[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތީ ސިޔާސީ ކަމެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

‘ޞަޙާބީބޭކަލެއް ކަމުގައިވާ އިބްނު އައްޒުބައިރު ރިވާކުރައްވާފައިވެއެވެ. ‘”ބަނޫ ތަމީމްގެ (ތަމީމް ޤަބީލާގެ) ވަފްދެއް ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައެވެ. އަބޫބަކުރުގެފާނު رضي الله عنه ލަފާދެއްވީ އަލްޤަޢްޤާ އިބްނު މަޢްބަދު އެބައިމީހުންނާއި ބައްދުކުރަން ފޮނުއްވުމަށެވެ. އަދި ޢުމަރު އިބްނު އަލްޚައްޠާބު رضي الله عنه ލަފާދެއްވީ އަލްޢަޤްރަޢު އިބްނު ޙާބިސް ފޮނުއްވުމަށެވެ. އަބޫބަކުރުގެފާނު، ޢުމަރުގެފާނުގެ މިއިދިކޮޅު ޚިޔާލާމެދު ނުރުހުންވެވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. “ކަލޭގެފާނު ތިހެން ތިވިދާޅުވީ ހަމައެކަނި ތިމަންކަލޭގެފާނާއި ދެކޮޅުވުމުގެ ގޮތުންނެވެ.” ޢުމަރުގެފާނު ޖަވާބުގައި ވިދާޅުވީ އެކަލޭގެފާނު އެހެން އެކަންކުރެއްވީ ދެކޮޅުވުމުގެގޮތުން ނޫންކަމުގައެވެ. މާތް ދެ ޞަޙާބީބޭކަލުންގެ ދެމެދުގައި ދެބަސްވުމެއް އުފެދުނެވެ. އަދި ނަބިއްޔާ صلى الله عليه وسلمގެ އަޑުފުޅު ވަންހަނާވާވަރަށް އެދެބޭކަލުންގެ އަޑުފުޅު އުފުލުނެވެ. ﷲ ތަޢާލާ ދެން މިއާޔަތް ބާވާލެއްވެވިއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا لا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لا تَشْعُرُونَ ﴾ (سورة الحجرات ٢) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލް ވެދާނެތީއެވެ. “‘ [أخرجه البخاري / كتاب: المغازي/ باب: … / رقم الحديث: ٤٣٦٧]1

ނަބިއްޔާ صلى الله عليه وسلم ފޮނުއްވުނީ މީސްތަކުންނަށް ހިދާޔަތްދެއްކުވުމަށްޓަކައެވެ. ވަޙީގެ އަލިގަދަ ނޫރާއިގެންނެވެ. އެހެންކަމުން އެކަލޭގެފާނުގެ އެންމެހައި ބަސްފުޅުތަކާއި އަމުރުފުޅުތަކުގެ ކުރިމަތީ އަޅުގަނޑުމުން ބޯލަނބާ ކިޔަމަންތެރިވެ، އެއަށް އިޙްތިރާމްކުރުން ލާޒިމްވެއެވެ. މިއާޔަތް ބާވާލެއްވުމަށްފަހު ޞަޙާބީ ބޭކަލުންގެ އުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އައެވެ.

ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް މިއާޔަތް ބާވާލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީބޭކަލުންނަށް މިއާޔަތް ކިޔަވާ ވިދާޅުވެދެއްވިއެވެ. އެތާ ތިއްބެވި ބޭކަލުންގެ ތެރެއިން ޘާބިތު އިބްނު ޤައިސް رضي الله عنه އޭކިޔުނު ބޭކަލަކު ހީފުޅުކުރެއްވީ އެއާޔަތުގައި އެވަނީ އެކަލޭގެފާނުގެ ވާހަކަ ކަމަށެވެ. އެހެނީ އެކަލޭގެފާނަކީ އަޑުހަރުކަމަށް މަޝްހޫރު ބޭކަލެކެވެ. ހިތާމައިން ފުރިގެންވާ ޙާލު ޘާބިތު رضي الله عنه އެތަނުން ތެދުވެވަޑައިގެން، އެމަޖްލިސް ދޫކުރައްވާ ގެއަށް ވަޑައިގެންފިއެވެ.  އެކަލޭގެފާނަށްޓަކައި ތަޤްދީރުގައިވާ ތަނަކީ ނަރަކައިގެ އަލިފާންކަމުގައި ހީފުޅުކުރައްވަމުންނެވެ. …ނަބިއްޔާ صلى الله عليه وسلم އަށް ޘާބިތު رضي الله عنه ޣާއިބުވެފައިވާކަން ފާހަގަ ކުރެއްވުމުން އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ބޭކަލަކު ޘާބިތު رضي الله عنه ގެ ޚަބަރު ބެއްލެވުމަށްޓަކައި ފޮނުއްވެވިއެވެ. އެނބުރި ވަޑައިގެން، ކަންތައް ހިނގާދިޔަގޮތް އެބޭކަލަކު، ނަބިއްޔާ صلى الله عليه وسلم އަށް ދެންނެވިއެވެ. ނަބިއްޔާ صلى الله عليه وسلم ޘާބިތު رضي الله عنه ބަލާ ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނު ވެވަޑިއންނަވާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންކަމުގެ ޔަޤީންކަން އެކަލޭގެފާނަށް ދެއްވެވިއެވެ. [أخرجه البخاري /كتاب: المناقب / باب: علامات النبوة في الإسلام / رقم الحديث:٣٦١٣، ومسلم وأحمد وابن جرير]2

އެބޭކަލުންނަށް ޙާޞިލުވެފައިވަނީ ކޮންފަދަ އީމާންތެރިކަމެއްތޯއެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި މެދު އެބޭކަލުން ވިސްނަވާވަރު މިޙާދިޘާއިން ދޭހަވެއެވެ. އަޅުގަނޑުމެންނާއި އެބޭފުޅުންނާއިމެދު މިވާ ފަރަޤުގެ ބޮޑުކަމާއެވެ!

ރަސޫލާ صلى الله عليه وسلم އަވަހާރަވެވަޑައިގަތުމަށްފަހު ކީރިތި ޤުރުއާނާއި އަދި ރަސޫލާ صلى الله عليه وسلمގެ ބަސްފުޅުތަކާއި އަދި އެހެނިހެން ސުންނަތްތަކުގެ މައްޗަށް އަޑު އުފުލުން ހިމެނޭނީ އެކަލޭގެފާނުގެ މައްޗަށް ބަސްބުނުމުގެ ތެރެއިންނެވެ. ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ޙުކުމްތަކާއި ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުތަކަށް ދެކޮޅުހަދާ ގަދަ ބަސް ބުނުން މިވަނީ ޢާންމުވެފައެވެ. އަދި އުންމަތުގެ ބޮޑެތި ޢިލްމުވެރިން އެކަމެއްގެ މައްޗަށް އިޖުމާޢުވެފައިވާ ކަންކަމާމެދު ދެކޮޅުހަދާތަންވެސް ފެންނަލެއް މަދެއްނޫނެވެ. ދީނުގެ ކަންމަކުގައި އެއްބަޔަކު އަނެއްބަޔަކާއި އަރައިރުންވެ ހަމަނުޖެހުން އުފެއްދުންވެސް މިވަނީ ޢާންމުވެފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ﴾ (سورة النساء ٦٥) މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރިކޮށްފުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”

މިފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާއެކު މި ކުޑަކުޑަ މުޖުތަމަޢު މިވަނީ ބައިބައިވެފައެވެ. ޖާހިލިއްޔަ ޒަމާނުގެ ޤަބީލާ ލޯބި ފަދައިން ޕާޓިތަކުގެ ލޯބީގައިޖެހި އިސްލާމީ އަޚުވަންތަކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ދާންފަށައިފިއެވެ. މައްސަލައެއްގެ ޝަރުޢީ ޙުކުމް ބަޔާންކޮށްދިނުމުން އެކަމުން ރެކުމަށްޓަކައި “ތީ ސިޔާސީ ކަމެކޭ” ބައެއް މީހުން ބުނެއެވެ. އަދި އަނެއްބައިމީހުން “ތިއުޅެނީ ދީން ހަތިޔާރަކަށް ހަދަން” މިފަދައިން ބުނެއެވެ. ކޮންމެ ނިޔަތެއްގައި ކުރިނަމަވެސް ނަތީޖާއަކީ އެއްނަތީޖާއެކެވެ. ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައި މިފަދަ މީހުން ކޮޅުފައިންޖަހަނީއެވެ. ފަހެ މިފަދަ މީހުން ހުށިޔާރުވެ ރައްކާތެރިވެ ތިބޭށެވެ. ﴿ فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴾ (سورة النور٦٣) މާނައީ: “ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ.”

މުސްލިމުންކަމުގައިވެތިބެ ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلمގެ ބަސްފުޅުތަކާދެކޮޅަށް ޢަޑުއުފުލަމުންމިދަނީ ހަމަ ހެޔޮ ނުބައި ވަކިނުވާތީތޯއެވެ؟ އެހެންކަމަށް ވާނަމަ ހެޔޮ ނުބައި އޮޅުންފިލުވާ ސީދާ ވެގެންވާ ތެދުމަގު ހޯދުމަށް މަސައްކަތް ނުކުރަނީ ކީއްވެގެން ބާވައެވެ؟ ދިވެހިންގެ ތެރޭގައި މިވާ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމާއި ފިތުނަތައް ނައްތާލެވެން އޮތީ އިސްލާމްދީނަށް ފުރިހަމަގޮތުގައި ރުޖޫޢުވެގެންނެވެ.

_____________________________________________

[1] ، [2] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖުރާތު – ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި