އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (އެއްދުވަހެއްގައި) ޚުތުބާއެއް ދެއްވިއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ( ﷲ ތަޢާލާ އެއިލާހުގެ އަޅަކަށް ދުނިޔެއާއި( ދުނިޔޭގެ ދިރިއުޅުމާއި)، އެއިލާހުގެ ހަޟްރަތުގައިވާ ނިޢުމަތްތައް(އާޚިރަތުގެ ނިޢުމަތްތަކާއި) ދެމެދުން އެއްކަމެއް އިޚްތިޔާރު ކުރުމަށް ހުށަހެޅުއްވިއެވެ. ފަހެ، އެ އަޅާ ﷲ ތަޢާލާގެ ހަޟްރަތުގައިވާ (އާޚިރަތުގެ) ނިޢުމަތްތައް އިޚްތިޔާރު ކުރިއެވެ.) އެ ހިނދު އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ކީރިތި ކުރައްވަން ފެއްޓެވިއެވެ.
(އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.) އެ ހިނދު ތިމަން ކަލޭގެފާނަށް އަމިއްލަ ނަފްސަށް ވިދާޅުވެވުނެވެ. މި ކަލޭގޭފާނު މި ކީރިތި ކުރައްވަނީ ކޮންކަމަކާ ބާއެވެ؟ ﷲ ތަޢާލާ ދުނިޔޭގެ ދިރިއުޅުމާއި އެއިލާހުގެ ހަޟްރަތުގައިވާ އާޚިރަތުގެ ނިޢުމަތްތަކުގެ ތެރެއިން އިޚްތިޔާރު ކުރެއްވުމަށް، އިޚްތިޔާރު ދެއްވި ހިނދު، އެ އަޅަކު އިޚްތިޔާރު ކުރެއްވީ އެއިލާހުގެ ހަޟްރަތުގައިވާ އާޚިރަތުގެ ނިޢުމަތްތަކެވެ. އެ އަޅަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ނޫނީ ނުވާނެއެވެ. ތިމަންބޭކަލުންގެ ތެރެއިން އެކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީވެސް އަބޫބަކުރު ގެފާނަށެވެ. ( ނޯޓު: އަބޫބަކުރުގެފާނު ކީރިތި ކުރެއްވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅު ވުމުގެ ދުވަސް ކައިރިވީކަން އެކަލޭގެފާނަށް ވިސްނިވަޑައިގެންނެވީމައެވެ.)
އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. ( އޭ އަބޫބަކުރެވެ! ކަލޭގެފާނު ކީރިތި ނުކުރައްވާށެވެ. އެބޭކަލަކާއި އެކުގައިވުމުންނާއި، އެބޭކަލެއްގެ މުދަލުން، ތިމަންކަލޭގެފާނަށް އެންމެ ފައިދާކުރި ބޭކަލަކީ ކަލޭގެފާނެވެ. ތިމަންކަލޭގެފާނުގެ އުއްމަތުން، ޚަލީލަކު ހިއްޕަވާކަމުގައި ވާނަމަ، ތިމަންކަލޭގެފާނު ޚަލީލެއްގެ ގޮތުގައި ހިއްޕަވާނީ އަބޫބަކުރުގެފާނެވެ. އެހެން ނަމަވެސް (ތިމަންބޭކަލުންގެ މެދުގައިވަނީ) އިސްލާމް ދީނުގެ އުޚުއްވަތްތެރި ކަމާއި ލޯތްބެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ގެ ކޮޅާއި ދިމާގައި، މިސްކިތުގައި ހުންނަ ދޮރުކޮޅު ފިޔަވައި، ބަންދު ނުކުރައްވާ ދޮރުކޮޅެއް މިސްކިތުގައި ނުބަހައްޓަވާ ހުށީމެވެ! )
-ނުނިމޭ-
މަޞްދަރު: رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد