ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ – (القلم : 4) “އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”
މިމަތިވެރި ވަޙީބަސްފުޅުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކޮށްދެއްވާފައިއެވަނީ އެއިލާހުގެ މަތިވެރި ރަސޫލާގެ މާތް ޚުލްޤުފުޅެވެ. އެއިލާހު އެވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރިހަމަ ވެގެންވާ ތަޒުކިޔާއަކުން ތަޒުކިޔާ ދެއްވާފައެވެ. މި އާޔަތުން އެކަލޭގެފާނުގެ މަތިވެރި ޝަޙްޞިއްޔަތު ފުރިހަމަޔަށް ހާމަވެގެން ދެއެވެ. އެކަލޭގެފާނުގެ ޝަޙްޞިއްޔަތު ބަޔާންކޮށްދިނުމަށް ދެން އިތުރު ޢިބާރާތްތަކަކަށް ބޭނުން ނުވާފަދަ ފުރިހަމަ ގޮތެއްގައެވެ.
ފިރިމީހާއާއި އަނބިމީހާއާ ދެމެދުގައި އޮންނަންޖެހޭ ޚާއްޞަ ގުޅުމާއި، ފިރިމީހާއާއި އޭނާގެ ޢާއިލާއާ ދެމެދު އޮންނަންޖެހޭ ފުރިހަމަ ގުޅުމާއިމެދު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. عَنْ عَائِشَةَ رَضِيَ اللهُ تَعَالى عَنْهَا قَالَتْ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((خَيْرُكُمْ خَيْرُكُمْ لِأَهْلِهِ ، وَأَنَا خَيْرُكُمْ لِأَهْلِيْ)) – (أخرجه الترمذي) ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ.”(1)
ޝައްކެއްވެސް ނެތެވެ. އެކަލޭގެފާނަކީ މުޅި އިންސާނިއްޔަތަށްވާ އެންމެ ފުރިހަމަ ނަމޫނާއެވެ. އެއީ ހުރިހާ ރޮނގަކުން ބެލިޔަސް މެއެވެ. އަދި ކާމިޔާބާއި ހިންހަމަޖެހުމުގެ ޒަވާޖީ ޙަޔާތަކަށް އެދޭމީހާ، އެކަލޭގެފާނުގެ މަތިވެރި ނަމޫނާއިން ޢިބްރަތް ލިބިގަނެ އެގޮތުގައި ޒަވާޖީ ޙަޔާތް ބައްޓަންކޮށްފިނަމަ، އެންމެހާ ނުތަނަވަސްކަމަކުން ދުރުވެ ތަނަވަސްކަމުގެ އައްސޭރިއަށް ޙަޔާތުގެ ނައު ބީއްސާލެވޭނޭކަން ކަށަވަރެވެ. އެހެންކަމުން މިބައިގައި އަލިއަޅުވާލާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ކަންކަމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި، ކެތްތެރިކަމާއި، އޯގާތެރިކަމާއި އަޅާލުމުގެ މައްޗަށެވެ.
1. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ކަންކަމުގައި ކެތްތެރިވެވަޑައިގަތުން:
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ކެތްތެރި ރަސޫލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ – (التوبة : 128) “ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ، ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމެއްކަމުގައި ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމިހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާތެރި، ރަޙްމު ހުރި ބޭކަލެކެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލަައިހި ވަސައްލަމަގެ އޯގާތެރިކަމާއި، އަޅާލުމާއި، ކެތްރެރިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ އެކަލޭގެފާނުގެ ޒަވާޖީ ޙަޔާތްޕުޅުގެ ތެރެއިންނެވެ. އެކަލޭގެފާނުގެ އިސްވެދިޔަ ހުރިހާ ފާފަތަކަކާއި ކުރިއަށް ހުރި ހުރިހާ ފާފަތަކެއްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ފުއްސަވައިދެއްވާފައެވެ. އެއާއެކުވެސް އެކަލޭގެފާނުވަނީ އުންމަތަށްޓަކައި، ޙާޔާތުގެ ހުރިހާމައިދާންތަކެއްގައި މުސްލިމުންގެ ދިރިއުޅުން ބައްޓަންކުރަންވީ ފުރިހަމަ ނަމޫނާ ދައްކަވާފައެވެ. އަދި އެކަލޭގެފާނު ވެވަޑައިގަތީ މުޅި އިންސާނިއްޔަތަށްޓަކައިވި އެންމެ ފުރިހަމަ ނަމޫނާ ކަމުގައެވެ.
މިގޮތުން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ބޭނުންތަކާއި، އެފަދަ އެހެނިހެން ކަންކަމުގައި އެކަނބަލުން ދައްކަވާ ވާހަކަފުޅާއި، ކުރައްވާ ޝަކުވާ ފަރުވާތެރިމާއި ކެތްތެރިކަމާއިއެކު އަޑުއެއްސެވިއެވެ. އެ ޝަކުވާތަކުގެ ސަބަބުން އެކަނބަލުންދެކެ ކޯފާވެވަޑައިނުގަންނަވައެވެ. އަދި އެކަނަބަލުންގެ އެ ޝަކުވާތަކާ ދެކޮޅަށް އަޑުފުޅު އުފުއްލަވާ، އެކަންކަމާ ދެކޮޅަށް އެކަނބަލުންނަށް އިންޒާރު ކުރައްވާ ނުހައްދަވައެވެ. އެހެންމަނަވެސް އެކަނަބަލުންގެ އެފަދަ ކަންކަމުގައި ކެތްތެރިވެވަޑައިގެން އޯގާތެރިވެ ވަޑައިގެންނެވީއެވެ. އެއީ ރަޙްމަތުގެ ސާހިބާކަމުގައި ވާތިއެވެ.
ނަމަވެސް މިހާރުގެ ޙާލަތަށް ބަލައިލައިފިނަމަ ދެމަފިރިންގެ ދެމެދުގައި ޖެހޭ މިފަދަ މައްސަލަތަކުގައި ބައެއްފަހަރު، ބައެއް ފިރިން އެމީހުންގެ އަނބިންދެކެ ނިހާޔަތަށް ނުރުހުންވެ އަނިޔާވެރިވާތަންވެސް ފެނެއެވެ. ނަމަވެސް މިއީ މަތިވެރި ނަބިއްޔާ އަހަރެމެންނަށް ދެއްކެވި ނަމޫނާއެއް ނޫނެވެ. ވީމާ އެފަދަ އެންމެހާ ޢަމަލުތަކުން ދުރުވެ، މާތްރަސޫލާގެ ސުންނަތުގައި ހިފުމަކީ ޙަޔާތަށް ބާއްޖަވެރިކަން ލިއްބައިދޭނެ ހަމައެކަނި މަގެވެ.
މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ އެހެން ޙާދިޘާއަކަށް ބައްލަވާލައްވަމާ ހިންގަވާށެވެ.
އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައި ވަޑައިގެންވަނިކޮށް އެކަލޭގެފާނުގެ އަނބިކަނބަލުންގެ ތެރެއިން އެހެން އަނބިކަނަބަލެއްގެ ފަރާތުން އެކަލޭގެފާނަށް ކާތަކެތި ފޮނުވުނެވެ. އެވަގުތު ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަޑައިގެން އެކަމާ ނުރުހުންވެވަޑައިގެން، އެކަތަކެތި ހިފައިގެން އައި ޚާދިމްގެ އަތުގައި ޖެއްސެވުމުގެ ސަބަބުން އެތަކެތި ވެއްޓި ތަޅައިގެންގޮސް ކާއެއްޗިހި ބުރަބުރައިގެން ދިޔައެވެ. އެވަގުތު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ބުރައިގެންގޮސްފައިވާ ކާތަކެތި ހޮއްވަވާ އެއްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިތިއްބެވި ބޭފުޅުންނަށް ޙަދީޘްކުރެއްވިއެވެ. “ކޭންބައްލަވާށެވެ! ތިޔަބޭކަލުންގެ މަންމާފުޅު ނުރުހުންވެއްޖެެވެ. ތިޔަބޭކަލުންގެ މަންމާފުޅު ނުރުހުންވެއްޖެއެވެ.”(2)
މި ޙާދިޘާއާ ގުޅިގެން އެކަލާގެފާނު، އެކަމާނައަށް އެއްޗެއްވިދާޅުވެ، އެކަމަނާ ހިތްޕުޅުގައި ޖެހޭފަދަ އެއްވެސް ކަމެއް ނުކުރައްވައެވެ. މި ޙާދިޘާއިން އަޅުގަނޑުމެންނަށް އެކަލެގެފާނުގެ ކެތްރެރިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. އަދި އެކަލެގެފާނުގެ އަނބިއަނބިކަނބަލުންގެ ކަންކަމުގައި އެކަލޭގެފާނުގެ ޢަމަލުފުޅުތައް ބަހައްޓަވާ ގޮތްކޮޅުތައް ހާމަވެގެން ދެއެވެ. އަދި މި ޙާދިޘާއިން ހާމަވާ އަނެއްކަމަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނުދެކެ ލޯބިފުޅުވާލެއް ބޮޑުކަމެވެ. އެކަލޭގެފާނު އެކަމަނާގެ އަރިހުގައި ވަނިކޮށް އެހެން އަނބިކަނބަލެއް ކާއެއްޗެހި ފޮނުއްވެވީމާ އެކަމާ ނުރުހުންވެލެއްވީއެވެ. މުސްލިމު ދެމަފިރިންގެ ދެމެދުގައި ގާއިމްކުރެވެންޖެހޭނީ މިފަދަ ނަމޫނާ ދިރިއުޅުމަކާއި ލޯތްބެކެވެ.
ދެމަފިރިއެއްގެ ޙަޔާތަކީ މުޅި އުމުރަށް އެކުގައި އުޅުމަށްޓަކައި ޖަހާލެވޭ ގޮށެކެވެ. އެހެންކަމުން އެކުގައި ދިރިއުޅުން ހޭދަކުރުމުގައި މައްސަލަތަކާއި ހިތްހަމަނުޖެހޭ ކަންތައްތައް ދިމާނުވެ ނުދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދިރިއުޅުމުގައި މައްސަލަތަކާ ކުރިމަތިލާންޖެހުމަކީ އެއީ އެދެމެދުގައިވާ ގުޅުމުގެ ހީނަރުކަން ކަމުގައެވެެ. އަދި ޒަވާޖީ ޙަޔާތެއްފެށުމަށްފަހު އެފަދަކަމެއްގެ ހިޔަނިވެސް ނޭޅޭނެކަމުގައި ބައެއްމީހުން ހީކުރެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ހައްދަވައި އޭނާ އިމްތިޙާން ކުރައްވައެވެ. އެކި ގޮތްގޮތުންނެވެ. ދިރިއުޅުމުގެ އެކި މައިދާންތަކުގައެވެ.
މިގޮތުން ދިރިހުރުމާއި މަރުވުން މިންވަރުކުރެއްވި ސަބަބު ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ – (الملك : 2) “އެކަލާނގެއީ، ތިޔަބައިމީހުންކުރެ އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައި، މަރުވުމާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”
އެހެންކަމުން ކާމިޔާބާއި އުފާވެރިކަން ލިބުން އޮތީ އެކަލާނގެ މިންވަރުފުޅަށް ރުހިގެންހުރެ، އެއިލާހުގެ މަތިވެރި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި އިރުޝާދުތައް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ތަންފީޒު ކުރުމުންނެވެ.
– ނުނިމޭ –
__________________________________________
މަޞްދަރުތައް:
(1). އިބްނު މާޖާ، ޙަދީޘް ނަންބަރު: 2008 ، އަލްބާނީ ރަޙިމަހުއްﷲ އެކަލެގެފާނުގެ ތަރުޤީބު ވައްތަރުހީބުގައި (3/72) މި ޙަދީޘް ޞައްޙަ ކުރައްވާފައި ވެއެވެ. (ދަ ޕްރޮފެޓް މުޙައްމަދު – ދަ ބެސްޓް އޮފް އޯލް ހަސްބެންޑްސްގެ ފުޓްނޯތް ޞ:29)
(2). ދަ ޕްރޮފެޓް މުޙައްމަދު – ދަ ބެސްޓް އޮފް އޯލް ހަސްބެންޑްސް (ޞ: 36)