށެވެ! އެޔަށްފަހު، ﷲއާމެދު ހަދައިގެން ދޮގު ބުނިމީހާ، (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ، ހަމަ އަނިޔާވެރިންނެވެ.” އެހެންކަމުން، މިއާޔަތަކީ ޔަހޫދީންގެ ބަސްތައް ދޮގުކުރައްވައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅު ތެދުކުރެއްވުމުގެ ގޮތުން އައިސްފައިވާ އާޔަތެކެވެ. މިއާޔަތަކީ ޤުރުއާން ކިޔަވާ ނިމުމުން “صَدَقَ اللهُ العَظِيْم” ކިޔުމަށް ދަލީލުކުރާ ދަލީލެއް ނޫނެވެ.

ދެވަނަ ދަލީލު: ((وَمَنْ أَصْدَقُ مِنْ اللَّهِ حَدِيثاً)) النساء: 87. މާނައީ: “ބަސްބުނުމުގައި ﷲއަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟” އަދި ((وَمَنْ أَصْدَقُ مِنْ اللَّهِ قِيلاً)) النساء: 122. މާނައީ: “ބަސްބުނުމުގައި ﷲއަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟” ދަންނައެވެ. މިދެއާޔަތުގެ މާނައީ، ބަހުގައާއި، ޚަބަރުގައާއި، ވަޢުދުތަކުގައާއި، ވަޢީދުތަކުގައި ﷲ އަށް ވުރެ ތެދުވެރި އެއްވެސް ފަރާތެއް ނުވާކަމެވެ. އެއިލާހުގެ ވަޙީ ބަސްފުޅުތަކާއި، އަންގަވާފައިވާ ޚަބަރުތަކަކީ ތެދުބަސްފުޅުތަކާއި ޚަބަރުތަކެކެވެ. އެއިލާހުގެ ވަޢުދުތަކާއި ވަޢީދު ތަކަކީ ޙައްޤުތެދެވެ. އެކަންކަން އެއިލާހު ފުރިހަމަކުރައްވާހުއްޓެވެ. މިދެއާޔަތުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަންގަވަނީ އެކަންކަމެވެ. އެހެންކަމުން، މިދެއާޔަތަކީވެސް ޤުރުއާން ކިޔަވާ ނިމުމުން “صَدَقَ اللهُ العَظِيْم” ކިޔުމަށް ދަލީލުކުރާ ދަލީލުތަކެއް ނޫނެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅު ދަންނައެވެ. އެޙަދީޘްފުޅުގައި، އެބަޔާންކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ބަސްފުޅުގެ ތެދުކަމެވެ. ޙަސަންގެފާނާއި ޙުސައިންގެފާނު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނަށް، އެދެބޭކަލުން ކައިރިއަށް ނުގެންނަވައި ނުހުންނެވުނުވާހަކައެވެ. ޤުރުއާން ކިޔަވާ ނިމިގެން “صَدَقَ اللهُ العَظِيْم” ކިޔުމަށް މިޙަދީޘްފުޅުން ދެގޮތަކުން ދަލީލުނުކޮށްދެއެވެ.

ފުރަތަމައީ: މިޙަދީޘްގައި މާތްނަބިއްޔާ “صَدَقَ اللَّهُ” ހަދީޘް ކުރައްވާފައިއެވަނީ ޤުރުއާނުގެ އެއާޔަތް ކިޔަވާވިދާޅުވުމުގެ ކުރިންނެވެ. ކިޔެވުމަށް ފަހަކު ނޫނެވެ.

ދެވަނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެފަދައިން ހަދީޘްކުރައްވާފައި އެވަނީ، އެހިނގާދިޔަކަންތަކާ ގުޅޭ އާޔަތެއް އެކަލޭގެފާނު ގެންނެވީއެވެ. އެކަލޭގެފާނު ޤުރުއާން ކިޔެވުމުގެ ގޮތުން ކިޔަވާ ވިދާޅުވީއެއް ނޫނެވެ. އެހެނީ، އެއާޔަތްކިޔަވާ ވިދާޅުވުމުގެ ކުރިން އެކަލޭގެފާނު “أعوذ” ވިދާޅުނުވުން ދޭހަކޮށްދެނީ އެކަމެވެ.

ހަމައެހެންމެ، ޖިބްރީލުގެފާނު ވަނީ އެތައް ފަހަރަކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޤުރުއާން އުނގަންނަވާ ދެއްވާފައެވެ. އެއިންއެއްވެސް ފަހަރެއްގައި “صَدَقَ اللهُ العَظِيْم” ނުވަތަ މިމާނައިގެ އެހެން ޢިބާރާތެއް ބޭނުންކުރެއްވިކަމެއް ވާރިދުވާކަށް ނެތެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގެ އެއްވެސް ޤުރުއާން ކިޔެވުމުގެ މަދުރަސާއަކުން، ޤުރުއާން ތިލާވަތުކޮށް ނިމުމުން މިފަދައިން ކިޔުއްވިކަން އެނގިފައެއްނެތެވެ. އަދި ޤުރުއާން ކިޔެވުމަކީ އަޅުކަންތަކުގެ ތެރެއިން މަތިވެރިވެގެންވާ އަޅުކަމެކެވެ. އަޅުކަމުގެ ނަމުގައި ކަމެއްކުރެވޭނީ ޞައްޙަ ޞަރީޙަ ދަލީލެއް އޮވެގެންނެވެ. ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ސުންނަތާއި، ސަލަފުންގެ ބޭކަލުންގެ ބަސްފުޅުތަކުންނާއި ޢަމަލުފުޅުތަކުން، ތިލާވަތުކޮށްގެން މިފަދައިން ކިޔުން ވާރިދުވެފައެއްނުވެއެވެ. އެބޭކަލުން ޤުރުއާން ކިޔެވުމާއި، އެފޮތުގެ ތަޢުލީމު ހޯއްދެވުމުގެ ގިނަކަމާހުރެވެސް މިފަދައިން ކިޔުމަށް އެބޭކަލުންގެ ކިބައިން އެއްވެސް ދަލީލެއް ވާރިދުވެފައިވާކަމެއް އެނގޭކަންނެތެވެ.

