
އެމީހަކު ކޮންމެ ދީނަކަށް ނިސްބަތްވިޔަސް، އަދި އެމީހަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހެއްކަމުގައި ވިޔަސް، އެއްވެސް މީހަކު މަރަކަށް އިންކާރެއް ނުކުރާނެއެވެ. އެހެނީ އެއީ ދުނިޔެ މަތީގައި ފެންނަމުންދާ އެންމެ ބޮޑު ޙަޤީޤަތެވެ. ގިނަބަޔަކު އެ މަރާއި މެދު ޣާފިލު ވެފައިވީކަމުގައި ވިޔަސް، އެއީ ދުނިޔެމަތީގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ޔަޤީންކަމެވެ. އެހެން ކަމުން ﷲ ތަޢާލާވަނީ އެއިލާހުގެ ފޮތުގައި، މި މަރު ” ޔަޤީން ” ގެ ގޮތުގައި ސިފަކުރައްވާ އެނަން ދެއްވާފައިވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ((وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ )) ﴿٩٩﴾ سورة الحجر މާނަ : ” އަދި ކަލޭގެފާނުގެ އަރިހަށް އަލްޔަޤީން(މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ! “
އަދި ދަންނާށެވެ. މަރަކީ އޭގެ ރަހަ ވަރަށް ހިތި ވެގެން ހިނގައިދާނެ އެއްޗެކެވެ. މަރުގެ ރަހަ ދެކެން ނުޖެހޭ ހަމަ އެއްވެސް ނަފްސެއް ނުވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ))﴿١٨٥﴾ سورة آل عمران މާނަ: ” ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ކާމިޔާބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.”
ޞާލިޙު ތަޤުވާވެރިންގެ ގާތައް މަރު ޙާޞިރުވާހިނދު ކަންތައްތައް ހިނގާނެ ގޮތް ސިފަކޮށްދެއްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ ))﴿٣٢﴾ سورة النحل މާނަ: ” އެއުރެންނަކީ، ކުށްފާފަތަކުން ޠާހިރުވެގެންވާ ޙާލުގައި ވަނިކޮށް، މަލާއިކަތުން އެއުރެންގެ މަރު ހިއްޕަވާ މީހުންނެވެ. (އެ ހިނދު) އެ މަލާއިކަތުން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ! “
މިފަދަ ޙާލަތެއްގައި މަރުގަންނަވާ ބައެއްކަމުގައި އަޅަމެން ލައްވާށި! އެހެން ވާނީ، ކޮންމެ ވަގުތަކީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާގޮތުގައި ހޭދަކުރެވޭވަގުތަކަށް ހެދިގެންނެވެ. އެހެން އާޔަތެއްގެއި ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. ((يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾ )) سورة الفجر މާނަ : ” އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތައަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! “
ނުބައި، އުރެދޭ އަޅުންނާއި މެދު ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَلَوْ تَرَىٰ إِذْ يَتَوَفَّى الَّذِينَ كَفَرُوا ۙ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ ))﴿٥٠﴾ سورة الأنفال މާނަ: ” މަލާއިކަތުން، ކާފިރުމީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ އެމަލާއިކަތުން ތަޅުއްވާ ޙާލުގައެވެ. އަދި (އެހިނދު އެ މަލާއިކަތުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ ޢަޒާބުގެ ރަހަ ލިބިގަންނާށެވެ! “ لا حَوْلَ وَ لاَ قُوَّة إِلاّ بِالله ، މިފަދަ މީހުންގެ ތެރެއިން އަޅަމެން ނުލައްވާށި! އާމީން.
އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((…وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّـهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ ﴿٩٣﴾ )) سورة الأنعام މާނަ: ” … އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި ޢަޒާބުން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، ﷲ އާމެދު ބުނެއުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ އާޔަތްތަކަށް (ދެކޮޅުހަދައި) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ. “
ހައްދަވާ ގެންގުޅުއްވާ އިލާހު! ޞާލިޙު ތަޤުވާވެރިންގެ ގޮތުގައި މަރާއި ބައްދަލުކުރާ ބައެއްކަމުގައި ﷲ ތަޢާލާ އަޅަމެން ލައްވާށިއެވެ. މަރުން ސަލާމަތްވުމުގެ އިޚްތިޔާރެއް އަޅަމެންނަކަށް ނެތެވެ. އިބަ އިލާހު އިރާދަކުރެއްވި ހިނދެއްގައި އަޅުތަކުންގެ މަރު ހިއްޕަވަމުއެވެ. އެ ވަގުތައްޓަކައި އަބަދާއި އަބަދު ތައްޔާރުވެ ތިބޭ ބައެއްކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން.
ބަލިވުމުން އަޅުގަނޑުމެން ބޭސްކުރަމުއެވެ. ރަށުގެ ސިއްޙީ މަރުކަޒުން ފަރުވާ ނުލިބުމުން އަތޮޅު ހޮސްޕިޓަލަށެވެ. އެ އަށްފަހު ރީޖަނަލް ހޮސްޕިޓަލަށެވެ. ދެންވެސް ފަރުވާ ނުލިބުމުން މާލެއަށެވެ. މާލެއިން ފަރުވާ ދެވެން ނެތުމުން އިންޑިޔާއަށް ނުވަތަ ސިންގަޕޫރަށް ނޫނީ ޔޫކޭ ފަދަ ޤައުމަކަށެވެ. ފަހަރަކާ ފަހަރެއް އަޅުގަނޑުމެން ދުރަށް މިދަނީ މަރުން ސަލާމަތްވޭތޯއެވެ. ނަމަވެސް އަނެއް ދުވަހު ރޭޑިއޯއިން މި އަޑު އިވެނީ މިވެނި މީހަކު ސިންގަޕޫރުގެ ހޮސްޕިޓަލެއްގަ މަރުވެގެން، ކަށުނަމާދު އޮތްވާހަކައެވެ. އަޅުގަނޑުމެން އެއަކާ ބިރުން ދުރަށް ފިލަންދުވި މަރު އަޅުގަނޑުމެންގެ ކުރިމަތިން ބައްދަލުކުރީއެވެ.(( قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٨﴾))سورة الجمعة މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު ދަންނާށެވެ! ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ހަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. “
ދުޢާ އަކީ ގިނަގިނައިން މަރު ހަނދުމަކޮށް، އެ މަރު އަންނާނެ ވަގުތަކަށްޓަކައި، ތަޤުވާގެ ކޮއްތު ހޯދައިގެން، ކޮންމެ ވަގުތެއްގައިވެސް، ފަނާކުރަނިވި މިދުނިޔެ ދޫކޮށް ކައްވަޅަށް އެކަނި މާއެކަނި ދާންޖެހޭނެކަމަށްޓަކައި ތައްޔާރުވެ ތިބޭ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން އެންމެން ލެއްވުމެވެ. އެކަމުގެ ހެޔޮ ތަވްފީޤު އަޅުގަނޑުމެންނަށް ދެއްވުމެވެ.