[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަޛްހަބުތަކަށް ތަޤުލީދުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި  ކީރިތި ޤުރުއާނުގެ ޝަރަޙަވެއެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި އެކަލޭގެފާނުގެ ޙަދީޘްފުޅުތައް އުނގެނި ދަސްކުރުމަށް މާތް ވެގެންވާ ޞަޙާބީބޭކަލުން ވަނީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އަދި އޭގެފަހުން އައި ސަލަފުއްޞާލިޙުން ވެސް ވަނީ ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ދެނެގަތުމަށްޓަކައި ދުރު ދަތުރުތައް ކޮށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ޞައްޙަ މާނަ ދެނެގަތުމަށްޓަކައި ރުޖޫޢަވާންޖެހެނީ ޢިލްމުވެރިންގެ ބަހަށެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ މުހިއްމުކަމަކީ ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކަށްވުރެ ޢިލްމުވެރިންގެ ބަސްފުޅުތައް އިސްނުކުރެވޭނެކަމެވެ. މިގޮތުން تقليد ކުރުމަކީ ނުރައްކާތެރިކަމެކެވެ.

ޢަރަބި ބަހުގައި تقليد ގެ މާނައަކީ އެއްޗެއް އަނެކައްޗާއި ގުޅާލުމެވެ. މިގޮތުން ހަދުޔުއެއްކަން އެންގުމަށްޓަކައި ނަޢަމްސޫފީގެ ކަރުގައި ހާރު އެޅުވުމަށްވެސް تقليد އޭ ކިޔައެވެ.1 ފިޤުހުވެރިންގެ އިޞްތިލާޙުގައި تقليد ގެ މާނައަކީ ދަލީލުދެނެނުގަނެ އެހެންމީހެއްގެ މަޛްހަބުގައި ހިފުމެވެ.2 މިގޮތުން އާންމުންގެ މައްޗަށް ވާޖިބުވެގެންވަނީ ނޭނގޭ މައްސަލަތަކުގައި އެނގޭމީހުންނާއި ސުވާލުކޮށް އޮޅުންފިލުވުމެވެ. އަދި ވީވަރަކުން މައްސަލަތަކުގެ ދަލީލުތައްވެސް ވިސްނައިގަނެވޭގޯ މަސައްކަތްކުރުމެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:

﴿ اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلاً مَا تَذَكَّرُونَ ﴾ [سورة الأعراف ٣]

މާނައީ: “ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެއްޗަށް ތިޔަބައިމީހުން ތަބާވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް ތަބާނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ.”

 އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ:

﴿ فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً ﴾ [سورة النساء ٦٥]

މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”

ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލްކުރައްވާ ބޭފުޅުން، އެބޭފުޅުންގެ އެދުރުންގެ ބަސްފުޅުތަކަށް ތަބާވާންވާނީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުތަކާއި ފުށުނާރާގޮތަށެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅަކާއި ދެކޮޅަށް ޢިލްމުވެރިއެއްގެ ބަސްފުޅުވާނަމަ، އެބަސްފުޅަކަށް އިންކާރުކޮށް ނަބިއްޔާ صلى الله عليه وسلمގެ ބަސްފުޅަށް ތަބާވާންޖެހޭނެއެވެ. މަޝްހޫރު ހަތަރު މަޛްހަބުގެ އިމާމުންވެސް މިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެބޭފުޅުން މިކަމާމެދު ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.

‘އިމާމް އަބޫ ޙަނީފާ رحمه الله ވިދާޅުވެފައިވަނީ:

“ޙަދީޘްއެއް ޞައްޙަވެއްޖެނަމަ އެއީ ތިމަންކަލޭގެފާނުގެ މަޛްހަބެވެ.” [ ابن العابدين في (الحاشية) ١/٦٣]

އިމާމް މާލިކް رحمه الله ވިދާޅުވެފައިވަނީ:

“ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ފިޔަވާ އެހެން ކޮންމެ މީހެއްގެ ބަހަކީވެސް އޭގެ ބައެއް ބަސްތަކުގައި ހިފޭ، އަދި އަނެއްބައި ބަސްތައް ދޫކޮށްލަން ޖެހޭ ބަސްތަކެކެވެ. ” [ابن عبد البر في (الجامع) ٢/٩١]

އިމާމް އައްޝާފިޢީ رحمه الله ވިދާޅުވެފައިވަނީ:

“ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެއް މީހަކަށް ބަޔާންވެއްޖެނަމަ، އެހެންމީހެއް ބުނި ބަހެއްގެ މައްޗަށް، އެކަން ދޫކޮށްލުން އޭނާގެ މައްޗަށް ހުއްދަވެގެން ނުވާކަމަށް މުސްލިމުން އިޖުމާޢުވެފައިވެއެވެ.” [ ابن القيم في (الإعلام)٢/٢٦١]

އިމާމް އަޙްމަދު ބުން ޙަންބަލް رحمه الله ވިދާޅުވެފައިވަނީ:

“(ދަލީލަކާއި ނުލާ) ތިމަންކަލޭގެފާނަށް ތަބާނުވާށެވެ. އަދި މާލިކާއި ޝާފިޢީއާއި އަލްއައުޒާޢީއާއި އައްޘައުރީއަށްވެސް (ދަލީލަކާއި ނުލާ) ތަބާނުވާށެވެ. ނަމަވެސް އެބޭކަލުންވެސް ނެންގެވިތަނުންނަގާށެވެ. (އެބަހީ: ޤުރުއާނާއި ސުންނަތުން ނަގާށެވެ.)” [ ابن القيم في (الإعلام) ٢/٣٠٢]3

އިސްލާމީ އުންމަތުގައި ދަލީލަށް ބެލުމެއް ނެތި ޢިލްމުވެރީންނަށް ތަބާވުން ނުވަތަ ” تقليد ކުރުން” އާންމުވެފައިވަނީ މަޛްހަބުތަކުގެ އިމާމުން އެކަމަށް ހިތްވަރުދީގެނެއްނޫނެވެ. ނަމަވެސް މީސްތަކުން ދީނީ ޢިލްމާއި ދުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅަކުން ޘާބިތުވާކަމެއްގައި ބައެއް އިމާމުންގެ ބަސްފުޅުތައް ތަފާތުވެފައިވާކަމުގައިވާނަމަ، އަޅުގަނޑުމެންނަށް އޮތީ އެބޭކަލުންގެ ބަސްފުޅުތައް ދޫކޮށް ނަބިއްޔާގެ ބަސްފުޅަށް ރުޖޫޢަވާށެވެ. މިގޮތަށް ޢަމަލުކުރުމުން އެމަޛްހަބުތަކަށް އިންކާރުކުރުން ކަމަކަށް ނުވާނެއެވެ. އެހެނީ އިސްވެދިޔަ ބަސްފުޅުތަކުން ދޭހަވާގޮތުގައި މަޛްހަބުތަކުގެ އިމާމުން އިރުޝާދުދެއްވާފައިވާ ގޮތަކީވެސް މިއީއެވެ. އަދި އެކަމުގައި އެބޭފުޅުންނަށް ޢުޛުރު ހޯދައިދޭންޖެހެއެވެ. އެހެނީ ފަހަރުގައި އެބޭފުޅުންގެ އަރިހަށް އެމައްސަލައާއި ގުޅޭ ޙަދީޘްނުފޯރަނީ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ފޯރި ޙަދީޘް ވާޞިލުވީ ބަލިކަށި ސަނަދަކުންކަމުގައިވެސް ވެދާނެއެވެ. ނުވަތަ ދިރިއުޅުއްވި ޢިލްމީ މައިދާނުގެ އަޘަރުކޮށްފައި ހުރުންވެސް އެކަށީގެންވެއެވެ.

ނަބީބޭކަލުންނާއި ޢިލްމުވެރިންނާއި ދެމެދު ހުރި އެންމެ ބޮޑު ފަރަޤަކީ ނަބީބޭކަލުންނަކީ ޢިލްމުފޯރުކޮށްދިނުމުގައި މައުޞޫމު ބައެކެވެ. ނަމަވެސް ޢިލްމުވެރިންނަކީ އެކަމުގައި ކުށްކުރެވޭނެ ބައެއްކަން ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ.

ޤިޔާމަތްދުވަހުން އަޅުތަކުންނާއި ކުރެވޭ ސުވާލުތަކުގެ ތެރެއިން އެއްސުވާލަކީ ނަބީބޭކަލުންނަށް ޖަވާބުދާރީ ވީކޮންފަދައަކުން ތޯއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿ وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ ﴾  [سورة القصص ٦٥]

މާނައީ: “އަދި އެއުރެންނަށް އެކަލާނގެ ނިދާ އިއްވަވާ ދުވަހު ފަހެ، އެކަލާނގެ ވަޙީކުރައްވާނެތެވެ. (ތިމަންރަސްކަލާނގެ ފޮނުއްވި) ރަސޫލުންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟” 

އެހެންކަމުން ނަބިއްޔާ صلى الله عليه وسلمގެ ސުންނަތްތައް އެނގި ބަޔާންވުމުންވެސް ތިމަން ތަބާވާނީ މަޛްހަބު އިމާމުއާއޭ ބުނުން އެއީ ނުރައްކާތެރިކަންބޮޑުވެގެންވާކަމެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ:

﴿ … فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴾ [سورة النور ٦٣]

މާނައީ: “… ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ރައްކާތެރިވާހުށިކަމެވެ!”.

ދުޢާއަކީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތިއްބެވި ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބުމުގެ ތައުފީޤް ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުމެވެ.

_____________________________________________

 [1] مقاييس اللغة / مجلد: ٥ / ص: ١٩ / طبعة: دار الفكر

[2] أضواء البيان للشنقيطي / مجلد: ٧ / ص: ٥١٧ / تفسير سورة محمد في قوله تعالى (أفلا يتدبرون القرآن …) / طبعة: دار عالم الفوائد

[3] އިސްލާމިކް ބުކް ޓްރަސްޓް އިން ޗާޕުކޮށްފައިވާ (ދަ ޞަލާޙް އިން ދަ ލައިޓް އޮފް ދަ ޕްރޮފެޓްސް ޓްރެޑިޝަން – ފަޟީލަތުއްޝައިޚް ނާޞިރުއްދީން އަލްއަލްބާނީ (رحمه الله)) މިފޮތުން ނަގާފައި