الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިކާއިނާތުގައި ވާހާ އެއްޗެއް ޚަލްޤުކުރެއްވީ ﷲ ތަޢާލާއެވެ. އެކަލާނގެއީ މަންމައަކާއި އަދި ބައްޕައަކާވެސް ނުލާ އަޅުގަނޑުމެންގެ ބަފާކަލުންކަމުގައިވާ އާދަމް عليه السلام ހެއްދެވި ފަރާތެވެ. އަދި އެކަލާނގެއީ އެންމެހާ އިންސާނުންވެސް ހެއްދެވި ފަރާތެވެ. ﷲ ތަޢާލާއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވާ، އަދި ޙައްޤުގޮތުގައި އަޅުކަންކުރެވޭ ހަމައެކަނި ފަރާތެވެ. ނަމަވެސް ބައެއްމީހުން މިކަމަށް އިންކާރު ކުރާތަން އަޅުގަނޑުމެންނަށް ފެނެއެވެ. ﷲ ތަޢާލާއަކީ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި ފަރާތްކަން އެނގެނީ ކިހިނެތްތޯ އެފަދަ މީހުން ސުވާލުކުރެއެވެ. އަދި އެކަލާނގެއީ ޙައްޤުގޮތުގައި އަޅުކަންކުރެވޭ ހަމައެކަނި އިލާހުކަން އެނގެނީ ކިހިނެތްތޯވެސް ސުވާލުކުރެއެވެ. މުސްލިމުންކަމުގައި ވީހިނދު މިފަދަސުވާލުތަކުގެ ޖަވާބު އެނގުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންވެއެވެ.
” …ކޮންމެ ކުއްޖެއްގެ ފުރާނަވެސް އެކުއްޖަކު މިދުނިޔެއަށް އުފަންވުމުގެ ކުރިން ވުޖޫދަށް އައިކަން އިސްލާމްދީން ޤަބޫލުކުރެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ﷲ تبارك وتعالى އާދަމް عليه السلام ގެ ބުރަކަށިފުޅުން ޢަހުދުކަށަވަރު ހިއްޕެވިއެވެ. އެއީ ޢަރަފާތް ދުވަހު ‘ނަޢްމާން’އޭ ކިޔުނުތަނުގައެވެ. ފަހެ އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިން، (ދުނިޔެ ނިމުމާހަމައަށް އުފަންވާނެ އެންމެހާ މީސްތަކުން)، ފަހެ އެކަލޭގެފާނުގެ މައިބަދައިން ނެރުއްވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުރިހާ އެންމެން ފަތުރާލެވުނެވެ. ދެން އެއަށްފަހު އެބައިމީހުންނާ ކުރިމަތިލައްވާ އެކަލާނގެ ބަސް ވަޙީ ކުރެއްވިއެވެ. ‘ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟’ އެއުރެން ދެންނެވޫއެވެ. ‘ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ.’ (އެކަން އެހެންވީ) މިކަމާމެދު ޣާފިލްވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ޝަރީކުކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޠިލްގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟” [أخرجه أحمد في المسند / الجزء الرابع / تتمة مسند ابن عباس / حديث رقم: ٢٤٥٥ وصححه الألباني في السلسلة رقم: ١٦٢٣]
މިޙާދިޘްގައި އެކުލެވިގެންވަނީ އަންނަނިވި އާޔަތުގެ ތަފްސީރެވެ.
﴿ وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ (١٧٢) أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِنْ بَعْدِهِمْ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ (١٧٣) ﴾ “
(سورة الأعراف ١٧٢-١٧٣)
މާނައީ: “އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ ވަޙީކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލްވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ޝަރީކުކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޠިލްގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟”‘1
މި އާޔަތުން އަދި ނަބިއްޔާގެ ބަސްފުޅުތަކުން ﷲ ތަޢާލާއަށް އީމާންވުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަން އެނގެއެވެ. ﷲ ތަޢާލާއަށް އީމާންވުން ވަނީ ކޮންމެ އިންސާނެއްގެ ފުރާނައިގަވި ބިންވަޅުނެގިގެންނެވެ. އަދި ﷲ ތަޢާލާއަށް ޝަރިކުކުރާ މީހުންނަށް، އެމީހުންގެ ޙަޔާތުގެ ކޮންމެސް ހިސާބެއްގައި، އެބައިމީހުން އެއަޅުކަންކުރާ ތަކެއްޗަކީ ބާޠިލް އެއްޗެތިކަން ދޭހަވާ ނިޝާންތައް ﷲ ތަޢާލާ ދައްކަވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ﴾ (سورة فصلت ٥٣) މާނައީ:”އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ.”
އެހެންކަމުން ބުއްދި ސަލާމަތުންހުރި ކޮންމެ އިންސާނަކުވެސް އެކަލާނގެ ޚަލްޤުކުރެއްވި ތަކެއްޗަށް އަޅުކަންކުރުމުން އެއްކިބާވެ އެކަލާނގެއަށް އީމާންވާންޖެހޭނެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަމަކީ އިންސާނީ ފިޠުރަތުގައިވާ ކަމެއްނަމަވެސް ގިނަފަހަރަށް އިންސާނާ އުޅޭ މުޖުތަމަޢު އޭނާ ޝިރުކުކުރުމަށް ހިތްވަރުދެއެވެ.
ޢަޤީދާގެ މިފަދަ މުހިއްމު ފިލާވަޅުތައް އުނގެނި ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. އަދި އަޅުގަނޑުމެންގެ ތުއްތުކުދީންނަށް ޞައްޙަ ޢަޤީދާ އުނގަންނައިދީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ޒިންމާއެކެވެ. މުސްލިމް ނަމެއް ކިޔެއްކަމަކު އަދި މުސްލިމަކަށް ނުވެވޭނެއެވެ. ޢަޤީދާ ޞައްޙަ ނުވެއްޖެނަމަ އޭނާގެ އީމާންކަން ފުރިހަމަނުވާނެއެވެ. އެހެންކަމުން މިފަދަ މުހިއްމު ކަމެއްގައި އަޅުގަނޑުމެން ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ. އެހެނީ އާޚިރަތް ދުވަހަކީ ނުރައްކާތެރިކަންބޮޑުވެގެންވާ ދުވަހެކެވެ.
__________________________________
[1] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ދަ ފަންޑަމެންޓަލްސް އޮފް ތައުޙީދު – ބިލާލް ފިލިޕްސް) މިފޮތުން ނަގާފައި