މުއުމިނުން އަޅުކަންކުރާހުށީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުމާއެކީގައެވެ. އެކަލޭގެފާނުގެ ސުންނަތުންނާއި، ޞަޙާބީންގެ ފަރާތުން މިކަމަށް ދަލީލެއް އައިސްފައިނުވާއިރު، މިފަދައިން އަޅުކަމެއްގެ ގޮތުގައި ކިޔުމާއި، ދާއިމީކޮށް ކިޔުމަކީ ބިދުޢައެކެވެ.

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން މިކަމާބެހޭގޮތުން ދެއްވާފައިވާ ފަތަވާއެއްގައި ވެއެވެ. “ޤުރުއާން ކިޔަވާ ނިމުމަށްފަހު “صَدَقَ اللهُ العَظِيْم” ކިޔުމަކީ ބިދުޢައެކެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި، އެކަލޭގެފާނުގެ ޚަލީފާއިންނާއި، އެހެންވެސް ޞަޙާބީންނާއި، ސަލަފުންގެ އިމާމްވެރިބޭކަލުން މިފަދައިން ޢަމަލުކޮށްފައެއް ނުވެއެވެ. (އެބަހީ؛ އެފަދައިން ކިޔާފައެއްނުވެއެވެ.) ފަހެ، ކިޔަވާ އަވަދިވެގެން އެފަދައިން ކިޔުމާއި، އެފަދައިން ކިޔުން ލާޒިމުކުރުމަކީ އަލަށް އުފެދިފައިވާ ބިދުޢައެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ)) މާނައީ: “އަހަރެމެންގެ މިދީނުގައި ނުވާކަމެއް އީޖާދުކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަން (އޭނާގެ މައްޗަށް) ރައްދުކުރެވޭނެއެވެ.” މިޙަދީޘް ރިވާކުރައްވާފައިވަނީ ބުޚާރީއާއި މުސްލިމްއެވެ.(1) (صحيح البخاري: (7349)، ومسلم: (1718))

އައްޝައިޚް އިބްނު ބާޒާއި(2) އިބްނު ޢުޘައިމީން ރަޙިމަހުމަﷲގެ ބަސްފުޅަކީވެސް، މިފަދައިން ކިޔުމަކީ ބިދުޢައެކެވެ. މިގޮތުން ޝައިޚް ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ޝައްކެއްވެސްނެތްގޮތުގައި، “صَدَقَ اللهُ العَظِيْم” މިފަދައިން ބުނާބުނުމަކީ ﷲ ޢައްޒަވަޖައްލަ އަށް ކިޔޭ ޘަނާއެކެވެ. އެކަމަކީ (އެބަހީ: ޘަނާ ކިޔުމަކީ) އަޅުކަމެކެވެ. އެކަން އަޅުކަމަށްވީއިރު، ޝަރުޢީ ދަލީލަކާއެކުމެނުވީ، އެފަދައިން ކިޔައިގެން ﷲއަށް އަޅުކަންކުރުން ހުއްދަވެގެންނުވެއެވެ. (އެފަދައިން ކިޔުމަށް) ޝަރުޢުގައި އެއްވެސް ދަލީލެއް އައިސްފައިނުވާއިރު، ތިލާވަތުކޮށް ނިމިގެން އެފަދައިން ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއްނޫނެވެ. އަދި އެއީ ސުންނަތެއްވެސް ނޫނެވެ.”(3)

ހަމައެފަދައިން ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބްދުއް ރައްޒާޤު ޢަފީފީ އާއި ބަކުރު އަބޫ ޒައިދު، ޤުރުއާން ކިޔަވާ ނިމުމުން މިފަދައިން ކިޔުން ހިމަނުއްވާފައިވަނީ ބިދުޢައިގެ ތެރޭގައެވެ.(4)

މިފަދަ ޘާބިތުނުވާ ކަންތައްތައް، މީސްތަކުންގެ ތެރޭގައި ކޮންމެ ނިޔަތެއްގައި ނަމަވެސް ފެތުރުމަކީ ބިރުހުރިކަމެކެވެ. އަޅުގަނޑުމެންގެ މައްޗަށް ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރިހަމައަށް ތަބާވުމެވެ. އެންމެ މަތިވެރި ހިދާޔަތަކީ އެކަލޭގެފާނުގެ ހިދާޔަތެވެ. والله أعلم.

_______________________________

 (1)  فتاوى اللجنة الدائمة للبحوث العلمية: 4/149 – 150. وانظر: ما بعدها. طبعة العاصمة.

 (2)  انظر: تكبير الختم بين القراء والمحثين للشيخ إبراهيم الأحضر: 6-7

 (3)  انظر: البدع والمحدثات وما لا أصل له: 570.

 (4)  انظر: فتاوى ورسائل سماحة الشيخ عبدالرزاق عفيفي: 1/221، بدع القراء للشيخ بكر أبو زيد: 22-23.

________________________________

މަރުޖިޢު:

* البدع العملية المتعلقة بالقرآن الكريم: أحمد بن عبدالله بن محمد آل عبدالكريم.